Thursday, 18 April 2024

ރައީސް ޔާމީން ބަދަލުކުރީ ރަށު ބަންދަކަށް ނޫން، އެއީ ބޭސްފަރުވާއަށް ދިން ލުޔެއް: ޝިޔާމް

ގޭބަންދުގައި ހުންނެވި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ދިން ލުޔަކީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށް ދިން ލުޔެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ރަށު ބަންދަށް ބަދަލުކުރައްވައިފިކަމަށް ވިދާޅުވެ މީޑިޔާގައި ރިޕޯޓްކޮށްފައިވަނިކޮށް، ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ބަދަލުކޮށްފައިވަނީ ރަށު ބަންދަށް ނޫން ކަމަށާއި އެމަނިކުފާނަށް ދިން ލުޔަކީ ހަމައެކަނި ބޭސްފަރުވާއަށް ޑޮކްޓަރަށް ދެއްކުމަށް ދިން ލުޔެއް ކަމަށެވެ. އެމަނިކުފާނަށް ބޭރަށް ނުކުމެވޭނީ ޑޮކްޓަރަށް ދައްކަން ކަމަށާއި އެއީ ރަށު ބަންދު ނޫންކަމަށް ކަރެކްޝަންސް އިން ވެސް މިއަދު ވަނީ ބުނެފަ އެވެ.

ޝިޔާމް ވިދާޅުވީ ރަށު ބަންދަށް ބަދަލު ކުރުމަކީ ކުރިންވެސް ދެވެން އޮތް ލުޔެއް ކަމަށާއި ކޯޓުތަކުން ކުރިންވެސް އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާ ޖެހުމުން އެކަންވެސް ދަންނަކަމަށް ނުހެދި ކަމަށެވެ. "ރަށުބަންދަކީވެސް ޤާނޫނު ނުދަންނަ އަނިޔާއެއް. ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއް. އެމަނިކުފާނުގެ ޝަރީޢަތްތައް ހުއްޓުވާފައި ބާއްވާ ބޭއްވުމަކީ ދޭ އެންމެ ބޮޑު އަނިޔާ. ރައީސް ޔާމީން މިނިވަންކުރަން ގޮވާލަން،" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު، އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރީ ނިމިދިޔަ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. ވެރިކަމާ ހަވާލުވެ، ޤާނޫނީ ހަމަތަކުގެ މަތިން ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިންވެސް ޑރ. މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ރައީސް ޔާމީން ގޭ ބަންދުން ރަށު ބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމި ކަމަށާއި، ރަށު ބަންދުގައި ހުންނަވާއިރު މާލޭ ސަރަހައްދުގައި މިނިވަންކަމާއެކު އުޅުއްވޭނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ރޭ ވަނީ ވިދާޅުވެފައެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ތިޔަފެންނަނީ ތިމީހުން ހަދާ ފެންވަރު ރަގަޅު ގާނޫނާއި ގަވާއިދުގެ ނަތީޖާ. އަދިވެސް މުސާރަބޮޑުކޮށް ޕެންޝަން އިތުރުކުރޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *