Thursday, 18 April 2024

ހިތް އެދޭހާ ކަމެއް.. (ތޭރަވަނަބައި)

ޝިމާންއަށް އެއްޗެއް ބުނަން އުނދަގޫ ވެގެން އުޅޭ ކަހަލައެވެ. އިޝްވާވެސް ގޮސް ޝިމާންގާތު އިށީނދެލަމުން ކޮނޑުގައި ހިފަހައްޓައިލިއެވެ. އެމަންޒަރު ބަލަންހުރި ރާހިލްވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެތަނުގައި ކުރިން އޮތް އުފާވެރި މާހައުލު ބަދަލުވެގެން ދިޔައިރު އެކަމުގެ ފަހަތުގައިވާ ސަބަބެއް ޝިމާންއަކަށް ނޫނީ ނޭނގެއެވެ.

" ޝިމާން އަޅެ ކިހިނެއްތަވީ. ކާކުތަ ގުޅީ؟" ޝިމާންގެ މޫނަށް ވެރިވަމުންދިޔަ އަސަރުތައްފެނި ޝައިނާގެ ކެތްތެރިކަން ކުޑަވަމުންދިޔައެވެ.

"ބޭބް. ބޭބް ލުކް އެޓް މީ. ބުނެބަ ކިހިނެއްތަވީ.؟؟" އިޝްވާވެސް ކައިރީގައި އިށީނދެ ޝިމާންއަށްވެގެން އުޅޭގޮތަށާ އޮޅުން ފިލުވަން މަސައްކަތް ކުރިއެވެ.

" ހޮސްޕޓަލް. އެކް..އެކސިޑެންޓްގަ.  މަމް. މަމް އައިސީޔޫގަ" ޝިމާން އިޝްވާގެ މޫނަށް ބަލަހައްޓައިގެން އިނދެ ބުނެލި ބަސްތަކާއެކު ހީވީ އެތަނުގައި ބޮމެއް ގޮއްވައިލިހެނެވެ. ޝައިނާގެ ހަރަކާތްތަށް ހިނދުކޮޅަކަށް ގަނޑުވިއެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން އޭނާ ޝިމާންއަށް ހިތްވަރުދިނެވެ.

" ބޭބެ ކޮބާ؟ ޝިމާން ހަމަ ޖެހިބަ. އަދި ވެގެން އުޅޭ ގޮތެއްވެސް އެނގޭނީ ހޮސްޕިޓަލްއަށް ދެވުނީމައެއްނު. އިޝީ.. ނިކަން އަވަހަށް ކާރަކަށް ގުޅާބަލަ" ޝައިނާގެ އިރުޝާދާއި އެއްގޮތަށް އިޝްވާ އަމަލުކުރިއެވެ. އެޚަބަރަކީ ޝައިނާއަށްވެސް އެއްވެސް ހާލެއްގައި އަޑު އަހަން ފަސޭހަ ހަބަރެއްނޫނެވެ. އެ ބޮޑުދައިތައަކީ މަންމައަކާ އެންމެ ގާތަށް އޭނާއަށް ލޯބިދިން ފަރާތެވެ. އުފަން މަންމަގެ އަނިޔާވެރި ވަކިތަކުން އޭނާ ސަލާމަތްކޮށްދީ ދިރިއުޅުމެއް ހޯދައިދިނީ އެ ބޮޑުދައިތައެވެ. އެބޮޑުދައިތަގެ ހާލާމެދު އޭނާގެ ހިތް ކަންބޮޑުވަމުން އައި ނަމަވެސް ޝިމާންގެ ކުރީމަތީގައި ނެތް ހިތްވަރުދައްކަން އޭނާއަށް މަޖުބޫރުވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ ޝިމާންގެ އުފަން މަންމަތާއެވެ. އޭނާއަށްވުރެ ގާތްވާނީ ޝިމާންއާއެވެ.

އިޝްވާ ކާރު އައިކަން އެންގުމާއެކު އެންމެންވެސް ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަތެވެ. ކާރު ހޮސްޕިޓަލާ ހިސާބަށް ވާސިލްވިއިރުވެސް ޝިމާންގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. ޝައިނާ ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިނަމަވެސް ރާހިލްއަށް އެ މޫނުމަތީގައިވި ކަންބޮޑުވުން ސިއްރެއް ނުވިއެވެ. ހޮސްޕިޓަލަށް އާދެވުމާއެކު އިޝްވާއާއި ޝިމާން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ރާހިލް މަޑުމަޑުން އެމީހުންގެ ފަހަތުގައިހުރި ޝައިނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

"އާރ ޔޫ އޯކޭ؟" ރާހިލް ކަންބޮޑުވެފައިވާ ރާގެއްގައި އަހައިލިއެވެ.

"ވަރަށް ހާސް އެބަ ވޭ ރާހިލް. އައި ކާންޓް ލޫޒް ހަރ ޓޫ" ޝައިނާ އޭނާގެ ހާސްކަން ފޮރުވާކަށް ނޫޅުނެވެ.

" ޝީ ވޯންޓް ލީވް ޔޫ ޝައިނާ. އިޓް ވިލް ބީ އޯކޭ" ރާހިލް ހިތްވަރު ދިނުުމުގެ ގޮތުން ޝައިނާގެ އަތަށް ބާރުކޮށްލިއެވެ. ޝައިނާ ބަދަލުގައި ބޯޖަހައިލުމަށްފަހު ޝިމާންމެންގެ ފަހަތުން ދިޔައެވެ.

ހަތަރު މީހުން އެކުގައި އައިސީޔޫ ހުންނަ ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު ޑިއުޓީގައި އުޅެމުންދިޔަ ޒީވާވެސް ދުވެފައި އެމީހުންގެ ގާތަށް އަތުވެއްޖެއެވެ. ޒީވާ އައިސް ޝައިނާގެ ގައިގައި ބައްދައިލުމާއެކު އިޝްވާ ގޮސް ޝިމާންކައިރީގައި އިށީނެވެ. ރާހިލް ހުރީ އެ އެންމެނާ މާ ދުރުގައި ހުރި ތަނބެއްގައި ލެގިލައިގެން އެމަންޒަރު ބަލާށެވެ. ޝައިނާގެ އާއިލީ ކަމެއްގައި އޭނާގެ ހައިސިއްޔަތަކީ ކޮބައިކަން ނޭނގޭތީ އޭނާ މަންޒަރާއި ދުރުވާން މަސައްކަތްކުރިއެވެ. ހޮސްޕިޓަލުން ނުކުތުމުގެ ހިޔާލު ސިކުނޑީގައި އެނބުރުނު ނަމަވެސް އޭނާގެ ދެފައިގައި ތަޅު އެޅުވިފައިވާ ކަހަލައެވެ. އޭނާގެ ހިތުގައި ޝައިނާއާމެދު ކަންބޮޑުވުން އުފެދުނެވެ. ޒީވާއަށް ރާހިލް ފެނުމާއެކު ލޮލުގެ އިޝާރާތުން އިޝްވާއަށް ރާހިލް ދައްކައިލިއެވެ.

"އަހަރެން ގުޅީ ދޮންބެއަށް. މިއަދު ހެނދުނު ދޮންބެ އައީ" އިޝްވާ އަވަހަށް ވާހަކައެއް ހަދައިލިއެވެ. ޒީވާ ރާހިލްއަށް ކައިރިއަށް އައުމަށް އިޝްރާތްކޮށްލިއެވެ. ރާހިލް ތެޅިތެޅިއޮތް ހިތަކާއެކު ޒީވާމެން ތިބި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނާ އަންނަންފެށި ރިއާންގެ ކޯލަށް ޖަވާބުދިނުމުގެ ގޮތުން އޭނާގެ ފިޔަވަޅުތައް މަޑު ޖައްސައިލިއެވެ.

"ކޮބާ ތީ ގުޅާނަމޭ ބުނި މީހާ؟ އަދިވެސް ހިތް ނުފުރެނީ ދޯ. ޝައިނާއަށް ސަންތި ކިޔަމުންގޮސް ރާހިލްއަށް ތިހިރީ ހަމަ ރަނގަޅަށްވެސް ސަންތި އަވަލާފަ" ފޯނު ނެގުމާއެކު ރިއާންގެ ދިމާކުރުންތައް ފެށިގެންދިޔައެވެ.

"އޭ ތިއެއް ނޫނޭ. ވީ ގޮތަކީ–" ރާހިލް ރިއާންއަށް ވެގެން އުޅޭގޮތް ކިޔައިދިނެވެ.

"އޯ އެވާހަކަތަ ހަބަރުގަ އެއޮތީ؟ ފިރިހެންމީހާ ގެންދިޔަ އިރުވެސް ނިޔާވެފައޯ ދޯ އޮތީ" ރިއާންބުނި ވާހަކައިން ރާހިލްއަށް ކުއްލި ސިހުމެއް ލިބުނެވެ.

"ވަޓް؟؟ އަހަންނަކަށް ހިއެއްނުވޭ އަދި ތިވާހަކަ އެނގޭހެނެއް. ހަމައެކަނި އަންހެންމީހާގެ ވާހަކަ ކަންނޭގެ ހޮސްޕިޓަލުން ބުނީވެސް. ވެދާނެ ގުޅައިގެން އެކަހަލަ ވާހަކައެއް ނުބުނީ ކަމަށްވެސް. މަޑުކުރޭ އެބަ ގުޅަން" ރާހިލް އަވަސްއަވަހަށް ފޯނު ކަނޑައިލުމަށްފަހު ޝައިނާމެން ތިބި ދިމާލަށް ދިޔައެވެ.

"ޒީ. އައިސްބަލަ" ހާލަތަށް ރިއާާޔަތްކޮށް އެންމެ ފަސޭހައިން އެވާހަކަ ބުނެވޭނީ ޒީވާގާތު ކަމަށްވާތީ ރާހިލް ޒީވާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.

"ޒީ. ދޮންބެއަކަށް ނޭނގެ މި ވާހަކަ ބުނާނެ ގޮތެއް. ހަބަރު ދުށިންތަ؟" ރާހިލް ކަންބޮޑުވެފައި އަހައިލިއެވެ.

"ކޮން ހަބަރެއް؟" ޒީވާ ޔުނީފޯމުގެ ޖީބުން ފޯނު ނަގަމުން އަހައިލިއެވެ. އެވަގުތު އައި.ސީ.ޔޫގެ ދޮރު ހުޅުވައިލުމަށްފަހު ޑަކްޓަރަކާއި ނަރުސް ކުއްޖެއް ނުކުތްތަށް ފެނި އެތާތިވި އެންމެނެކޭ އެއްގޮތަށް ޒީވާއާއި ރާހިލްވެސް އެދިމާލަށް ދިޔުމަށް އަވަސްވެގަތެވެ.

"ޝާފިޔާ" ނަރުސް ކުއްޖާ ޝައިނާގެ ބޮޑުދައިތަގެ ފުރިހަމަ ނަމުން ގޮވައިލިއެވެ. އެއާއެކު އެންމެންގެ ލޯތައް އެދިމާލަށް ހުއްޓުނެވެ.

"އައިމް ސޮރީ. މިކޮޅަށް ގެނެވުންއިރުވެސް ޕޭޝެންޓްގެ ހާލު ވަރަށް ދަށް. އިންޓަރނަލް ބްލީޑިންގެ ގެ އަސަރުތައް ސިކުނޑިންވެސް ފެންނަންހުރި. ވީ ޓްރައިޑް އަވަރ ބެސްޓް ބަޓް. ޝީ އިޒް ނޯ މޯރ" ޑަކްޓަރުގެ ހަބަރާއެކު ޝައިނާ ހަށިގަނޑު އެކީ ހުއްޓުމަކަށް އައި އިރު ޝިމާންގެ ލޯވެސް ފެންކަޅިވިއެވެ.

"ޑަކްޓަރ. ވަޓް. ވަޓް އަބައުޓް މައި ޑޭޑް." ޝިމާން ހިންދިރުވާލަމުން އަހައިލިއެވެ.

"މިކޮޅުން އިންފޯރމް ނުކުރޭތަ؟ މޭލް ޕޭޝަންޓް މިކޮޅަށް ގެނެވުން އިރުވެސް އޮތީ ނިޔާވެފަ. އައިމް ސޮރީ ޗައިލްޑް. ދީސް އާރ ޑިފިކަލްޓް ޓައިމްސް. އެކަމަކު މާތް ﷲ ވޮޑުގެންވަނީ ކެތްތެރިންނާއެކު" ޑަކްޓަރު ޝިމާންގެ ކޮނޑުގައި އަތްބާއްވައިލަމުން ހިތްވަރު ދިނެވެ.

ޑަކްޓަރު ދިޔުމާއެކު ޝިމާން އަލުން ގޮނޑިބަރީގައި އިށީނދެ ދެކަކުލުގައި އުޅަނބޮށި އަޅުވައިލާމުން އިސްޖަހައިލިއެވެ. އަދި މޫނުގައި އަތް އަޅައިލިއެވެ. އިސާހިތަކު އޭނާގެ ވޭނީ ގިސްލުމުގެ އަޑު އެތަނުގައި ގުގުމައިލައިފިއެވެ. އިޝްވާގޮސް ޝިމާންގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑުގައި ބައްދައިލިއިރު އޭނާވެސްވަނީ ފެންކަޅިވެފައެވެ. ޝިމާންގެ ގިސްލުމުގެ އަޑު ޖެހުމާއެކު އިޝްވާ ކުރަމުންއައި ހިތްވަރު އެކީ އެލިގެންދިޔަކަހަލައެވެ. ޝިމާންގެ އިސްތަށިގަނޑުގެ ތެރޭގައި މޫނު ފޮރުވައިލިއިރު އިޝްވާއަށްވެސް ޝިމާންއެކޭ އެއްވަރަށް ރޮވެމުންދިޔައެވެ.

"ހޮސްޕިޓަލަށް އޮޅުނީ. އެހެންނެއް ނުވާނެ. ދައްތައަށް އެހެންނެއް ނުވާނެ" ޝައިނާގެ އަޑާއެކު އެ ދިމާލަށް އެންމެންގެ ލޯތަށް ހުއްޓުނެވެ. އޭރު އައި.ސީ.ޔޫ ގެ ބޭރު ފާރުގައި ލެގިލައިގެންހުރެ ޝައިނާ ބޯހޫރަމުންދިޔައީ ޑަކްޓަރުގެ ވާހަކައަށް އިންކާރު ކުުރާ ފަދައަކުންނެވެ. އޭނާގެ މުޅި ހަށިގަނޑު އެ ހަބަރާއެކު ތުރުތުރު އަަޅަމުން ދިޔައިރު ހިފެހެއްޓުމެއްނެތި އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.

"ޝީޒް ނޯ މޯ.ޝައި.. ޕްލީޒް. ހިތްވަރުކޮށްބަ" ޒީވާގޮސް ޝައިނާގެ ގައިގައި ބައްދައިލިއެވެ. އެއާއެކު ޝައިނާގެ ވޭނީ ރުއިމުގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ. ޒީވާއަށް ޝައިނާގެ ހަށިގަނޑު ކޮންޓްރޯލް ނުކުރެވި ދެމީހުން އެކުގައި ބިންމަތީގައި އިށީނދެވުނެވެ.

"ހޮސްޕިޓަލަށް އޮޅުނީ. އެހެންނެއް ނުވާނެ. ދައްތައަށް އެހެންނެއް ނުވާނެ. ދުރަށްދޭ. ދޮގު ނުހަދާ ދުރަށްދޭ. ދައްތަ އަހަރެން ދޫކޮށްލާފައެއް ނުދާނޭ. އަޑެއްނީވޭތަ؟" ޝައިނާ ޒީވާ ދުރަށް ކޮށްޕައިލުމަށްފަހު ޒީވާއާ ދުރަށް ޖެހިލިއެވެ. ދުރުގައިހުރި ރާހިލްއަށް އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝައިނާގެ ފަހަތުގައި އިށީނދެލަމުން އެކޮނޑުގައި ހިފަހައްޓައިލެވުނެވެ.

"ރާހިލް. ރާހިލް ބަލާބަލަ މިމީހުން ކިޔާ އެއްޗެއް.  ބުނޭ އެއީ ދޮގެކޭ. ހޮސްޕިޓަލަށް އޮޅުނީ. ރާހިލް ބުނީމެއްނު ޝީ ވޯންޓް ލީވް މީ އޭ. ދައްތަ ނުދާނެ އަހަރެން ދޫކޮށްފައެއް. ޝީ ގޭވް މީ އަ ނިއު ލައިފް. އައި ކާންޓް ލޫޒް ހަރ ޓޫ ރާހިލް. އައި ކާންޓް ލޫޒް ހަރ ޓޫ" ޝައިނާ ދެފަރާތައް ބޯ ހޫރަމުން ރާހިލްގެ ގަމީހުގައި ހިފަހައްޓައިއެވެ.  ރާހިލް އިތުރަށް ޝައިނާ އޭނާގެ މެޔާލައި ބޮނޑިކޮށްލިއެވެ. ޝައިނާއަށް ވަމުންދާގޮތް ފެނި އެނާގެ ހިތަށްވެސް އަސަރު ކުރަމުންދިޔައެވެ. ލޮލަށް ހިލިގެންއައި ކަރުނަތައް ފޮރުވާލުމަށްޓަކައި އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ޝައިނާގެ ބޮލުގައި ދަތްދޮޅި އަޅުވައިލިއެވެ. އޭރު ކަމެއް ހިނގައިގެން އުޅޭކަން އެނގި ގިނަ ބަޔަކު އެދިމާލަށް އެއްވަމުންދިޔައެވެ.

އެއީ ޝައިނާއާ ދިމާވީއްސުރެންވެސް އެހާ ބަލިކަށި ހާލަތެއްގައި ޝައިނާ ވަނިކޮށް އޭނާއަށް ފެންނަ ފުރަތަމަ ފަހަރު ކަމުން އޭނާވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ފެނިދެނިވެ އުޅުނު ޝައިނާގެ ކޮންމެ އަޑަކަށް އޭނާގެ ކަންފަތް ތޫނެވެ. ޝައިނާގެ ކޮންމެ އިހުސާސެއް އޭނާގެ ހިތުދަހެވެ. އެއީ އުފާވެރިކަން ކަމުގައިވިޔަސް ރުޅިވެރިކަން ކަމުގައިވިޔަސް ފޫހިކަން ކަމުގައިވިޔަސް އަދި ހާސްކަން ކަމުގައިވިޔަސްމެއެވެ. ނަމަވެސް ޝައިނާގެ ހިތާމައާއި ހިތްދަތިކަމަކީ އޭނާއަށް މުޅިން ބީރައްޓެހި އިހުސާސްތަކެވެ. އެ ކަރުނަތަކަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. ޝައިނާގެ ކަރުނައިން އޭނާގެ ގަމީސް ތެމެމުން އައި ވަރަކަށް ރާހިލްއަށް ގޮތް ހުސްވަމުން ދިޔައެވެ. ޝައިނާގެ ހިތުގައި އަޅަމުންދާ ވޭން ފިލުވައިލުމަށްޓަކައި އެ ހަބަރަކީ ދޮގު ހަބަރެއްކަން ބުނަން އޭނާ ބޭނުންވާވަރު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. ނަމަވެސް ދުނިޔެ ދައްކާ އެންމެ ހިތި ހަގީގަތަށް އިންކާރު ކުރެވޭނީ ކާކަށްހެއްޔެވެ؟ މަރުގެ ސާއަތު ބަދަލުކުރެވޭނީ ކާކަށްހެެއްޔެވެ؟ ތަގުދީރުގެ ނިޔާއާ ދެކޮޅުހެދޭނީ ކާކަށް ހެއްޔެވެ؟

މިނެޓެއްހާއިރުގެ ވަގުތުކޮޅަކަށްފަހު ޝައިނާގެ ގިސްލުން މަޑުވަމުންގޮސް އެކީ ހުއްޓުނެވެ. އެރުއިމުގެ އަޑު އެކީ ކެނޑިގެންދިޔައެވެ. ރާހިލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެެވުނެވެ. ޝައިނާ ހަމައަޖަށް އެޅުނީ ކަމުގައި ބަލައި ކުޑަކޮށް ގަޔާއި ދުރުކޮށްލި ވަގުތު ރާހިލްގެ ގަމީހުން ނެއްޓުނު ޝައިނާގެ އަތް ވަރުނެތް މަސްގަނޑެއް ފަދައިން ބިންމަތީގައި ގޮސް ޖެހުނެވެ. ކުއްލި ސިހުމަކާއެކު ރާހިލް ޝައިނާގެ މޫނަށް ބަލައިލިއެވެ. ޝައިނާގެ މެރިފައިވާ ދެލޮލާއިއެކު އެ ކަނދުރާ ފަހަތައް އެލިގެންދިޔަ ގޮތްފެނި ރާހިލްއަށް ހީވީ މީހަކު އޭނާގެ މެއަށް ފިނިފެންއެއްޗެއް އޮއްސައިލިހެނެވެ. ކައިރީގައި އިން ޒީވާއަށް ބަލައިލިއިރު އެދެލޮލުން ފެންނަމުންދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ.

"ކިހިނެއްވީ؟" ރާހިލްގެ މޫނުމަތީގައިވި ހާސްކަން ފެނި ޒީވާ ރާހިލްމެނާ ގާތަށް ޖެހިލިއެވެ. "އޯ މައި ގޯޑް. އޯ މައި ގޯޑް. ޝައި. ޝައި" ޒީވާ ކުރެހިފައިވާ އަޑަކުން ޝައިނާއަށް ގޮވަމުން ދެފަހަރަކު ޝައިނާގެ ކޮލުގައި ޖަހައިލިއެވެ.

ޝައިނާގެ ހަރަކާތް ހުއްޓިފައިވި ހަށިގަނޑު ފެނުމާއެކު ޒީވާގެ މޫނުމައްޗައްވެސް ހާސްކަން ވެރިވެގަތެވެ. ޒީވާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައްވެސް ހިކުނު ކަހަލައެވެ. އަވަސް އަވަހަށް އޭނާއާއެކު އައުމަށް ރާހިލްއަށް އިޝާރާތް ކުރިއެވެ. ރާހިލް ޝައިނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ހުރެ ޒީވާގެ ފަހަތުން ހިނގައިގަތެވެ. ހަލުވި ފިޔަވަޅު ތަކެއްގައި އަވަސް ފަރުވާދޭ ބަޔަށް ވަދެވުމާއެކު އެންމެ ކައިރީގައި ހުރި އެނދުގައި ޝައިނާ ބާއްވައިލިއެވެ. ހަމައެއާއެކު ޑަކްޓަރަކާއި ނަރުހުންތަކެއް ޝައިނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާން ފެށިއެވެ. އެތަނުން އެކަކު ރާހިލްގާތު ބޭރުގައި މަޑުކުރުމަށް ބުނުމާއެކު ބޭރަށްނުކުމެ ދޮރުކައިރީގައި ހުރި ގޮނޑިބަރީގައި އޭނާ އިށީނެވެ. މީގެކުރިން ދުވަހަކުވެސް އިހްސާސް ނުކުރެވޭފަދަ ބިރުވެރިކަމަކުން ސިކުނޑި ވަށައިލެވުނުއިރު އެކަމުގެ ސަބަބުން އޭނާގެ ހިތުގެ ތެޅުންވެސް ވަނީ މެކުހަށް ޖަހައިފައެވެ. ޝައިނާގެ ފޯނު އަތުލި ދުވަހު ކުރި ސަމާސާގެ ތެރެއިން ޝައިނާ އޭނާއާ ގާތްވި ވަގުތު އޭނާގެ ހިތުގެ ވިންދު 124 އަށް އެރިއިރު، އެއީ މިވަގުތު އެހިތް ތެޅެމުންދާ މިންވަރާ ގާތްވެސް ކުރާ އަދަދެއް ނޫންކަން އޭނާއަށް އެނގެއެވެ.  ރާހިލް ޖީބުގައި އޮތް ފޯނު ނަގައި ރިއާންއަށް ގުޅައިިލިއެވެ. އަތް ތުރުތުރުލާކަން އިހުސާސްވީ ފޯނު ކަންފަތުގައި ޖެހުމަށް އަތް ހިއްލައިލުމުންނެވެ.

" ހަލޯ. ބިޒީތަ؟"

" ހަލޯ. ރާހިލް. މޭން އޯކޭތަ؟" ރިއާންގެ ޖަވާބާއެކު ރާހިލްއަށް އޭނާގެ އަޑުވެސް ތުރުތުރުލަމުން ދާކަން އެނގުނެވެ.

"އައި ޑޯންޓް ނޯ މޭން. އައި ޑޯންޓް ނޯ. އައިމް ..ސްކެއަރ..… އައި ޑޯންޓް.. ނޯ ވަ..އި. ރިއާން. އަހަރެ..ން. އަހަރެންނަ.ށް މި ވަނީ ކިހިނެއް؟ ދި އިޒް ސޯ ވި..އަޑް. އައިމް ޝޭ..ކިންގް ނަން- ސްޓޮޕް ޝައިނާ އެމަރޖެންސީއަށް ވެއްދި ފަހުން. އައި ޑޯންޓް ވޮނަ ފީލް ދިސް ރިއާން. ދިސް އިޒް ސްކެއަރީ. އިޓްސް ލައިކް އައިމް އަންޑަރ ސަމް ޑްރަގް. އައި.. އައި ހޭވް ނޯ ކޮންޓްރޯލް" ރާހިލް އެއްނޭވާއަކަށް އެހުރިހާ އެއްޗެއް ކިޔައި ނިންމައިލިއިިރު އަޑުގައި ހުރި ތުރުތުރުގެ ސަބަބުން ރިއާންއަށް އެ ކިޔާ އެއްޗެއް އޮޅުން ފިލަނީ ހަމަ ކިރިޔާއެވެ.

"ވަޓް. ޝައިނާ؟ ޝައިނާއަށް ކީއްވީ؟؟ އޯކޭ އޯކޭ ރާހިލް.. ހަމަޖެހިބަ. އަހަރެން މި އުޅެނީ ހޮސްޕިޓަލާ ކައިރީގަ. އެބަ ވަންނަން. އެމަރޖެންސީބައިގަ ދޯ" ރިއާންގެ އަޑު ރާހިލްގެ ކަންފަތައް ފޯރީ ކިރިޔާއެވެ. އެމަރޖެންސީބައިގެ ދޮރު ކަހައިލުމަށްފަހު ޒީވާ ނުކުތެވެ. ރާހިލް ހަމަޖެހޭގޮތް ދައްކަމުން ގޮނޑިން ތެދުވިއެވެ. އަދި ވެގެން އުޅޭގޮތް އަހާލާފަދައަކުން ޒީވާއަށް ބުމަ އަރުވައިލިއެވެ.

"މާ ބޮޑު ކަމެއް ނުވޭ. ދިސް އިޒް ޖަސްޓް ނޯމަލް ފޯ ޝައިނާ. އެކަމަކު ވަރަށް ދުވަސް ފަހުން މިކަހަލަ ކަމެއް މިވީ. ޑޮކް ބުނީ އެބަ އަންނަމޯ" ޒީވާގެ ވާހަކަތަކުން ރާހިލްއާ ޖަވާބެއް ލިބުމުގެ ބަދަލުގައި ސުވާލުތައްވީ އިތުރެވެ.

"ދޮންބޭ. އޯކޭތަ؟" ޒީވާގެ ލޮލުގައި ރާހިލްގެ ތުރުތުރުލަމުން ދިޔަ އަތް އަޅައިގަތެވެ.

"ޔެސް. މިތަން ކުޑަކޮށް ފިނިވީމަ." ރާހިލްގެ ވާހަކަ ޒީވާއަށް ގަބޫލުކުރެވުނީ ރާހިލްއަކީ ހަގީގަތުގައިވެސް ފިންޏަށް އެހާ ގަދަ މީހަކަށް ނުވާތީއެވެ. އެވަގުތު ތަންކޮޅެއް ދުރުން ސީދާ ރާހިލްމެން ތިބި ދިމާލަށް ހިނގާފައި އައި މެދުއުމުރުގެ އަންހެން ޑަކްޓަރެއް ރާހިލްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އައިސް ހުއްޓިލީ ޒީވާގެ ކުރިމައްޗަށެވެ. ޒީވާ ބޮލުގެ އިޝާރާތުން ޝައިނާ އެތެރޭގައިކަމަށް ބުނުމާއެކު ޑަކްޓަރު އެތެރެއަށްވަނެވެ. ނަމަވެސް މާގިނައިރެއްނުވެ އަނެެއްކާވެސް ނުކުމެގެން އައިސް ޒީވާގެ ކުރިމަތީގައި މަޑު ކޮށްލިއެވެ.

"ކޮބާ އެންމެ ފަހުގެ ރިޕޯރޓްސް؟" ޑަކްޓަރުގެ ސުވާލާއެކު ޒީވާ އޭނާގެ ފޯނުން ޑްރައިވް ފައިލެއް ހުޅުވައިލުމަށްފަހު ޑަކްޓަރު އަތަށްދިނެވެ.

"އަނެއްހެން ހުރިހާ ކަމެއްވެސް ނޯމަލްކަމަށް ދައްކަނީ. ވިންދު ތަންކޮޅެއް ދަށްކޮށް އުޅޭތީ އިހަކަށް ބާއްވައިލައިފާ އެ އޮތީ. އެންމެ ފަހުން މިގޮތައް އަނބުރައިގަތީ ކޮންއިރަކުތޯ؟"  ޑަކްޓަރު ޒީވާއާ ސުވާލު ކުރިއެވެ. އެސުވާލާއެކު ރާހިލްގެ ސިކުނޑީގައި ޝައިނާ ފާހަނަތެރޭ އަނބުރައިގަތް ދުވަހުގެ މަންޒަރުތައް ކުލަވާން ފެށިއެވެ.

"އަޅުގަނޑަކަށް ނޭނގެ. ކުރިން ވަރަށް އަވަސް އަވަހާ އަނބުރައިގަނޭ. އެކަމަކު މިހާރު އަހަރެއް ވަނީހެން ހީވަނީ. ޑަކްޓަރ.. މިހާރު މިކަމަށް ފަރުވާ ކުރާތާ ކިހާ ދުވަހެއް. އަދިވެސް އެއްކޮށް ރަނގަޅުވާނެ ގޮތެއް ނެތީތަ؟" ޒީވާ އަހައިލިއެވެ. އޭނާ ވަނީ ޝައިނާގެ ހާލާމެދު ހިތްދަތިވެފައެވެ.

"އަސްލު ހަގީގަތުގައި މާބަނޑުއިރު ބޭނުންކުރެވޭ މަސްތުވާތަކެތީގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅަށް މިހެން ދިމާވާ ކަންތަކަކީ އުމުރު ދުވަހަށްވެސް އެކަމުގެ އަސަރު އެކުދިންނަށް ކުރާ ކަންކަން. ވަކިން ހާއްސަކޮށް ޝައިނާގެ ކޭސްގަ މިކަން ދެނެގަނެވުނީވެސް ފުރާވަރު އުމުރުގަ. އެހާ ގިނަ އަހަރުތަކެއް ވަންދެން ހަށިގަނޑުން އެކަހަލަ ބަލިކަށިކަމެއްގެ ނިޝާނެއް ނުފެނުނުކަމީވެސް ހަމަ މިރެކްލް އެއް. ޝައިނާއަކީ ވަރަށް ލަކީ ހިތްވަރުގަދަ ކުއްޖެއް.  ފާއިތުވެދިޔަ ދެތިން އަހަރު ވަރަށްބޮޑު ކުރިއެރުމެއް ވަނީ ލިބިފަ. މިހާރު މިހެން ދިމާވަނީ ޕާސްޓް ގަ ވި ކަމެއް ހަނދާންވެ މާ ބޮޑަށް މެމޮރީޒް ޓްރިގަރ ވީމާކަމަށް ބެލެވެނީ… އެބިއުސް.. ޑެތް.. މިއަދުގެ ކޭސްއަށް ބަލަންޏާ.. ލޮސް އޮފް އަ ލަވްޑް ވަން. ބަރާބަރަށް ބޭސް ބޭނުންކުރާނަމަ އިތުރު މައްސަލައެއް އަންނާނެ ކަމަކަށް ނުފެނޭ. މިވަގުތު އޮތީ އިންޖެކްޝަންގެ އެހީގައި ނިދިފައި" ޑަކްޓަރުގެ ވާހަކައަށް ޒީވާ ބޯ ޖަހައިލި ނަމަވެސް ރާހިލްއަށް އެވާހަކަތަކުން ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ޑަކްޓަރުގެ ވާހަކަތަކުން އޭނާއަށް މި އެނގުނީ ޝައިނާގެ މާޒީން ޒައްރެއްގެ މިންވަރު ކަމަށްވިޔަސް އޭގެ ބުރަދަން އޭނާއަށް ދެނެގަނެވުނެވެ. އެ މާޒީގެ ހިލަމެއްވެސް އެ މޫނުމަތިން ދެއްކުމެއްނެތި ޝައިނާ ދުނިޔެއަށް ދައްކާ ހިތްވަރަށް ރާހިލްގެ ހިތް ތައުރީފުން ފުރެމުންދިޔައެވެ.

"ދޮންބޭ. މިތާ މަޑުކޮށްލަދޭނަން ދޯ؟ އަހަރެން އަންނާނަން ޗުއްޓީ ހަމަ ޖެހޭތޯ ވާހަކަ ދައްކައިލައިފަ. އިޝީމެންވެސް އޯކޭތޯ ބަލާލަން ޖެހޭނެއެއްނު" ޒީވާ ރާހިލްގާތު ބުންޏެވެ. ރާހިލް ބޯޖަހައިލަމުން އެކަމަށް އެއްބަސްވިއެވެ. އިރުކޮޅެއްފަހުން ރިއާންވެސް އައުމާއެކު ޝައިނާ ވަކިން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދިޔައެވެ.

***********
އޮބްޒާރވޭޝަން ރޫމްގެ އެނދެއްގައި ނިދިފައި އޮތް ޝައިނާއަށް ބަލަން ރާހިލް އެތަނުގެ ފާރެއްގައި ލެގިލައިގެން ހުއްޓެވެ. ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައި އޭނާ އެހެން ހުންނަތާ މިހާރު ގަޑިއެއްހާއިރު ވަނީއެވެ. ދުރުގައި ހުރި ރިއާން އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ރާހިލްއަށް ބަލައިލައެވެ. ރާހިލް ޝައިނާއާމެދު މި ބަހައްޓާ ގާތް ކަމަކީ ސަމާސާ ކުޅިވަރެއް ނޫނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ.

"ރާހިލް" ރިއާން އައިސް ރާހިލްގެ ކޮނޑުގައި އަތް ބާއްވައިލުމާއެކު ރާހިލްއަށް ކުޑަ ސިހުމެެއް ލިބުނެވެ. "މިހާރު މިތާ ހުންނަތާ ކިހާ އިރެއް. ޖަނާޒާގެ ކަންތަކުގަވެސް ބައިވެރިވާން ދާންވާނެއެއްނު. ޝިމާންއެކަނި އެކަމާ އުޅެންޖެހޭތީ އަހަރެން މިއައީ ހުރިހާކަމެއް ހަމަޖައްސައިދީފަ. އެކަމަކު ރާހިލްވެސް ކަށުނަމާދަށް ދާންވާނެ" ރިއާން ރާހިލްއަށް ނަސޭހަތްތެރިވިއެވެ.

"އަހަރެން މި ހިތައް އަރަނީ ޝައިނާއަށް މޫނުވެސް ދައްކާނުލާ ވަޅުލުމުގެ ކަންތައް ނިންމާލުން އެއީ ހަމަ އެންމެ ރަނގަޅުގޮތް ބާއޭ. އޭނާވެސް ޖަނާޒާގަ ބައިވެރިވާން ބޭނުންވާނެއެއްނު" ރާހިލް އޭނާގެ ހިޔާލުފާޅު ކޮށްލިއެވެ.

"ތިކަމާ އަހަރުމެން ބުނާނީ ކީކޭ. މިއީ ޝިމާން ބޭނުންވި ގޮތް. ކޮންމެ ގޮތެއްވިޔަސް މިހާރު ޝައިނާގެ ހުރި ހަމައެކަނި އާއިލާއަކީ އޭނަ. އޭނާވެސް ޝައިނާއާ ދޭތެރޭ ވިސްނާނެއެއްނު. ޝިމާން ބޭނުމެއްނުވޭ އެދެމަފިރިން ކަފުންކޮށްފަ އޮއްވާ ޝައިނާއަށް ފެންނާކަށް. އަހަންނަށްވެސް ގަބޫލުކުރެވޭ ގޮތުގައި އޭރަށް ޝައިނާގެ ހާލަތު އިތުރަށްވާނީ ގޯސް. އެދެމަފިރިންގެ އެންމެ ފަހުގެ ހަނދާނަކަށް ޝައިނާގެ ސިކުނޑީގައި އެފަދަ މަންޒަރެއް ރައްކާކުރުމަކީ ރަނގަޅުގޮތެއްހެން ހިއެއްނުވޭ." ރިއާންގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ.

"ކޮން އިރަކުތަ ނަމާދު އޮތީ؟" ރާހިލް އަހައިލިއެވެ.

"މޫނު ދައްކާކަށްވެސް މާ ގިނަ ބައެއް ނެތެއްނު. އަސްރަށްފަހު ކުރާގޮތަށް އޮތީ. ދެން މިތާ ނުހުރެ ދާން ހިނގާ. މާގިނަ އިރު ހުންނަންޏާ ޒީ އައްވެސް ކަމެއް ރޭކައިލައިފާނެ" ރިއާން މަސައްކަތްކުރީ ރާހިލް އެތަނުން ނެރެވޭތޯއެވެ.

"ކޮންކަމެއް؟" ރާހިލް އަހައިލިއެވެ.

" ކޮންކަމެއްކަން ނޭނގޭތަ؟ ޒީވާއަށް ފުރަތަމަ ކަމަކަށް ރާހިލްއާ ޝައިނާ އެކަކު އަނެކަކު ދަންނަކަންވެސް ނޭނގޭއިރު ޝައިނާ ފެންނަ ހިސާބުން ދުރަށް ނުދެވިގެން އުޅޭތަން ފެނުނީމަ ވާނީ ކިހިނެއްތަ؟ އަހަރެންނަކަށްވެސް ކުރިން ނޭނގެ ތި ދެމީހުންގެ ކަނެކްޝަން މިހާ ޑީޕް ކަމެއް. ތީ ރަހްމަތްތެރިކަން ކަމަށްވިޔަސް ރާހިލްއަށް ތިވަރު ވާނެއެކޭ އަހަރެން ހިއެއް ނުކުރަން" ރިއާން ބުނެލިއެވެ.

"ސާބަހޭ. އަހަރެން ޝައިނާ ފެންނަހިސާބުން ދުރަށް ނުދެވިގެނެއް ނޫޅެމޭ. މިތާ ހުންނާނެ މީހެއް ނެތީމަ" ރިއާންގެ ވާހަކައަށް ރާހިލް އިންކާރު ކުރިއެވެ.

"ބަލަ މީ އޮބްޒަރވޭޝަން ރޫމް އޭ. މިތާކު ކޮންމެހެން މީހަކު ހުންނާކަށް ނުޖެހޭނެ. މަށަށް ކިޔާދެންތަ ތި އުޅެނީ؟ ހިނގާ ދަމާ އިރުކޮޅަކުން އަސްރަށް ބަންގި ގޮވާނެ"  ރިއާން ގަދަކަމުން ކަހަލަ ގޮތަކަށް ރާހިލް އެތަނުން ނެރެގެން ދިޔައެވެ.

************

ކަށުކަމާކެމީގެ ކަންތަކަށްފަހު ޝިމާން އިޝްވާއާއެކު ގެއަށްދިޔައެވެ. ގިނަމީހުންގެ ތެރޭގައި ހުންނާކަށް އޭނާ ބޭނުމެއްނުވިއެވެ. ލޯބިވާ މަންމައާއި ބައްޕަ ވަޅަށް ތިރިކުރި ވަގުތު އޭނާގެ ގައިން ހިތްވަރު އެކީ އެލިގެންދިޔައެވެ. އެއީ އޭނާއަށް މިހާތަނަށް ތަޖުރިބާ ކުރެވުނު އެންމެ ވޭންހުރި ކަންތަކެވެ. އޭނާ މިހާތަނަށް ދުށް އެންމެ ވޭންހުރި މަންޒަރެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް އެހެންމީހުންނާ އެކަހެރިވެ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެހެންކަމުން ރިއާންގެ ކާރުގައި އެދެމީހުން ގެއަށް ލައިދިނުމަށްފަހު ރާހިލްއާއި ޒީވާ ގޮވައިގެން ޝައިނާ ގާތަށް ހޮސްޕިޓަލަށް ދިޔައެވެ. ޝައިނާ ބާއްވައިފައިއޮތް ކޮޓަރީގެ ދޮރުމައްޗަށް އެރި ވަގުތު ޝައިނާ ބާރު ބާރަށް މީހަކާ ދިމާލަށާ އެއްޗެހި ކިޔަމުންދާ އަޑު އިވި ޒީވާ ރާހިލްއާއެކު އަވަސްއަވަހަށް އެ ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އޭރު ޝައިނާ ހަޅޭއްލަވަމުން އެނދުން ތެދުވަން މަސައްކަތްކުރަމުންދެއެވެ.

"ކޮބާހޭ މަގޭ ދައްތަ؟ ދައްތަ ކޮބާހޭ؟ ދޫކުރޭ. ދޫކުރާށޭ. ކީއްވެ އަހަންނަށް ނުދައްކާ ދައްތަ ވަޅުލީ؟ ކީއްވެ؟ ދޫކުރާށޭ އަޑެއް ނީވޭތަ؟ އަހަރެން ދައްތަ ދެކިލަން ބޭނުމޭ ޕްލީޒް" ޝައިނާ މައިތިރި ކުރުމަށްޓަކައި  ޒީވާ ދުވެފައިގޮސް ޝައިނާގެ ގައިގައި ހިފެހެެއްޓިއެވެ.

"ޝައިނާ. ޝައިނާ. އޭތް. ހަމަޖެހިބަ." ޒީވާ ޝައިނާ ހަމަޖެއްސޭ ތޯ މަސައްކަތް ކުރަމުންނެވެ.

"ނޫން ޒީ ޕްލީޒް. ދައްތަ އަހަންނަށް ނުދައްކާ ވަޅު ނުލާބަ ޕްލީޒް" ޝައިނާ ޒީވާ ގާތު އާދޭސް ކުރިއެވެ. އޭނާގެ ހަރަކާތް ތަކަށް ބަދަލެއް ނާދެއެވެ. އަަދިވެސް މަސައްކަތް ކުރަމުންދިޔައީ ކައިރީގައި އޭނާ ހިފަހައްޓަން ތިބި މީހުންގެ ކައިރިން ވީއްލިގެން ދިޔުމަށެވެ. އެމީހުންނަށްވެސް އެކަމުގެ ސަބަބުން އުނދަގޫވަމުންދިޔައެވެ. ނަމަވެސް ކުއްލިއަކަށް ޒީވާ ޝައިނާގެ ކަންކަށިމަތީގައި ބާރު އެތިފަހަރެއް ޖެހުމާއެކު ޝައިނާ މައިތިރިވިއެވެ. ގަދަހަދަން ކުރި މަސައްކަތް ހުއްޓާލައި ލަވަމުން އައި ހަޅޭއްގެ އަޑު ކެނޑުނެވެ. ޒީވާގެ އެ އަމަލުން އެތަނުގައި ތިބި އެންމެނަށް ސިހުން ލިބިގެންދިޔައިރު ރާހިލްއަށްވެސް ކުރިއަށް ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލެވުނެވެ. ރިއާން ހުށިޔާރުކަމާއެކު ރާހިލްގެ ކޮނޑުގައި ހިފަހައްޓައި އިތުރަށް ކުރިއަށް ދިޔުމަށް ހުރަސް އެޅިއެވެ.

"ޝައިނާ. ހަމަ ޖެހިބަލަ. ހަމަ ޖެހިފަ އަހަރެން މި ދައްކާ ވާހަކަ އަޑު އަހާބަ. ލުކް އެޓް ޔޫ ޝައި. ތީ ޝައިގެ އަމިއްލަ ސެލްފެއް ނޫނޭ. އަހަރެންގެ ޝައި ތިއަށްވުރެ މާ ސްޓްރޯންގް ވާނެ. މާ ހިތްވަރު ގަދަވާނެ. އަހަންނަށް އެނގެޔޭ ޝައިގެ އާންޓް އަކީ ޝައިގެ ހަޔާތުގެ ކިހާ މުހިއްމު މީހެއްކަން. އެކަމަކު މަރަކީ އެކަކަށްވެސް ބަދަލު ކުރެވޭނެ އެއްޗެއް ނޫން. އަދި ގަޑީގެ ކަށްޓަކީ ފަހަތައް ދުވާނެ އެއްޗެއްވެސް ނޫން. އެހެންވާނަމަ ކޮންމެ އަގެއް ދީފައި ވިޔަސް އަހަރެން ފާއިތުވެދިޔަ ހަ ގަޑިއިރުގެ ތެރޭ ޝައިނާގެ ލައިފްއަށް ތި އައި ބިޔަ ރާޅުން ޝައިނާ ސަލާމަތްކޮށްދިނީސް. ސޯ ޕްލީޒް. ޝައި އަހަރެން ކައިރި އަބަދުވެސް ބުނާހެން މިއަދު އަހަރެން މި ބުނަނީ. ހަގީގަތާ ކުރިމަތިލާބަ! ދިރިއުޅުމަކީ ހީކުރާހާ ފަސޭހަ އެއްޗެއްނޫން. އިންޝާﷲ ކޮންމެ ކަމެއްގައިވެސް ހިކްމަތެއް ވާނޭ." ޒީވާ ޝައިނާގެ އަތުގައި ހިފަހައްޓައިގެން އިނދެ ބުންޏެވެ. ޝައިނާ އެވާހަކަތަކާމެދު ވިސްނާ ފަދައަކުން އިސްޖަހާލައިގެން އިނެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ޒީވާގެ ގައިގަައި ބައްދައިލިއެވެ. އޭނާގެ ގިސްލުމުގެ އަޑު އަދިވެސް އިވެމުންދިޔައެވެ. ނަމަވެސް ކުރިއާ ހިލާފަށް އެއްވެސް ދެކޮޅު ހެދުމެއް އިންކާރު ކުރުމެއް ނުވަތަ ގަދަހެދުމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ. ފެންނަނީ ހިތާމައާއި މަޑު މޮޅިކަމެވެ.

"އެކަމަކު އެންމެ ފަހު ފަހަރަކަށް އަހަރެންނަށް ދައްތަ ދައްކާލިނަމަ؟" ޝައިނާ ގިސްލުމުގެ ތެރެއިން ޝަކުވާ ކުރިއެވެ. ޒީވާ ލޯތްބާއެކު ޝައިނާ އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. އަދި ޝައިނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެންނަށްވެސް އެނގެޔޭ.. ޝައިނާއަށް ހައްގުކަން ދައްތަގެ މޫނު ފަހު ވަގުތު ބަލާލަން. އެކަމަކު ޝައިނާ މިހާލަތުގައި ހުއްޓާ އެފަދަ މަންޒަރެއް ބަަލަން ޝައިނާގެ ސިކުނޑިއަށް ކެތްވާނެތަ؟ ޝިމާން އެގޮތަށް ނިންމީ އެއީ ޝައިނާއަށް އެންމެ ރަނގަޅު ގޮތް ކަމުގައިވާތީ. މިވަގުތު ޝައިނާގެ ހާލު ދެރަވެއްޖެނަމަ ޝައިނާއަށް އާޅާލާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނުހުންނާނެކަން އޭނައަށް އެނގޭތީ. މިކަންވެސް މިވީ ރަނގަޅަކަށް ކަމުގައި ވިސްނަބަ. ކޮންމެ ގޮތެއްވިޔަސް ޝިމާންއަށް އެ ގެއްލުނީ އޭނާގެ މަންމައާއި ބައްޕަ. އެކަމުން ޝިމާންއަށް ކުރާނެ އަސަރު ވިސްނާލަބަ. ޝައިނާގެ ހިތްވަރާއި އެއްބާރުލުމާ ނުލާ އޭނާ މި އަޑިގަނޑުން އަރައިގަންނާނީ ކިހިނެއް؟؟ އެދެމީހުން މި ފަސްގަނޑު މަތީގައި ހޭދަކުރި ފަހު ސުކުންތައް ދާންދެން ޝިމާންގެ ދެލޮލުންވަނީ ދެކިފަ. އެމަންޒަރުތައް އޭނާގެ ހަނދާނުން ފޮހެލަން ފަސޭހަވާނެތަ؟ ޝައިނާއަށް ދައްތަގެ ފުރާނަ ނެތި ނުފެނުނީވެސް އެފަދަ މަންޒަރަކުން ތިހިތް ބަލިކަށި ނުވާން އިރާދައިގަ ހުރީތީ. މިކަން ދަނެގެން ނިކަން ކަށިން ހިތްވަރު ލައިގެން ވިޔަސް މިވަގުތު ޝައިނާ ބަަލަންވީ ޝިމާންއަށް އަޅާލެވޭތޯ" ޒީވާގެ ވާހަކަ ނިމެންދެން ޝައިނާ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ.

" ޔެސް. ޔެސް. ތޭންކްޔޫ ޒީ. ޔޫ އަރ ރައިޓް. އަހަ..އަހަރެން ކިހާ އަމިއްލަ އެދުންބޮޑު. ޝިމާންއާ ދޭތެރޭ އިރުކޮޅަކަށްވެސް ވިސްނާނުލާ. ޒީ. އަހަރެން ބޭނުމެއް ނޫން މިތާ އިންނާކަށް. މި ހޮސްޕިޓަލަކީ އަހަރެންނަށް ނާމާން ތަނެއް. އަހަރެން ގެއަށް ގެންގޮސްދީ. ޝިމާންއަށް އަހަރެންގެ ހިތްވަރު ބޭނުންވާނެ.. އަހަރެން މިހާރު ރަނގަޅޭ. އަހަރެންނަށް ވިސްނިއްޖެ. އެމީހުން ކައިރި ބުނޭ އަހަރެން ދޫކޮށްލާށޭ." ޝައިނާގެ އެދުމަށް ބޯ ޖަހައިލަމުން ޒީވާ ކައިރީގައި ހުރި ނަރުސް ކުއްޖާއަށް ބަލައިލިއެވެ.

"ސިސްޓާ. ޑޮކް އަށް އަންގާލަދީ ޕޭޝެންޓްގެ ރިކުއެސްޓް"

**********

ކާރުގައި އިންއިރު ޝައިނާ އިނީ ރުއިން ހުއްޓާލައި ކުޑަކޮށް ހަމަޖެހިލައިގެނެވެ. ނަމަވެސް އެ ދެތުންފަތް ފޫ އަޅުވާލައި ގިސްލުމުގެ އަޑު ނުކުންނަ ކޮންމެ ފަހަރަކު ކުރީ ސީޓުގައި އިން ރާހިލްއަށް ކުރިމަތީގައި ހުރި ލޯގަނޑުން ޝައިނާގެ މޫނަށް ބަލައިލެވެއެވެ. ގޭގެ ދޮރާއި ހިސާބަށް އާދެވުމާއެކު ޒީވާ ޝައިނާ ގޮވައިގެން ކާރުން ފޭބިއެވެ. ހީކުރިގޮތާއި ހިލާފަށް މިފަހަރު ރާހިލް ފައިބާކަށް ގަސްދެއް ނުކުރިއެވެ. ސީޓުގައި ހަމަޖެހިލައި ދެލޯ މަރައިލައިގެން އިނެވެ.

ރިއާން އިނީ ރާހިލްއަށް އަންނަމުންދިޔަ ބަދަލުތަކާމެދު ކަންބޮޑުވެ އެވާހަކަ ދައްކަން ބޭނުންވެފައެވެ. ނަމަވެސް މީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫންކަން އޭނާއަށް ވިސްނުނެވެ. ހެނދުނު މާލެ އައިސުރެން އަދިވެސް ގެއަށް ވަދެނުލާ އުޅޭތީއާއެކު އޭނާ ނިންމީ ރާޙިލް ގެއަށް ގެންގޮސްދިނުމަށެވެ.

************

އެޕަރޓްމެންޓްގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ޝައިނާއާ ޒީވާ ބޭރުގައި މަޑު ކޮށްލައިގެން ތިއްބެވެ. މާގިނައިރެއްނުވެ އިޝްވާ ދޮރު ހުޅުވައިލިއެވެ. އެންމެ ފުރަތަމަވެސް ޝައިނާ އިޝްވާގާތުން ޝިމާން ކޮބައިތޯ އަހައިލިއެވެ.

"ނިދިފަ އޮތީ. އަހަރެންވެސް ނުގޮވަން މި ހުންނަނީ" އިޝްވާ ބުންޏެވެ.

"ބާއްވާ.. ގޮވާނެ ކަމެއް ނެތް. އިޝީވެސް ބޭނުމިއްޔާ ގެއަށް ގޮސްލާ. އަހަރެން މިދަނީ ފެންވަރާލަން" ޝައިނާ ބުންޏެވެ. ނަމަވެސް އިޝްވާ އެކަމަށް އިންކާރުކޮށް ޒީވާއާއެކު އެގޭގައި މަޑުކުރުމުގެ ހުއްދައަށް އެދުނެވެ. ޝައިނާ އެކަމާ އެއްބަސްވީ އެއީ ޝިމާންވެސް ބޭނުންވާނެ ގޮތް ކަމުގައި ނިންމަމުންނެވެ.

ރާހިލްއަށް އެރޭ ޝައިނާމެންގާތަށް ދެވޭ ވަރުވީ މެންދަމުގެ ވަގުތާއިގާތްވެފައިވަނިކޮށެވެ. ނަމަވެސް ޒީވާއާއި އިޝްވާ ގެއަށް ފޮނުވުމަށްޓަކައި އޭނާ ކޮންމެހެންވެސް ދާން ޖެހުނެވެ.

"ދޮންބޭ" އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ވަގުތު ކުރިމަތީގައިހުރި ރާހިލްފެނި ޒީވާ އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ.

"މިހިރީ ކާއެއްޗެހި؟ އިޝްކޮ ގެއަށް ނުދަންތަ؟އަދިވެސް މަންމަމެން ނުގުޅާތަ؟" ޕެކް ކޮށްފައިވާ ދެ ސަބްމެރިން ހިފައިގެން ވަތް ރާހިލްއަށް ސޯފާގައި ޝިމާނާއެކު އިން އިޝްވާފެނި އަހައިލިއެވެ.

" މަންމަ އަންނަން އުޅުނީމަ އަހަރެން ބުނިން މާދަން އަންނަށް މަޑު ކުރާށޭ. އިޝްކޮ ދާންވާނެއެއްނު ގެއަށް. ގެއަށް ނިދަން ނުގޮސްފިއްޔާ ބައްޕަ އެހާ ހިތްހަމައެއް ނުޖެހޭނެ." ޒީވާވެސް ރާހިލްގެ ވާހަކައާއި އެއްބަސްވަމުން ބުންޏެވެ.

" އެހެންވިއްޔާ ޒީ ވެސް ދިއުން އެންމެ ރަނގަޅު ގޮތަކީ. އަހަރެން މަޑުކޮށްލާނަން ޝިމާން ގާތު" ރާހިލް ބުންޏެވެ.

" އެކަމަކު ޝައި—"

" ޓްރަސްޓް މީ ޒީ. އަހަރެން މިހިރީ އެއްނު" ރާހިލް ޒީވާގެ ވާހަކަ މެދުކަނޑައިލިއެވެ.

" އަޅެ. އަހަރެން ހުންނަން ބޭނުން. އެކަމަކު ޗުއްޓީވެސް ހަމަ ނުޖެހޭތީ މާދަން ހެނދުނު ޑިއުޓީއަށްވެސް ނުކުންނަން ޖެހޭ. ޝައިނާ ކައިރި ބުނައްޗޭ އަހަރެން ހުންނަން ބޭނުންވިއޭ. " ޒީވާ ބުންޏެވެ. ދާދި ފަހުން ދިމާވި ހާދިސާއާ ގުޅިގެން ގޭގައި މަޑުކުރުމަށް ނަގަން ޖެހުނު ބޮޑު ޗުއްޓިގެ ސަބަބުން އެހާ އަވަހަށް އިތުރު ޗުއްޓީއެއް ނުލިބުނީތީ  އޭނާ ހުރީ ހަގީގަތުގައިވެސް ދެރަވެފައެވެ.

" އިޝްކޯ.." ރާހިލް އިޝްވާއަށް ދިޔުމަށް އިޝާރާތްކުރާފަދަ ރާގަކަށް ގޮވައިލިއެވެ.

" އައިމް ފައިން ބޭބް. ދޭބަ ގެއަށް. ސީ ޔޫ ޓުމޯރޯ." ޝިމާން އިޝްވާގެ އަތުގައި ބޮސްދެމުން ބުނެލިއެވެ.

" އަހަރެން އަންނާނަން އެނގޭ މާދަން" އިޝްވާ ޝިމާންގެ ގައިގައި ބައްދައިލުމަށްފަހު ޒީވާއާއެކު ގެއަށް ދާން ނުކުތެވެ. އެ ދެބެއިން ނުކުމެގެން ދިޔުމާއެކު ރާހިލް އައިސް ޝިމާންގެ ގާތުގައި އިށީނދެލަމުން ހިތްވަރުދޭ ފަދަ ގޮތަކަށް ޝިމާންގެ ކޮނޑުގައި ޖަހައިލިއެވެ. ނަމަވެސް ހިތްވަރުދިނުމުގެ އެންމެ ބަހެއްވެސް އޭނާގެ ދުލަކަށް ނުގެނެވުނެވެ. އެންމެފަހުން އޭނާ ތެދުވެގެން ގޮސް ޝައިނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ތަޅުގައި ހިފައިލި ވަގުތު ޝިމާން ވާހަކަ ދެއްކިއެވެ.

" ސިސް ފާހަނައިގަ ކަމަށްވެސް ވެދާނެ. ނުކުންނަންދެން  މަޑުކޮށްލާ. ސިސް ފާހަނަ ޑޯރ ލޮކް ކުރާ މީހެއް ނޫންވީމަ އާންމުކޮށް ފާހާނާއަށާ ވަންނާނީ ކޮޓަރި ޑޯރ ލޮކް ކޮށްފަ" ޝިމާން ބުންޏެވެ. އެވާހަކައިން ރާހިލްގެ ނިތަށް ރޫތަށް ގިނަވިއެވެ.

" ދެޓްސް ވިއަރޑް" ރާހިލް އައިސް ޝިމާންގާތު އިށީނދެލިއެވެ.

" ނޮޓް ރިއަލީ. އަހަރެން ނަމަވެސް ވާނީ އެވަރު ކަންނޭނގެ" ޝިމާން ބުނެލިއެވެ.

" އެއީ ކީއްވެ؟" ރާހިލް އޭނާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ

" ސިސް ކުޑައިރު އެއްރޭ ސިސް ގެ ދޮންތަ ސިސް ފާހަނައަށްލާ ތަޅުލީ. ހެނދުނު ނުކުމެވުނުއިރު ފުރަތަމަ މަންޒަރަކަށް ފެނުނީ ދޮންތަ ފަންކަލުގަ ދަންޖެހިފަ ހުއްޓާ. އުމުރުން އެންމެ ނުވަ އަހަރުގެ ކުއްޖަކަށް އެކަހަލަ މަންޒަރެއް ފެނުނީމަ ވާނެގޮތް ސިސްއަށްވެސް ވެފަ އެހެރީ.."

ޝިމާން ބުނެލި ވާހަކައިން ރާހިލްއަށް ސިހުންލިބިގެންދިޔައެވެ. އަނގައިން ބަސްހުއްޓުނުއިރު އޭނާއަށް ވިސްނެމުންދިޔައީ އެރަށުގައި ޝައިނާ ފާހަނައިގައިި ތަޅުލެވުނު ރޭގެ ހަނދާނެވެ. އެކަމުގެ ސަބަބުން ޝައިނާއަށް އެހާބޮޑު އަސަރެއް ކުރި ސަބަބު އެނގުމާއެކު ރާހިލްގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. މެއަށްބާރުވެ ބޯ އަނބުރަން ފަށައިފިކަމުގެ އިހުސާސެއް ކުރެވުނެވެ. އޭނާއަށް ނޭނގިނަމަވެސް ޝައިނާއަށް އެ ދެވުނީ ކިހާބޮޑު ދެރައެއްކަން އެނގުމާއެކު އެދުވަސް އަލުން އަނބުރައި ގެންނަން ބޭނުންވިއެވެ. ނަމަވެސް މިހާރު އެކަމަކާ ކުރެވޭނެ ކަމެއް ނެތެވެ. ރާހިލް ހިންދިރުވައިލަމުން ޝިމާންއާ އިތުރަށް ސުވާލު ކުރިއެވެ.

"ސޯ. ޝައިނާގެ ދައްތައެއް ހުރޭތަ؟" ރާހިލް ހިނދިރުވާލަމުން އަހައިލިއެވެ.

"ބޭބެއަކަށް ނޭނގޭތަ؟ އަހަރެން ހީކުރީ ސިސްއާ ވަރަށް ކްލޯޒް ކަމަށް. އަސްލު ސިސްގެ ފިރިހެން ފްރެންޑްސް އެއް ނުވެސް ހުންނާނެ. ޝީ ހޭޓްސް މެން. އެންޑް އައި އަންޑްރސްޓޭންޑް ހަރ. އެކަމަކު މިގެއަށް އަލަށް އެގޮތަށް ފިރިހެން ފްރެންޑެއް ގެނައިމަ އަހަރެން ހީކުރީ ވަރަށް ކްލޯޒް ކަމަށް" ޝިމާން ބުންޏެވެ.

" އަހަރެންވެސް ހީކުރީ އަހަރެންނަށް ޝައިނާ ވަރަށް ރަނގަޅަށް އެނގޭކަމަށް. އެކަމަކު މިއަދު ޑޮކްޓަރ ދެއްކި ވާހަކައިން އެނގިއްޖެ އަހަރެންނަށާ ޝައިނާގެ އެނގެނީ ޝައިނާ އަހަންނަށް އަންގަން ބޭނުންވި މިންވަރު އެކަނިކަން." ރާހިލްވެސް ބުންޏެވެ.

" އެހެންވިއްޔާ އެންމެ ރަނގަޅުވާނީ ސިސްގެ ދުލުން ތި ސުވާލުތަކުގެ ޖަވާބު ހޯދުން" ޝިމާން ބުންޏެވެ.

" އަހަރެންނަށް އެނގޭ މީ އެކަހަލަ ވާހަކައެއް ކިޔާދޭން ޝިމާން ފަރާތުން އުއްމީދު ކުރާކަށް އެހާ މުނާސަބު ވަގުތެއް ނޫންކަން. ސޯ އަހަ— "

"ނޫން. އިރުކޮޅަކަށްވިޔަސް އަހަރެންގެ މައިންޑް ޑިސްޓްރެކްޓް ވާނެ ކަމެއް ކުރެވުނިއްޔާ އަހަންނަށްވެސް ފަސޭހަވާނެ. އިޝީގެ ދޮންބެއަކީ އަހަންނަށް ބީރައްޓެއްސަކަށް ނުވާނެއެއްނު. އެކަމަކު އަހަރެން ގަބޫލުކުރަނީ ވަގުތުއައިސް ޖެހުނީމަ ސިސްއަށް ޓްރަސްޓް ކުރެވޭ މީހަކަށް ސިސްގެ ހުރިހާ ވާހަކައެއް ކިޔާދޭނެކަމަށް. އަދި އެއީ އެންމެ ރަނގަޅުގޮތް ކަމަށް" ޝިމާން ބުންޏެވެ. ރާހިލް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. "އަހަރެން ވެސް މިދަނީ ކޮޓަރިއަށް. ސިސް ނުނިކުމެ ގިނައިރު ވަންޏާ ބުނެލައްޗޭ" ޝިމާން މާ ގިނައިރަކު ބޭޭރުގައި އިންނާކަށް ނޫޅުނެވެ.

ފަތިސް ނަމާދުކޮށްލައިގެން ޝައިނާ ކޮޓަރިން ނުކުތްއިރު ސޯފާގައި ނިދިފައި އޮތް ޝިމާން ފެނި އެދިމާލަށް ހިނގައިގަތެވެ. ނަމަވެސް ކައިރިއަށް ދިޔުމާއެކު އެއީ ޝިމާން ނޫންކަށް އޭނާއަށް އެނގުނެވެ. އެވަގުތު ރާހިލް އެތަނުގައި ކުރަނީ ކީއްބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ކޮޓަރިން ރަޖަލެއް ހިފައިގެން އައިސް ރާހިލްގެ ގައިމަތީގައި އަޅައިލަދިނެވެ. ފުންނޭވާއެއްގެ އަޑަށްވެސް ހޭލެވޭހާ މަޑު ނިންޖެއްގައި އޮތް ރާހިލް ވަގުތުން ޝައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޝައިނާއަށް ސިހިފައި ދެލޯ ބޮޑުކޮށްލަމުން އަތުގައި އޮތް ރަޖާ ދޫކޮށްލެވުނެވެ.

" ޝައިނާތަ؟ ސޮރީ. އަހަރެންނަށް ކުޑަކޮށް ނިދުނީ" ރާހިލް ތެދުވެ ގޮނޑީގައި އިށީނދެލަމުން ބުންޏެވެ. އޭރު އާދުވަހަކަށް އަލިވިލެމުންދާ ކަމުގެ ނިޝާންތައް އެޕާރޓްމެންޓްގެ ކުޑަދޮރުތަކުން ފާޅުވާން ހުއްޓެވެ.

"ނިދާފަކަމެއް ނޭނގޭ ބިރުވެރި ފިލްމްތަކުގަ ހަދާހެން ކުއްލިއަކަށް އައިސް އަތުގަ ހިފާއިރު. ދެންމެ ހޫނު ފެން އެއްޗެެއް ހިފައިގެން ހުރެވުނު ނަމަ ގަޔަށްދޯ އަޅާލެވޭނީ." ޝައިނާ އާދައިގެ ގޮތަކަށް ބުނި ނަމަވެސް ރާހިލްގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ރާހިލްއާ ވާހަކަ ދެއްކުމުގައި ޝައިނާގެންގުޅޭ ޖެއްސުމުގެ ރާގު ބޭނުންކުރުމަކީ ޝައިނާ ކުޑަކޮށްވިޔަސް ހަމައަކަށް އެޅިއްޖެކަމުގެ ނިޝާނެއްކަން އޭނާއަށް އެނގުނެވެ.

"އެންމެފަހުން އަހަރެން ނުނިދީމަ ދޯ މި ގޯސްވީ" ރާހިލް ޝައިނާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ކޮފީ؟" ޝައިނާ އަހައިލިއެވެ. ރާހިލް ބޯ ޖަހައިލުމުން ޝައިނާ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ބަލަންހުރި ރާހިލްގެ ސިކުނޑީގައި އެނބުރެމުންދިޔައީ ޝިމާން ބުނި ވާހަކައެވެ. ޝައިނާގެ މައުސޫމް މޫނު ފެނުމާއެކު އޭނާއަށްކުރެވުނު ކަންތަކާމެދު ވިސްނެން ފެށިއެވެ. ޝައިނާގެ ގާތުން މާފަށް އެދެން ބޭނުންވިއެވެ. އެހެނަސް ހިތުގައި އުފެެދެމުންދިޔަ ސުވާލުތަކުގެ ސަބަބުން އެކަން ކުރާކަށް ނުކެރުނެވެ. އެއީ މާފަށް އެދެން ރަނގަޅު ވަގުތެއްބާއެެވެ؟ އެކަންތަށް މާޒީވެ ގޮސްފައި އޮއްވާ އަލުން އެ ވާހަކަ ދައްކަންވީ ހެއްޔެވެ؟ އޭނާ މާފަށް އެދިފިނަމަ ޝައިނާ މާފު ކުރާނެހެއްޔެވެ؟ ހުދު އޭނާއަށް އޭނާގެ އަމިއްލަ ނަފްސަށް މާފު ކުރެވިދާނެ ހެެއްޔެވެ؟

ރާހިލްގެ ސިކުނޑި ކިތަންމެ ހަލަބޮލިވެފައި ވީނަމަވެސްް އެދެމެދަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އަދި އެ ހިމޭންކަމުން އުނދަގޫވަމުން އައި ނަމަވެސް އެކަން ނިމުމެއް ގެނައުމަށް ކުރަންވީ ކީއްކަމެއް ރާހިލްއަކަށް ނޭނގުނެވެ. އެހިމޭންކަން ފޫދުއްވައިލީ ޝައިނާގެ ސުވާލުންނެވެ.

"ޝިމާން ކޮބާ؟" ޝައިނާ އަހައިލިއެވެ. އެހެންޏާ ނުހުންނަފަދަ މަޑުމައިތިރިކަމެއް އެ އަޑުގައި ހުއްޓެވެ.

" ވަރަށް ދަންވަންދެން އިނދެފަ ކޮޓަރިއަށް ވަނީ. އަހަރެން ބުނީމަ ޒީ މެންވެސް ދިޔައީ. ޒީ ބޭނުންވި ހުންނަން. އެކަމަކު ޒީ ގެ ޑިއުޓީވެސް އޮތީމައާއެކު" ރާހިލް ބުންޏެވެ.

"އިޓްސް އޯކޭ. ތި ހެދީ ރަނގަޅަށް. ޒީ މިތާ ބެހެއްޓުމުގެ ބޭނުމެއް ނެތެއްނު. އަހަރެން އަސްލު ބޭނުންވެފަހުރީ ރާހިލްއާ ވާހަކަދައްކާލަން" ޝައިނާ ރާހިލްގެ އަތަށް ކޮފީތަށި ދިއްކޮށްލަމުން ބުނެލިއެވެ. ރާހިލް ކިހިނެއްވީހޭ އަހާލާ ފަދައަކުން ބުމަ ހިއްލައިލިއެވެ.

"ފަހުން އެކުއްޖާއަށް ގުޅިންތަ؟ މިބުނީ ޔޯރ ޖީ.އެފް." ޝައިނާ އިސްޖަހައިލަމުން އަހައިލިއެވެ. އެ ސުވާލާއެކު ރާހިލްގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. މިއީ އެފަދަ ވާހަކައެއް ދައްކަން ކޮން ވަގުތެއް ހެއްޔެވެ؟

"އަހަރެން އޭނައަށް ގުޅަންވީ ކީއްކުރަން؟" ރާހިލްވެސް ބަދަލުގައި ކޮށްލީ ސުވާލެކެވެ.

"އަހަރެންނަށް ވިސްނާނުލާ ކުރެވުނު ވަރަށް މޮޔަކަމަކާ ހެދި އެއްނު އޭނަ ރާހިލް ދޫކޮށްލީ. އެހެން ނުކިޔުންނަމަ ފަހަރެއްގާ—"

"އެގޮތަށް ތަނަކުން މީހަކު އައިސް ދައްކާހާ ވާހަކައެއް ގަބޫލުކޮށްފަ އޭގެ ތެދުދޮގުވެސް އަހަރެން ކައިރި އަހާނުލާ ގުޅުން ކަނޑާލާވަރު މީހަކާ އެއްކޮށް އަހަރެންނަށް އުޅެވޭނެތަ؟ އެއީ އަދި ތެދެއް ކަމުގައިވިޔަސް އޭނާ އަހަރެން ކައިރިން އެކަން އޮޅުންފިލުވަން ނޫޅުނުކަމީ އޭނާވެސް އަހަރެންނާ އެއްކޮށް އުޅެން ބޭނުން ނުވާކަމުގެ ހެއްކެއް. ޝައިނާ ކީއްވެ އޭނަގެ ވާހަކަ ތި ފެށީ. އަހަރެން އައިމަ އުނދަގޫ ވަނީތަ؟ ފޮނުވާލަން ބޭނުންވަނީތަ؟" ރާހިލް ހިތްހަމަ ނުޖެހޭގޮތް ދައްކައިކަމުން ބުންޏެވެ.

"ޕިސް. ނޫން ދެން އެހެނެއް ނޫނޭ. އަހަންނާ ހެދި ވި ކަމެއް ވީމަ. ދެން އޯކޭ. އަހަރެން ހަމަ ބަލާލީ" ޝައިނާ ބުންޏެވެ. ދެމީހުންގެ ވާހަކަ އެހިސާބުން ހުއްޓުނީ މީހާކު ދޮރުގައި ޓަކި ޖަހައިލިން އަޑު އިވުމުންނެެވެ.

"އިޝީ. ހާދަ ހެނދުނަކާ. ޝިމާން ވީ ކޮޓަރީގަ" ދޮރު ހުޅުވައިލިއިރު ކުރިމަތީގައިހުރި އިޝްވާފެނި ޝައިނާ އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ.

"އޯކޭތަ އަހަރެން ވަދެލިޔަސް؟" ޝިމާންގެ ކޮޓަރީގެ ދޮރަށް އިޝާރާތްކުރަމުން އިޝްވާ އަހައިލިއެވެ. ބަދަލުގައި ޝައިނާ ބޯ ޖަހައިލުމުން އިޝްވާ ގޮސް އެކޮޓަރިއަށް ވަނެވެ. ބަނޑުވަތަށް ވާގޮތަށް އެނދުގައި އޮށޯވެގެންއޮތް ޝިމާންފެނި އިޝްވާގެ ހިތް މޯޅިވިއެވެ. ކައިރީގައި ހުރި ސައިޑްކަބަޑުގެ މަތީގައި ބާއްވައިލެވިފައި އޮތް މުސްހަފު އިޝްވާގެ ލޮލުގައި އަޅައިގަތެވެ. ނިޔާވި މައިންބަފައިންގެ މައްޗަށް ގުރުއާންކިޔަވަން ޝިމާން އިންކަން އެނގުމުން އިޝްވާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"މާނޫ…" އިޝްވާގެ އަޑު ޖެހުމާއެކު ޝިމާން އެނދުގައި ފުރޮޅިލަމުން އުއްޑުން ޖެހިލިއެވެ. އަދި ތެދުވެ ހެޑް ބޯޑުގައި ބާލީސް އަޅުވައިލަމުން ލެގިލިއެވެ.

"ބޭބް ހާދަ ހެނދުނަކާ." ޝިމާން ދެއަތުން މޫނުގައި އަތްހާކައިލަމުން ބުނެލިއެވެ. އެ ދެލޮލުން ރޮއެފައިހުރި ކަމުގެ ނިޝާންތައް ފާޅުވާން ހުރިނަމަވެސް އިޝްވާ އެކަން ފާހަގަ ކުރާކަށް ބޭނުމެއް ނުވިއެވެ.

"މާނު ނުކައި ހުންނާނެކަން އެނގޭތީ. ތެދުވަންވީނު އެއްޗެއް ކާލަން. އައި މޭޑް ލެމަން ކޭކް. ޔޯ ފޭވްރިޓް." އިޝްވާ އެނދުގައި އިށީނދެލަމުން ޝިމާންގެ އަތުގައި ހިފައިލިއެވެ. އަދި އޭނާ ގެނައި ކޭކުތަށީގެ މަތި ނެގިއެވެ.

"ބޭބް ކައިފިންތަ؟" ޝިމާންގެ އަނގަޔަށް ކޭކުކޮޅު ލަވަން އިޝްވާ ހިއްލާލި އަތުގައި ހިފަމުން ޝިމާން އަހައިލިއެވެ

"މާނު ނުކައި ހުރިކަން އެނގިހުރި އިޝީ ކިހިނެއް ކާނީ؟" އިޝްވާ އިސްޖަހައިލަމުން ބުންޏެވެ. "އިޝީ ހާދަ ހިތްވަރު އެބަ ކުރަމޭ. އިޝީއަށްވެސް އެނގޭ މާނު ދެރަވާނެކަން. އެކަމަކު ތިގޮތަށް އަމިއްލަ މީހާއާ ދޭތެރޭ ފަރުވާކުޑަ ކޮށްލީމަ އިޝީވެސް ކިހާ ދެރަވާނެ" ލޮލުން ނީރައިލިކަރުނަތިކި ފޮހެލަމުން އިޝްވާ ބުންޏެވެ.

"ހޭ ރޮނީތަ؟ ޑޯންޓް ކްރައި ބޭބް. ބަލަ އަހަރެން މި ކެއީ އެއްނު؟ ބޭބްވެސް ވާނެ ކާން" ޝިމާން އަވަހަށް ކޭކުކޮޅު ހަފައިލަމުން އިޝްވާގެ މޫނުގައިވާ ކަރުނަތައް ފޮހެލައިދިނެވެ. އިޝްވާ ގަދަކަމުން ހިނިތުންވެލިއެވެ. ޝިމާން ފުންނޭވާއެއް ދޫކޮށްލަމުން އިޝްވާގެ ދެއަތުގައި ހިފައިލިއެވެ.

"އިޝީ. އަހަރެންނަށް އަދި ޓައިމްކޮޅެއް ދީ. މީ… މީ އަހަރެންނަށް އެއްވެސް ހާލެއްގައި ފަސޭހަ މަރުހަލާއެއް ނޫން. އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު ދެމީހުން އަހަންނާ ވަކިވެގެން އެ ދިޔައީ. މިހާރު ސިސްއާ އިޝީ ފިޔަވައި އިތުރު މީހެއް އަހަރެންގެ ހަޔާތުގައެއް ނެތް. ހައްގު ތެދެއް މި ބުނަނީ. މިހާރު އަހަރެންގެ ދިރިއުޅުމުގެ ހުރިހާވެސް މަގްސަދަކީ ތީ. އިތުރު އެއްވެސް މީހެއް އަހަރެންގެ ނެތް. އަހަރެންނާއެކު ހުރެދެއްޗޭ" ޝިމާން އިޝްވާގެ އަތުގައި ބޮސްދިނެވެ. އިޝްވާވެސް ބޯ ޖަހައިލިއެވެ. ކުރިމަތިވެފައިވާ ބަނަ ދުވަސްތަކާއި ދެމީހުން އެކީ ކުރިމަތިލާން ވައުދުވިއެވެ.

ދެމަސް ދުވަސް ފަސް….

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ވަރަށް ވަރަށް ރީތި. ސިފަކުރުންތައް ވަރަށް ފުރިހަމަ. ހޮސްޕިޓަލްގެ މަންޒަރުތައް ހީވީ ލޮލަށް ފެނުނުހެން. ހަމަ ރޮވިއްޖެ. އަނެއްބަޔަށް ކެތްމަދު….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *