Saturday, 13 April 2024

3،000 ކުޑަކުދިން ޝަހީދުކޮށްލައިފި؛ ޓެރަރިސްޓް އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް

އަނިޔާވެރި އިސްރާއީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގާ ޖަރީމާތަކާއި ޤަތުލުއާންމުތަކުގެ ސަބަބުން ޣައްޒާގެ 3،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.

ޓެރަރިސްޓް ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަމުންދާއިރު، އޮކްޓޯބަރު 7 އިން ފެށިގެން އިސްރާޢީލުގެ ފައުޖުތަކުން ޣައްޒާގައި ހިންގާ ޖަރީމާތަކާއި ޤަތުލުއާންމުތަކުގެ ސަބަބުން ޣައްޒާގެ 3،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާކަމަށް ފަލަސްތީނުގެ ޞިއްޙަތާބެހޭ އިދާރާތަކުން ހާމަކުރައްވާފައިވެއެވެ.

އަލް ޖަޒީރާގެ ނޫސްވެރިން ބުނީ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ޣައްޒާއަށް ދެމުންދާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް ޔަހޫދީ ފައުޖުތަކުން އިތުރު ކޮށްފައިވާ ކަމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލިފާން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމަށާއި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑު ކަމުގައި ވެސް އެ ނޫހުގެ ރިޕޯޓަރުން ބުނެއެވެ.

އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލުގައެވެ. އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ ކަމަށާއ،ި މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ފައުޖުތަކުން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފައެވެ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން އަޅަމުން ކަމަށް ޚަބަރު ލިބެއެވެ.

އެއްގަމު މަގުން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް އަރައިފިނަމަ، ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައި އ.ދއިން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,326 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3,000 ޅަކުދިންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *