29 އެޕްރީލް 2025

އެކުދިންގެވެސް އުންމީދުތަކެއް ވެއެވެ. އެހެނަސް ކުއްލިއަކަށް ފެންނަނީ ފުރާނަ ނެތް މަސްގަނޑެވެ.

އެ ކުދިންގެ ވެސް އުންމީދުތަކެއްވެއެވެ. އެހެނަސް، އެތައް ހާސް ތުއްތު ކުދިންގެ ހިތްތައް ވަނީ ޒަޚަމުވެފައެވެ. އެމެރިކާގެ އެހީތެރިކަމާއި ވާގިވެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުތަކުގައި އެތަކެއް ތުއްތުތުއްތު ކުދިން ޝަހީދުވަމުން ދަނީއެވެ. ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެދޮރަށް ބޮން އަޅަމުން ގޮސް، ޔަހޫދީ ފައުޖުތަކުން ދަނީ އެކުދިންގެ ޙަޔާތް ބަރުބާރު ކުރަމުންނެވެ. ފެންނަނީ ފުރާނަ ނެތް މަސްގަނޑެވެ. ފެނިގެންދަނީ ޝަހީދުވެގެންދާ އެތަކެއް ތުއްތު ކުދިންނެވެ.

މި ދުނިޔެއަށް އިއްޔެ ނޭވައިލީ ކުދިންނާއި ދެންމެ ނޭވައިލީ ކުދިންވެސް ހިމެނޭ ގޮތުންނެވެ. އެކުދިންނަށް އެންމެ ފުރަތަމަ ވެސް އިވޭނެ އެއް އަޑަކީ ޔަހޫދީ ފައުޖުތަކުގެ ބާރުގަދަ ބޮންތަކުގެ އަޑެވެ. ބޮންތައް ފަޅަފަޅައިގެންދާ އަޑެވެ. އަނިޔާ ލިބެމުންދާ ހަޅޭކުގެ އަޑެވެ. މަރަށް ތެޅެމުންދާ މުސްލިމުންގެ ވޭނުން ފުރިގެންވާ އަޑެވެ. ޝަހީދު ކޮށްލާފައިވާ 8,000 އަށްވުރެ ގިނަ މީހުންގެ ޢާއިލާތަކުގެ މެންބަރުންގެ ގިސްލުމުގެ އަޑެވެ. މައިން ޝަހީދުވެ، މައުސޫމު ވެފައިވާ ތުއްތު ކުދިންގެ ރުއިމުގެ އަޑެވެ. ބަފައިން ޝަހީދުވެ ޔަތީމުވެފައިވާ ކުދިންގެ ވޭނީ އަޑެވެ.

ފެންނަނީ އަނިޔާ ލިބެމުންދާ ވޭނީ މަންޒަރުތަކެވެ. ލޭ އޮހޮރިގެންދާ ހިތްދަތި ކެކުޅުމުގެ ފޮޓޯތަކެވެ. އަނދާފައިވާ ހަށިތަކުގެ ވީޑިއޯތަކެވެ. ލެއިން ތަތްތެޅިފައިވާ ކުދިންގެ ހިތްދަތި މަންޒަރުތަކެވެ. އިމާރާތްތަކުގެ ދަށުވެފައިވާ ކުދިންގެ މަންޒަރުތަކެވެ. ޗިސްޗިސްވެފައިވާ ހަށިތަކެވެ.

އަނިޔާވެރިންގެ ޢަމަލުތައް ހައްދުފަހަނަ އަޅާގޮސްފިއެވެ، ބޮން އަޅާކަން ތަނެއް ތަނެއް ނެތެވެ. ހޮސްޕިޓަލްތަކަށް ބޮންއަޅަނީއެވެ. ގޯތިގެދޮރަށް ބޮން އަޅަނީއެވެ. ބޭކަރީތަކަށް ބޮން އަޅަނީއެވެ. ސްކޫލްތަކަށް ބޮންއަޅަނީއެވެ. ހަނގުރާމައިގެ އެއްވެސް އުސޫލަކަށް ބެލުމެއް ނެތިއެވެ. ހަމައެއް ލަމައެއް ނެތިއެވެ.

ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި، 3,300 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ. މިއީ ހިތްދަތި އިޙްސާސެކެވެ. މޮޅިވެރި ވާހަކައެކެވެ. އެކުދިންނަށްޓަކައި ހެޔޮ ދުޢާކޮށްދޭށެވެ. ޞަދަޤާތްކޮށްދޭށެވެ. ހިތްދަތި ކަމާއި މޮޅިވެރި ކަމުން ފުރިގެންވާ ޙަޔާތް އުފާވެރި ޙަޔާތަކަށް ބަދަލުވޭތޯއެވެ. ޣައްޒާގެ ކުޑަކުދިން ދިރިއުޅެމުންދާ ހާލާއި، ކުރިމަތިލާން ޖެހިފައިވާ ނާމާން ކަމާއި ބިރުވެރި ކަމުން މިންޖުވޭތޯއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު