3 ނޮވެންބަރު 2024

ލޯ ތޮޅުމުގެ ޙަޤީޤަތަކީ ކޮބާ؟

"ލޯ ތޮޅުމަކީ ކޮންކަހަލަ ކަމެއްތޯ؟" މި ސުރުޚީގެ ދަށުން އައްޝައިޚް މުޙައްމަދު ޝާފިޢު، ޝެއިޚްގެ ބްލޮގުގައި (shafiu.mv) ލިޔުއްވާފައިވާ ލިޔުއްވުމަށް ބަލާލާއިރު، ލޯ ތޮޅުމާ ބެހޭ ގޮތުން ދިވެހި މުޖްތަމަޢުގައި ބޯދާ، އަޞްލެއްނެތް ޤަބޫލު ކުރުންތަކެއް އޮންނަކަން ފާހަގަކުރައްވަމުން، އެއީ ހަމައެކަނި ދިވެހި މުޖްތަމަޢުގައި އޮންނަ ޚުރާފީ ޤަބޫލުކުރުމެއް ނޫން ކަމަށް ޝެއިޚް ޝާފިޢު ވިދާޅުވެފައިވެއެވެ.

"ބޭރުގެ ބައެއް މުޖްތަމަޢުތަކުގައިވެސް އޮންނަ ޤަބޫލު ކުރުމެކެވެ. އެގޮތުން ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި ކަނާއަތު ލޯ ތޮޅުމަކީ އެއީ ރަނގަޅު ކަމެއް ވާން އުޅޭ ކަމުގެ ނިޝާނެވެ. އަދި ވައަތު ލޯ ތޮޅުމަކީ ގޯސްކަމެއް ނުވަތަ ބަދު ނަސީބުކަމެއް މެދުވެރިވާން އުޅޭ ކަމުގެ ނިޝާނެވެ. މިފަދަ ބޯދާ ޤަބޫލު ކުރުންތަކާމެދު އިސްލާމްދީން ދެކެނީ ކިހިނެއްތޯ، އަދި އެފަދަ ކަންކަމުގައި އެއްވެސް ޙަޤީޤަތެއް ވޭތޯ، އެއީ ކިހިނެއް ދިމާވާ ކަމެއްތޯ މިއީ ހިތުގައި އުފެދިދާނެ ބައެއް ސުވާލުތަކެވެ." ޝެއިޚް އެ ލިޔުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ފުރަތަމަކަމަކަށް، ލޯ ނުވަތަ ހަށިގަނޑުގެ އެހެން އެއްވެސް ގުނަވަނަކަށް ތޮޅުން ނުވަތަ އެފަދަ ކަމެއް ދިމާވުމަކީ އެއީ އެއްވެސް ޙާލެއްގައި ހެޔޮ ނުވަތަ ނުބައި ކަމަކާއި ގުޅުން ހުރި ކަމެއް ނޫން ކަން ފާހަގަކުރައްވަމުން، އެއީ ހަށިގަނޑަށް ކުރިމަތިވާ ތަބީޢީ ކަމެއް ކަމަށާއި، އިންސާނާގެ ހަށިގަނޑުގައި ޣައިބު އެނގޭ އެއްވެސް ގުނަވަނެއް ނުވާ ކަމަށް ޝެއިޚް ވިދާޅުވެފައިވެއެވެ.

ޝެއިޚް ޝާފިޢު ވިދާޅުވެފައިވަނީ، ރަނގަޅު ކަމެއް ވާން އުޅޭކަން ނުވަތަ ނުބައިކަމެއް ވާން އުޅޭކަން އިންސާނާގެ އެއްވެސް ގުނަވަނަކަށް ނޭނގޭނެ ކަމަށާއި، އެއީ ޣައިބުގެ ޢިލްމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި، އެއީ ހަމައެކަނި ﷲ އަށް ޚާއްޞަވެގެންވާ ކަންކަން ކަމަށެވެ.

އެފަދަ ބޯދާ ޤަބޫލު ކުރުންތައް ޤަބޫލު ކުރުމަކީ އެއީ އެ ޤަބޫލު ކުރާ ގޮތަކުން ޝިރުކަށްވެސް ހިނގައިދާނެ ކަމެއް ކަމަށް ވިދާޅުވެ، އެއީ ޖަހިލިއްޔަ ޒަމާނުގެ ޚުރާފާތްތަކުގެ ތެރެއިން ނަޤުލުވެފައިވާ ކަންކަން ފާހަގަކުރައްވާ ސުންޕާކަން ޤަބޫލުކުރުމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅު، އެ ލިޔުއްވުމުގައި ގެންނަވާފައިވެއެވެ.

عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَال : لَا عَدْوَى وَلَا طِيَرَةَ “. رواه البخاري (5776) ومسلم (2224)

އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ބަލި އެއީ އޭގެ ޛާތުގައި ﷲ ގެ އިޛްނަފުޅާ ނުޅާ އެކަކު އަނެކެއްގެ ގައިންގަޔަށް އަރާ އެއްޗެއްކަމުގައި ޤަބޫލުކުރުމާއި ސުންޕާކަން ޤަބޫލުކުރުމެއް ނުވެއެވެ."

"މިޙަދީޘްގައި މިވާ ޠީރަތު އަކީ ސުންޕާކަމެވެ. އެއީ އުދުހިފައިދާ ދޫންޏަކުން ނުވަތަ އިވޭ އަޑަކުން ނުވަތަ ފެންނަ ކޮންމެވެސް އެއްޗަކުން ތިމާއަށް ނުވަތަ ތިމާކުރަން އުޅޭ ކަމަކަށް ދެރަކަމެއް ނުވަތަ ސުންޕާކަމެއް މެދުވެރިވެދާނެ ކަމަށް ޤަބޫލު ކުރުމެވެ. މިސާލަކަށް؛ ކަމެއް ކުރަން އުޅޭ ވަޤުތު ކާޅެއް، ބަކަމޫނެއް، ނުވަތަ ދޫންޏެއް ގޮވާލައިފިނަމަ، އެކުރަން އުޅޭ ކަމެއް ހުއްޓާލުން، އެކަމުގެ ސަބަބުން ދެރަކަމެއް ވަނީ ކަމަށް ޤަބޫލުކުރުމެވެ. ފަހެ ލޯ ތޮޅުންވެސް ވަންނަނީ މީގެ ތެރެއަށެވެ. އެއީ ލޯ ތޮޅުމަކީ ރަނގަޅު ކަމެއް ވާން އުޅޭ ކަމަށް ނުވަތަ ގޯސްކަމެއް ވާން އުޅޭކަމަށް ޤަބޫލުކުރުމެވެ. މިއީ ތައުޙީދާ ފުށުއަރާ ކަމެކެވެ." ޝެއިޚް ޝާފިޢު ވިދާޅުވެފައިވެއެވެ.

ކަނާތު ލޯތޮޅުމަކީ ހެޔޮ ކަމެއް ކަމުގައި އަދި ވާތު ލޯ ތޮޅުމަކީ ނުބައި ކަމެއް ކަމުގައި ނުވަތަ އެއީ އަންހެން ކުއްޖެއް ލިބެން އުޅޭ ކަމުގެ ޢަލާމާތެއްކަމުގައި ނުވަތަ އެހެން ކަމެއްގެ ޢަލާމާތެއް ކަމުގައި ޤަބޫލުކުރުމަކީ ﷲ އާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެއްވެސް ދަލީލެއް އެކަމުގައި އައިސްފައިވާ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަން އިޢުތިޤާދުކޮށް ގަބޫލު ކުރުމަކީ ޖާހިލިއްޔަތުގެ ނުބައި ޢަޤީދާ ތަކުގެ ތެރެއިން ވާ ކަންކަން ކަމަށް ޝެއިޚް ފާހަގަކުރެއްވިއެވެ.

"އަދި އެއީ ﷲ އާމެދު އޮންނަ ޢަޤީދާއަށް ބުރޫއަރައި، ﷲ އާ މެދު އޮންނަ އިތުބާރާމެދު ޝައްކުއުފެދޭނޭ ކަމެކެވެ. ﷲ އަށް ވަކީލުކުރުން ނަފީކުރާ ކަމެކެވެ." ޝެއިޚް ޝާފިޢު ވިދާޅުވިއެވެ.

ދެވަނަކަމަކަށް، ލޯތޮޅުމަކީ ކީއްވެގެން ދިމާވާކަމެއްތޯ، މި ސުވާލުގެ ޖަވާބުގައި ޞިއްޙީ މާހިރުން ވިދާޅުވަނީ އެއީ ހަށިގަނޑަށް ދިމާވާ ބައެއް ޙާލަތްތަކުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް ފާހަގަކުރައްވަމުން، އެކަމުގެ ބައެއް ސަބަބުތަކުގެ ތެރޭގައި ވަރުބަލިވުމާއި ހާސްވެ ކަންބޮޑުވުމާއި، މާގިނައިން ކެފެއިން ބޭނުން ކުރުމާއި، ލޯ ހިކުން ފަދަ ސަބަބުތައް ބައެއް މެޑިކަލް ލިޔުންތަކުގައި ޛިކްރުކޮށްފައިވާ ކަމަށް ޝެއިޚް ޝާފިޢު އެ ލިޔުއްވުމުގައި ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު