އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ޕީޕީއެމް ޕީއެންސީން ވިދާޅުވީ، މި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. އެހެންކަމުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޕީޕީއެމް ޕީއެންސީން ވަނީ ދަޢުވަތު އަރުވާފައެވެ.
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސެން މުޙައްމަދު ލަތީފް ވަނީ މިދިޔަ ހުކުރު ދުވަހު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. ބޯވިއްސާރައިގެ ސަބަބުން އިންތިޚާބީ ރައީސްގެ ވާހަކަކޮޅު ކުރުކޮށްލައްވައި، ހުޅުމާލޭގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރެއްވުން ކުރިއަށް ގެންދެވިއެވެ.
އެދުވަހު އެމަނިކުފާނަށް ތާޢީދުކުރައްވާ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ވިދާޅުވީ، ވީ ވަޢުދާ އެއްގޮތަށް މާލޭ ސިޓީ އަދި ހުޅުމާލެއަށް އަދި ޖުމްލަކޮށް މުޅި ރާއްޖެއަށް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓް ހެދުމުގެ މަރުޙަލާ ފުރިހަމަކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެއްކަމަކަށް ހިމަނާފައި އޮންނާނީ ކުރިންވެސް ވިދާޅުވި ގޮތަށް ހިޔާ ފުލެޓް ޓަވަރުތަކުގައި އިތުރު ލިފުޓް ހަރުކުރައްވާނެ ކަމަށާއި އެގޮތުން ކޮންމެ ޓަވަރަކަށް 2 ލިފްޓް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ބުނެފަ އޮންނާނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދޭނަމޭ، ކޮންމެ ޓަވަރަކަށް ދެ ލިފްޓް އަންނާނެ. އެއް ލިފްޓަކީ ސްޓްރެޗަރ އެރުވޭވަރުގެ ބޮޑު ލިފްޓެއް، އަނެއް ލިފްޓަކީ ގާތް ގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް. އެހެންވީމަ ކޮންމެ ޓަވަރަކަށް އިރާދަކުރެއްވިއްޔާ ދެ ލިފުޓް އަންނާނެ." އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ވީ ވަޢުދާ އެއްގޮށް ހުރިހާ ކަމެއް ތަންފީޒުކޮށްދެއްވާނެ ކަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭ ފެސް ދޭއްގައި ދިރިއުޅެމުންދާ ގިނަ ރައްޔިތުންތަކެއް ބައިވެރިވިކަން ފާހަގަކުރެވެއެވެ.