Thursday, 18 April 2024

"ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ހެޔޮ ދުޢާކޮށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއް"

ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި އަޑުއުފުލައި، ހެޔޮ ދުޢާކޮށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ފުވައްމުލައް ސިޓީކައުންސިލް ގުޅިގެން ފަލަސްޠީނާ ގުޅޭ ގޮތުން ބޭއްވި ”ފަލަސްޠީން ފޯރަމް”ގައި ވާހަކަފުޅުދައްކަވަމުންނެވެ.   ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި އިސްރާ އެސޯސިއޭޝަން އަދި ގާޑިއަން އެސޯސިއޭޝަނުން އެހީތެރިކަން ދެއްވާފައިވާ މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުމާއި ތަކުލީފުތައް ތަޙައްމަލްކުރަންޖެހޭނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންއެކަނި ނޫންކަމަށާއި،  މުޅި އިސްލާމީ އުންމަތަށް އެ ވޭނާއި ކެކުޅުން އިޙްސާސްވާންޖެހޭކަމަށެވެ. ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއްކަމަށާއި އެތަން މިނިވަން ނުވާހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް އެކަމުގެ ދެރަ ނިކަމެތިކަން އިހްސާސްކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ. ފަލަސްޠީނުގެ ރައްޔިތުން އެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާތާ 70 އެތައް އަހަރެއްވެއްޖެކަމާއި މިހާރު ލިބެމުންދާ އަނިޔާތައް އެތައް ގުނައެެއް ބޮޑުވެފައިވާކަމަށް ވިދާޅުވިއެވެ. ނިދައިފިނަމަ ހޭލެވޭނެކަމުގެ ޔަޤީންކަމެއްނެތްއިރު، ގެއިން ބޭރަށް ނުކުމެއްޖެނަމަ ބޮން އަޅައި މަރާ ނުލާނެކަމުގެ އެއްވެސް ޔަޤީންކަމެއް އެ ޤައުމުގެ ރައްޔިތުންނަށް ނެތްކަމަށް ވިދާޅުވިއެވެ.

އަބަދުވެސް ބިރުވެރިކަމެއްގައި އެތައް ޒަމާނެއްވަންދެން ދިރިއުޅެމުންދާ ފަލަސްޠީނުގެ ޙާލަތު މި ފޯރަމްގައި  މިނިސްޓަރ ކިޔައިދެއްވާފައިވަނީ މިއަދު ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްއާންމަށް ބައްލަވާލައްވަމުންނެވެ.

އެއްްވެސް ރަޙްމެއް ނެތި ޔަހޫދީން އެދަނީ އެތަކެއް އަހަރުތަކެއް ވަންދެން މި ލާއިންސާނީ ޢަމަލުތައް ހިންގަމުންކަމަށާއި އެެހެންނަމަވެސް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ތިބީ މިއަދު ލޯ މަރާލައިގެން ބީރުކަންފަތެއްދީގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Image

ފަލަސްޠީނުގެ ރައްޔިތުން މިއަދު އެދެނީ އެމީހުންނަށް ހެޔޮދުޢާކޮށްލާނެ އަދި އެމީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިއަދު ފަލަސްޠީނުގެ ރައްޔިތުންނަށް ވެވެން އޮތް އެހީއެއްވެދީ، ހެޔޮދުޢާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށް ވިދާޅުވިއެވެ.އަދި އަޅުގަނޑުމެންގެ އަޑު އުފުލައި، ފަލަސްޠީނާއިއެކު ތިބިކަން ހާމަކޮށްދިނުމަކީ މުޅި ދުނިޔެއަށްވެސް ދެވޭ ވަރަށް މުހިންމު މެސެޖެއްކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ މައްޗަށް ޔަހޫދީން ކޮންޓްރޯލް ކުރަމުންދާ ގޮތްތަކަށް ބައްލަވައި، އެމީހުންގެ ނުފޫޒު ދުނިޔޭގެ މައްޗަށް ފޯރުވަމުންދާ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވިއެވެ. އަދި ޔަހޫދީންގެ އަނިޔާވެރިކަމާއި ނުބައިކަން، އަދި ދޮގުވެރިކަމާއި ފަސާދަވެރިކަން ވަރަށް ތަފްސީލުކޮށް ޤުރުއާނުގައި ބަޔާންވެގެންވާކަން ފާހަގަކުރައްވައި، ޤުރުއާނުން މިސާލުދެއްކެވިއެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފަލަސްޠީނަކީ ކޮބައިކަން ދިރާސާކޮށް މިއަދުގެ ޖީލަށް ފަލަސްޠީން އަޅުގަނޑުމެންނަށް މުހިންމުވަނީ ކީއްވެެގެންކަމާއި، ފަލަސްޠީނަކީ ކޮބައިކަން އުނގަންނައިދީ އޮޅުންފިލުވައިދޭން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ވީވަރަކުން އަޅުގަނޑުމެން ފަލަސްޠީނާއިއެކު ތިބިކަން މުޅިދުނިޔެއަށް އަންގައިދިނުމުގައި ދެމި ތިބުމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ޒިކްރާ ކޮލެޖްގެ ޕްރިންސިޕަލް އައްޝައިޚް އިބްރާހީމް ޝަމީމްވަނީ ވަރަށް ތަފްސީލުކޮށް ފަލަސްޠީނުގެ ތާރީޚަށް ބައްލަވައި، މި މަޢުލޫމާތުތައް ޅަ ދަރިންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *