Tuesday, 18 June 2024

ރައީސް ނަޝީދު ރިޔާސަތުން ބޭލުމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ މިއަދު ކުރިއަށް ނުގެންދިއުމުން އެ މައްސަލަ ހުއްޓުވި ކަމަށް ބުނެ ސުޕްރީމް ކޯޓަށް، އެ މައްސަލަ މިއަދު އެމްޑީޕީން ހުށަހަޅުއްވައިފިއެވެ.

ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހެޅުއްވި މައްސަލައިގައިވަނީ،  އެ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން އެދިވަޑައިގަތްފައެވެ.

އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ޤަރާރު އޮތީ އެޖެންޑާކޮށްފަ އެވެ. އެކަމަކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ސަލާމުގައި ހުންނެވުމުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ.

އެ ނިންމުމާ ގުޅިގެން އެމްޑީޕީ ޤާނޫނީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، މަޖިލީހުގެ އަމީންއާންމު މިއަދު ނިންމެވި ނިންމެވުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށާއި، އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ޕާޓީން ދެ ކަމަކަށް އެދިފައިވާ ކަމަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ނައިބު ހާޒިރުނުވާ ހާލަތުގައި، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން ލާޒިމުވާނެ ކަމަށް ކަނޑައެޅުމަށެވެ. އަދި މަޖިލީހުގެ ރައީސް ވަކިކުރަން ގަރާރު ހުށަހެޅުމުން އެހެން އެއްވެސް ކަމެއް ކުރަން ވާނީ ޤަރާރު ކުރިއަށްގެންގޮސްފައި ކަމަށެވެ.

"މައްސަލަ ހިންގޭނެ ގޮތް ސާފުކޮށް މަޖިލީހުގެ ޤަވާއިދުގައި ވެސް ބަޔާންކޮށްފައި ވަނިކޮށް މަޖިލީހުގެ އިދާރާއިން ގަސްތުގައި ޖަލްސާ ހުއްޓުވާލީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 މާއްދާއާ ހިލާފަށް ކަމަށާއި، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތެއްގައި މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ވާގޮތުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެކަންކަމަށް ރިޢާޔަތްކުރާއިރު، މިހާރު އޮތް ހާލަތަކީ މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން ލާޒިމު ހާލަތެއް ކަމަށާއި، މަޖިލިސް ހުއްޓުވާލާފައި ނުބޭއްވޭނެތީ އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުމެއް ކޮންމެހެން ބޭނުންވާ ކަމަށް އެމްޑީޕީން ދެކޭ ކަމަށް އަފީފް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ނުބޭއްވޭނެކަން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާންކުރެއްވުމާއެކު އެމްޑީޕީ މެންބަރުން ވަނީ މަޖިލިސް ތަޅުމުގައި، އެމްޑީޕީ މެންބަރުންވަނީ އަޑުގަދަކޮށް ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން މަޖިލީހުގެ ބައެއް ސާމާނަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެމްޑީޕީން މީގެ ކުރިންވެސް ބުނަމުން ގޮސްފައިވަނީ، މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރާނީ ނަޝީދު ވަކިކޮށްފައި ކަމަށާއި، އެ ޤަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

މީގެއިތުރުން، ނަޝީދު މަގާމުން ވަކި ނުކޮށް، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު އެމްޑީޕީން ވަނީ ދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު