20 ދުވަހުގެ ހަނގުރާމައަށްފަހު، ޙަމާސްއިން ބުނީ ބައްޓަންކުރެވިފައިވާ ގޮތަށް، ރަނގަޅަށް ޖިހާދު ކުރިއަށްދާނެ ކަމަށް

20 ދުވަހުގެ ހަނގުރާމައަށް ފަހު، ޙަމާސްއިން ބުނަނީ ބައްޓަންކުރެވިފައިވަނީ ރަނގަޅަށް ކަމަށާއި، ހައްދުފަހަނަ އަޅާފައިވާ އިޒުރޭލާ ދެކޮޅަށް ކުރަމުންދާ ޖިހާދު ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް، ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ވިދާޅުވެއްޖެއެވެ.

ފަލަސްޠީނަށް މިނިވަންކަން ހޯއްދަދިމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާޢަތުގެ ޕޮލިޓިކަލް ބިޔުރޯގެ ޗީފް އިސްމާޢީލް ހަނިއްޔާ ބުރާސްފަތި ދުވަހު ދެއްވި ވީޑިޔޯ މެސެޖެއްގައި ވިދާޅުވެފައިވަނީ، ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި އިޒުރޭލުގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ޖިހާދު ދަނީ ރަނގަޅު މިސްރާބަށް ކަމަށާއި، މިހާރު ކުރަމުންދާ ޖިހާދު ނިންމާލާނީ، ފަލަސްޠީނުން ބީވެފައިވާ ބިންތައް އަނބުރާ ހޯދުމަށްފަހުގައި ކަމަށެވެ.

ހަނިއްޔާ އިތުރަށް ވިދާޅުވެފައިވަނީ، ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި ހިންގަމުންދާ އަސްކަރީ ކެމްޕޭނުގައި، ޔަހޫދީން ފޭރިގަތްފައިވާ ބިންތައް އަނބުރާ ހޯދުމަށް އެކި މަރުޙަލާތައް ކަޑައްތު ކުރައްވާނެ ކަމަށާއި، ޒައިނިސްޓުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އަޅުވެތިކުރުމަށް ހިންގަމުންދާ ޕްރޮޖެކްޓާ ދެކޮޅަށް ހަނގުރާމަކޮށް ޤައުމަށް ނަޞްރު ހޯއްދަވައިދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، ފާއިތުވި 20 ދުވަހުގެ ހަނގުރާމަ ލީޑްކުރަމުން ގެންދާ "އަލްޤަސަމް ބްރީގޭޑުން" ޔަހޫދީ އިޒުރޭލުގެ ފައުޖުތަކާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށާއި، ޣައްޒާގެ ބޯޑަރ ހިމާޔަތްކުރުމުގައި ފަސްނުޖެހި ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި ޖިހާދު ކުރިއަށްދަނީ އެންމެ ރަނގަޅަށް ބައްޓަން ކުރެވިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙަމާސްގެ ޗީފް ވިދާޅުވީ، އިޒުރޭލުން ކޮށްފައިވާ އަޅުވެރިކަން ބަލައި ނުގަނެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުމާ އަނިޔާތައް ތަޙައްމަލު ނުކުރެވޭނެ ކަމަށާއި، މިހާރު ކުރަމުންދާ ޖިހާދުގެ ވައްޓަފާޅި ކުރިއާ ޚިލާފަށް ބަދަލުކޮށް، އަމާޒަށް ވާސިލުވާނެ ކަމަށާއި، އިންސާފެއްނެތް އަނިޔާތަކުން ހައްދުފަހަނަ އަޅާފައިވާ އިޒުރޭލުން ދީފައިވާ އަނިޔާތަކަށް ނިމުމެއް ގެންނާނެ ކަމަށެވެ.

ހަނިއްޔާ ގޮވާލެއްވީ، އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، ކުރެވެން ހުރި މަސައްކަތްތަކުގައި ޤައުމުތަކުން ވާގިވެރިވުމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 6,546 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 2,360 އަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 17,400 އަށްވުރެ އިތުރުވެފައެވެ.

ޔަހޫދީ ވަޒަންވެރިންގެ ހަމަލަތައް ހުއްޓައިލަން ގޮވައިލެއްވި ނަމަވެސް، އެ ކަން ހުއްޓުވަން ޒަޔަނިސްޓު އިސްރާޢީލަށް ބާރު އަޅުއްވާނެ ކަން، ނުވަތަ އެ ކަމާ ގުޅިގެން އަޅުއްވާނެ ފިޔަވަޅުތަކެއް ވެސް ބައިޑަން ހާމަ ކުރައްވާފައެއް ނުވެއެވެ. ފާހަގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ، ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ޢާންމުންނަށް ހަމަލަދެނީ، ޔަހޫދީ އަސްކަރިއްޔާގެ ހިމާޔަތުގެ ދަށުގައި ތިބެގެން ކަމެވެ.

ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު އިތުރަށް ވަރުގަދަ ކުރުމަށް އެއްގަމު މަގުން ޣައްޒާއަށް އެރުމަށް އެ މީހުން ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާ ކައިރިއަށް 300,000 އަށްވުރެ ގިނަ ސިފައިންގެ ލަޝްކަރަކާއި އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރު ވަނީ ޖަމާކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، އެ ކަން ހުއްޓުވަން އެމެރިކާއިން އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމުގައެވެ. އަދި، އެއްގަމު މަގުން އޮޕަރޭޝަނެއް ނުފަށާނެ ކަމުގެ ޔަގީންކަން އިސްރާޢީލުން ހޯއްދަވާފައި ނުވާނެ ކަމުގައެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު