އެމްޑީޕީގެ މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި ދިމާކޮށް އެބޭފުޅުންގެ ތެރެއިން ކައުންސެލް ޖެނެރަލްގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ދަ ޑިމޮކްރެޓްސް ގެ ޕާރލަމެންޓްރީ ގްރޫޕުން ކުށްވެރިކޮށްފިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ނެރުއްވި ބަޔާނެއްގައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި ދިމާކޮށް އެބޭފުޅުންގެ ތެރެއިން ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިޔުޓަރ ސިސްޓަމް ވައްޓާލައި މޯބައިލް ފޯނަށާއި އަތްދަބަހަށް އަމާޒުކޮށް ފެންޖަހައި، އެތަކެއްޗަށް ގެއްލުންދީފައިވާތީ، ދަ ޑިމޮކްރެޓްސް ގެ ޕާރލަމެންޓްރީ ގްރޫޕުން އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރާ ބެހޭ މައްސަލާގައި ޤާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހޭ ފަރާތަކީ މަޖިލީހުގެ ނައިބު ރައީސް ކަަމަށެެވެ. ނަމަވެސް ނައިބު ރައީސް ޑެންގޫ ހުމުގެ އާލާސްކަންފުޅުގައި އުޅުއްވުމުގެ ސަބަބުން މަޖިލީހަށް ސަލާމްވިދާޅުވެފައިވުމުން، މަޖިލީހުގެ އަމީން އާންމު އެ މަޢުލޫމާތު މަޖިލީހާ ހިއްސާކުރައްވައި އިއްވެވުމުން، އެމް.ޑީ.ޕީ.ގެ މެމްބަރުން އިދާރީ މޭޒު ކައިރިއަށް އެއްވެ، އެ މުވައްޒަފުންނާ ދިމާކޮށް ހަޑިހުތުރު އެއްޗެތިގޮވައި އެ ބޭފުޅުންގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި މަރަދޫ ދާއިރާގެ އެމް.ޑީ.ޕީ.ގެ މެމްބަރު އިބްރާހިމް ޝަރީފް، ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވާއިދާ ޚިލާފުވެވަޑައިގެންފައިވާ ކަން ވެސް ފާހަގަ ަކުރައްވާފައިވެއެވެ.
އެމް.ޑީ.ޕީ. ގެ މެމްބަރުން މަޖިލީހުގެ އިދާރީ މުވައްޒަފަނުންނާ ދިމާކޮށް އެ ބޭފުޅުންގެ ތަކެއްޗަށް ގެއްލުންދިނުމާއި މަޖިލީހުގެ ރިޔާސަތުގެ ސަރަހައްދަށް ވަދެ ރިޔާސަތުގެ ގޮނޑިކޮޅުގައި ގަވާއިދާ ޚިލާފަށް އިށީންނުން ފަދަ ނާތަހުޒީބީ އަމަލުތައް ނުހިންގުމަށް އެ ޕާޓީން ގޮވާލައްވާފައިވެއެެވެ.
އެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ އެކަން ބައްލަވައިދެއްވުމަށް ކަމާބެހޭ މުވައްސަސާތަކަށް އެ ޕާޓީން ގޮވާލައްވައިފައިވެއެވެ.
ގުޅުންހުރި:
ނަޝީދުގެ މައްސަލައަށް އެމްޑީޕީއަށް ފަރުވާއެއް ނުހޯދުނު؛ އެންމެ ފަހުން ސުޕްރީމް ކޯޓަށް
ރައީސް ނަޝީދު ރިޔާސަތުން ބޭލުމުގެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓަށް