މީސްތަކުންގެ ދެކެ ލޯބިވުމަށް ބާރުއަޅައި، އިންސާފުވެރިކަމާއެކު މުއާމަލާތުކުރުމަށް ޚުޠުބާގައި ގޮވާލައްވައިފި

އަމިއްލަ ނަފްސުދެކެ ލޯބިވާ މިންވަރަށް މީސްތަކުން ދެކެ ލޯބިވުމަށް ބާރުއަޅާއި މުޢާމަލާތު ކުރާއިރުވެސް ވިސްނުންތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތުކޮށް ހިތްހަރުކަމާއި ހަރުކަށިކަމުން ދުރުވުމަށް، މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

"މުޢާމަލާތް ކުރުމުގެ އަޚްލާޤު" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުޠުބާގައިވަނީ، އަމިއްލަ ނަފްސުދެކެ ލޯބިވާ މިންވަރަށް މީސްތަކުން ދެކެ ލޯބިވުމަށް ބާރުއަޅާއި މުޢާމަލާތު ކުރާއިރުވެސް ވިސްނުންތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތުކޮށް ހިތްހަރުކަމާއި ހަރުކަށިކަމުން ދުރުވުމަށް ނަސޭހަތްތެރިވެފައެވެ.

ޚުޠުބާގައި ވިދާޅުވީ، މުސްލިމުންނަކީ ހިތްތިރި މުޢާމަލާތް ކުރުން ރިވެތި މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބައެއް ކަމަށާއި، އެމީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެއް ކަމަށާއި، މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެއް ކަމަށެވެ. އަދި މިސިފަތަކުގެ ވެރި މުއުމިނުންނަށް މާތް ރަސްކަލާނގެ ނަރަކަ ހަރާމް ކުރައްވާނެ ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

"ޙިކުމަތާއި ރިވެތި ވައުޟާއެކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް ކަލޭގެފާނު ގޮވާލައްވާށެވެ. އަދި ރިވެތި ގޮތުގައި އެއުރެންނާ ޖަދަލުކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ މަގުން އެއްކިބާވަ މީހުން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ". ޚުޠުބާގައި ވިދާޅުވިއެވެ.

މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ މީސްތަކުންނަށް ހެޔޮ ފޯރުވާން ޖެހޭނެ ކަމަށާއި އެ މީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވާން ޖެހޭނެ ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

"އެ މީހުންގެ އައިބުތައް ވަންހަނާ ކުރަން ޖެހޭނެ އެވެ. އެ މީހުންގެ ކުށް ހޯދައި އެ މީހުން ބޭޒާރުކޮށްގެން ނުވާނެ އެވެ. އެ މީހުންނަށް ފުރައްސާރަކޮށް މަލާމާތްކޮށްގެން ނުވާނެ އެވެ. އެ މީހުންގެ އަބުރަށް އަރައިގަނެގެން ނުވާނެ އެވެ. މުއުމިނުންނަކީ ބަސްމަގު ރިވެތި ހިތް ސާފު މީހުންނެވެ." ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މީސްތަކުންނާ ވާހަކަ ދައްކާއިރު، އެކުވެރިކަން ދެމެހެއްޓޭ ގޮތަށް ރިވެތި ބަހުރުވައިން ވާހަކަ ދެއްކުމަށް ވެސް މިއަދުގެ ޚުޠުބާގައި ގޮވާލައިފައި ވެއެވެ.

"އާއިލާގެ ތެރޭގައި ރިވެތި ބަހުން ވާހަކަ ދައްކާނަމަ ދަރީން ތިވެތި ބަހުން ވާހަކަ ދައްކާނެއެވެ. ހުތުރު ބަހުން ވާހަކަ ދައްކާނަމަ ދަރީންނަށް ދަސްވާނީ އެބަހެވެ. ބަސް މޮށުމުގައި ހުތުރު ބަސްތަކާ ދުރުހެލިވާން ޖެހޭނެއެވެ. ނެތި މޮށުމާއި އާޑަ ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ފަދަ ދުލުގެ އާފާތްތަކާ ދުރުހެލިވާން ޖެހޭނެއެވެ." ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މުސްލިމަކީ މުއާމަލާތް ކުރާއިރު ވިސްނުންތެރިކަމާއި އިންސާފުވެރިކަމާއެކު މުއާމަލާތް ކުރާ މީހާއެވެ. އޭނާއަކީ މީސްތަކުންނާ މުއާމަލާތް ކުރުމުގައި ހިތްހަރުކަމާއި ހަރުކަށިކަމުން ދުރުހެލިވާ މީހާ ކަމަށް ވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުތުބާގައި ބުނީ އެހެން މީހުންނާއި މުއާމަލާތު ކުރާއިރު، އެމީހުންގެ ރައުޔަށާއި، ޚިޔާލަށް އިޙުތިރާމް ކުރަންޖެހޭ ކަމަށާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ މިންގަނޑުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށެވެ. އޮފީހެއްގެ ވެރިއެއް ކަމުގައި ވިޔަސް، މުއައްސަސާއެއްގެ ވެރިއެއް ކަމުގައި ވިޔަސް މެނޭޖަރަކަށް ވިޔަސް، އޭނާގެ ދަށުގައި މަސައްކަތް ކުރާ މީހުންގެ ޚިޔާލަށާއި، ރައުޔަށް އިޙުތިރާމު ކުރާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ތަނެއް ކުރިއަރާނީ އެތަނެއްގެ އެންމެންގެ ލަފަޔާއި މަޝްވަރާ ހޯދައިގެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބޭންކުތަކުގެ ވެރީންނަށާއި، މުއްސަނދީންނަށް މާތް ރަސްކަލާންގެ އަންގަވަނީ ރިބާގެ އުސޫލުތަކާއި ދުރުހެލިވެ ދަރަނި ދިނުމުގައްޔާއި ދަރަނި އަދާކުރުމުގައި ލުއި ފަސޭހަކޮށް މުއާމަލާތު ކުރުމަށް ކަމަށެވެ. މީހުންލައްވާ މަސައްކަތް ކުރުވާ މީހުން ވެސް އެމީހުންނާމެދު މުއާމަލާތު ކުރާންޖެހޭނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި، މަސައްކަތުގެ ވެރިފަރާތުން މަސައްކަތު މީހާގެ ހައްގުތައް ނުހިފެހެއްޓުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އިސްލާމް ދީން ބިނާވެފައިވަނީ މުއާމަލާތުގެ ރިވެތިކަމުގެ މައްޗަށް ކަމަށާއި، އަޅުކަންތައް އަދާކުރުމުގެ އިތުރަށް ދޭދޭ އަފްރާދުންގެ މެދުގައި ކުރެވޭ މުއާމަލާތު ރަނގަޅުނުކޮށް އާހިރަތް ބާއްޖަވެރިއެއްނުވާނެ ކަމަށެވެ. ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މުއާމަލާތުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ސީދާކުރެވޭ މުއާމާތުތައް އެކަނި ނޫން ކަމަށާއި، ނުސީދާކޮށް އެކިއެކި މީޑިއާތަކުގެ ފަތުރާ ވާހަކަތައް ވެސް ހިމެނެނީ މުއާމަލާތުގެ ތެރޭގައި ކަމަށާއި، ހޮޅުއަށިތަކާއި މައިޒާންތަކުގެ ދައްކާ ވާހަކަވެސް ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނަކީ ބިނާކުރުމުގެ ދީންކަން ބުނެދެމުން ހުތުބާގައިވަނީ ތަރައްގީއާއި ތަހުޒީބުގެ މައިދާނުގައި ކުރިއެރުން ހޯދޭނީ ރައްޔިތުންގެ މަދުގައިވާ ގުޅުންތައް ހަރުދަނާކޮށްގެންކަމަށް ބުނެދީ އަހަރެމެންގެ ބިނާ ހަރުދަނަ ކުރެވޭނީ މާތް ﷲއަށް ކިޔަމަންގަތުމުގެ އަސާސްގެ މަތީގައިި ރައްޔިތުންނާއި ހާކިމާ އާ ދެމެދުވާ ގުޅުން ބަދަހިކޮށްގެންކަމަށް ހުތުބާގައި ވަނީ ބުނެދީފައެވެ. އަދި ކޮންމެ މީހަކުވެސް އަނެކާއާމެދު ހިތް ހެޔޮކޮށް ޝައްކާއި ވަހުމު ފިލުވާލުމަށް ހުތުބާގައި ގޮވާލިއެވެ.

" ތިޔަބައިމީހުން ކުށްހީއާ ދުރުވާށެވެ. ފަހެ ހަމަކަށަވަރުން ހީއަކީ އެންމެ ދޮގުވެރި ވާހަކައެވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އުނި ސިފަ ހޯދައި ނޫޅޭށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ޖާސޫސު ނުކުރާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ހަސަދަވެރިނުވާށެވެ. އަދި ފުރަގަސް ނުދޭށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ރުޅި ނާންނާށެވެ. މާތްﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުންތަކެއްކަމުގައިވާށެވެ". ޚުޠުބާގައި ވިދާޅުވިއެވެ

ޚުޠުބާ ނިންމާލަމުންވަނީ ތަޤްވާވެރިކަމާއި ވަރަޢަވެރިކަން ކިތަންމެ ބޮޑު މީހަކު ނަމަވެސް ހެއްކެތް ގަރީނާއެއް ނެތި މީހަކު ބަދުނާމުކުރުމުގެ ނިޔަތުގައި ކުރާ ކަންތަކާއި ދައްކާ ވާހަކަތަކަކީ މީހާ ނަރަކަވަންތަވެރިއަކަށް ވުމަށް ފުދިގެންވާ އަމަލެއްކަން ހަނދާންކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު