Tuesday, 23 July 2024

ޔާމީން ގޭ ބަންދަށް ބަދަލުކޮށް ލުއިތައް ދިނީ އިޤްރާރެއްވުމަށްފަހު، އެކަމާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: ކަރެކްޝަންސް

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް، ލުއިތައް ދިނީ އިޤްރާރެއްވުމަށް ފަހު ކަމަށާއި އެކަމާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސްއިން މިއަދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި، ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ އެކަން ފަހިކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާ ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

"ކުރުން މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެ. ވީމަ، މި ސާވިސް އިން މި ގެންދަނީ ރައީސް ޔާމީންގެ އަމަލުތައް މޮނީޓާކުރަމުން. އިގުރާރާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވާފައި ވާނެ،" ކަރެކްޝަންސްއިން ރައީސް ޔަމީނަށް ދިން ލިޔުމުގައިވެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަނިކޮށް ޔާމީން ގެއަށް ބަދަލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވިތާ ދެ ދުވަހެއް ފަހުންނެވެ. އޭގެ ފަހުން، ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މަނިކުފާނުގެ ބަންދަށް އަނެއްކާ ވެސް ލުއެއް ދީފައެވެ. އެއީ، އެ އިދާރާއަށް އެންގުމަށް ފަހު މެޑިކަލް ކަންކަމުގައި ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަމަށް ކަރެކްޝަންސް އިން ވިދާޅުވެއެވެ.

އެކަމަކު އެ މަނިކުފާނުގެ މައްސަލަ އަނެއްކާ ވެސް ހޫނުވީ، ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުމުންނެވެ. އެކަމަކު، ޕީޕީއެމްގެ އޮފީހަށް ވަޑައިގަތުމުގެ ކުރިން އެކަން ކަރެކްޝަންސްއަށް އެންގި ކަމެއް ނޫނީ ނާންގާ ކަމެއް އެނގިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު