ގޯއްޗާއި ފްލެޓަށް އެދި ހުށައެޅި ދެވަނަ ބުރުގެ ފޯމުތައް ބާޠިލުނުކުރާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވެއްޖެ

މިސަރުކާރުގެ ގެދޮރުވެރިޔާއާއި ބިންވެރިޔާ މަޝްރޫއުގެ ދެވަނަ ބުރުގައި ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމްތައް ބާތިލް ނުކުރާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އެއްވެސް ކަމެއްގައި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިގެން ނުވާނެކަމަށާއި، ގެދޮރުވެރިކަމަކީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ މުހިންމު އެއް ސިޔާސަތުކަމަށެެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ މިހާތަނަށް ފައްޓަވާފައިވާ ގެދޮރުވެރިކަމުގެ އެއްވެސް މަޝްރޫޢުއެއް ނުހުއްޓުވާނެކަމަށާއި، އެ މަޝްރޫޢުތަކުން ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށް، ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ލިބޭ ހިސާބަށް ގެންގޮސްފިނަމަ އެގޮސްފައިވާ ހިސާބަކުން އެ މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ފަށްޓަވާނެކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ އެއްވެސް އެޕްލިކޭޝަނެއް އަލުން ހުށަހަޅަން ނުޖެހޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ވީހާވެސް ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށްވުރެ ރަނގަޅަށް އިންސާފުވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"މިހާރު ކުރިއަށްގެންދާ މަރުހަލާގައި އިތުރަށް ފުރިހަމަ ކުރެވޭނެ ކަންކަން ހުރިކަމަށް ވަންޏާ ރައްޔިތުންނަށް އޭގެއިން އެންމެ އިންސާފުވެރި ވާނެ ގޮތަކަށް އޭގެ ފުރުސަތު ދޭނަން. އެހެން ނަމަވެސް، އެއްވެސް ބޭފުޅެއްގެ އެޕްލިކޭޝަނެއް ބާތިލްކުރަން ޖެހި އަލުން ހުށަހަޅަން ޖެހޭ ކަހަލަ އުނދަގުލެއް ދިމާވާކަހަލަ ކަމެއް ނުކުރާނަން. މިސާލަކަށް މިދައުރު ނިމުމުގެ ކުރިން އެއްކޮށް ޕްރޮސެސްކޮށް ނިންމާ ފައިނަލް ލިސްޓް ނެރި އެކަމުގައި ޔަޤީންކަމެއް ދެވޭ ހިސާބަށް ގެންގޮސްފިއްޔާ އެ ގެންދިޔަ ހިސާބުގައި ހިފަހައްޓާނަމޭ." ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ، ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށާއި، މާލޭ ސަރަހައްދުން އެކަނިވެސް 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އެގޮތުން ފުށިދިއްގަރު ފަޅުގެ ޕްރޮޖެކްޓަކީ އެންމެ ބޮޑު ޕްރޮޖެކްޓްކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދެތިން މަސް ދުވަހުގެތެރޭގައި ފަށްޓަވާނެކަމަށެވެ.

އިންތިޚާބީ ރައީސް މިހެން ވިދާޅުވެފައިވާއިރު، ދެވަނަ ފިޔަވަހީގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު، މި ދައުރު ނިމުމުގެ ކުރިން ކަނޑަނޭޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ފްލެޓާއި ގޯތި ދިނުމުގެ ދެވަނަ ބުރުގައި. 4000 ގޯއްޗާއި، 6000 ފްލެޓަށް ސަރުކާރުން ހުޅުވާލީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރަށް ހަފްތާއަކަށްވެފައިވަނިކޮށެވެ. ކުރިމަތިލުމަށްދިން މުއްދަތު މިދިޔަ އަންގާރަ ދުވަހަށް ހަމަވެފައިވާއިރު، 40،000 އަށްވުރެ ގިނަ މީހުން ގޯއްޗާއި ފްލެޓް ބޭނުންވެގެން ފޯމު ހުށަހެޅިކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ފޯމުގެ އަދަދު

  • ގޯއްޗަށް އެދި 19347 ފޯމު
  • ފްލެޓަށް އެދި، 21247 ފޯމު
  • ޖުމްލަ އަދަދު 40594 ފޯމު

ފޯމު ހުށައެޅުމުގެ މަރުހަލާއަށްފަހު ދެން މަސައްކަތް ކުރިއަށްދާނެގޮތާއި ގުޅޭގޮތުން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފޯމުތައް އިވެލުއޭޓްކުރުން ކުރިއަށްގެންދާނީ ކިހިނެއްތޯ ބަލަމުންދާ ކަމަށާއި، މިއީ ވަރަށް ބޮޑު، ބުރަ މަސައްކަތެއްކަމަށާއި މިދައުރުގެ ތެރޭގައި އެކަމުގެ މަސައްކަތްތައް ނުނިމޭނެކަމަށެވެ.

ފޯމުތައް ރިވިއުކޮށް ވަގުތީ ލިސްޓް ނެރޭނެ ވަގުތު، މި ދައުރު ބަދަލުވުމުގެ ކުރިން ނެތްކަމަށެވެ. ނަމަވެސް ލިސްޓް އެކުލަވާލަން ކުރަންޖެހޭ މަސައްކަތްތަައް ފަށްޓަވައިގެން ކުރިއަށްގެންދާކަމަަށް އަކްރަމް ވިދާޅުވިއެވެ.

މިކަމާއިމެދު ޢަމަލުކުރާނެ ގޮތަކާއި ގުޅޭގޮތުން އިންތިޚާބީ ސަރުކާރާއެކު އަދި އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދަވާކަމަށް ވިދާޅުވެ، ޢަމަލުކުރައްވާނެ ގޮތެއްވެސް ކަނޑަނާޅުއްވާކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.

ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންނާއި ބިން ހަވާލުކުރައްވަން ފަށްޓަވާފައިވީނަމަވެސް އެއްވެސް ފްލެޓެއް މިހާތަނަށް ހަވާލުކުރައްވާފައެއްނުވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ވިދާޅުވަމުންގެންދަވާ ވާހަކައަކީ، އެއްވެސް ރައްޔިތަކަށް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ އެއްޗެއް އަތުނުލައްވާނެކަމުގެ ވާހަކަކަމަށެވެ. ޚާއްސަކޮށް މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް ލިބުނު މީހުންނަށް، ލިސްޓްގައި ވާގޮތަށް ގޯއްޗާއި ފްލެޓް ލިބޭނެކަން ކަށަވަރުކުރައްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އޭރު ރިޢާޔަތްކުރައްވަމުން ގެންދެވީ ފުރަތަމަ ބުރުގައި ގޯއްޗާއި ފްލެޓް ދެއްވުމަށް ކަނޑައެޅި ލިސްޓަށްކަމަށެވެ.

އޭގެ ފަހުން އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް ހުޅުވާލި ފުރުޞަތާމެދު ކަންތައް ކުރައްވަނެ ގޮތަކާއިމެދު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ޑރ.މުޢިއްޒުގެ މެނިފެސްޓޯގައިވެސް ހައުސިންގެ ބިޔަ މަޝްރޫޢެއް މާލޭގައި ހިންގެވުމަށް ވަނީ ޕްލޭންކުރައްވާފައެވެ. އެގޮތުން މިހާރު މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކުގެ އިތުރުން، އެމަނިކުފާނުގެ ބޮޑު ތަޞައްވުރެއް އޮތީ ފުށިދިއްގަރު ފަޅު ޕްރޮޖެކްޓަށެވެ.

އެ ފަޅު ހިއްކުމަށްފަހު، 11000 ގޯއްޗާއި، 20000 ފްލެޓް އެތަނުގައި ތަރައްޤީކުރައްވާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވެފައިވާއިރު، މި ޕްރޮޖެކްޓްގައި ދޫކުރައްވާނީ 1600 އަކަފޫޓުގެ ގެތައްކަމަށާއި، ފްލެޓްތަކުގައި އެންމެ ކުޑަވެގެން 1400 އަކަފޫޓު ހުންނާނެކަން ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު