Thursday, 18 April 2024

ރައީސް ޞާލިޙް، އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށް ހުރަސްއަޅުއްވާނެ ކަމަށް ޤަބޫލެއް ނުކުރަން: ޑރ.ޝަހީމް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހަލާކު ކޮށްލެއްވުމަށް މަސައްކަތް ކުރައްވާފަނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިންތިޤާލީ މަރުހަލާގެ ނަމުގައި ރޭ ސަންގުޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ޝަހީމް ވިދާޅުވީ، ރައްޔިތުން މުއިއްޒު ހޮވައި، އިންތިގާލީ މަރުހަލާގެ ކަންކަން ތަރުތީބު ކުރެވިގެންދާ ގޮތާއި ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ބަލާއިރު، މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން ރައީސް، ޞާލިހު މަސައްކަތް ކުރައްވަފާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ ހިތެއް ނުބެނޭ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހަލާކު ކޮށްލެއްވުމަށް މަސައްކަތް ކޮށްފާނެ ކަމަކަށް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އާ ރައީސަކު ހުވާ ކުރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެކަމަކީ އެއީ ޤައުމީ ކަމެއް ކަމުން، އެކަމުގައި އެމްޑީޕީން ވެސް ވަރަށް ޒިންމާދާރު ކަމާއި އެކީ މަސައްކަތް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހުވާ ކުރެއްވުމުގެ ކުރިން އެމްޑީޕީގެ ތެރޭގައި ޖެހިފައި އޮތް މައްސަލަ ޙައްލު ކުރަން ޖެހޭ ކަމަށް ފާހަގަކުރައްވަމުން، ކޮންމެ ގޮތެއް ވިއަސް އެފަދަ ބޮޑު ހަފްލާއަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށާއި އެކަން އެގޮތަށް އޮތް ނަމަވެސް، ރައްޔިތުން ނުކުމެ، މުއިއްޒުގެ ހުވާ ކުރުވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޑރ، ޝަހީމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"އެގޮތުން މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުމެން އެދެނީ. ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އެކަމަކު މީގެކުރިން އަސްލަމް ވިދާޅުވެފައިވަނީ، އާ ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުުރައްވާނެ ކަމަށާއި، އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައި، ރޮޒެއިނާ ވެސް ވިދާޅުވެފައިވަނީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *