ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫޢު، އަވަހަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި ރައީސް އޮފީހުގައި ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ މައި ޖަމްޢިއްޔާ، މަސީ އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހިފައި އޮތް އެންމެ ބޮޑު މަސައްކަތަކީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމުން ކަމަށާއި، އެކަމަކު މިހާތަނަށް އެއާޕޯޓު ނިމެން އޮތީ 2025 ގެ ޖުލައި މަހަށް ކަމަށް މަޢުލޫމާތު ލިބިވަޑައިގަންނަވާފައިވާ ކަމަށެވެ.
ނަމަވެސް ސައުދީ އަރަބިއްޔާއިން އާ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ. ވެލާނާ އެއާޕޯޓް ތަރައްޤީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އެހެންވެ، އެއާޕޯޓު ތަރައްގީ ކުރަން ސައުދީ ފަންޑުން ދިން އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެ އެވެ.
އެ މަނިކުފާނު ގަސްތު ކުރައްވަނީ އެންމެ ލަސް ވެގެން އަންނަ އަހަރު ސެޕްޓެމްބަރު މަހަށް އެއާޕޯޓު ނިންމަން ކަމަށާއި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ވެސް ރައީސް އޮފީހުގައި ސީދާ އެއާޕޯޓުގެ މަސައްކަތާ ގުޅޭ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި، އެ ކޮމިޓީގައި ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުން ތިއްބަވާނެ ކަމަށާއި ކޮމިޓީ ޗެއާ ކުރައްވާނީ އެ މަނިކުފާނު ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ކޮމިޓީން އެއާޕޯޓް ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިންމަން ޖެހޭ ހުރިހާ ނިންމުމެއް ވީހާވެސް އަވަހަށް ނިންމަވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.