ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެއްވެސް ސަބަބަކާއި ހުރެ ގޮތެއް ނުނިމި އޮތުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ގާނޫނުއަސާސީއާއި ގާގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ދުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެއްވެސް އިތުރު ކަމަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެކަމަށް އެޕާޓީގެ ޕާލިމަންޓް ގުރޫޕުން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި، ޑރ. ޑީޑީ ވިދާޅުވީ އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި، މަޖިލީސް އެކުލަވާލުމުގެ ދުސްތޫރީ ބާރަށް ހުރަސް އެޅުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައިގައި ފާހަގަ ކުރެވޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ އެ މަޖިލީހުގެ ހިންގުމުގެ ގަވައިދާއި އެއްގޮތަށް ސައްހަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވާންވާނެ ކަމަށެވެ.
އަދި، އެ ޖަލްސާޔައަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ފާހަގަކުރި އެވެ. ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި ހަވާލާދެއްވައި ޑރ. ޑީޑީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައި ވާއިރު، އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާއި ބެހޭގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި، ނުވަތަ އެނޫން ވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ގަވައިދުގައިވާގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ގާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެކަމަށް ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައި، ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށް ފަހު، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ޕާލަމެންޓަރީ ޕްރެކްޓިސްތަކާ ހިލާފުކަމެއްކަމަށެވެ. އޭގެ ސަބަބަކީ، ޑރ. ޑީޑީ ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުންގެ އިތުބާރު އަމަލީގޮތުން ގެއްލިފައިވާ ފަރާތެއް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީއެވެ.
މީގެއިތުރުން ޑރ. ޑީޑީ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރ 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިހާބު ކުރެވިފައިވާ އިންތިހާބީ ރައީސް މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ، ޤާނޫނުއަސާސީއާއި ޤާނޫނީ ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫންކަމެވެ. އިތުރުކަމެއްގެ ގޮތުގައި ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ގަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމަކަށް ނުވާއިރު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށެވެ. އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކޭކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.
މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.
"އެގޮތުން މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުމެން އެދެނީ. ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.
އެކަމަކު މީގެކުރިން އަސްލަމް ވިދާޅުވެފައިވަނީ، އާ ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުުރައްވާނެ ކަމަށާއި، އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައި، ރޮޒެއިނާ ވެސް ވިދާޅުވެފައިވަނީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.
އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.