ދެމަސް ދުވަސް ފަސް….
މެންދުރުގެ ހޫނުގަދަ ވަގުތު ޝައިނާމެން ގޭގެ ސިޓިންގްރޫމްގައި ރާޒުވާ މެޗެއްގެ ފޯރި ހިއްޕައިލައިފައި ހުއްޓެވެ. މޭޒުގެ ދެފަރާތުގައި ރާހިލް އަދި ޝައިނާ ތިބިއިރު އެދެމީހުންނަށް ސާބަސް ދިނުމުގައި އުޅުނު އިޝްވާއާއި ޝިމާންގެ ފޯރިވެސް ވަކި ކުޑައެއްނޫނެވެ.
"ކަމޯން ސިސް… މިހާތަނަށް ޗެސް އިން ދޮންބެ ބަލިކުރި ހަމައެކަނި މީހަކީ ސިސް.. ޔޫ ކޭން ޑޫ އިޓް އަގައިން" އިޝްވާ ޝައިނާއަށް ސާބަސްދިނުމުގެ ގޮތުން ބުންޏެވެ.
"ކަމޯން ބޭބޭ. މިފަހަރު މޮޅުވާން ވާނެ.. އިޓްސް ޗެސް. އިޓްސް އަ މޭންސް ގޭމް. މި އަންހެންވެރިންނަށް ހުރިހާ ކަމަކުން މޮޅު ލިބުނަދީގެން ނުވާނެ" އިޝްވާގެ ވާހަކައާ ވިއްދައި ޝިމާންވެސް ރާހިލްގާތު ކިޔަމުން ދިޔައެވެ. ރާހިލްއާ ޝައިނާ އެކަކު އަނެކަކަށް ބަލައިލަމުން އިތުރަށް މެޗުގެ ތެރެއަށް ވަނެވެ. ދެމީހުންގެ ކުޅުންވެސް އެހާމެ ވާދަވެރިއެވެ. ކުޅުން މަޑުޖެހިލި ވަގުތު ރާހިލް ޝައިނާއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ. އެތުންފަތަށް ވެރިވި ކާމިޔާބީގެ ހިނިތުންވުންފެނި ޝައިނާއަށް ގޯހެެއް ހެދިއްޖެކަން ރޭކައިލިއެވެ.
"ޗެކްމޭޓް" ރާހިލް ދެގޮޅި ކުރިއަށް ކުޅެލަމުން އިސްއުފުލައިލުމެއްނެތި ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ޔެސް!!!" ޝިމާން ރާހިލްއާ 'ފިސްޓް ބަމްޕް' ކޮށްލަމުން ބުންޏެވެ.
"ދެން ވަރަށް ފޫހިވޭ މި ދޮންބެގަނޑު އަދި ވަރަށް ފޮނިވާނެ މޮޅު ވިއްޔާ" އިޝްވާ ސޯފާއިން ބާލީހެއް ނަގައި ރާހިލްގެ މޫނުމަތީގައި ޖެހިއެވެ. އެއާއެކު ރާހިލްގެ ހުނުމުގެ އަޑު އިވުނެވެ.
"އޯކޭ އޯކޭ. ތި ދެމީހުންނަކާހެދި ބްރޭކަށް މި އާދެވޭ ކުޑަ ވަގުތުކޮޅުވެސް މި ޖެހެނީ ކޮންމެވެސް ސަކަރާތެއް ޖަހަން. މިހާރު ބަނޑުހައިވެއްޖެ" ޝައިނާ އިންތަނުން ތެދުވަމުން ބަދިގެއާދިމާލަށް ހިނގައިގަތެވެ.
"އޯކޭ ސިސް. ދަނީ އިނގޭ. ބޭބޭ. ސިސް ވައްޓާލަދޭނަން ދޯ އޮފީހަށް އަހަރެން މި ދަނީ ސިސްގެ ސައިކުގަ" ޝިމާން އިޝްވާއާއެކު އެގޭ ދޮރުން ނުކުންނަމުން ބުންޏެވެ. ރާހިލް ނިކަން އަވަހަށް އެއްބަސްވެލިއިރު ހީވަނީ ޝިމާން އެހެން ނުބުނެގެން ހުރިހެނެވެ.
"ރާހިލް މިހާރު އަބަދު މިގެއަށް އައިސް އުޅޭތީ ޝިމާންއަށް އީދެއް އައިސްގެން އުޅޭހެން ދޯ ހީވަނީ. 18 އަހަރު ވީ ފަހުން އަބަދުވެސް އުޅޭނީ އަހަރެންގެ ސައިކަލު ހުސްނުވެގެން. ރަށުން ބޭރަށްވެސް ނުގޮސްގެން ހުންނާނީ. މިހާރު އަހަރެންގެ ހުރިހާ ކަމެއް ރާހިލްގެ ބޮލަށް ޖަހާލާފަ ދޯ އެ ހުންނަނީ" ޝައިނާ އޭނާގެ ގާތަށް އައިސް ހުއްޓިލި ރާހިލްއާ ވާހަކަ ދެއްކިއެވެ.
ޝައިނާގެ ބޮޑުދައިތަމެންގެ މަރަށްފަހު އެކަމުން އަރައިގަތުމަށް ހޭދަވި ދުވަސްތަކުގައި ގިނަ ވަގުތުތަކެއް ރާހިލްވަނީ އެމީހުންނާއެކު ހޭދަކޮށްފައެވެ. އެއީ ޒީވާއަށް އެދުވަސްކޮޅު ހުރެވެން ނެތީތީ ޒީވާގެ ބަދަލުގައި ޒީވާގެ އެދުމުގެ މަތިން ކުރި ކަމެއް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ރާހިލްއާ ޝައިނާގެ ގުޅުން ކުރިއާ ބަލާއިރު ރަނގަޅުވެފައިވެއެވެ. ޝިމާންއާވެސް ގާތް ރަހްމަތްތެރިކަމެއްވަނީ އުފެދެން ފަށައިފައެވެ.
"އަހަރެންނަށް އެހާ އުނދަގުލެއްނުވެޔޭ. ތީ މާގިނަ ތަންތަނަކަށް ދާ މީހެއްވެސް ނޫނެއްނު. އެހެންނޫނަސް ހުކުރު ދުވަހު މެންދުރު ލަޒާންޏާ ގަނޑެއް ހަދާފަ އަހަންނަށް ކާންގުޅީމަ ދެން މިކަން ހަމަހަމަވީ ކަމަށް ބަލާ" ރާހިލް ބުނެލިއެވެ. ދެމަސްދުވަހުގެ ތެރޭގައި ޝައިނާހެދި ގިނަ ކާއެއްޗެހީގެ ރަހަ އެނގިފައިވާއިރުވެސް ރާހިލްއަށް އެންމެ ރަހަމީރު އެއްޗަކަށް ދިމާވީ ޝައިނާ ހަދާ ލަޒާންޏާއެވެ.
"ވަރުގަދަ ލަޒާންޏާއެއް ދޯ ކާންދެވިފަ މިއޮތީ" ޝައިނާ ސަމާސާގޮތަކަށް ބުންޏެވެ.
"ޔެސް. އިޓްސް ދަ ބެސްޓް. މޭބީ އިވަން ބެޓަރ ދޭން ދަ ވަން އައި ހެޑް އިން އިޓަލީ. ޝެފްސް ކިސް" ރާހިލް އިޓަލީ ވިލާތުގެ ޝެފުން ކުރާ އިޝާރާތާ އެއްގޮތަށް އިނގިލިތަކުގެ ކުރީގައި ބޮސްދިނުމަށްފަހު ހުވަފެނީ ގޮތަކަށް ވައިގެ ތެރެއަށް އިނގިލިތަށް ހުޅުވައިލިއެވެ.
"އަހަހަ. އޯކޭ އޯކޭ. ތިވަރަށް ހުޝާމަތު ނުކުރިޔަސް ތި ލަޒާންޏާއެއް ކާންދެވިދާނޭ. އެކަމަކު މިހާރަކު އެ ހަދާނެހާ ވަގުތެއް ނެތް. އެހެންވިމާ މިގަޑީ ދެވޭނެ އެއްޗެއް އަވަހަށް ބުނޭ. ޖޫސް އޯކޭތަ؟" ޝައިނާ އައިސް އަލަމާރި ހާވަމުން ބުންޏެވެ.
"ޝައިނާ ދީފިއްޔާ ޒަހަރެއްވެސް ބޮއެފާނަން. އެކަން އެނގެއެއްނު؟" ރާހިލް ބުންޏެވެ.
"އެއްކަލަ ރާހިލް." ޝައިނާ ރާހިލްގެ ވާހަކަ ގަބޫލު ނުކުރާފަދައަކުން ކަޅި އަނބުރައިލިއެވެ.
"ކިހިނެއްވީ. ގަބޫލު ނުކުރެވެނީތަ؟" ކުއްލިއަކަށް ރާހިލް ޝައިނާއާ ގާތްވެލަމުން އަހައިލިއެވެ.
ރާހިލްގެ އެހަރަކާތުގެ ސަބަބުން ޝައިނާގެ ހިތް ނުތަނަވަސް ކުރުވިއެވެ. ނަމަވެސް އެއީ އުފާވެރި އިހުސާސެއް ގެނުވާ ނުތަނަވަސް ކަމެކެވެ. ފަހަކަށް އައިސް ރާހިލްގެ ފަރާތުން ފެންނަ އެފަދަ ފަރުވާލެއްނެތް އަމަލުތަކުން އޭނާއަށް ކުރުވާ އިހުސާސްތަކާމެދު އުފެދޭ ބިރުވެރިކަމުގެ ސަބަބުން ގެނުވާ ނުތަނަވަސް ކަމެކެވެ.
"ނަސީބުދެރަކަމުން މިވަގުތަކު ޒަހަރެއް ނެތް. ޖޫސް؟" ޝައިނާ ރާހިލްއާ ވީ ފަޅިއަށް އެނބުރިލަމުން ޖޫސްތަށި ދިއްކޮށްލިއެވެ. އަދި ދުރަށް ހިނގައިގަތެވެ. އޭރު ރާހިލް މައުނަވީ ހިނިތުންވުމަކާއެކު ޝައިނާގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ.
***********
އާރް.އެލް ހޯލްޑިންގްސްގެ އޮފީސް އިމާރާތުގެ ކުރިމައްޗަށް ޝައިނާ ގޮވައިގެންއައި ރާހިލްގެ ސައިކަލު ހުއްޓާލިވަގުތު އިމާރާތަށް ވަންނަންދިޔަ ރިއާން ބޮލުގެ އިޝާރާތުން ރާހިލްއަށް އައުމަށް އެންގިއެވެ. އެހެންވެ ކައިރި ހިސާބަކަށް ސައިކަލު ޕާކުކޮށްލުމަށްފަހު ރާހިލްވެސް ޝައިނާއާއެކު އިމާރާތަށް ވަންނަންދިޔައެވެ. ޝައިނާ ކުރީގައި ބަހައްޓައިގެންހުރެ ރާހިލްއާއި ރިއާން ހިނގަމުންދިޔައިރު ރިއާން ލޮލުގެ އިޝާރާތުން ޝައިނާ ދައްކައިލަމުން ކިހިނެއްވީހޭ އަހައިލިއެވެ. ރާހިލް ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ. ލިފްޓުގައި ހުރިއިރު ޝައިނާގެ އިސްތަށިގަނޑުން ދުވަމުންދިޔަ މީރުވަސް ރާހިލްގެ ނޭފަތުގައި ޖެހުމާއެކު އޭގައި ދަމާބާރެއް އެކުލެވިފައިވާ ފަދައިން ރާހިލްއަށް ކުރިއަށް ޖެހިލެވުނެވެ. އަދި ލޯ މަރައިލަމުން ބޯ ކުޑަކޮށް ތިރިކޮށްލައި އެ އިސްތަށިގަނޑުން ވަސްބަލައިލިއެވެ. ރިއާންއަށް އެ މަންޒަރު ފެނުމާއެކު ކަރުކެހިލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލިއެވެ. ފަހަތުގައި ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނުވާހާލު ޝައިނާ އޭނާގެ ޑިޕަރޓްމެންޓް ހުންނަ ފްލޯއަރ ހުޅުވުނު ލިފްޓުގެ ދޮރުން ނުކުތެވެ.
"ހާދަ ވަރެއް ވެފައޭ ދޯ" ރިއާންއަށް އެންމެ ސިކުންތެއްވެސް އިތުރަށް ރާހިލްއާ ދިމާކޮށްނުލައި ނުހުރެވުނެވެ.
"އަހަރެންނަކަށް ނޭނގެ ތި ކިޔާ އެއްޗެއް" ފޯނަށް ކަޅިހުއްޓާލައިގެންހުރެ ރާހިލް ބުންޏެވެ.
ލިފްޓްގެ ދޮރު ހުޅުވުމުން ދެމީހުން އެކުގައި ރިއާންގެ ކެބިންއަށް މިސްރާބު ޖެހިއެވެ. އެތެރެއަށް ވަދެވުމާއެކު ރާހިލް ސޯފާއަށް ޖެހިގަންނަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ ފޯނަށް ހުއްޓިފައެވެ. އިނގިލި ތަކުގެ ހަރަކާތްތަށް ހުރިގޮތުން ކޮންމެވެސް މީހަކާ މެސެޖުން ވާހަކަ ދައްކަނީކަން އެނގުނެވެ. މާގިނައިރެއްނުވެ ރިއާން ދެ ކޮފީތަށި ހިފައިގެން އައިސް ރާހިލްގާތު އިށީނދެލިއެވެ. އޭނާއަށް ފޯނުގައި ޓައިޕްކުރަމުންދިޔަ ރާހިލްގެ މޫނުމަތީގައިވި ހިނިތުންވުމުން ވެގެންއުޅޭގޮތް ކޮންމެވެސް ވަރަކަށް ރޭކައިލިއެވެ. އޭނާ އެތަނުގައި އިށީންކަންވެސް ރާހިލްއަށް ނޭނގޭ ކަހަލައެވެ. ރިއާން އަނެއްކާވެސް ކަރުކެހިލިއެވެ.
"ރޯގާ ޖެހުނީތަ؟ ނޫނީ ކަރުގަ އެއްޗެއް އަޅައިގަތީތަ؟ ލިފްޓުގަ ހުރިއިރުވެސް ތި ކަރުކެހުން ނޫންކަމެއް ނުކުރޭ ވިއްޔާ" ރާހިލް ފޯނަށް ގެއްލިފައި އިނދެ ބުންޏެވެ.
"އޮފީސް ވަގުތު އަހަރެންގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސް އެޅޭހެން މެސެޖު ކުރަންޏާ އަހަރެންނަށް ފިޔަވަޅު އަޅަން ޖެހޭނީ އެ މުވައްޒަފަކާ ދޭތެރޭގަ އިނގޭ" ރިއާންގެ އިންޒާރާއެކު ރާހިލް ފޯނު ބާއްވައިލިއެވެ. އަދި ރިއާންއަށް ލޯ އަޅައިލަމުން މޭޒުމަތީގައިހުރި ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.
"މިރޭ ލަޒާންޏާ ހަދާދޭނަމޭ ޝައިނާ ބުންޏޭ" ރާހިލް ބުނެލިއެވެ.
"ހުމްމް. ލަޒާންޏާ ނަމުގަ އިތުރު އެއްޗެއް ނަހަދައްޗޭ އަނެއްކާ" ރިއާންވެސް ކޮފީއަށް އިންސާފު ކޮށްލިއެވެ.
"ކީކޭ ކިޔަން ތި އުޅެނީ؟" ރާހިލް އަހައިލިއެވެ.
"އަހަރެން މިވަރަކުން ރާހިލް މިހޯދީވެސް މި ވާހަކަ އަހަންވެގެން. އެންމެ ފަހުން ރާހިލް ތިކަން ނިންމީތަ؟" ރިއާން އިރުކޮޅެއްގެ ހިމޭން ކަމަކަށްފަހު އަހައިލިއެވެ.
"ތިބުނީ؟" ރާހިލްއަށް ރިއާންގެ ވާހަކަ ފަހުމެއް ނުވިއެވެ.
"ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް. މިބުނީ ޝައިނާގެ ކަންތައް. އަހަންނަށް އެނގޭ އެކަންތައް ވޭތޯކަން ރާހިލް އެވަރަކުން އެ ދަތުރުގަ ބައިވެރިވާން ނިންމީވެސް. އަހަރެން އެކަމާ އެހާ އަޅާނުލީ ރާހިލްއަށްވުރެ ބޮޑަށް ޝައިނާއަށް އަހަރެންގެ އިތުބާރު އޮތީމަ. އެކަމަކު މިފަހަކަށް އައިސް ރާހިލް ތި އުޅޭގޮތުން އަހަރެންނަކަށް ރާހިލްއަށް ތި ވެގެން އުޅޭ ގޮތެއް ނޭނގުނު" ރިއާން ބުންޏެވެ.
"އަހަރެންނޭ؟ އަހަރެންނަށް ކަމެއް ވެއްޖެތަ؟" ރާހިލް އާދައިގެ ރާގެއްގައި އަހައިލިއެވެ.
"ވީ ކިހިނެއްކަމެއް ރާހިލްއަކަށް ނޭނގޭތަ؟ އެރަށުން އައިއްސުރެން ޝައިނާއާ ބައްދަލުނުކޮށް ރާހިލް ހޭދަކުރި އެންމެ ދުވަހެއް ބުނެބަލަ. ހީވަނީ ރާހިލްއަށް ޝައިނާ ނުލާ މިހާރު ނޭވާވެސް ނުލެވޭހެން. ހޮސްޕިޓަލްގަ ޝައިނާއަށް އެހެންވީ ދުވަހު ރާހިލްއަށް ކޮށްފަހުރި އަސަރާއި މިއަދު ރާހިލްގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމާ… މި ހުރިހާކަމެއް ގުޅެނީ ޝައިނާއާކަން ނޭނގޭހާ އަހަރެންގެ ސިކުނޑި ޅައެއް ނޫނޭ. ވަޓް އިޒް ހެޕެނިންގް ޓު ޔޫ ބްރަދަރ؟" ރިއާން ބުންޏެވެ.
އެ ސުވާލާއެކު ރާހިލްއަށްވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރިއާން އޭނާއާ އެ ކުރިމަތި ކުރުވީ އެރަށުން ފަށައިގެން ރާހިލް އޭނާގެ އަމިއްލަ ނަފްސާ ކުރަމުން އަންނަ ސުވާލެވެ. ހާސްވެފައި އިނދެ ރާހިލްއަށް އެއްއަތުން އޭނާގެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލެވުނެވެ.
"ބަލަ ތީއެއްނު އަހަރެންގެވެސް މައްސަލައަކީ. އަހަރެންނަކަށްވެސް ނޭނގެ ވެގެން މި އުޅޭ ގޮތެއް. ޝައިނާ ފެނުނީއްސުރެން އަހަރެން މި ހުންނަނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގަ. ފުރަތަމަ އެކަމާ އުޅުނަސް އަހަރެން ފަހުން ޝައިނާގެ ކަންތަކަކާ ނޫޅެމޭ. ނޭނގެ. ބައެއްފަހަރު ވަރަށް ފޫހިވޭ. ރުޅިވެސް އާދޭ. އެކަހަލަ ގޮތްދޫނުކުރާ އަންހެނުންނަކީ އަހަރެންގެ ޓައިޕެއްވެސް ނޫން. އަނެއްބައި ފަހަރު ދުރަށްދާންވެސް އުނދަގޫ. ޝައިނާއާ އެހެންމީހަކު ކައިރިވިޔަސް އަހަރެންނަކަށް ހަޖަމެއްނުވޭ. ބައެއްފަހަރު ޝައިނާއާ ގާތުގައި ހުރެވޭއިރު ހަށިގަނޑު ގުޑާލަން އުދަނގޫ ވާހާ ނޭވާވެސް ކުރުވޭ…. އަނެއްބައިފަހަރު ހިތަށް އެހާ ހަމަޖެހުންލިބޭ… އައިމް ސޯ ކޮންފިއުޒްޑް.. ރިއާން އަހަރެންގެ މަގާމުގަ ހުރިނަމަ މިހާރު ދުނިޔެއިން މޮޔަވާނެ. މިދިޔަ ދެތިންމަސް ދުވަސް އަހަރެން މި ދިޔައީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް ކުރަމުން ކަހަލަ" ރާހިލްގެ ވާހަކަ އިވުމާއެކު ރިއާން ހިނިތުންވެލިއެވެ.
"ރާހިލްއަށްވެސް އެނގޭނެ އަހަރެންނަކީ މި ލޯބީގެ ފަލްސަފާތައް ގަބޫލުކުރާ މީހެއްނޫންކަން. އެއީ ފަހަރެއްގަ ލޯބިވުމަކީ އަހަރެންގެ ކެޕެބިލިޓީގަ ނެތްކަމެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ވެދާނެ. އެކަމަކު ރާހިލް ތިދެއްކި ވާހަކައިން އަހަރެންނަށް ހަމަ ސިފަވީ ފިލްމު ތަކުން ދައްކާ ކަހަލަ އާވާރާ ވެފައިވާ އާޝިގެއްގެ ވާހަކަ" ރިއާން މަޖާވެލައިފައި ރާހިލްގެ ވާހަކަ ތަކަށް ރައްދުދިނެވެ.
"ހަހަހަ. ރިއާން ދައްކާ ވާހަކަ. އަހަރެން ލޯބި ވަންޏާ ކީއްކުރަން ޝައިނާދެކެ ލޯބިވާންވީ؟ އެހެންނޫނަސް އަހަރެން އަދި ކައިވެންޏެއްގެ ހިޔާލެއްވެސް ނުކުރަން. މިކޮޅަށް ފުރަން އޮތްރޭ ފުރުސަތު ލިބުނީމަވެސް އަހަރެން ޝައިނާ އެކަހަލަ ގޮތަކަށް ޔޫސް ކުރާކަށް ނުކެރުނު…..ފަހަރެއްގާ ވެދާނެ ޒީމެންނާ ކްލޯޒް ވީމަ އަހަންނަށް ޝައިނާއާ ދޭތެރޭ ކެއަރ ކުރެވެނީ ކަމަށް." ރާހިލްވެސް ހިނިގަނޑެއް ޖަހައިލަމުން ރިއާންގެ ވާހަކައަށް ރައްދުދިނެވެ. ނަމަވެސް ރާހިލް އެހެން ބުނުމާއެކު ހަމަ ކުއްލިއަކަށް ރިއާންގެ މޫނަށް ސީރިއަސްކަން ވެރިވިއެވެ.
"ރާހިލް. ތި ބުނެވުނީ ކީކޭކަން އެނގޭތަ؟ ރާހިލްއަށް ފުރުސަތު ލިބުނީމަވެސް ޝައިނާގެ ބޭނުން ހިފަން ނުކެރުނޭ. އަހަރެން ދަންނަ ރާހިލްއަކީ އެކަހަލަ ކަމެއްގަ ނުކެރޭނެ ރާހިލްއެއްނޫން. އެކަން ނުކޮށް ދޫކޮށްލާނެ ރާހިލްއެއް ނޫން. އެހެންނޫނަސް މީގެ ކުރިންވެސް ރާހިލްއަކީ ވަކި ޒީގެ ރަހްމަތްތެރިންނަށް ބަލާ މީހެއް ނޫނެއްނު." ރިއާން ސީރިއަސް ވެލާފައި ބުންޏެވެ. ރާހިލްއަށް ފަހުމުވާނެ ފަދައިން އެއްޗެއް ވިސްނައިދޭން މަސައްކަތްކުރިއެވެ. ރާހިލްގެ މޫނުމަތިންވެސް ހިނިތުންވުން ފިލައިދިޔައެވެ.
"ރާހިލް.. މިފަހުން ރާހިލްގެ ކުރިމަތީގައި ހިނގައިދިޔަ ކަންތައް. ޝައިނާގެ ހާލަތު ފެނިފަ ރާހިލްއަށް ކޮށްފަ ހުރި އަސަރު އެންމެ ގާތުން ދުށް މީހަކީ އަހަރެން. ރާހިލް ކެރެންޏާ ބުނެބަލަ. ޝައިނާއަށް އޭރު ވީގޮތުން ރާހިލްއަކަށް އެއްވެސް އަސަރެއް ނުކުރެޔޭ. އެހެން އެއްވެސް ކުއްޖަކާ ޝައިނާއަކާ ތަފާތެއް ނެތޭ" ރިއާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ރާހިލްއަށް ރިއާންގެ ވާހަކަތަކާމެދު ވިސްނައިލެވުނެވެ. އޭނާގެ ހިތުގައި ޝައިނާއަށްޓަކައި އުފަންވަމުން އައި އިހުސާސްތަކާއިމެދުވެސް ވިސްނައިލެވުނެވެ. ރިއާން އެ ބުނި ފަދައިން އެހާދިސާއިން އޭނާއަށް އަސަރެއް ނުކުރާނެކަން ބުނެފިނަމަ އެއީ ހެދޭނެ ވަރަށްބޮޑު ދޮގެއްކަން ރާހިލްއަށް އެނގުނެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ކަންކަންވެސް ކޮށްފައެވެ. ފުން ކަނޑުތަކުގައި ފީނައި ބޮޑެތި ފަރުބަދަތަކުގެ މަތިން ފުންމައިފައެވެ. ވަލުޖަނަވާރުތަށް އުޅޭ ޖަންގަލިތަކުގައި އެތަކެއް ކޭމްޕެއް ޖަހައިފައެވެ. ނަމަވެސް ހޮސްޕިޓަލުގައި ޝައިނާއަށް ދިމާވި ކަންތައްތަކުގެ ސަބަބުން އޭނާ ގަތް ބިރަކީ ދުނިޔޭގެ އެއްވެސް ކަމަކާ ނުގަންނަ ވަރު ބިރެކެވެ.އެދުވަހު ޝައިނާގެ ހަށިގަނޑާއި ހިތުގައި އަޅަމުންދިޔަ ކޮންމެ ވޭނަކަށް ފަރުވާއެއްކަމުގައިވުމަށް އޭނާގެ ހިތް އެދެމުން ދިޔަކަމީ ރާހިލްއަށް ދޮގު ކުރެވެން ނެތް ހަގީގަތެކެވެ. އެހެންކަމުން ރިއާންދެއްކި ވާހަކަތަކާމެދު އޭނާ ވިސްނަންފެށިއެވެ.
"މިސާލަކަށް ރިއާން ތި ބުނިހެން އަހަރެންގެ ހިތުގަ ޝައިނާއާ ދޭތެރޭ ހާއްސަކަމެއް އޮތަސް ކުރާނީ ވަކި ކީއް. ޒީ ދުވަހަކުވެސް އަހަރެމެންގެ ގުޅުމާ ރުހޭނެތަ؟ ޝައިނާ އަހަރެން ގަބޫލު ކުރާނެތަ؟" އިރުކޮޅެއްގެ ހިމޭނަ ކަމަކަށްފަހު ރާހިލް ސުވާލު އުފެއްދިއެވެ.
"ތިއެއް ނޭނގެ. އެނގޭހާވެސް އެއްޗަކީ ރާހިލްގެ ކޮންފިއުޝަން މިހާރު ސާފު ވެއްޖެކަން. އެއީ އަހަރެން ބޭނުންވި ކަމަކީ" ރިއާން ކޮފީތަށި ހިފައިގެން ސޯފާއިން ތެދުވީ ރާހިލް ފުން ހިޔާލެެއްގެ ތެރެއަށް ދޫކޮށްލައިފައެވެ. ނަމަވެސް އެދުވަހު ރާހިލް އޭނާގެ ނިންމުން ނިންމިއެވެ. އޭނާއަކީ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ފަހުން ވާނެ ދެރައަކަށް ބެލުމެއްނެތި ހިތްއެދޭ ގޮތަށް ކަންތައްކުރާ މީހެކެވެ. ވީއިރު އޭނާ އެ ހިތުލި ކަންތައް އޭނާ ކުރާނެއެވެ. ފަސްއެނބުރިބަލާލާ ދުވަހަކުން ނުކުރެވުނު ކަމަކާ ހިތާމަކޮށް ރޯންޖެހޭވަރުކަމެއް ބޭއްވުމަކީ އޭނާގެ ގޮތެއްނޫނެވެ.
***********
ފަހަތުން އިވެމުންދާ ފިޔަވަޅުތަކުގެ އަޑަށް ސަމާލުކަންނުދީ ގެއާ ހަމައަށް ވާސިލުވެވޭތޯ ޒީވާ މަސައްކަތް ކުރަމުންދިޔައެވެ. މިއީ މާލޭގެ ކާރޫބާރޫބޮޑު މަގުތައްކަމާއި އޭނާ ނޫނަސް އެހެންމީހުން އެމަގުތަކުގައި ހިނގާ ބިނގާވެ އުޅޭނެކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުންދިޔައެވެ. މިހާރު އެހާދިސާ ހިނގައިދިޔަތާ ތިންމަސް ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އޭނާއަށް އޭގެފަހުން އެކަހަލަ ކަމެއް ދިމާވީކީ ނޫނެވެ. މީހެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވީކީ ނޫނެވެ. ނަމަވެސް މިފަހަކަށްއައިސް ޒީވާއަށް އުނދަގޫ ތަކެއްވަނީއެވެ. އަނެއްކާވެސް އޭނާއަށް އެމީހަކު ފާރަލަނީއޭ އޭނާގެ ހަވަނަ ހިއްސު ބުނެދެމުންދިޔައެވެ.
ގެއަށް ވަދެވުނުއިރު ޒީވާގެ ނިއްކުރީގައި ދާތިކިތައް ވިދަމުންދިޔައެވެ. ކަކުލުހުޅުން ވާގިދޫވާން އުޅޭ ކަމުގެ އިހުސާސާއެކު އޭނާއަށް ސޯފާއާހިސާބަށް ދެވުނީ ހަމަ ކިރިޔާއެވެ. ސޯފާގައި އިށީންދެވުނުއިރު ހާސްވެ މުޅިމީހާ ތުރުތުރު އަޅަމުންދިޔައެވެ. ލޮލުން ފައިބަމުންދިޔަ ކަރުނައިން އެ ދެކޯތާފަތް ތެމެމުންދިޔައެވެ. ސިޓިންގްރޫމްގައި އިތުރު މީހެެއްނެތްކަން އެއީ ނަސީބެކޭ ހިތަށް އެރި ވަގުތު ފަހަތުން ވާފިޔާގެ އަޑު އިވުނެވެ.
"ޒީ؟" ވާފިޔާ ގޮވައިލުމާއެކު ޒީވާ މޫނު ފޮހެލަމުން މަންމައާ ކުރިމަތިލިއެވެ. ނަމަވެސް އެ މޫނުގައިވާ އަސަރުތައް އެމަންމައަކަށް ސިއްރެއް ނުވިއެވެ. ވާފިޔާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ޒީވާގާތު ސޯފާގައި އިށީނެވެ. އަދި ލޯތްބާއެކު ޒީވާގެ ގައިގައި ބައްދައިލިއެވެ. އޭރުވެސް ޒީވާގެ ހަށިގަނޑުގައި މަޑު ތުރުތުރެއް ހަރުލައިފައިހުއްޓެވެ.
"މަންމާ…މަންމާ.. އަހަރެން.. އަނެއްކާ.. މީހަކު..ފާރަލަނީ ކަންނޭނގޭ" ޒީވާއަށް ވެގެން އުޅެނީ ކިހިނެއްކަން ވާފިޔާއަށް ރޭކައިލިއެވެ. އެއީ ތެދަކަށް ވެދާނެކަމުގެ ބިރު އޭނާގެ ހިތުގައިވެސް އުފެދުނެވެ. ނަމަވެސް އެވާހަކަ ބުނެ ޒީވާ އިތުރަށް ނުތަނަވަސްކުރުމުގެ ބަދަލުގައި އޭނާ އުޅުނީ ޒީވާ މަސަލަސްކުރެވޭތޯއެވެ.
"އެއީ ދަރިފުޅަށް އެކަމާ ދޭތެރޭ މާ ބޮޑަށް ވިސްނޭތީ ހީވާގޮތެއް ކަމުގައިވެސް ވެދާނެ.. ޒީ.. ދަރިފުޅު ބޭނުމިއްޔާ ވަޒީފާއަށް ނުގޮސް މަޑުކުރިޔަސް މަންމަމެންގެ މައްސަލައެއް ނެތޭ" ވާފިޔާ ބުންޏެވެ.
"މަންމާ ޕްލީޒް. އަހަރެންނަށް ކުރިންވެސް މިހެން ހިއެއް ނުވެއެއްނު. ގަބުލުކޮށްބަލަ. ހީވާ ގޮތެއްނޫނޭ.. އެކަމަކު މި ވަޒީފާ ދޫކޮށްލަން އަހަރެންގާތު ނުބުނޭ. މަންމައަށް އެނގެއެއްނު މީ އަހަރެން ކިހާ ބޭނުންވެގެން އަދާކުރާ ވަޒީފާއެއްކަން." ވާފިޔާ ޒީވާގެ ވާހަކައަށް ބޯ ޖަހައިލިއެވެ. އާއިލީ ވިޔަފާރީގައި މަސައްކަތް ކުރުމަށް ނާޝިދު އެދުނު އެދުމުގެ މަތިން ރާހިލްއާ އިޝްވާވެސް ވިޔަފާރީގެ ރޮނގުން ކިޔަވަން ހިޔާރުކުރި ކަމުގައި ވިޔަސް ޒީވާއަކީ އެންމެ ކުރިންވެސް ނަރުސްކަން ކިޔެވުމުގެ އަޒުމުގައި ގޮތްދޫނުކުރި ކުއްޖެކެވެ. ވީމާ އެ ވަޒީފާދެކެ ޒީވާ ލޯބިވާވަރު އޭނާއަށް އެނގެއެވެ. އެހެނަސް ޒީވާ ހިތްހަމަޖެއްސުމަށް ކިޔާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.
"ދަރިފުޅު ހާސްނުވޭ. މަންމަ މިރޭ ބައްޕައާ ތިވާހަކަ ދައްކާނަން. ތިކަން ނިމުމަކަށް ގެނެވޭނެ ކޮންމެސްގޮތެއް ހޯދާނަން. ކޮންމެސް ގޮތެއް. އިހަކަށް ދަރިފުޅު ދޭ ކުޑަކޮށް އަރާމު ކޮށްލަން.މަންމަ ކޮޓަރިއަށް ކާ އެއްޗެއް ފޮނުވާލާނަން. މަޑުކުރޭ އިޝްކޮއަށް ގުޅާލަން" ވާފިޔާ އެއްއަތުން ޒީވާގެ ގައިގައި ހިފަހައްޓައިލައިގެން އިނދެ އަނެއް އަތުގައި އޮތް ފޯނުން އިޝްވާއަށް ގުޅައިލިއެވެ. އިރުކޮޅެއްގެ ތެރޭ އިޝްވާ ސިޑިން ފައިބައިގެން އައިސް އެމީހުންގާތު މަޑުކޮށްލިއެވެ. އޭނާއަށްވެސް ޒީވާގެ ގައިގައި ހަރުލައިފައިވާ މަޑު ތުރުތުރު ފާހަގަކުރެވުނެވެ.
"ދޮންތީ. އޯ މައިގޯޑް ކިހިނެއް" އިޝްވާގެ ސުވާލު ނިމުމުގެ ކުރިން ވާފިޔާ ބޮލުގެ އިޝާރާތުން އެވާހަކަ ހުއްޓައިލުމަށް ބުންޏެވެ. އެހެންވެ އިޝްވާ އެވާހަކަ ކުރިއަށް ގެންދާކަށް ނޫޅުނެވެ. އަދި ވާފިޔާ އެދުނު ފަދައިން ޒީވާ ކޮޓަރިއާ ހަމައަށް ގެންގޮސްދިނުމަށް އެހީވިއެވެ. އެދެބެއިން އެތަނުން ދިޔުމާއެކު ވާފިޔާވެސް އިތުރަށް އެތަނުގައި މަޑުކުރުމެއްނެތި ގޮސް ކޮޓަރިއަށްވަނެވެ. ދޮރުފަތުގައި ލެގިލަމުން އެނދުގައި އިން ފިރިމީހާއަށް ބަލައިލިވަގުތު އޭނާގެ ހުރިހާ ހިތްވަރެއް އެލިގެންފިޔަ ކަހަލައެވެ. ލޯބިވާ އަންހެން ދަރިފުޅުގެ ހާލާއިމެދު އުފެދުނު ހަމްދަރުދީއާއި ޝަކުވާއިން ފުރެމުންއައި ހިތް ކަރުނައިގެ ސިފައިގައި ބަންޑުންވިއެވެ. މިމަންޒަރު ފެނި އެނދުގައި އޮތް ނާޝިދު ކަންބޮޑުވެފައިހުރެ ވާފިޔާގެ އަތުގައި ހިފައިގެންގޮސް އެނދުގައި ބޭންދިއެވެ. އަދި ކަންވީގޮތް އޮޅުން ފިލުވިއެވެ.
"ނާޝިދު ތީ ކޮންކަހަލަ މީހެއްތަ؟ އަމިއްލަ ދަރިފުޅަށް މިހެން ހެދި ބަޔަކު ނުހޯދޭވަރު މީހެއްގެ ނުފޫޒާއި ސިޔާސީ ބާރުގެ ބޭނުމަކީ ކޮބާ؟" ވާފިޔާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"އަހަރެންވެސް މަސައްކަތް ކޮށްފީމޭ. މައްސަލައަކީ މޫނު ނިވާކޮށްގެން ހުރީމަ.މިވަރު ބޮޑު ކަމެއްގަ ޝައްކުވާ މީހުންނޭ ކިޔާފަ ކުށެއްނެތް ބައެއްވެސް ވަކި ގެންދާނީ ކިހިނެތް؟ އޭރަށް އެ ކުރެވެނީ އަބުރުގެ ދައުވާ ކުރެވޭހާ ބޮޑު ތުހުމަތެއް. ވާފިޔާމެނަކަށް މި ކަންކަން އޮންނަ ގޮތެއް ނޭނގޭނެ" ނާޝިދު ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނާއަށްވެސް އެކަމުގައި ގޮތް ހުސްވެފައިވާ ކަހަލައެވެ.
"ތީ އަހަރެން ބަަލަން ބޭނުން ކަމެއްނޫން. އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު މިނިވަންކަމާއެކު އުފަލުގަ އުޅެން" ވާފިޔާ ބުންޏެވެ.
"ވާފިޔާ ހަމަޖެހިބަލަ. އަހަރެންވެސް ބޭނުމީ ހަމަ ތި ގޮތޭ. ކުރިންވެސް އަހަރެން ބުނީމެއްނު… ޒީވާ އަވަހަށް ކައިވެނި ކުރުވަންވީއޭ. އަހަރެންވެސް ވަރަށް ވިސްނާފައޭ އެހެންވެސް ބުނީ… ޒީވާއަށް މިވަގުތު ބޭނުންވާނީ އެ ހިޔާލުތަކާ ދުރަށްދެވޭހާ ބޮޑު ބަދަލެއް. ހިމާޔަތް ދެވޭ ވަރު ފިރިއެއް… އޭރަށް އެ އުނދަގޫ ކުރުންތައްވެސް ހުއްޓިދާނެ.." ނާޝިދުއަށް ވިސްނުނު ހަމައެކަނި ގޮތް އަނބިމީހާއާ ހިއްސާ ކުރިއެވެ. ބަދަލުގައި ވާފިޔާގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. އޭނާވެސް އެވާހަކަތައް ގަބޫލުކުރާ ކަހަލައެވެ.
"ވާފިޔާ ކަންބޮޑުނުވޭ. މިރެއިން ފެށިގެން އަހަރެން މިކަމާ އުޅޭނަން. ރިޔާޒްމެންނާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހަމަޖައްސާނަން. މިހާރު އަހަންނަށް ހީވަނީ އަހަރުމެންނަށް މާ ބޮޑަށްވެސް މިކަމަށް ފިޔަވަޅެއް ނާޅައި ލަސްކުރެވިއްޖެހެން" ނާޝިދު އޭނާގެ ފަހުގެ ނިންމުން އިއްވާލިއެވެ.
************
ލެޕްޓޮޕުން ބަަލަމުންދިޔަ ފިލްމް ނިންމާލުމަށްފަހު ޝައިނާ ކައިރީގައިއޮތް ޒީވާއަށް ބަލައިލިއެވެ. އޭނާ އުއްމީދުކުރި ފަދައިން ޒީވާ އޮތީ އަރާމު ނިންޖަކުން ނިދައިލައިފައެވެ. އެމޫނުމަތީގައިވާ ނުތަނަވަސްކަމުގެ އަސަރުތައް ކުޑަކޮށް ފިލައި ގޮސްފައިވެއެވެ. އެހެންކަމުން ޝައިނާ ލެޕްޓޮޕް މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ޒީވާގެ ކޮޓަރިން ނުކުތެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އެޕަރޓްމެންޓްގެ ތިރީބަޔަށް ފައިބަންހުރި ސިޑި ގިރާކޮށްލުމަށްފަހު ގޮސް ބަދިގެއަށް ވަނެވެ. ޝައިނާ ވަނުމާއެކު ވާފިޔާ ލޮލުގެ އިޝާރާތުން ޒީވާ ކިހިނެއްތޯ އަހައިލިއެވެ.
"ކުރިއަށްވުރެން ރަނގަޅުހެން ހީވަނީ. ނިދިފަ އޮތީ. މިވަރު ބޮޑުކަމެއް ހިނގައިދިޔައިރު ކީއްވެ އަހަރެންނަށް އަންގާނުލީ." ޝައިނާ ޝަކުވާ ކުރިއެވެ.
"ބޭބެ އޮތީ ބުނެފަ އެކަކު ކައިރީވެސް ނުބުނަން. ޝައިނާގާތުވެސް. އަދި މިގޭ ރާހިލްއަށްވެސް މިވާހަކަ ނޭނގޭނެ. އެކަމަކު ރޭގަ ވީގޮތުން ދައްތަ ހިތަށްއެރީ ޒީވާ ހަމައަކަށް އަޅުވަން ޝައިނާއަށް ގުޅަންވީއޭ. އެނގޭ ހުކުރު ދުވަހެއްކަންވެސް. ހެނދުނު ބިޒީވާނެ ކަންވެސް. އެކަމަކު ޒީވާ ރޭވެސް އުޅުނީ ނުނިދާ" ވާފިޔާ ބުންޏެވެ.
"ދައްތަމެން ތިވަރަކުން ތިކަން ސިއްރުކުރަން ހުރިއްޔާ އަހަރެންގެ ފަރާތުން އެކަކަށްވެސް މިއިން ކަމެއް ނޭނގޭނެ. އަދި ބުނަން.. ޒީގެ ކަމެއްގަ އަހަރެންނަކަށް ދުވަހަކުވެސް އުނދަގުލެއްނުވާނެ. ހުކުރަކަސް އީދަކަސް. އެހެންނޫނަސް މިހާރު އަހަރެންނާ ޝިމާންއާ އެކަންޏެއްނު އުޅެނީ. މާގިނަ ކެއްކުންތަކެއް ކައްކާކަށް ނުޖެހޭނެއެއްނު" ޝައިނާ ވާފިޔާގެ އަތުގައި ހިފައިލަމުން ބުންޏެވެ.
"ތިހެން ބުނީމަ މި ހަނދާންވީ. ދައްތައަށް އަދި މި އުޅެނީ އަހާވެސް ނުލެވިގެން. ދައްތައަށް އެ ދެމަފިރިންނާ ބައްދަލުވުމުގެ ނަސީބު ނުލިބުނު ކަމަށްވިޔަސް ދައްތައަށް އެނގޭ ޝައިނާ ކަހަލަ ހުލްގުހުރި ކުއްޖަކު ބޮޑުކުރެވޭނީ ކިހާ މާތް ދެމަފިރިންނަށްކަން. ދައްތަގެ ހެޔޮދުއާ އަބަދުވެސް އެ ދެމީހުންނާއެކު ވާނެ. ތި ދެކުދިން މިހާރު ރަނގަޅުތަ؟" ވާފިޔާ ޝައިނާގެ އަތުގައި ހިފައިލަމުން އަހައިލިއެވެ.
"ދައްތާ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނެއެއްނު. މަރަކީ އެކަކަށްވެސް ހުއްޓުވޭނެ އެއްޗެއްނޫން. އެހެންވީމަ ބޭބެއާއި ދައްތަގެ ތެރެއިން އެކަކު ނެތް ދުނިޔެއެއްގަ އަނެކަކު ހިތާމަ ކުރުމަށްވުރެ ދެމީހުން އެކުގައި ވަކިވެދިޔަކަން އެއީ އެންމެ ރަނގަޅުގޮތް ކަމަށްވެސް ވެދާނެ. ޝިމާންވެސް މިހާރު ކުޑަކޮށް ހަމަޖެހިއްޖެހެން ހީވަނީ" ޝައިނާގެ ވާހަކައަށް ވާފިޔާ ބޯޖަހައިލިއެވެ.
"ތީ ތެދެއް. އެކަމަކު ޝައިނާ ހަނދާނުގަ ބަހައްޓައްޗޭ މީވެސް ޝައިނާގެ އާއިލާކަން. ޝައިނާއެކޭ އިޝްވާއެކޭ ޒީވާއެކޭ ދައްތައަށް އެއްވެސް ތަފާތެއް ނޯންނާނެ. ތީވެސް ހަމަ އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް" ވާފިޔާ ފެންކަޅިވެފައިހުރެ ބުންޏެވެ. ޝައިނާ ޝުކުރުވެރިކަމާއެކު ބޯ ޖަހައިލަމުން ވާފިޔާގެ ގައިގައި ބައްދައިލިއެވެ. އެވަގުތު ދުރުން ވަފިޔާއަށް ގޮވަމުންއައި ރާހިލްގެ އަޑު އެދެމީހުނަށް އިވުނެވެ.
"މޯމް. މޯމް؟ ހާދަ އިރެކޭ ގޮވާތާ. މޯމް. އައްދޭ. މާ އިމޯޝަނަލް މޯމެންޓެއްތަ މި މެދު ކަނޑާލެވުނީ" އާދައިގެ މަތިން ހަމައެކަނި ނިދަންލައި އުޅޭ ދޫ ހަރުވާޅުގައިހުރެ ބަދިގެއަށް ވަދެގެންއައި ރާހިލް ބުނެލިއެވެ. އެއަޑަށް ޝައިނާ މަޑުމަޑުން ވާފިޔާ ގަޔާ ދުރުކޮށްލިއެވެ. އަދި ވާފިޔާއަށް ނުފެންނާނެހެން ރާހިލްއަށް ލޯ އަޅައިލިއެވެ. ރާހިލް ބަދަލުގައި އެއްލޯ މަރައިލުމާއެކު ޝައިނާއަށް ވީ ފޫހިން ކަޅި އަނބުރައިލެވުނެވެ. އޭރު ރާހިލް ހެވިފައިހުރެ މަޑު ހިނގުމެއްގައި އެމީހުންގެ ގާތަށް އަންނަމުން ދިޔައެވެ.
"މަންމަ ވަރަށް ފޭކް. ބަލަ އަހަރެންނަށް ހަގް އެއްވެސް ނުދެމެއްނު. އަހަރެންމީ ގައިމު މަންމަގެ އަސްލު ދަރިފުޅު." ރާހިލް ބޮޑާހާކާ ރާގެއްގައި ބުންޏެވެ.
"ތިހެން ނުކިޔާ. ޝައިނާއަކީވެސް ހަމަ މަގޭ ދަރިއެކޭ" ވާފިޔާ ޝައިނާ ދިފާއުކުރިއެވެ.
"ހޫމް ހޫމް ވަޓެވަރ. އަހަންނަށް އެނގެޔޭ އޭރުވެސް މަންމަ ޝައިނާއާ އެއްކޮޅަށްކަން ހުންނާނީ. އެނީވޭޒް. ކާއެއްޗެއް ދީބަލަ މަންމާ ހާދަ ބަނޑުހައޭ" ރާހިލް ކާމޭޒު ކައިރިން ގޮނޑިއަކަށް ވެއްޓިގަންނަމުން ބުންޏެވެ.
"ސާބަހޭ ރާހިލްއަށް. ކިތައް ދުވަހު ބުނެފިން ގޭތެރޭގަ އުޅުނަސް ޓީޝާޓެއް އެއްޗެއް ލައިގެން ހުންނާށޭ. މިއަދު ޝައިނާ. މާދަން ނޭނގެ މިތާ ހުންނާނީ ބީރައްޓެއްސެއް ނޫންކަމެއްވެސް. ބަލާބަލަ އިރު އެރިގޮތަށް ދަތްވެސް އުނގުޅިހެން ހީނުވޭ. ފަތިހު ދުވެ ނިންމާފަ އައިސްވަތްއިރު ކުޑަމިނުން ގޭގެ ދޮރުވެސް ތަޅުލީކީ ނޫން. ބޭރު ދޮރާށީގަވެސް އަބަދު ތަޅުއަޅުވާފަ ހުންނާނެކަމަށް ވިސްނައިގެން ނުވާނެއްނު" ބޭކާރުކަމެއްކަން އެނގިހުރެވެސް ވާފިޔާ ރާހިލްއަށް ވިސްނައިދޭން ފެށިއެވެ.
ރާހިލްއަށް ދުވަހުގެ އިރު އެރުމަށްފަހު ވާފިޔާގެ ސިކުނޑި އަބަދުވެސް ހުންނަން ޖެހޭނީ ސަމާލުގައެވެ. ކޮންމެވެސް އަދަބާއިހިލާފު ކަމެއް ރަނގަޅުކުރުމަށް ނަސޭހަތް ދިނުމަށެވެ. ނުވަތަ ކޮށްފާނެ މޮޔަ ކަމަކަށް ބަލަބަލައެވެ. އަމިއްލައަށް ކާއެއްޗެއް ހަދަން އުޅެފައި ފަރުވާކުޑަކޮށް އުނދުން ދޫކޮށްލާ ގޮތަކުން ބަދިގޭގައި ރޯވެދާނެކަމަށެވެ. ފަރުވާލެއްނެތި ސައިކަލުގައި އުޅެނިކޮށް އަނިޔާއެއް ލިބިދާނެކަމަށެވެ. ކޮންމެސް އަންހެންކުއްޖެއް ގޮވައިގެން އުޅެ އެކުއްޖަކަށް ދެރައެއް ދީފާނެ ކަމަށެވެ. ބައެއްފަހަރު ރާހިލްގެ އުޅުން ހުންނަގޮތުން އޭނާގެ ހުންނަ ހަމައެކަނި ދަރިއަކީ މީބާއޭވެސް ހިތަށްއަރާ ފަހަރު އާދެއެވެ.
"އެއްކަލަ ލެކްޗަރު ފެށީ. ބަލާބަލަ ނިކަން ޒީ. ހުތުބާ ފަށާނެ އިރުކޮޅަކުން.. އަދިވެސް އެއޮތީ ނިދާފަ. ދުވަހަކުވެސް މަންމަ ޒީ އަކަށް ލެކްޗަރެއް ނުދޭނެ. އެހެންނޫނަސް އަހަރެންގެ މި ހެންޑްސަމް ބޮޑީއަކީ ކޮންމެހެން ޝައިނާއަށް އަލަށް ފެންނަ—"
"ދައްތާ އަހަރެން ގޮސްލީ އިނގޭ" ރާހިލްގެ ވާހަކަ ނިންމަން ފުރުސަތު ނުދީ ޝައިނާ އަވަސްއަވަހަށް އެތަނުން ނުކުންނަށް ހިނގައިގަތެވެ.
"ނޫނޭ ނޫނޭ. މަޑުކޮށްބަލަ. ދެން މިހާ ލަސްވީމަ ގޮސް ކައްކަން އުޅޭނެ ކަމެއް ނެތް. މަޑުކުރޭ ދައްތަ ދެކުދިން ކާވަރަށް އެއްޗެއް އަޅާލަދީފާނަން" ވާފިޔާ ތަށިބަރި ތައްޔާރުކުރަން ފެށިއެވެ.
"ދެން ވަރަށް ހެއްވާ. އަހަރެން ކާ އެއްޗެއް ދޭށޭ ކިޔަ ކިޔަ އިންދާ. މި ސަންތި އައި ގޮތަށް އައިސް އަހަރެންގެ މަންމަވެސް ޖަހައިގަތީ. ކާއެއްޗެހިވެސް ޖަހައިގަތީ" ރާހިލް ތުންދަމައިލަމުން ބުންޏެވެ. ޝައިނާ ރާހިލްއަށް ލޯ އަޅައިލިއެވެ.
"ޕިސްޕިސް ރާހިލް. ތިކަހަލަ އެއްޗެހި ނުކިޔަބަލަ. އަހަރެންނަކަށް ނޭނގެ މިކުއްޖާފުޅަށް ހަދަންވީ ކިހިނެއް ކަމެއްވެސް. ޝައިނާ އަޅެ ދައްތަ ކައިރި ބުނެބަލަ މީނައަށް ހަދަންވީ ގޮތެއް" ވާފިޔާ ތަށިބަރި ހަވާލުކުރަމުން ބުނެލިއެވެ.
"ހަހަހަ. ތީ ދައްތައާ ރާހިލްއާ ދެމީހުންގެ ކަމެއްނު. އަހަރެން ތިކަމުގެ ތެރެއަށް ނުވައްދާ. އަހަރެން ދެން ގޮސްލީ." ޝައިނާ ވާފިޔާގެ ކޮނޑުގައި ފިރުމައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ.
"އަހަރެން ޝައިނާ ލާދޭން ދާންވީތަ؟" ރާހިލް އަހައިލިއެވެ.
"އުހޫން ކޮންމެހެން ހުކުރަށް ނުދާން ބަހަނާ ދައްކާކަށް ޝައިނާ ފުލުން އަޅުވައިލާނެ ކަމެއްނެތް. ނުކެވިގެން އުޅުނު މީހާއަށް ކާން ހަދައިދޭން މި އުޅެނީ. ރީއްޗަށް މަޑުން އިނދޭ" ވާފިޔާ ބުންޏެވެ. ނަމަވެސް ވާފިޔާގާތު ކާންހަދައި ނިމެންވާއިރަށް އެބަ އަންނަން ކަމުގައި ބުނެ ރާހިލް ޝައިނާގެ ފަހަތުން ދުއްވައިގަތެވެ.
"ރާހިލް. އޭނައަށް އުނދަގޫ ނުކުރައްޗޭ" ވާފިޔާ ގޮވައިލިއަޑު އިވުނެވެ. ރާހިލް ދުވެފައިގޮސް ދޮރުން ނުކުމެނުކުމެހުރި ޝައިނާގެ އަތުގައި ހިފަހައްޓައިލަމުންް ދޮރުގެ ދާރައިގައި ލެގިލިއެވެ.
"ރާހިލް ކީއްތަ ތި ކުރަނީ؟ ދައްތަ އައިސް ދާނެ" ޝައިނާ ހާސްވެފައިހުރެ ވައި އަޑަކުން ބުނެލިއެވެ. އަދި ރާހިލްގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ރާހިލް އެއްމިޔަކަނިން ހެވިފައިހުރެ ޝައިނާގެ އަތުން ދޫކުރުމެެއްނެތި ސަލާމާތްވުމަށް ކުރަމުންއައި ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
"ރާހިލް ދެން އަޅެ މަޖަލެއްނޫނޭ. ރާހިލް މޮޔަވީތަ؟ ކީކޭތަ ދައްތަ ކުރިމަތީގަވެސް ކިޔަން އުޅުނީ؟" ޝައިނާ ވައިއަޑުން ރާހިލްއާ ދިމާލަށް ކުދިކިޔަމުން ދިޔައެވެ.
"އަހަރެން މޮޔަކުރަނީ ޝައިނާ އެއްނު." ރާހިލް ޝައިނާގެ ކަންފަތާއި ކައިރިވެލަމުން ބުންޏެވެ.
“އަހަރެންނޭ؟ އޯ.. އޯ ގޯޑް… ރާހިލް ދައްތަ އައިސްދާނެ ދޫ"
"ދޫކޮށްލާނީ ޝަރުތެއްގެ މަތިން" ރާހިލް ކުއްލިއަކަށް ޝައިނާ ކައިރިއަށް ދަމައިލުމަށްފަހު ޝައިނާގެ ކަންފަތްދޮށުގައި ބުންޏެވެ. އެ ހޫނުނޭވާ އިހުސާސްވުމާއެކު ޝައިނާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަށް ކޮޅަށްޖެހިގެންދިޔައެވެ. އެފަދަ އަންހެން ކުދިންގެ ހިތް ލަންބުވާފަދަ ހަރަކާތްތަކަކީ ރާހިލްގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ނޭވާލުމައި ކެއިންބުއިންފަދަ އާންމު އާދަތަކެއްކަން ޝައިނާއަށް އެނގެއެވެ. އެ އާދަތަކަށް އޭނާގެ ހިތްވެސް ގިނަފަހަރަށް ލެނބިގެންދަނީ އިހްތިޔާރަކާނުލައެވެ. ނަމަވެސް އެކަން އޭނާ ފަސޭހަކަމާއެކު މޫނުމަތިން ފޮރުވައިލައެވެ. އޭނާއަށް އެއީ އެއްވެސް މާނައެއްނެތް ކަމެއްކަން އެނގެއެވެ.
"ކޮން ޝަރުތެއް؟ ރާހިލްގެ ތި މާނައެއްނެތް ފްލަރޓްކުރުން ތަކަކަށް ދޭނެހާ ވަގުތެއްނެތް. އަވަސްކުރޭ" ޝައިނާ ބުންޏެވެ.
"ދެން އަންނަ ތާރޒްޑޭ ނައިޓް އަހަންނާއެކު ޑިނާއަކަށް ދާންވީނު" ރާހިލް އެދުނެވެ.
"ތިވަރު ކަމެއްގަތަ؟ އަދި މީ ހުކުރޭ ނެކްސްޓް ތާސްޑޭ އެއީ ކޮންދުވަހެއް. އެހެންނޫނަސް މީގެ ކުރިންވެސް އަހަރުމެން އެއްކޮށް ކިތަންމެ ފަހަރަކު ކާން ދަމެ—"
"ރާހިލް!" ޝައިނާގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ވާފިޔާގެ އަޑުން ރާހިލްއަށް ގޮވައިލުމުންނެވެ. އެއާއެކު އޭނާ ސިހިފައި ރާހިލްއާ ދުރަށްޖެހުނެވެ. ނަމަވެސް ރާހިލް ހުޝިޔާރު ކާމާއެކު އަނެއްކާވެސް ޝައިނާގެ އަތަށް ދަމާލައި އޭނައާ ގާތްކޮށްލިއެވެ،
"އަދިވެސް ޖަވާބެއް ނުދެމެއްނު"
"އޯކޭ ޔެސް ޔެސް. ފައިން ފައިން. އެރޭ ރެޑީ ވެގެން ހުންނާނަން ދެން ދޫކޮށްލަންވީނު" ޝައިނާ ހީވީ ރާހިލްގާތުން ސަލާމަތް ނުވެވިފައި ހުރި ހެނެވެ. ރާހިލްގެ އަތުން އަތްތިލަ މިނިވަންވުމާއެކު އަވަސް އަވަހަށް ދުވެލާފައިގޮސް ލިފްޓަށް އެރިއެވެ. އެމަންޒަރު ބަލަންހުރި ރާހިލް ދޮރު ލައްޕައިލުމަށްފަހު ގޭތެރެއަށް ވަތްއިރު އޭނާގެ ތުންފަތުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.
************
ހަލުވިކަމާއެކު ގޭގެ ސިޑިން ފައިބައިގެން އައި ރާހިލްއަށް ނާޝިދު ގޮވައިލިއެވެ. އަދި އޭނާ ގާތަށް އައުމަށް އިޝާރާތްކުރިއެވެ. ރާހިލް އަވަސް ފިޔަވަޅުތަކެއްގައިގޮސް ގޭގެ ކާމޭޒު ކައިރީގައި މަޑުކޮށްލިއެވެ. ނާޝިދާއި ވާފިޔާގެ އިތުރުން ޒީވާއާއި އިޝްވާވެސް އޭރު ކާން އިށީންނަނީއެވެ. ސުފުރާމަތިވަނީ ނަން ނޭނގޭހާ ގިނަ ވައްތަރުތަކުން ފުރައިލެވިފައެވެ. އެއީ އާންމުކޮށް ނާޝިދު ހުރެއްޖެނަމަ އެގޭގެ އާދައެވެ.
"މިރޭވެސް ގެއިން ނުކަނީތަ؟" ނާޝިދު ހިތްހަމަ ނުޖެހިފައި ރާހިލްގާތު އަހައިލިއެވެ.
"ސޮރީ. މިރޭ ކުރީބައިގަ ކަމެއް ރޭވިފަ އޮތީ" ރާހިލް އަދަބުވެރިކަމާއެކު ބުންޏެވެ.
"ބަލަ ގޭގަ ކައްކާފަ ބަހައްޓަނީކީ އެއްޗެހި އިސްރާފު ކުރާކަށް ނޫނޭ. މާދަމާރޭ ކޮންމެހެންވެސް ރޭގަނޑުގެ ކެއުމުގައި ބައިވެރިވާންވާނެ. އަހަރެން ދައްކަންޖެހޭ ވަރަށް މުހިއްމު ވާހަކައެއް އެބައޮތް. އެކަކުވެސް މާދަމާރެއަށް އެއްވެސް ކަމެއް ރާވައިގެން ނުވާނެ" ނާޝިދުގެ ބަހަށް ރާހިލް ބޯ ޖަހައިލިއެވެ.
"އަޅުގަނޑު ދިޔަސް އެންމެ ރަނގަޅުތޯ؟" ރާހިލް އެހިއެވެ. ނާޝިދު ބޯ ޖަހައިލުމާއެކު އިތުރަށް ސުކުންތެއްވެސް ލަސްކުރުމެއްނެތި އޭނާ އެތަނުން ހިނގައިގަތެވެ.
**********
މ. އެޒެލިއާ ގޭގެ ގޭޓު ކުރިމައްޗަށް މަޑުކުރި ރިއާންގެ ކާރު ފެނުމާއެކު ގޭގެ ދޮރުވާނަކަށް ހުރިމީހާ ނުހަނު އަވަހަށް ގޭޓު ހުޅުވައިލިއެވެ. ރިއާން އެމީހާއަށް ބޯ ޖަހައިލަމުން ކާރު ގޭޓުން އެތެރެއަށް ވައްދައިލިއެވެ. އެގެއަކީ ޒަމާނީ ފެންވަރަށް ހަދައިފައިވާ ގެއެއް ކަމުގައިވިޔަސް މާލޭގައި އާންމުކޮށް ނުހުންނަ ޒާތުގެ ތިރިގެއެކެވެ. ބޭރުން ބަލައިލާ ކޮންމެ މީހަކަށް އެގެއިން ޝާހީ ގަނޑުވަރެއްގެ ކުލަ ޖެހިގެންދާގޮތަށް ދަގަނޑު ދޮރާށްޓަކާއި ދޮރާށީގެ ތެރެއިން އެކި ގަސްގަހާއި ގެއްސާއި މާމެލާމެލީގެ ވައްތަރުތައް ހެދިފައި ހުންނަތަށް ފެންނާނެހެން ފަރުމާ ކުރެވިފައިވާ ގެއެކެވެ. ދޮރާށިން ފެށިގެން މައި ގެއާ ހިސާބަށް އޮންނަ މަގުގައި ބޮޑެތި ގާ ޖަހައިފައިވާއިރު އެ މަގު ނިމޭ ހިސާބު ދުއްވާއެއްްޗެހި އަނބުރާލެވޭނެހާ ފުޅާކޮށް ވައްކޮށްލައިފައި ވެއެވެ. މައިގެއަށް ވަދެވެން އަންނަނީ ދެތިން ހަރުފަތުގެ ފުޅާ އެހެނަސް ތިރި ސިޑިއެއް ގިރާކުރުމަށްފަހުގައެވެ. ރިއާންގެ ކާރު މަޑުކޮށްލީ އެ ސިޑީގެ ކުރިމައްޗަށެވެ. އޭނާ ފޭބުމުގެ ކުރިން ކާރު ނިވައިލުމަށްފަހު އޭގެ ތެރޭގައި މަޑުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދެލޯ މަރައިލަމުން ސީޓުގައި ބޯ ޖައްސައިލިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު ދެލޯ ހުޅުވައިލައި ޖެހިގެން ހުރި ސީޓުގައި އޮތް ރިންގުވަމުން ދިޔަ ފޯނަށް ބަލައިލިއެވެ.
"ހެލޯ.. މިއައީ ހަމަ.. ކާރު ބޭއްވީމީ" ރިއާން ކާރުން ނުކުތުމަށްފަހު ކާރު ތަޅުލަމުން ފޯނަށް ޖަވާބުދިނެވެ. އެއަށްފަހު ދެތިން ހަރުފަތުގެ ސިޑިން އަރައިގެންގޮސް މައިގޭގެ ބޮޑުދޮރުފަތް ހުޅުވައިލިއެވެ. އެއް އަހަރުފަހުން ފުރަތަމަ ފަހަރަށް އެޒެލިއާ ގޭގެ އޮޅިގަނޑު ގިރައިކޮށްލިއެވެ. އެއީ އޭނާގެ މަންމައާއި ބައްޕަ އެކުގައި އުޅުނު ގެއެވެ. މިހާރުނަމަ ބައްޕައާއި އޭނާގެ ދޮންމަންމަ އުޅޭ ގެއެވެ. ހުދު އޭނާވެސް އުޅެ ބޮޑުވި ގެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ދުވަސްތައް ނިންމައިލުމަށްފަހު އައި ފުރަތަމަ ހަފްތާގައި އެގޭގައި މަޑު ކުރުމަށްފަހު އޭނާ ވަކިން ތާކަށް ބަދަލުވީ އިތުރަށް އެގޭގައި އުޅޭނެ ހިތްވަރު އޭނާގެ ނެތުމުންނެވެ. އެއަށްފަހު އޭނާ އެގެއަށް ގެންނާކަށްވެސް އިތުރު ބަޔަކު މަސައްކަތެއް ނުކުރެއެވެ. އެމީހުނަށްވެސް އޭނާއަށް އެގެއާ ގުޅުން ބޭއްވުމަށް ދަތިވާނެކަން ގަބޫލުކުރެވޭ ކަހަލައެވެ.
"ކޮބާ؟ މިއޮށް އައީނު މިގޭ ޝެހެޒާދު.. އަހަރެން ބުނީމެއްނު ރިޔާޒް ގުޅައިފިއްޔާ އޭނާ ނައިސް ނުހުންނާނޭ" ބޮޑު ގޮނޑީގައި އިން ޝީރީން ދުރުގައި ހުރި ރިޔާޒްއަށް އިވޭ ވަރަށް ގޮވައިލިއެވެ.
"ޝީރީންއަށްތަ އެނގެނީ އަހަރެން ގުޅާ ވަރެއް؟ ގިނަ ފަހަރަށް ފޯނު ނަގާލަންވެސް ވާނީ ބޮޑުކަމަކަށް. މިފަހަރުވެސް ގުޅަންޖެހުނީ އޭނާގެ އެސިސްޓެންޓަށް. މިއަދު ނޭނގެ ކޮން ހިތެއް ޖެހިގެން ނޫންކަމެއްވެސް އެ އައީ ކީ" ދެއަތްދަށަށް ލައްވައިލައިގެންހުރި އަސާގެ އެހީގައި ހިނގަމުން އައި ރިޔާޒް ބުނެލިއެވެ. ބައްޕައަށް އެހީވުމަށްޓަކައި ރިއާން ކުރިއަށް ޖެހިލިއެވެ. ނަމަވެސް އެކަމަށްޓަކައި ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ރިޔާޒް ކުޑަކޮށް އަތް ހިއްލައިލައި ރިއާންގެ އެހީއަށް އިންކާރު ކުރުމުންނެވެ. ރިއާންއަށް ކުށްވެރިކަމާއެކު އިސްޖަހައިލެވުނެވެ. އޭނާ ބަލަން ހުއްޓާ ރިޔާޒް އެކަނިމާއެކަނި ގޮސް އުނދަގޫ ކަމާއެކު ޝީރީން ގާތު ގޮނޑީގައި އިށީނެވެ. އަތުގައި އޮތް މެގެޒިންއަށް ކަޅި ހުއްޓައިގެން އިންކަމަށް ދެއްކި ނަމަވެސް ގޮނޑީގައި އިން ޝީރީންއަށް އެ ދެބަފައިންގެ މެދުގައި ހިނގި ހުރިހާ ހަރަކާތެއް ފެނުނެވެ. ނަމަވެސް އެ ހީނަރުވެފައިވި ގުޅުމުގެ ވާހަކަ އިތުރަށް ދައްކައި މިރޭގެ މަގުސަދާ ފުށޫއަރުވާކަށް އޭނާ ބޭނުމެއް ނުވިއެވެ.
"ޖޫލީ. ކެއުން ތައްޔާރުވެއްޖެތަ؟ މިއޮށް އައީ މިހާރު ރިއާންވެސް" ޝީރީން ބަދިގެ ފަރާތުގައި އުޅުނު މެދުއުމުރުގެ ލަންކާ މީހާއަށް ގޮވައިލަމުން ބުންޏެވެ.
"ކުޑަ ސާހިބް؟" ޖޫލީ ދުވެފައި ނުކުމެ ރިއާން ހުރިތޯ ޔަގީން ކޮށްލިއެވެ. ރިއާން ފެނުމާއެކު އަނގައިގެ ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލިއެވެ. ރިއާންވެސް ޖޫލީ ފެނުމުން ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެދިމާލަށް ހިނގައިގަތެވެ.
"ޖޫލީ؟ ކިހިނެއްތަ؟" ރިއާން އެއްއަތުން ޖޫލީގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. ބަދިގޭގައި އުޅުމަށްފަހު ނުކުތުމުގެ ސަބަބުން އެ ހެދުމުން ދުވާ ވަހަކަށް ނުވަތަ އެ ގައިގައި ވާ ދަލަކަށް ރިއާންގެ ފަރުވާލެއްނެތެވެ. އޭނާ ތުއްތުއިރު އޭނާގެ ހުރިހާ ކަމެއްކޮށްދީ ލޯބިން އަޅައިލައި ބައްދައި އުޅުނު މީހަކީ އޭނާގެ މަންމައެއްނޫނެވެ. ޖޫލީއެވެ. މިއަދު އޭނާ ހެޔޮހިތުން ހިނިތުންވުމެއްވެސް ދޭނޭ ހަމައެކަނި އަންހެނަކަށް ދުނިޔޭގައި ހުރި މީިހަކީ ޖޫލީއެވެ. އޭނާއަށް ނުލިބުނު ލޯތްބަށްޓަކައި އޭނާ ދުވަހަކުވެސް އޭނާގެ މަންމަ ކުށްވެރިއެއްނުކުރާނެއެވެ. އެކަމުގެ ސަޒާ ހައްގުވާ ފަރާތަށް ދެވިއްޖެކަމުގައި އޭނާ ގަބޫލު ކުރެއެވެ. އެއީ އެކަމަކީ އޭނަގެ ހަޔާތުގައި ކިތަންމެ އަނދިރި ލަކުނެއް ލައްވައިލި ކަމެއް ކަމުގައި ވިޔަސް އޭނާ އެވަނީ އެ މަންމައަށް ޓަކައި އިންސާފުހޯދައި ދީފައެވެ. އޭނާއަށް ގެއްލުނު މަންމަގެ ލޯބީގެ ބަދަލު ހިފަންޖެހޭ ފަރާތުން ހިފައިފައެވެ.
"ޖޫލީ؟؟" ޝީރީން އަނެއްކާވެސް އަޑު ހަރުކޮށް ގޮވައިލިއެވެ.
"ކާން ރެޑީ މެޑަމް. ބޮޑު ސާހިބް." ޖޫލީ އަދަބުވެރި ކަމާއެކު ބުންޏެވެ. ރިއާން ޖޫލީއާއެކު އަށްމީހުންގެ ޖާގައިގެ ބޮޑު ކާމޭޒާއި ހިސާބަށް ދިޔައެވެ. އޭރު ރިޔާޒްއާއެކު ޝީރީންވެސް އެދިމާލަށް އާދެއެވެ. މޭޒުގެ ކޮޅުގައި ހުރި ގޮނޑި ދަމައިލުމަށްފަހު ޝީރީން ރިޔާޒް ބޭންދިއެވެ. އަދި އެއާޖެހިގެން މޭޒުގެ އެއްފަޅީގައި ހުރި ގޮނޑީގައި އިށީނެވެ. ރިއާން އިށީނީ ޝީރީން އިން ފަރާތްނޫން އަނެއް ފަރާތުގައެވެ. ރިޔާޒްއާ ދެމެދަށް އެއްގޮނޑި ދޫކުރުމަށްފަހުގައެވެ. ޖޫލީއާއި އިތުރު މީހަކު ވެގެން ކާންހުރި ތަށިތަކުގެ މަތި ނެގުމާއެކު ކެއުން ފެށިގެންދިޔައެވެ.
"ކޮބާ ޅ. އަތޮޅުގެ ޕްރޮޖެކްޓް މިހާރު ފެށޭވަރު ވެއްޖެތަ؟" ރިޔާޒް އާދައިގެ މަތިން ވިޔަފާރީގެ ވާހަކައިން ފެށިއެވެ. އެހާވަރަކުން ގުޅައިގެން އޭނަ އެގެއަށް އެ ގެނައީ އެވާހަކަ ދައްކަންބާއޭ ރިއާންގެ ހިތަށް އެރިއެވެ. ކުންފުނީގެ އެއްވެސް މައުލޫމާތަކީ ރިޔާޒަށް ސިއްރު މައުލޫމާތަކަށް ނުވާއިރު އެވާހަކަ ކޮންމެ މީހެއް ގާތުގައިވެސް އެހުނީހެއްނޫންހެއްޔެވެ. ނަމަވެސް ރިއާން ކެއުމުގެ ތެރެއިން ރިޔާޒްގެ ސުވާލަށް ޖަވާބުދިނެވެ.
"ފެށިއްޖެ. ޕްރީ އޯޕެނިންގް މެނޭޖަރ އެމަރޖެންސީ ލީވްއެއްގަ ހުރީމަ އަދި އެހާ އަވަހެއް ނޫން ކަންކަން ދާގޮތް"
އެރޭގެ ކެއުން ނިމިގެން ދިޔައިރުވެސް ދެކެވިގެންދިޔައީ ހުސް ވިޔަފާރިއާ ގުޅޭ ވާހަކަތަކެވެ. އޭނާ އަމިއްލައަށް ހިންގާ މަޝްރޫއުތަކުގެ ވާހަކަ ދެއްކުމަކީ ރިއާން އެއްވެސް އިރެއްގައި ގަޔާވާ ކަމަކަށްނުވާތީ އޭނާ އިނީ އެތަނުން ސަލާމަތްވާން ބޭނުންވެފައެވެ. ނަމަވެސް ކެއުން ނިމުމަކާ ހިސާބަށް ގޮސްފައިވަނިކޮށް ޝީރީން ލޮލުން ކޮށްލި އިޝާރާތަކަށް ރިޔާޒް ފެށި ވާހަކައިން ރިއާންއަށް އޭނާ އެރޭ ގެނެވުނު ހަގީގީ މަގްސަދު އެނގުނެވެ.
"މިހާރުދެން ވިޔަފާރީގެ ކަންތަކަށްވެސް ތި ވަދެގަނެވުނީ… އަހަރެން ބަލަނީ އަހަރެއްވާއިރު ހަމަޖެހިފަ ކަމަށް ހުންނާނީ… އުމުރުން ސައްބީސް އަހަރު ވީއިރުވެސް ރިއާންއަށް ތި އުޅެވެނީ ދިރިއުޅުމަކާ ދޭތެރޭ ނުވެސް ވިސްނާ. މިވިޔަފާރި، މިގެ، މިޚާންދާނު އެއްކޮށް އޮތީ ރިއާންގެ ޒިންމާއެއްގެ ގޮތުގަ. އަހަރެންގެ އިތުރު ދަރިއަކު ހުރީކީ ނޫން. ރިއާންއަށް ކަމެއް ވެއްޖެއްޔާ މިކުރި ހުރިހާ މަސައްކަތެއް ދުރުބައެއްގެ އަތްމައްޗަށް ދާކަށް އަހަރެން ނެތް ދުނިޔެއެއްގަވެސް ބޭނުމެއްނޫން" ރިޔާޒްގެ ވާހަކައިން ރިއާންގެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާއަށް އެބުނި އެއްޗެއް ފަހުމު ނުވާހެން ހީވުމާއެކު ޝީރީން އެވާހަކަ ކުރިއަށް ގެންދިޔައެވެ.
"ބައްޕަ އެކިޔަނީ ދަރިފުޅު މީހަކާ އިންނާނީ ކޮން ދުވަހަކުންހޭ. އަވަހަށް މީހަކާ އިނދެގެން ކުއްޖެއް ހޯދީމަ ނޫންހޭ ރިއާންއަށް ކަމެއްވިޔަސް ވިޔަފާރި އާއިލާއިން ބޭރަށް ނުގޮސް އޮންނާނީ" ޝީރީން ބުންޏެވެ.
"އަހަރެން އަދި ކައިވެންޏަކާ ދޭތެރޭ ނުވިސްނަން. އަމުދުން ކުއްޖެއް ހޯދުމާ ދޭތެރޭ. އެހެންނޫނަސް އަހަރެންގެ ދަރިއަކަށް ކޮންމެހެން ވިޔަފާރީގެ ތެރެއަށް ވަންނާކަށް މަޖުބޫރެއްވެސް ނުކުރާނަން" ރިއާން ގެ ޖަވާބު ވަރަށް ސާފެވެ.
"އެކުއްޖަކު ނުވަނަސް މައްސަލައެއް ނެތެއްނު. ބަޔަކު ހިންގިޔަސް އަހަރެން ހޯދާފައިހުރި އެެއްޗެއްގެ ހުރިހާ ބާރެއް އިހްތިޔާރެއް މި އާއިލާގެ ތެރޭގަ އޮތިއްޔާ އަހަރެންވެސް ހިތްހަމަ ޖެހޭނެ. އަހަރެން ގަބޫލު ކުރަން ރިއާންގެ ބުރަ މަސައްކަތްވެސް މީގަ އެބަ އޮތްކަން. މިހާ ކޮމްޕެޓިޓިވް މާކެޓެއްގެ އެންމެ އުހުގަ އުޅެވެނީ ހަމަ ރިއާންގެ ސަބަބުން. މިހުރިހާ ކަމެއް ފެނަށް ދުއްވާލާކަށް ރިއާންވެސް ބޭނުމެއް ނުވާނެ" ރިޔާޒް ބުންޏެވެ. ރިއާންގެ މޫޑު ވަގުތުން ހަރާބުވިއެވެ. ކާންއިން ތަށީގެ ތެރެއަށް އުލާއި ސަމްސާ ދޫކޮށްލިއެވެ. އޭނާގެ ހައިކަންވެސް ފިލައިދިޔަ ކަހަލައެވެ.
"އަހަރެން މި މައުލޫއަށް ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އިތުރު ކަމެއް ނެތިއްޔާ މިވަގުތަށް ގޮސްލީ" ރިއާން ގޮނޑިން ތެދުވަމުން ބުންޏެވެ.
"ރިއާން. މީ ކޮންމެހެން ބައްޕަގެ އަމިއްލަ މަސްލަހަތެއް އޮވެގެން ދެއްކި ވާހަކައެއްނޫނޭ. ރިއާން އެއްބަސްވިޔަސް ނުވިޔަސް ރިއާންގެ ބައްޕަވެސް އަހަރެންވެސް ވިސްނަނީ ރިއާންގެ އުފަލަށް. އަހަރެންގެ އުފަން ދަރިއެއް ނެތްކަމުގައި ވިޔަސް އަހަރެންވެސް ރިއާން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި. ތި އުޅޭ އެކަނިވެރި އުޅުން ބަލަން އަހަރުމެން ދެމަފިރިން ކަމެއް ނުކޮށް ތިބެންވީތަ؟"
ޝީރީންގެ ވާހަކަ އިވުމާއެކު ރިއާންއަށް ދެދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. ޝީރީންއާ ދިމާލަށް އިހްތިރާމް ކުޑަކޮށް އެއްޗެއް ނުބުނެ ހުރެވޭތޯ މަސައްކަތްކުރިއެވެ. ކޮންމެއަކަސް އެއީ އޭނާގެ ބައްޕަގެ އަނބިމީހާއެވެ. އިތުރަށް އެތާ އިނދެފިނަމަ މަސްލަހަތު ގޯސްވެދާނޭ ބަހެއް ދުލުން ބޭރު ކުރެވިދާނެކަމަށް އޭނާ އަވަސް އަވަހަށް މޭޒުމަތީގައި އޮތް ފޯނާއި ވޮލެޓް ޖީބަށްލަމުން އެގެއިން ނުކުންނަން ދިޔައެވެ. އެމަންޒަރު ބަލަންހުރި ރިޔާޒާއި ޝީރީންއަށް އެކަކު އަނެކަކާދިމާލަށް ބަލައިލެވުނެވެ. ޝީރީންގެ މޫނުގައިވާ ކަންބޮޑުވުން ފެނި ރިޔާޒް ޝީރީންގެ އަތުގައި ހިފަހައްޓައިލަމުން ބޯ ޖަހައިލީ އެކަމާ އަޅައި ނުލުމަށް ބުނާ ފަދައަކުންނެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަންޔާ ސިސް… ކިހިނެތްތަ މިވަނީ. ރިއާން އެބަބުނޭ ލޯތްބަކީ ގަބޫލުކުރާ އެއްޗެއް ނޫނޭ. އެކަމަކު ޒީ ދެކެ ވަރަށް ލޯބިވާހެންވެސް ހީވި. ޒީވާއަށް އެވަރުގެ ބޮޑު ކަމަކާ ދިމާވިކަން އަދިވެސް ރިއާންއަށް ނޭނގޭތީ ސުވާލު މިއުފެދެނީ ލޯބިވާނަމަ ދުރުދުރުން ނަމަވެސް ލޯބިވާ ކުއްޖާ އުޅޭނޫޅޭ ގޮތް ބަލާނުލާ ހުރެވިދާނެ ބާއޭ. ރާހިލްވެސް ތަންކޮޅެއް ހަރުދަނާ ވާނެނަމަ ޝައިނާ ތަންކޮޅެއް ޝައުގުވެރި ވެއްޖައީސް ކަންނޭނގެ. އެނީވޭސް… ވަރަށް ރީތި އިނގޭ މިބައިވެސް.
ވަރަށްރީތިމިބައިވެސް ރާހިލް
ށައިނާޔަށް ދެރަގޮތެއްްްް ނަހަދައްޗޭ
ޕްލީޒް
މިވާހަކަ ވަރަށް ރީތި އާ ބަޔަކަށް ވަރަށް އިންތިޒާރު ކުރެވޭ.