ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ފުުރުޞަތު ނުދެއްވާނެ ކަމަށާއި، އެކަން ކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
އާޒިމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، އެމްޑީޕީން ބޭނުންހާ ގޮތެއް ހަދަން އެ ޕާޓީން ފުރުސަތު ދީގެން ބަލަން ނުތިބޭނެ ކަމަށެވެ.
އާޒިމް ވިދާޅުވީ، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވެފައިވާއިރު، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އަނެއްކާވެސް އެ ޕާޓީ ބޮޑުތަނުން ބަލިވާނެ ކަމަށެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބެގެން، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތެއް، އެ ފުރުސަތެއް ނުދޭނަމޭ،" އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ދައުލަތުގެ ހުރިހާ ބާރެއް ލިބިގެން ވެސް އެ ޕާޓީއަށް އެއްވެސް ނަތީޖާއެއް ނުނެރެވި ރައްޔިތުންގެ ކުރިމަތީގައި ފެއިލްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނާޤާބިލު ކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑިމޮކްރެޓްސް އިން އެ ފުރުސަތު ނުދޭނަން." އާޒިމް ވިދާޅުވިއެވެ.
ނަޝީދު ވަކިކުރަން ވެސް އުޅެނީ، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ކުރިމަތިލައްވަން ޖެހުނު ބޮޑު ނާކާމިޔާބީ އަށް ފަހު އެމަނިކުފާނުގެ ހިތަށް ތަސައްލީއެއް ގެނެސްދިނުމަށްޓަކައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިންމާހާ ހިނދަކު މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ދެން ނުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ބަލައިނުގަންނާނެ ކަމަށް ވެސް އެ ޕާޓީން ވިދާޅުވެއެވެ.
ރިޔާސީ އިންތިހާބުގެ ކުރިން ވެސް ނަޝީދު ވަކިކުރަން އެމްޑީޕީން މަސައްކަތް ކުރެއްވިނަމަވެސް، އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދެވިއެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބޭއްވޭނެ ކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށް، އަންނަ އާދިއްތަ ދުވަހަށް ޖަލްސާ ތާވަލުކޮށް، އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ ްއަނެއްކާވެސް އެޖެންޑާކޮށްފައެވެ. މަޖިލީހުގެ އިދާރާއިން އާންމުކުރި އާދިއްތަ ދުވަހުގެ އެޖެންޑާގައި އޮތީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުން އެކަނިކަން ފާހަގަކޮށްލެވެއެވެ.