ހުވާކުރުމުގެ ރަސްމިއްޔާތަކީ، ޞައްޙަ ޖަލްސާއެއްކަން ކަށަވަރުކުރާނަން: އެމްޑީޕީ

އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ޖަލްސާއެއްކަން ކަށަވަރުކުރާނެކަމަށް އެމްޑީޕީއިން ހާމަކުރައްވައިފިއެވެ.  މިކަން ހާމަކުރައްވާފައިވަނީ އެމްޑީޕީއިން އިއްޔެ އާންމު ކުރި ބަޔާނެއްގައެވެ.

އެ ޕާޓީއިން ނެރުއްވި ބަޔާނުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކުރުމާއިއެކު ފެންމަތިވަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، މައްސަލަ މަޖިލީހަށް ހުށައެޅި އެޖެންޑާކުރެވިފައިވަނިކޮށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާއި ހިލާފަށް މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށާއި އެެހެންކަމުން އެ އަމަލު އެމްޑީޕީއިން ކުށްވެރިކުރާކަމަށެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމަކީ މެމްބަރުންގެ ތާއީދާއި އިތުބާރު ނެތި ހިފެހެއްޓޭނެ މަގާމެއް ނޫން ކަމަށާއި، އަދި މަގާމުގައި ހުންނަންވާނީ އިތުބާރު ނެތްކަމުގެ ވޯޓަކާއިވެސް ކުރިމަތިލާން ކެރޭ ވަރުގެ މީހެއްކަމަށާއި، އެ މީހަކީ ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރާ މީހަކަށް ވާންޖެހޭކަމަށެވެ.

އެމްޑީޕީއިން ވިދާޅުވެފައިވަނީ، މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތް ރައީސްއަކަށް އެންމެ ރީތި ގޮތަކީ އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށާއި، އެހެންނަމަވެސް ރައީސް ނަޝީދުގެ ފާރާތުން ފެނިގެންދަނީ ޑިމޮކްރެސީގެ ހަމަަތަކާއި އެއްކިބާވާ މަންޒަރުކަމަށެވެ.

ރިޔާސީ އައު ދައުރެއް ފެށުން ކައިރިވެފައިވާކަމަށް ވުމުން ޤާނޫނު އާސަސީގެ ބާރު ކަނޑުވާލައި ގަވައިދާއި ހިލާފަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދޭނެކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުތައް ބައްޓަންކޮށްފައިވަނީ އެއްވެސް މީހަކަށް ޤާނޫނު ހެދުމުގެ ބާރު ހިސޯރު ނުކުރެވޭ ގޮތަށް ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިހާބުކުރާ މަންދޫބުންތަކެއްގެ މައްޗަށް އެކުލެވޭ ދައުލަތުގެ އެއްބާރުކަމަށްވުމުން ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދުގެ މަހްފޫމަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުންކަމަށާއި އެހެންކަމުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މައްސަލަ ނިންމުމަށް ގޮވާލާކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕީޖީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

"އެގޮތުން މަޖިލީހުގެ ރިޔާސަތުގައި ގަދަބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުމެން އެދެނީ. ކުރިމަތީގައި ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ހިމެނޭ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން 29ގެ ވޯޓު ނުނަގާ ކުރިއަށް ގެންދެވިދާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.

އެކަމަކު މީގެކުރިން އަސްލަމް ވިދާޅުވެފައިވަނީ، އާ ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުުރައްވާނެ ކަމަށާއި، އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައި، ރޮޒެއިނާ ވެސް ވިދާޅުވެފައިވަނީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.

އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ރައިއްޔަތުންހޮވި ބަޔަކަށް މަޖުލިސްމެންބަރުންވާއިރު، މަޖުލިސްމެންބަރުންހޮވި ގިނަރައިއްޔަތުންހޮވި ރައީސަކު ހުވާކުރުމަށް ހުރަސްއެޅުމަކީ ގާނޫނީގޮތުން ކުށަކަށްނުވަނީތޯ؟ އެމްޑީޕީއާއި ރނަޝީދުގެ ހަސަދައާ ފިތުނައިގެތެރެއަށް، މިލޮބުވެތިގައުމު ގަންބާލާ ގައުމު ޣަރަގުކޮށް ފަނާކޮށް ނެތިކޮށްލެވޭނެކަމަށް އެމްޑީޕީން ހީކުރުމަކީ އެމްޑީޕީގެ ނުކުޅެދުންތެރިކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު