ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ 19 އަަންހެން ބޭފުޅުން ހޮއްވަވާ ދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ދިވެހި ވިޔަފާރިވެރިންގެ ކިބައިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ހޮޓެލް ޖެންގައި މިރޭ ކުރިއަށްދިޔަ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންސީއައި)ގެެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. ވިދާޅުވީ، ގައުމުގެ ހުރިހާ އެންމެން ޝާމިލްވާ ގޮތަށް ކަންކަން ކުރަން ބޭނުންފުޅުވާ ކަމަށާއި، އަންހެން ބޭފުޅުންނަށް ދެވޭ ފުރުސަތުތަކާއި ޒުވާނުންނަށް ދެވޭ ފުރުސަތުތައް އިތުރު ކުރަން ބޭނުންވާ ކަމަަށެވެ.
ރާއްޖޭގައި ހަމަހަމަ ފުރުސަތު އެބަ އޮތް ކަމަށާއި، ނަމަވެސް މިފަދަ ކަންކަން ކުރުމުގައި އަންހެން ބޭކަނބަލުންނަށް ހިތްވަރު ދޭން ޖެހޭ ކަން ފާހަގަކުރައްވަމުން، ޤައުމު ކުރިއަށްގެންދަންޏާ ތެދުވާ ބަޔަކަށް އެހީތެރިކަންދިނުން މުހިއްމުކަމަށާއި، މިކަމުގައި ވިޔަފާރިންގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރިން ނުކުމެވަޑައިގަން ސްޕޮންސަރކުރައްވައިގެން، ތައުލީމީ ޤާބިލް އަންހެން ބޭފުޅުން މަޖިލީހަށް ހޮވާދެއްވައިފިނަމަ ވަރަށް އުފާވާނެ ކަަމަށެވެ.
"އަޅުގަނޑު ކަނޑައަޅާފައިވާ ޓާގެޓަކީ އަޅުގަނޑުމެން ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވަރަށް އުއްމީދު ކުރަމޭ %20 ބޭފުޅުން، އެއީ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި، 19 އަންހެން ބޭފުޅުން އަޅުގަނޑުމެންގެ ފަރާތުން މިފަަހަރު އަޅުގަނޑުމެންގެ ފަރާތުން މަޖިލީހަށް ކާމިޔާބު ހޯއްދަވާނެ ކަމަށް.". މުޢިއްޒު ވިދާޅުވިއެވެ.
އެ 19 ބޭފުޅުން ސްޕޮންސަރކޮށްގެން، މަޖިލީހަށް ވެއްދުން ވެގެން ދާނީ ޤައުމަށް ކޮށްދެވޭނެ ވަރަށް މުހިންމު ކަމަކަށް ކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމެއް ކުރިއަށް ގެންދެވޭނީ އެންމެން އެކަތިގަނޑަކަށް ވެގެން، އެކުވެރިކަމާއި އެކީގައި މަސައްކަތް ކޮށްގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"އެއީ ވަރަށް ވަރުގަދަ ބާރެއް، އެކުވެރިކަމާއި އެކީގައި އަޅުގަނޑުމެން މަސައްކަތް ފަށައިފިއްޔާ އަޅުގަނޑުމެންގެ ގައުމު ވަރަށް ފަސޭހައިން ސަލާމަތް ކުރެވޭނެ." އިންތިޚާބީ ރަައީސް ވިދާޅުވިއެވެ.
އެކުވެރިކަންމަތީގައި ކުރިއަށް ދިއުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އިއްޔެ ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައިވެސް ވިދާޅުވެފައިވަނީ، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހުގެ މަދުވެގެން %20 ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާ ކަމަށެވެ.
"މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި:
މަޖިލިސް އިންތިޚާބުގައި ވީހާވެސް ގިނަ ކަނބަލުން ވާދަކުރެއްވުމަށް އިންތިޚާބީ ރައީސް އެދިވަޑައިގެންފި