Monday, 07 October 2024

ހިތް އެދޭހާ ކަމެއް.. (15 ވަނަބައި)

"ރިއާން. މީ ކޮންމެހެން ބައްޕަގެ އަމިއްލަ އެދުމެއް އޮވެގެން ދެއްކި ވާހަކައެއްނޫނޭ. ރިއާން އެއްބަސްވިޔަސް ނުވިޔަސް ރިއާންގެ ބައްޕަވެސް އަހަރެންވެސް ވިސްނަނީ ރިއާންގެ އުފަލަށް. އަހަރެންގެ އުފަން ދަރިއެއް ނެތްކަމުގައި ވިޔަސް އަހަރެންވެސް ރިއާން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި. ތި އުޅޭ އެކަނިވެރި އުޅުން ބަލަން އަހަރުމެން ދެމަފިރިން ކަމެއް ނުކޮށް ތިބެންވީތަ؟" ޝީރީންގެ ވާހަކަ އިވުމާއެކު ރިއާންއަށް ދެދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. ޝީރީންއާ ދިމާލަށް އިހްތިރާމް ކުޑަކޮށް އެއްޗެއް ނުބުނެ ހުރެވޭތޯ މަސައްކަތްކުރިއެވެ. ކޮންމެއަކަސް އެއީ އޭނާގެ ބައްޕަގެ އަނބިމީހާއެވެ. އިތުރަށް އެތާ އިނދެފިނަމަ މަސްލަހަތު ގޯސްވެދާނޭ ބަހެއް ދުލުން ބޭރު ކުރެވިދާނެކަމަށް އޭނާ އަވަސް އަވަހަށް މޭޒުމަތީގައި އޮތް ފޯނާއި ވޮލެޓް ޖީބަށްލަމުން އެގެއިން ނުކުންނަން ދިޔައެވެ. އެމަންޒަރު ބަލަންހުރި ރިޔާޒާއި ޝީރީންއަށް އެކަކު އަނެކަކާދިމާލަށް ބަލައިލެވުނެވެ. ޝީރީންގެ މޫނުގައިވާ ކަންބޮޑުވުން ފެނި ރިޔާޒް ޝީރީންގެ އަތުގައި ހިފަހައްޓައިލަމުން ބޯ ޖަހައިލީ އެކަމާ އަޅައި ނުލުމަށް ބުނާ ފަދައަކުންނެވެ.

************

ނާޝިދު އެދިފައިވާ ގޮތުގެ މަތިން ޖެހިގެން އައި ރޭގެ ރޭގަނޑު ކެއުން ވެގެންދިޔައީ އެންމެން ސުފުރާ ދޮށަށް ޖަމާވި ކެއުމަކަށެވެ. ހަމީހުންގެ ޖާގައިގެ ކާމޭޒުގެ ކޮޅުގައި ނާޝިދު އިށީނދެލައިގެން އިންއިރު މޭޒުގެ އެއްފަޅީގައި ޒީވާއާއި އިޝްވާ އަދި އަނެއްފަޅީގައި ވާފިޔާ އިށީނދެލައިގެން ތިއްބެވެ. އާދައިގެ މަތިން އެންމެ ލަހުން އައި ރާހިލް އައިސް އިށީނީ ނާޝިދުގެ ކުރިމައްޗަށް ވާގޮތަށް އެ ދިގު މޭޒުގެ އަނެއްކޮޅުގައި ހުރި ގޮނޑީގައެވެ. ހަމަ އިށީނުމާއެކު ތައްޓައް ކާން އަޅައިލުމަށްފަހު ފޯނު ހުޅުވައިލައިގެން އިނދެ ކޮންމެވެސް އެއްޗެއް ބަލަން ފަށައިފިއެވެ. އިޝްވާއަށް ބަލައިލިއިރު އޭނާގެ ހާލަތު އަދި މާ ގޯހެވެ. ފޯނަށް ގެެއްލިފައި އިންއިރު މީހަކު ކިޔާ އެއްޗެއްވެސް އިވިދާނެކަމަށް އޭނާ އިނީ ކަންފަތުގައި ބޮޑު ހެޑް ފޯނެއްވެސް އަޅައިގެންނެވެ. އެއާހިލާފަށް ޒީވާގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އިސް ޖަހައިލައިގެން މަޑުމަޑުން ކާން އިންއިރު އޭނާ ފުން ހިޔާލަކަށް ގެއްލިފައި އިން ކަހަލައެވެ. އާނއެކެވެ. އޭނާ ވިސްނަމުން ދިޔައީ އެދުވަހު މެންދުރު މަންމައާއި ބައްޕަ އޭނާއާ ދެއްކި ވާހަކަތަކާމެދުގައެވެ.

"ރާހިލް. ދަރިފުޅާ" ވާފިޔާ ރާހިލްގެ ސަމާލުކަން ހޯދުމަށް ގޮވައިލިއެވެ.

"ޔެސް މޯމް" ރާހިލް ފޯނާއި ނަޒަރު ވަކިކޮށްލުމެއްނެތި ބުންޏެވެ.

"ވާހަކައެއް ދައްކަން ވެގެންނޭ ހުރިހާ ކުދިން ގެނައީ. ނިކަން މިކަމާ ވެބަލަ" ވާފިޔާ އެދުނެވެ. ރާހިލް ވަގުތުން ފޯނު ބޭއްވުމަށްފަހު އަތް ދަމައިލަމުން އޭނާއާ ޖެހިގެން އެއްފަޅިއަކަށް އިން ޢިޝްވާގެ ކަންފަތުގައި އަޅައިފައިވާ ހެޑްފޯނު ދަމައިގަތެވެ.

"އައްދޯތް ދޮންބޭ!! އިސްތަށިގަނޑުގައޭ ތި ހިފީ" ރާހިލްއާއި ޒީވާއާ މުޅިން ހިލާފަށް އިޝްވާއަށް ލިބިފައިވަނީ ބުޅި އިސްތަށި ގަނޑަކަށްވާތީ އެ ބުޅިތަކުގައި ރާހިލްގެ އިނގިލިތައް ފަސޭހައިން އަޅައިގަތެވެ.

"މަންމަ ވާހަކައެއް ދައްކަން ވެގެނޯ ގެނައީ.. އަޑުއަހާބަލަ ޔޫ ސްޕޮއިލްޓް ބްރެޓް" ރާހިލް އިޝްވާއަށް ބުންޏެވެ.

"އަހަރެންނަށްވުރެން ސްޕޮއިލްޑްއީ ދޮންބެއޭ. އެހެންނޫނަސް މަންމަމެން ރަނގަޅަށް ވަންޏާ ދައްކަން އެ އުޅެނީ ކޮންމެވެސް ގައުމަކަށް ބޭސްފަރުވާއަށް ދާ ވާހަކަ. އިޝީ އިންޓްރެސްޓް އެއް ނެތޭ" އިޝްވާ ރާހިލްގެ އަތުން ހެޑްފޯނު އަތުލަން މަސައްކަތްކުރަމުން ބުންޏެވެ.

"ގައިޒް އައިމް ގެޓިންގް މެރީޑް" ކުއްލިއަކަށް ޒީވާ އެތަނަށް ވައްޓާލި ބޮމާއެކު އިޝްވާއާ ރާހިލްގެ ހަރަކާތްތައް ހުއްޓުނެވެ. އެވާހަކަ ޔަގީން ކުރުމަށްޓަކައި ރާހިލާއި އިޝްވާ އެކިއެކީ ވާފިޔާއާ ނާޝިދުއަށް ބަލައިލިއެވެ. މަންމައާ ބައްޕަގެ މޫނުމަތީގައިވާ ސީރިއަސްކަންފެނި އެއީ ސަމާސާ އެއްނޫންކަން ދެމީހުންނަށްވެސް ކަށަވަރުވިއެވެ. ހަމައެއާއެކު ދެމީހުންގެ މޫނުމަތީގައި ޖެހިގެން ދިޔައީ އެކަކު އަނެކަކާ މުޅިން އިދިކޮޅު ކުލަވަރު ތަކެކެވެ. އިޝްވާ އުފަލުން ހަޅޭއްލަވައިގަތުމަށްފަހު ފުންމައިގެންގޮސް ޒީވާގެ ގައިގައި ބައްދައިލި އިރު ރާހިލް ހިތްހަމަނުޖެހިފައިހުރެ އިންތަނުން ފުންމައިގެން ތެދުވިއެވެ.

"ވަޓް؟؟" ރާހިލްގެ އަޑުގައިވާ ހިތްހަމަ ނުޖެހުން އެތަނުގައި ތިބި އެންމެނަށްވެސް ފާހަގަ ކުރެވުނެވެ. "ޒީ؟؟ މީ ކިހިނެއް ހިނގާ ކަމެއް. ޒީގެ ބޯއިފްރެންޑެއްވެސް ނުހުރެ އެއްނު؟" ރާހިލް މޭޒުގައި ދެއަތްތިލަ އަޅުވައިލަމުން ބުންޏެވެ.

"ޒީވާ ކައިވެނި ކުރުވަން ނިންމީ އަހަރެން. ޒީވާވެސް އެކަމާ މިހާރު ވަނީ އެއްބަސްވެފަ. މިވާހަކަ ދައްކަން އަހަރެން އެންމެންގާތު މިރޭ އަންނާށޭ ބުނެލީ" ނާޝިދު ބުންޏެވެ.

"އޯމައި ގޯޑް ދޮންތީ.. ވަރަށް އުފާވެއްޖެ"

"ވަޓް ދަ– އެން އެރޭންޖްޑް މެރިއެޖް؟؟ ޒީ؟؟ ޒީ މިކަމާ އެއްބަސްވީ ކީއްވެ؟ ޒީއަކީ ހޯޕްލެސް ރޮމޭންޓިކްއެއް. ފިލްމަތަކާއި ވާހަކަތަކުން ފެންނަ ކަހަލަ ލޯތްބެއް ބޭނުންވާ މީހެއް.. މިވަރު ކަމަކާ ޒީ އެއްބަސް ވާންވީ ކީއްވެ؟ އަހަރެންނަކަށް މި ސަމާސާ އެއްވެސް ގޮތަކަށް ކަމަކު ނުދޭ." ރާހިލްގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ.

"ދަރިފުޅާ އަޑުމަޑު ކޮށްބަލަ. މީ އެހާވަރު ކަމެއްނޫ—"

"މަންމަ؟؟ މަންމަވެސް މިކަމާ އެއްބަސްވީތަ؟ ކީއްވެ؟؟" ރާހިލް ވާފިޔާގެ ވާހަކައަށް ހުރަސް އެޅިއެވެ.

"ދަރިފުޅު ހަމަ ޖެހިފަ އަޑު އަހާބަ. މަންމަމެންވެސް ޒީވާއަށް ދެރަގޮތެއް ނުވިސްނާނެއެއް—"

"އެއީ ކާކު. ކާކުހޭ؟؟ ކާކާތަ ޒީވާ އެހާ ފަސޭހައިން އިންނަން ތި އެއްބަސްވީ؟" ރާހިލް އައިސްފައިހުރި ރުޅީގައި ގޮސް ޒީވާގެ އަތުގައި ހިފައި ލުތްކެއްޖަހައި ގޮނޑިން ތެދުކުރިއެވެ.

"އަހަރެންނަކަށް ނޭނގެއޭ ދޮންބޭ… އެކަމަކު ކޮންމެ މީހަކަސް އަހަރެންނަށް ވަރިހަމަ" ޒީވާ ރާހިލްގެ އަތުން އަތް ދަމައިގަތެވެ.

" ވަޓް؟؟ ޒީވާ ތިހާ ޗީޕް ވީ ކޮންއިރަކު؟"

"ރާހިލް"

"ދޮންބޭ"

ރާހިލް ޒީވާއަށް ނިސްބަތްކުރި ބަހުރުވައިގެ ގޮތުން ވާފިޔާއާ އިޝްވާއަށް އެއްްފަހަރާ ރާހިލްއަށް ގޮވައިލެވުނެވެ. ބުނެވުނު އެތި ރޭކައިލުމާއެކު ރާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ސޮރީ ސޮރީ.. އެކަމަކު އަހަރެން މިބުނީ ދޮގެއްތަ؟؟ ކައިވެނިކުރަން މި އުޅެވެނީ ކާކާތޯވެސް ބަލައިލުމެއްނެތި އެއްބަސްވާއިރު މި ސުވާލު ކުރާ ހިސާބަށް ގޮސްފިއެއްނޫންތަ؟ ކުޑަމިނުން އެއީ ކިހިނެއްހުރި ކޮން އުމުރެއްގެ މީހެއްތޯ ޒީވާ ބަލައިލިންތަ؟ މުސްކުޅިއަކިއްޔާ އޯ؟" ރާހިލް އަދިވެސް އެއްޗެހި ކިޔަމުން ދިޔައީ ޒީވާއަށެވެ. މިފަހަރު ޒީވާއަކަށް އޭނާގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މީހުން އޭނާއާ ދިމާލަށް އެއްޗެހި ކިޔުމަކީ އޭނާ ކުޑައިރުއްސުރެންވެސް ދެރަވާކަމެކެވެ. އެގޭގެ ދެންތިބި ދެކުދިންނާ ހިލާފަށް އޭނާއަކީ ފަސޭހައިން ހިތުގައިޖެހޭ ކުއްޖެކެވެ. އެހެންވެ ރާހިލް އެއްޗެހި ކިޔަން ފެށުމުން އޭނާއަކަށް ރުއިން ކޮންޓްރޯލެއްް ނުކުރެވުނެވެ.

"އަހަރެންނަށް ހެވޭ ކޮންމެ މީހަކަސް. އަހަރެންނަށް އެނގޭ މަންމައާ ބައްޕަ އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން. މުސްކުޅިއަކާ އިންނާކަށް ނުބުނާނެކަން." ޒީވާ ގިސްލަ ގިސްލާފައި ބުންޏެވެ.

"ޒީވާ ހީކުރިންތަ އެއްވެސް ދުވަހަކު ޒީވާގެ މަންމައާ ބައްޕަ ޒީވާ މީހަކާ އިންނަން މަޖުބޫރު ކޮށްފާނޭ؟ އެބަ ފެނެއެއްނު އެ ދުވަސް!!" ރާހިލް އަނެއްކާވެސް އެހިއެވެ.

"ރާހިލް! ތި ހީކުރެވެނީ އަދި މުޅިން ގޯސްކޮށް. އަހަރުމެން ޒީވާއަކަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރަން. އެހެންނޫނަސް ޒީވާގެ ކައިވެނި ކުރެވޭނީ ޒީވާ ބެލޭވަރުގެ ތަނަވަސްކަމާއި ސިއްހަތުހުރި މީހަކާ އެކަމާ ރާހިލް ހާސްވާކަށް ނުޖެހޭނެ" ފަހަތުން އިވުނު ނާޝިދުގެ އަޑަށް ރާހިލްގެ މޫނަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. އެބުނި އެއްޗެއް ގަބޫލު ނުކުރެވިފައިހުރިފަދަ ފާޑަކަށް ހެމުން އޭނާ ނާޝިދާއި ކުރިމަތިލިއެވެ.

"ކަލޭގެ ކަމެއް ދޯ މީ؟؟ ކަލޭގެ ވިޔަފާރި ނޫނީ ސިޔާސީ ޑީލަކަށް ޒީވާ ވިއްކާލީ ދޯ؟؟ މިގޭގަ ކަލެއާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރޭނީ ޒީވާއަށްކަން އިނގޭތީތަ؟ އަހަރެންގެ ކޮއްކޮ ވިއްކާނުލާ ކަލޭގެ އަމިއްލަ ދަރި އެމީހަކަށް ވިއްކާނުލީ ކީއްވެތަ އޭން؟" ރާހިލް ރުޅިވެރިކަމާއެކު ކާމޭޒު މަތީގައިހުރި ތަށިތައް ބުރުވައިލިއެވެ. އޭގެން ބައެއްތަށީ ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔަ އަޑު ކާގޭގައި ގުގުމައިލިއެވެ. އެއަޑަށް ޒީވާއަށް ސިހިފައި ހަޅޭއްލަވައިގަންނަމުން ކަންފަތުގައި އަތް އަޅައިލެވުނީ އޭނާއަކީ އަބަދުވެސް ބާރު އަޑުތަކަށް ބިރުގަންނަ ކުއްޖަކަށް ވާތީއެވެ.

"ކަލޭ ހީ ނުކުރައްޗޭ އަހަރެން ދުނިޔޭގަ ހުއްޓާ ކަލެއަށް ތިހެން މަގޭ ކޮއްކޮގެ ދިރިއުޅުން ހަލާކު ކޮށްލެވޭނެ ކަމަށް" ރާހިލް ހީވީ ދެންމެ ދެންމެ ގޮސް ނާޝިދުގެ ކަރުގައި ހިފައިފާނެހެނެވެ. އިޝްވާއާ ވާފިޔާގެ މަސައްކަތުން ރާހިލް ދުރުކުރެވުނެވެ. އިތުރަށް މަޑުކުރުމެއްނެތި ރާހިލް ކާރުގެ ތަޅުދަނޑި ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނުކުތީ އޭނާގެ އަތުންފައިން ގޯހެއް ހެދިދާނެކަމުގެ ބިރުގައެވެ. ރާހިލް ހަމައަކަށް އެޅުވުމަށްޓަކައި ރާހިލްގެ ފަހަތުން އިޝްވާވެސް ދުއްވައިގަތެވެ. ރާހިލް ސިޑިން ފައިބައިގެންދިޔަތަން ފެނުމުން އިޝްވާ އަވަސްވެގަތީ ލިފްޓުގައި ފޭބުމަށެވެ. އޭނާ ރާހިލް އަންނަންދެން ތިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. ނަމަވެސް ސިޑިން ފައިބައިގެން އައި ރާހިލް އިޝްވާއަށް ބެލުމެއްނެތި ގަރާޖުގެ ދޮރު ހުޅުވައިލުމަށްފަހުގޮސް ކާރަށް އެރިއެވެ.

"ދޮންބޭ. ދޮންބޭ އަޅެ އެންމެ ފަހަރަކުވެސް ގޮތްދޫކޮށްފަ އިޝީ ކިޔާ އެއްޗެއް އަޑު އަހާބަލަ!! ދޮންބެ ތިހާ ރުޅިއަންނަންވި ސަބަބަކީ ކޮބާކަމެއް އިޝީއަކަށް ނުވިސްނޭ" ރާހިލް ކިޔައިފާނެ އެއްޗެކަށް އަމަލު ކުރާނެ ގޮތަކަށް ބެލުމެއްނެތި އިޝްވާވެސް ކާރުގެ ކުރީ ސީޓަށް އެރިއެވެ.

"އިޝްކޮވެސްތަ؟ އެންމެން މިކަން އެހާ ކުޑަކަމަކަށް ހަދާލައިގެން ތި އުޅެނީ މީ ޒީވާގެ މުޅި ހަޔާތަށް އަސަރު ކުރާނެވަރު ނިންމުމެއްކަން ހަމަ ނޭނގިގެންތަ؟ ނުވެސް ދަންނަ ބީރައްޓެއްސަކާ ޒީވާގެ ކައިވެނި ކުރުވަން އުޅޭއިރު އަހަރެން މިވީ ހެވިފަ އެތަން ބަލަން ހުންނަންތަ؟" ރާހިލްގެ ބާރު އަޑު ކާރުތެރޭގައި ގުގުމާލިއެވެ.

"އެހެންވެއެއްނު އަހަރެން މި ބުނަނީ ރުޅި މަޑުކޮށްފަ އަޑު އަހާބަލާށޭ. ދޮންތަ މެރީ ކުރަންއުޅޭ މީހަކީ ކޮންމެހެން ބީރައްޓެއްސެއް ނޫންވެއްޖެއްޔާ.. އެމީހަކީ ދޮންތައާއި އާއިލާ އަދި ދޮންބެއަށްވެސް އެނގޭ އިތުބާރު ކުރެވޭ ވަރު މީހަކިއްޔާ ދޮންބެ މިކަމާ ހުރަސް ނާޅާނަންތަ؟" އިޝްވާ ރާހިލްގެ އަތުގައި ހިފަހައްޓަމުން އަހައިލިއެވެ.

"ސްޓޮޕް އިޓް އިޝްކޯ. ތި ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެ. މި ވާނީ އޭނާގެ ކޮންމެސް ސިޔާސީ މަންފާއަކަށް ޒީ—"

"އެމީހަކީ ދޮންތަވެސް ލައިކްވާ މީހަކަށްވިއްޔާ ދޮންބެ އޭރުންވެސް މިކަމާ ހުރަސް އަޅާނަންތަ؟" އިޝްވާ ރާހިލްގެ ވާހަކަ ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމެއްނެތި ބުންޏެވެ.

"ޔޫ މީން ރިއާން؟" ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.

"ދޮންބެއަށް އެނގޭތަ؟" އިޝްވާ ހައިރާންވިއެވެ.

"ނޭނގޭ ވަރެއްތަ؟އަހަރެން ކިތަންމެ އަޅާނުލާހެން ހީވިއަސް އައި އޭމް ވެރީ އޮބްސަރވެންޓް. ޒީއަކީ ރިއާންގެ ފޭން ގަރލްއެއްކަން އަހަރެންނަށް އެނގެޔޭ… ފޮލޮއިންގް އެވްރީވެއަރ ހީ ގޯ.. އެކަމަކު އެކަހަލަ ޓީނޭޖް ކްރަޝްތަކަކީ އެހާ އަޅާލާވަރު ކަންކަމެއް ނޫނެއްނު. އެހެންނޫނަސް ރިއާން އެގޮތައް ޒީއާ ދޭތެރޭ ހިތަށްވެސް ނާރުވާނެ. ސޯ.. ނޯ ވޮރީޒް…" ރާހިލް ދެކޮނޑު އަރުވައިލަމުން ހަމަޖެހޭގޮތް ދައްކައިލިއެވެ.

"އެއީ ތި ހީކުރާހާ ސިމްޕަލް ކްރަޝް އަކަށް ނުވިއްޔާއޯ؟" އިޝްވާގެ ސުވާލާއެކު ރާހިލްގެ ބުމަ ގޮށްޖެހިގެންދިޔައެވެ. އެ ބުނި އެއްޗެއް ދޭހަ ނުކުރެވިގެން އުޅެނިކޮށް އިޝްވާ ދެން ބުނެލި ޖުމްލައާއެކު ހީވީ ކާރުގެ ތެރޭގައި ބޮމެއް ގޮއްވައިލެވުނު ހެނެވެ." އިޓްސް ރިއާން ދޮންބޭ."

"ކީކޭ؟" ރާހިލް ގަބޫލު ނުކުރެވިފައި އިނދެ އަހައިލިއެވެ. އިޝްވާ އެއީ ތެދެއްކަން އަނގައިދިނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ހަހަހަ. ރިއަލީ އިޝީ.. މިއަދަށް ވާވަރަށް އަހަރެންނަށް ޝޮކު ލިބިއްޖެ.. ސޯ ޕްލީޒް.. ތިއީ ސަމާސާއަކަށް ވާނަމަ ހުއްޓާލާ.. އެއްވެސް މަޖަލެއް ނޫން" ރާހިލް ބުންޏެވެ.

"ކޮބާތަ ރިއާންބެގެ މައްސަލައަކީ؟ ޒިންމާދާރު، ތައުލީމީ ތަނަވަސް ޒުވާނެއް.. އެންޑް ހީ އިޒް އަ ގުޑް މޭން ހީ ވިލް ޓޭކް ގުޑް ކެއަރ އޮފް ދޮންތި" އިޝްވާއަކަށް ރިއާންގެ އުނިސިފައެއް ނުފެނުނެވެ.

"އިޝްވާ މިވަގުތު އަހަރެންނާ ސަމާސަ ނުކުރޭ!" ރާހިލް އިންޒާރު ދިނެވެ. ނަމަވެސް އިޝްވާގެ މޫނުގައިވާ މައުސޫމު ކުލަވަރުން ރާހިލްއަށް އެއީ ތެދު ވާހަކައެއްކަން އެނގުނެވެ.

"ރިއާން ރިއާން.. އަހަރެންގެ އަތުން އޭނަ މަރުވާނެ!! ހައު ޑެއަރ ހީ ކަމް އަޕް ވިތް ދިސް ޝި* ބިހައިންޑް މައި ބެކް" ރާހިލް ކާރު އިސްޓާޓު ކޮށްލިއެވެ. ނަމަވެސް ދުއްވައި ނުލެވިގެން އުޅެނިކޮށް މިފަހަރުވެސް އިޝްވާ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"ދޮންބޭ!! ހަމަ ޖެހިބަލަ!! މީ.. މީ ރިއާންބެގެ ކަމެއް ނޫނޭ!! އަހަންނަކަށް ހިއެއްނުވޭ ކުޑަމިނުން ރިއާންބެއަށް މިއިން ކަމެއް އެނގޭހެންވެސް. މީ.. މީ މަންމަމެންގެ ކަމެކޭ.. ދޮންބޭ ޕްލީޒް ހިނގާބަ ގެއަށް. މަންމަ ހުރިހާ އެއްޗެއް ކިޔާ ދޭނެ"

"އަހަރެންނަކަށް ފަރަގެއްނެތޭ މީ ކޮންމެ މީހެއްގެ ކަމަކަސް. ރިއާން މިކަމާ އެއްބަސް ވާކަށް ނުޖެހޭ. މަންމަމެން ކޮން މޮޔައެއް ހީވެގެންތަ ޒީވާ އެހާ އަވަހަށް ކައިވެނި ކުރުވަން އެ އުޅެނީ؟ ޒީވާ ކައިރި ބުނޭ ކުޑަކުދިން އުޅޭހެން މަންމަމެން ކައިރި ބޮޑާހާކައިގެން ހޯދާ ކުޅޭ އެއްޗެއްހެން ހިތްކިޔާ ކޮންމެ މީހެއް ހޯދަން ނޫޅޭށޭ" ރާހިލްގެ އަޑަށް ރުޅިވެރިކަން ވެރިވިއެވެ.

"ވަޓް؟؟ ދޮންބެ ހީކޮށްގެން ތި ހުންނަނީ ދޮންތިއަކީ ކިހާ ގޮތެއްފޮތެއްނެތް މީހެއް ކަމަށްތަ.. ތިބުނިގޮތް އޮއްވާ.. ބޮޑާހާކައިގެން ހިތްކިޔާ މީހާ ހޯދެން އޮއްވައިވެސް ދޮންތިގެ ހިތުގަ ރިއާންބެއަށް އޮތް ލޯބި 9 އަހަރުވަންދެން ފޮރުވައިގެން އެ އުޅެނީ ހަމަ ދޮންބެއާ ރިއާންބެއާ ދެމެދުގަ އޮންނަ އެކުވެރިކަމުގެ ސަބަބުންނެއް ނޫންތަ؟؟ އެކަމް ދޮންބެ އެއްވެސް ވަރަކަށް އެކަހަލަ ކަމަކާ ވިސްނާލިންތަ؟؟ ކުޑަމިނުން ސިސްއާ އެހާ ކްލޯޒްކޮށް އުޅޭއިރު… ޑޯންޓް ޑިނައި އިޓް އަހަރެންނަށް އެނގޭ ދޮންބެ ސިސްގެ ފަރާތުން ބޭނުންވެގެން ތި އުޅެނީ އެކުވެރިކަން ނޫންކަން!! އެންޑް އައި ހޯޕް ޝީ ވޯންޓް ފޯލް ފޯ އިޓް. ކޮޒް މެން ލައިކް ޔޫ އަރ ޓްރޭޝް. މިހާރު އެނގޭ ދޮންތިއަށް ދިމާވި އެސައުލްޓްގެ ވާހަކަ ބައްޕަ ދޮންބެއަށް ކިޔާ ނުދިނީ ކީއްވެކަން. ޔޫ ޑޯންޓް ޑިސަރވް އެއްވެސް ކަމެއް އެނގޭކަށް" އިޝްވާ ކާރުން ނުކުތިމަށްޓަކައި ދޮރު ހުޅުވައިލިއެވެ.

"ވަޓް؟؟ ކީކޭ ތިބުނީ؟؟؟" ރާހިލް އިޝްވާ ހުއްޓުވިއެވެ.

"މި ބުނެވުނު އެއްޗެެއް ނޭނގުނުތަ؟ މިބުނީ ދޮންބެއަކީ ތި ބުނާހާ ކެއަރ ކުރާ މީހަކަށް ވިނަމަ ކުޑަމިނުން މީ ކިހިނެއްވެގެން ހަމަޖެއްސި ކައިވެންޏެއްތޯ ނޫނީ ދޮންތަ މިކަމާ އެހާ ފަސޭހައިން އެއްބަސްވީ ކިހިނެއްވެގެންތޯ އަހާލާނޭ" އިޝްވާ ބުންޏެވެ.

"ޒީ.. ޒީއަށް މީހަކު—"

"އާނ ދޮންބޭ. ބައްޕަމެން މި ޑެސިޝަން ނެގީ ދޮންތިއަށް ރަނގަޅަކަށް. ދޮންބެމެން އެރަށުގައި ހުރި އިރު….." އިޝްވާ މީގެ ތިންމަސް ކުރިން ޒީވާއަށް ކުރިމަތިވި ކަންތަކުގެ ވާހަކަ ރާހިލްއަށް ކިޔައިދޭން ފެށިއެވެ. އެވާހަކަތައް އިވެމުންދިޔަ ވަރަކަށް ރާހިލްގެ މޫނުން ހިތާމައާއި ރުޅިވެރިކަމުގެ އަސަރުތައް ފެންނަމުންދިޔައެވެ. އެއްފަހަރު ގޮށްމުށުގެ އެތިފަހަރެއް ކާރުގެ ހުންގާނަށް އަރުވައިލައިފިނަމަ އަނެއްފަހަރު ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލާނެއެވެ.

"ދޮންބެ އެވަގުތު އަހަރުމެންނާއެކު ހުރިނަމަ އެނގޭނީ ދޮންތި ވެއްޓުނު ހާލަތު. އަހަރުމެން ބޭނުންވަނީ ދޮންތި އެކަމާ ވީހާވެސް ދުރުވާން. އެހެން ކަމެއްގެ ތެރެއަށް ވިސްނުން ބަދަލުކުރަން. މާހައުލު ބަދަލުކުރަން.. ފިރިހެނުންގެ މައްޗަށް އުފެދިފަ އޮތް ބިރު ކަނޑުވާލާ ދޮންތިއަށް އަޅާލާ ހިމާޔަތްދޭނެ މީހެއް ހޯދައިދޭން" އިޝްވާ ރާހިލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"ތިކަމަށް އެންމެ ރަނގަޅު އޮޕްޝަނަކަށް ފެނުނީ ރިއާންތަ؟" ރާހިލް ދެފަރާތަށް ބޯ ހޫރައިލަމުން އަހައިލިއެވެ.

"ރިއާންބެގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ދޮންބެއަށް.. ޔޫ ނޯ ހީ އިޒް އަ ގުޑް އޮޕްޝަން" އިޝްވާ ބުންޏެވެ.

"ޔެސް އައި ނޯ ހިމް ބެޓަރ ދޭން އެނީވަން ވިޗް އިޒް ވައި އައި ނޯ ހީ އިޒް ނޮޓް އަ ގުޑް އޮޕްޝަން" ރާހިލް ހަޅޭލަވައިގަތެވެ.

"މާނައަކީ؟؟" އިޝްވާ އެދުނެވެ

"އިޝީ ޕްލީޒް ގެޓް އައުޓް އޮފް ދަ ކާރ" ރާހިލް ބުންޏެވެ.

"މައްސަލައެއްނެތް. އެކަމަކު ދޮންބެ ހުވާކުރޭ… ރިއާންބެކައިރި މިރޭ ހިނގި އެެއްވެސް ވާހަކައެއް ނުކިޔާނަން ކަމަށް.. އަދި މިވަގުތު ރިއާންބެ ގާތަށް ނުދާނަން ކަމަށް. ފުރަތަމަ ދޮންބެ މިކަމާ ހަމަ ޖެހިލައިގެން ވިސްނާލަބަ. ރިޔާޒްބެމެންވެސް މިވާހަކަ މިހާރު ރިއާންބެއާ ދައްކަފާނެ އެއްނު. އެހެންވީމަ ރިއާންބެ އަމިއްލައަށް ފެނިގެން މިވާހަކަ ބުނަންދެން ދޮންބެ އެއްވެސް އެއްޗެއް ނުކިޔާނެ ކަމުގެ ޔަގީންކަންދީ" އިޝްވާ ބުންޏެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހައިލިއެވެ.

"މައްސަލައެއްނެތް. އަހަރެން އިހަށް މިވާހަކަ ނުދައްކާނަން. އިޝްކޮ އިހަށް ފައިބާ. ދޮންބެ އަންނާނަށް ކުޑަކޮށް ދުއްވައިލައިފަ" ރާހިލް ހަމަޖެހިލައިފައި ބުންޏެވެ. އިޝްވާ ދެ ހިޔާލެއްގައި ހުރި ނަމަވެސް ކާރުން ފޭބިއެވެ. އެއާއެކު ރާހިލް ކާރު ދުއްވައިލިއެވެ. ގަރާޖުން ނުކުމެގެންދިޔަ ކާރު މަގުގެ ކޮޅުން އޮބައިލަންދެން ބަލަން ހުރުމަށްފަހު އިޝްވާ ގަރާޖުގެ ދޮރު ލައްޕައިލަމުން އެތެރެއަށްވަނެވެ.

ސިކުނޑީގައި ފުނިޖެހެމުންއައި ހިޔާލާއި ވަސްވާސްތަކުން ސަލާމަތްވާން މަސައްކަތްކުރަމުންދިޔަ ރާހިލް މިސްރާބެއްނެތި މާލޭގެ ކާރޫބާރޫބޮޑު މަގުތަކުގައި ކާރު ދުއްވަމުން ދިޔައެވެ. ޒީވާއާ ރިއާން ގުޅުމަކީ އެދެމީހުންނަށް އެންމެ ރަނގަޅުގޮތްބާއެވެ؟ ރިއާންގެ ފަރާތުން ކުރިން ފެނުނު ފަދަ ކަމެއް ތަކުރާރު ވެދާނެބާއެވެ؟ ރާހިލްއަށް ޔަގީންވާ ކަމަކީ ޒީވާއަށް އެދެމެދުގައި ކިތަންމެ ބޮޑު ކަމެއް ހިނގިޔަސް އޭގެ ވާހަކަ ދައްކާކަށް ނުކެރޭނެ ކަމެވެ. ކިތަންމެ ނާއިންސާފުން ނުވަތަ އަނިޔާވެރިކޮށް މީހަކު ޒީވާއާ ދޭތެރޭ އަމަލުކުރިޔަސް ޒީވާއަށް އެކަމުގެ ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. އިޝްވާއަށްވުރެވެސް ބޮޑަށް އޭނާ ޒީވާއާމެދު ކަންބޮޑުވާ ސަބަބަކީ އެއީއެވެ. ވީއިރު ރިއާންގެ އަތްމައްޗަށް ޒީވާ ކަހަލަ މަޑުމަޑުން ހުންނަ ކުއްޖެއް ދޫކޮށްލެވިދާނެބާއެވެ؟ ނަމަވެސް ރިއާންވަނީ މިހާރު ވަރަށްބޮޑުތަން ބަދަލުވެފައިކަން ރާހިލްވެސް ގަބޫލުކުރެއެވެ. އެހެނެއްކަމަކު ކަށީގައި ހަރުލައިފައިވާ އާދަތަކަކީ މުޅިން ފިލައިގެންދާ އާދަތަކެއްނޫނޭ މީހުން ބުނާއަޑުވެސް އޭނާ އަހައެވެ. ފަހަރުގައި ޒީވާގެ ސަބަބުން ރިއާންގެ ހަޔާތްވެސް ރަނގަޅުގޮތަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެނަސް, ރިއާންއަކީ އޭނާއާ ކިތަންމެ ގާތް މީހެއް ކަމުގައި ވިޔަސް ލޯބިވާ ކޮއްކޮގެ އުފާވެރިކަމަށް އެޅޭ ހުރަހެއްކަމުގައި ރިއާން ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ބައިގަޑިއެއްހާއިރު ވަންދެން ވަކި މިސްރާބެއްނެތި ދުއްވުމަށްފަހު ރާހިލްގެ ކާރު މަޑުކޮށްލީ ޝައިނާ އުޅޭ ގޭގެއިމާރާތް ހުންނަ މަގުގެ ކަންމައްޗަށެވެ. އެތަނަށް އާދެވުނީ ކިހިނެއްކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާގެ އިހްތިޔާރަކާއިނުލާ ނޭނގޭ ދަމާބާރަކުން ކާރުގެ މިސްރާބު އެމަގަށް ބަދަލުކުރީ ކަހަލައެވެ. އެއީ ކޮންމެ ގޮތަކަށް ހިނގި ކަމެއް ކަމުގައިވިޔަސް ރާހިލް އެތަނުގައި އިން ވަގުތު ފޯނު ނަގައި ޝައިނާއަށް ގުޅައިލިއެވެ.

"މްމް ހަލޯ؟" ފޯނު ރިންގުވަމުންގޮސް ކެނޑެން ކައިރިވެފައި ވަނިކޮށް ޝައިނާ ފޯނަށް ޖަވާބުދިނެވެ. އެހެންޏާ ނުހުންނަ ފަދަ ހިމަހިމަ ރާޅު އަޑަކުން ޝައިނާ ޖަވާބު ދިނުމުން ރާހިލްއަށް މި ގުޅުނީ ޝައިނާ ނިދާފައި އޮއްވާކަން އެނގުނެވެ. ނަމަވެސް އެ އަޑުގައި ހިތް ދަމައިގަންނަކަހަލަ ހިތްގައިމުކަމެއް ހުއްޓެވެ. ރާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ސިކުނޑީގައިވާ އެހެން ހިޔާލުތަށް މުޅިން ފިލައިގޮސް ނަފްސަށް އާދަޔާހިލާފު ހަމަ ޖެހުމެއް ލިބުނެވެ. އެ އަޑުގައިވަނީ ކޮންފަދަ ޖާދޫއެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ހައި. ނިދަނީތަ" ރާހީލް އާދައިގެ ގޮތަކަށް އަހައިލިއެވެ.

"ހްމްމް…ރާހިލް ކަމަކުތަ؟" ޝައިނާ މަޑުމަޑުން އަހައިލިއެވެ. ރާހިލްއަށް ޝައިނާ ކިޔާއެއްޗެއް ސާފުވާވަރު ވަނީވެސް ހަމަ ކިރިޔާއެވެ.

"ނޫނޭ.. ތި ގެ ކައިރިން ދަމުން ހަމަ ގުޅާލީ.. މާދަން ލަންޗަށް ދާންވީނު އަހަންނާއެކު" ރާހިލް އެދުނެވެ.

"ހްމްމް މާދަން އޮފީސް އޮވެމްމްމްމް" ވާހަކައިގެ ތެރެއިން ޝައިނާއަށް ކުޑަކޮށްނިދުނެވެ. ރާހިލް ދެފަހަރަކު ގޮވައިލުމުންވެސް ޖަވާބެއް ނައުމުން ރާހިލްއަށް ޝައިނާ ނިދީކަން ޔަގީންވިއެވެ. ލުއި ހީނލުމަކާއެކު އޭނާ ފޯނު ކަނޑައިލިއެވެ. އަދި ކެނޑެމުންދިޔަ ކޯލަށް ބަލަންއިނދެ ހިނިތުންވެލިއެވެ. އެއަށްފަހު ގެއަށް ދިޔުމަށްޓަކައި ކާރު ދުއްވައިލިއެވެ.

ރާހިލްއަށް ގެއަށްއައިސް ވަދެވުނުއިރު ގޭތެރޭގައި މީގެ ދޮޅުގަޑިއެއްހާއިރު ކުރިން ހިނގައިދިޔަ ކަމެއްގެ ހިލަމެއްވެސް ނެތެވެ. ކާމޭޒުމަތީގައިހުރި ތަށިތަށްް ނަގައި އެތަންވެސް ވަނީ ސާފުކުރެވިފައެވެ. ފެންނަހިސާބުގައި މީހެއް ނެތްނަމަވެސް ސިޓިންގރޫމްގައި ހުރި ޓީވީއިން ކޮންމެވެސް ސިޔާސީ ޕްރޮގްރާމެއް އަޅުވައިފައިވެއެވެ. ރާހިލް ޓީވީ ނިއްވަައިލުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްޓަކައިި ތަޅުގައިހިފައިލި ވަގުތު ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އަވަސްް ފިޔަވަޅުތަކެއްގައިގޮސް އިޝްވާގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިޝްވާ އެ ދޮރު ހުޅުވައިލިއެވެ.

"ޔެސް ދޮންބޭ ކިހިނެއްވީ؟" އިޝްވާ ކަންފަތުން ހެޑްސެޓް ނައްޓައިލަމުން އަހައިލިއެވެ.

"އިޝްކޯ. އައި.. އަމްމް. އައިމް ރިއަލީ ސޮރީ ފޯރ ވަޓް އައި ސެޑް. އަހަރެންނަށް ބުނެވުނު ދޯ 'އަހަރެންގެ ކޮއްކޮ ވިއްކާނުލާ ކަލޭގެ އަމިއްލަ ދަރި އެމީހަކަށް ވިއްކާނުލީ ކީއްވެހޭ’؟. އައި.. އަހަރެން ގަސްތުގައެއް ނޫން.. އައި ރުޅީގަ ބުނެވުނީ.. އެއީ އެއްވެސް މާނައެއްނެތް ބުނުމެއް… އެކަމަކު ހީނުކުރައްޗޭ އިޝީއަކީ އަހަރެންގެ ކޮއްކޮއެއް ނޫނޭ. އައި ލަވް ޔޫ އޭޒް މަޗް އޭޒް އައި ލަވް ޒީ.." ރާހިލްއަށް އިސްޖަހައިލައިގެން ހުރެވުނު އިރު އޭނާއަށް ހުރީ އެކަމާ މާފަށް އެދޭނެ ގޮތެއް ނޭނގިފައެވެ.

"އިޓްސް އޯކޭ ދޮންބޭ. ދޮންތި އަބަދުވެސް ސްޕެޝަލް ވާނެއެއްނު. އަައި އޭމް ޖަސްޓް ހާފް ސިސްޓަރ. ވީ ކާންޓް ޗޭންޖް އިޓް" އިޝްވާ ދެރަވެލާފައި ބުންޏެވެ.

"ނޯ ނޯ.. އިޝީއަކީވެސް ދޮންބެގެ އެއްބަނޑު ކުއްޖެއްނު.. އަހަރެންނަށް ދުވަހަކުވެސް ޒީއަށްވުރެ އިޝްކޮއާ ދުރުކަމުގެ އިހުސާސެއް ނުކުރެވޭ. ޒީއަށް ކުރީއްސުރެން ބެލެނީ ޒީގެ ހުންނަ މިޒާޖުގެ ގޮތުން ކަންކަމަށް ނުކެރޭތީ. މީހަކު އެއްޗެކޭ ބުންޏަސް ދިފާއުގަ އެއްޗެއް ބުނަންވެސް ނުކެރޭތީ.. އެކަމަކު އިޝީއާ ދޭތެރޭ މަންމަމެން މިކަހަލަ ޑެސިޝަނެއް ނެގިޔަސް ހަމަ އަހަރެންގެ ރިއެކްޝަން ތަފާތެއްނުވާނެ. ޔޫއާރ ޖަސްޓް އޭޒް ސްޕެޝަލް އޭޒް ހަރ" ރާހިލް ހުރީ ހަގީގަތުގައިވެސް އިޝްވާއަށް ނިސްބަތްކޮށް އެފަދަ މޭރުމަކުން ވާހަކަ ދެއްކުނީތީ ދެރަވެފައެވެ.

"އޯކޭ އޯކޭ ހުރިހާ އެއްޗެއް ރިކޯޑު ކޮށްފިން. އޯލް އޮފް ދެޓް ސްވީޓް ޓޯކް" އިޝްވާ އަތުގައި އޮތް ފޯނު ދައްކައިލަމުން ބުންޏެވެ.

"ނޯ!!" ރާހިލް އިޝްވާގެ ފޯނު އަތުލުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"އޯކޭ އޯކޭ ހަމަޖެހިބަލަ ނުކުރަމޭ ރިކޯޑެއް.. ސީ.." އިޝްވާ ފޯނު ދައްކައިލަމުން ބުންޏެވެ. އަދި އިތުރު ކޮށްލިއެވެ. "އެންޑް ދޮންބޭ އިޓްސް ރިއަލީ އޯކޭ. އިޝީގެ ހިތަކަށް ހަމަ އެކައްޗެއްވެސްް ނާރާ.. އެނގޭ ދޮންބެ ދުވަހަކުވެސް އެހެން ނުވިސްނާނެކަން. އެއީ ރުޅީގެ ތެރޭގަ ބައްޕައަށް އެޓޭކް ކުރަން ބުނެލި އެއްޗެއްކަން"

"ބޭނުންތަ މާދަން އައިސްކްރީމް ބޯން ދާން.. ވީ ކޭން ސްކިޕް ޔޯ ޓިއުޝަން" ރާހިލް ބުންޏެވެ. އޭނާހުރީ ހަގީގަތުގައިވެސް ބުނެވުނު އެތީގެ ގޮތުން ދެރަވެފައެވެ. އިޝްވާ އުފާ ކޮށްލައިދޭން އޭނާ ބޭނުންވިއެވެ.

"ޕިސްޕިސް. ބަލަބަލަ. ވީކް އެއްތެރޭ އޭލެވެލް ޓެސްޓު ފެށެއޭ. ކިހިނެއް ޓިއުޝަން ކެންސަލް ކުރާނީ.. އެކަމަކު ޓިއުޝަން ނިންމާފަ އޯކޭ؟" އިޝްވާ ބުންޏެވެ.

"އޯކޭ" ރާހިލް އިޝްވާގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާހެން އިޝްވާ ގޮވައިލުމުން ރާހިލް ފަސްއެނބުރި އިޝްވާއާ ދިމާލަށް ބަލައިލިއެވެ.

"އަހަރެންނަށް އެނގޭ ދޮންބެ ތި ހުންނަނީ ބައްޕަދެކެ ހިތްހަމަ ނުޖެހިފަކަން. އެކަމަކު ހަނދާނުގަ ބަހައްޓައްޗޭ ބައްޕައަކަށްވެސް އިޝީއާ ދޮންތިއާ ދޮންބެއާ އެއްވެސް ތަފާތެއް ނެތްކަން" އިޝްވާގެ ވާހަކައަށް ރާހިލް ބޯޖަހައިލިއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވަނީ ކިހާވަރެއްގެ ހިތި ހަގީގަތެއް ކަމެއް ކިޔައިދީ އަމިއްލަ ބައްޕައާމެދު އިޝްވާގެ ހިތުގައި ކިލަނބުކަމެއް އުފައްދާކަށް އޭނާ ބޭނުމެއްނުވިއެވެ.

ހަގީގަތަކީ މުޅިދުނިޔެއަށް ނާޝިދަކީީ ރާހިލްއާ ޒީވާއަށް ބޭނުން ކޮންމެއެއްޗެއް ހޯދައިދޭ ލޯބިދޭ އަދި އަޅާލާ ބައްޕައެއް ކަމުގައިވިޔަސް ފަރުދާގެ ފަހަތުގައި ފޮރުވިފައިވަނީ އެހެން މަންޒަރެއްކަމެވެ. ނާޝިދަށް އަބަދުވެސްް ޒީވާއާއި ރާހިލް ފެންނަމުންދިޔައީ ވިޔަފާރި މުދާތަކެއްގެ ގޮތުގައި ކަމެވެ. ކުޑައިރުއްސުރެން އެދެކުދިން ދިޔައީ އެތަށް ގޮތަކުން އިޝްވާއާ ތަފާތު ކުރެވެމުުންނެވެ. އިޝްވާއަށް ހުއްދަ ކިތަންމެ ކަމެއްދިޔައީ އެދެކުދިންނަށް މަނާ ކުރަމުންނެެވެ. އިޝްވާއަށް އިހްތިޔާރު އޮންނަ ކިތަންމެ ކަމެއް ދިޔައީ އެދެކުދިންނަށް މަޖުބޫރުކުރެވެމުންނެވެ. އެހެނެއްކަމަކު ޒީވާއާއި ރާހިލްގެ ހިތުގައި އިޝްވާއަށްޓަކައި އެއްވެސް ހިތްބަރުކަމެއް ނެތެވެ. ރާހިލްއަކީވެސް ތުއްތުއިރުއްސުރެން އެތަކެއް އުއްމީދުތަކެއް ކުރި ޒުވާނެކެވެ. ވައިގެ ތެރޭގައި އުދުހިލައި، ދުނިޔޭގަ ވަށައި ދުއްވައިލެވޭ މަތިންދާބޯޓެއްގެ ކެޕްޓަނަކަށްވުމަށް އޭނާކުރީ ކިހާދިގު އިންތިޒާރެއްހެއްޔެވެ. ވިލާތަކުގެ މަތިން އިރުއަރަމުން އަންނަ މަންޒަރާއި އިރުއޮއްސޭ މަންޒަރު އެންމެ ގާތުން ދެކިލުމަށް އޭނާ ދެކުނީ ކިހާ ފޮނިހުވަފެންތަކެއް ހެއްޔެވެ. ނަމަވެސް އެހުވަފެންތަކުގައި ކުލަޖެއްސުމުގައިވެސް އެންމެ ބޮޑު ހުރަހަކަށްވީ ނާޝިދެވެ. މުސްތަގްބަލަށްޓަކައި އެންމެ ބޮޑު ނިންމުމެއް ނިންމަން ޖެހުނު ދުވަހު ޒީވާއާއި ރާހިލް ނާޝިދުގެ ކުރިމައްޗަށް ހާޒިރުކުރެވުނެވެ. އޭނާގެ ވިޔަފާރިއާ ހަވާލުވުމަށްޓަކައި ކޮންމެވެސް އެކަކު ވިޔަފާރިއާ ގުޅޭ ރޮނގަކުން ތައުލީމު ހާސިލްކުރުން މަޖުބޫރުކުރިއެވެ. އިޝްވާގެ ޝައުގުވެރިކަންހުރީ ވިޔަފާރިއާ ގާނޫނުފަދަ ދާއިރާއަަކަށްކަން އެނގިހުރެވެސް ނާޝިދުގެ ވިޔަފާރީގެ ތެރެއަށް އިޝްވާ ވައްދާކަށް ބޭނުމެއްނުވިއެވެ. ގިނަފަހަރަށް ސިޔާސީމީހުންގެ ވިޔަފާރިތަކަކީ އެމީހުން ކުރާ ގާނޫނާ ހިލާފު ފައިސާއާގުޅޭ މުއާމަލާތްތައް ފޮރުވުމަށް ބޭނުންކުރާ ވަސީލަތެއްކަން ރާހިލްއަށް އެނގެއެވެ. އަދި ނާޝިދުގެ އެފަދަ އަނދިރި ފަރާތެއްްް އިޝްވާއަށް އަންގަން ބޭނުންނުވަނީ ކަންވެސް ރާހިލްއަށް އެނގުނެވެ. އިޝްވާ ވިޔަފާރީގެ ތެރެއަށް ވައްދަން ބޭނުން ނުވަނީ އެހެންވެއެވެ. ހުދު ރާހިލްވެސް އެފަދަ ޖަރީމާއެއްގައި ބައިވެރިވާކަށް ބޭނުމެއްނުވެއެވެ. ނަމަވެސް އޭނާ އެކަމުން ބަރީއަވެއްޖެނަމަ އެކަމުގެ ތެރެއަށް ވަންނަން ޖެހޭނީ ޒީވާކަން ރާހިލްއަށް އެނގުނެވެ. އެފަދަ ކަމެއްގައި ޒީވާ ޝާމިލުވާކަށް އޭނާ ނޭދެއެވެ. އަދި އެވެސް ޒީވާގެ އެންމެބޮޑު ހުވަފެން ކަމުގައިވާ ސިއްހީ ދާއިރާއިން ކުރިއަށް ދިޔުމުގެ އުއްމީދު ފުނޑުކޮށްލުމަށް ފަހުގައެވެ. އެހެންކަމުން ދެވަނަ ވިސްނުމަކަށްނުގޮސް ރާހިލް ނިންމީ އެ ޒިންމާ އޭނާގެ ކޮނޑުއަޅާށެވެ. އިޝްވާއާއި ޒީވާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި އޭނާ ދެކެމުންއައި ހުވަފެންތަކުގެ މަތިން ހަނދާން ނައްތައިލުމަށެވެ. ނަމަވެސް އޭނާ ދެކޭ މީހަކު އޭނާގެ ފަރާތުން އެކަހަލަ ކަމެއް އުއްމީދުކުރާނެ ހެއްޔެވެ. ކޮއްކޮމެންނަށްޓަކައި އަމިއްލަ އުފާތައް ގުރުބާން ކުރާވަރު ބޭބެއެއްގެ ގޮތުގައި ގަބޫލުކުރާނެ ހެއްޔެވެ.

***********

ފޯނުގެ ސްކްރީނުން ފެންނަމުންދިޔަ އިންސްޓަގްރާމް ޗެޓަށް ބަލަހައްޓައިގެން އޮތް ޒީވާ ވަނީ ފުންހިޔާލެއްގެ ތެރޭގައެވެ. އެއީ އޭނާއާއި ރިއާންގެ އިންސްޓަގްރާމް ޗެޓެވެ. އެ ޗެޓަށް އެންމެ ފަހުން ފޮނުވި މެސެޖުގައި ޒީވާ ވަނީ ރިއާންގެ ގެއަށް އޭނާ ގެންދެވުނުރޭ ވެދިން އިހްސާންތެރިކަމަށް ޝުކުރުއަދާކޮށްފައެވެ. އެ ޝުކުރުގެ މެސެޖަށް ރިއާންވަނީ ހަމައެކަނި "ޝުއަރ" އަކުން ރައްދު ދީފައެވެ. އެ ރައްދު ކިތަންމެ ކުރު ކަމުގައިވިޔަސް ޒީވާގެ ޝަކުވާއެއްނެތެވެ. ރައްދެއް ލިބުނީތީވެސް އޭނާ އެކަމާ ޝުކުރުވެރިވެއެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ އެދުވަހުގެ ކުރިން ފޮނުވައިފައިވާ މެސެޖުތަކަށެވެ. އެ ހުރިހާ މެސެޖެއްވެސް ގޮސްފައިވަނީ އޭނާގެ ފަޅިންނެވެ. ރިއާން އެ މެސެޖުތަށް ބެލިކަން އެނގުނުު ކަމުގައިވިޔަސް އެންމެ ރައްދެއްވެސް އެއިން މެސެެޖަކަށް ލިބިފައެއް ނުވެއެވެ. އެންމެ ފަހަށް ފޮނުވައިފައި އޮތް މެސެޖުގެ ތާރީހު ގުޅެނީ މީގެ ހަތަރުއަހަރު ކުރިއާއެވެ. އޭގެފަހުން ރިއާންވަނީ އެ އެކައުންޓްގައި ހުރި ކުރީގެ ޕޯސްޓްތައްވެސް ޑިލީޓް ކޮށްލައިފައެވެ. ހުސް ވިޔަފާރިއާގުޅޭ ޕޯސްޓްތައް ކުރަން ފަށައިފައެވެ.

ރިއާންއަކީ މިއަދު މުޅި ރާއްޖޭގެ ގިނަބައެއްގެ އިތުރުން ސަރަހައްދީ ގިނަ ވިޔަފާރިވެރިންވެސް ދަންނަ ފަރާތަކަށްވާއިރު އޭނާގެ އެކައުންޓްގެ ފޮލޮވަރުންގެ އަދަދުވެސް ވަނީ ލައްކައަކަށްވުރެން މައްޗަށް އަރައިފައެވެ. ވީއިރު ރިއާން މިހާރު ކުރީގެ ޗެޓްތައް ޑިލީޓްނުކޮށް ނުހުންނާނެ ކަންވެސް އޭނާއަށް އެނގެއެވެ. ކުރިއަށް ނުދެވިގެން އުޅެނީ އޭނާއަށެވެ. ރިއާން ފުރައިގެން ދިޔަރޭ ހިނގައިދިޔަ ކަންތަކަށްފަހު 4 އަހަރުވަންދެން ކޮންމެ ދުވަހަކު އޭނާ ރިއާންގާތު ރޮއެފައި ކުރި އާދޭހުގެ ހެކި ނައްތައިނުލެވިގެން އުޅެނީ އޭނާއަށެވެ. ނަމަވެސް މިރޭ އޭނާ އެކަން ކުރާނެއެވެ. ޒީވާ ހިންދިރުވައިލުމަށްފަހު ރިއާންއަށް އޭރު ފޮނުވައިފައިހުރި މެސެޖުތަކުން ފަހަރަކު މެސެޖެއް 'އަންސެންޑް' ކުރަމުންގޮސް ހުރިހާ މެސެޖެއް ފޮހެލިއެވެ. އެކަމަށްޓަކައި އޭނާ ގަޑިއެއްހާއިރު ވޭތުކުރިއެވެ. އެންމެފަހުން އޭނާ ފޯނު ބޭއްވީ ރިއާންގެ ޗެޓުވެސް އެކީ ފޮހެލުމަށްފަހުގައެވެ. އެއަށްފަހު ބާލީހުގައި ބައްދައިލަމުން އެއް އަރިއަކަށް އޮށޯތެވެ. ލޮލުގެ ހިމަކޮޅުން ފައިބައިގެންދިޔަ ކަރުނަތިއްކަށް ސަމާލުކަން ދިނުމެއްނެތި ލޯމަރައިލަމުން ނިދޭތޯ މަސައްކަތްކުރިއެވެ.

***********

"އަޅެ އަހަރެން އެއްގޮތަކަށްވެސް ހަނދާނެއްނުވޭ ލަންޗަށް އަންނަން އެއްބަސް ވެވުނު ހަނދާނެއް." ރާހިލްގެ ފަހަތުން ޕޮމޭލޯ ރެސްޓައުރެންޓްގެ މަތީ ފަންގިފިލައަށްއެރި ޝައިނާ ކަންބޮޑު ވެފައި ބުންޏެވެ.

"އަހަރެން މި ބުނީނު ގަބޫލުނުކުރެވެންޏާ ކޯލް ހިސްޓްރީ ބަލާށޭ. އަހަރެން ރޭގަ ގުޅީމޭ" ރާހިލް އާދައިގެ މަތިން އައިސް ޝައިނާ އިށީނުމަށްޓަކައި ގޮނޑި ދަމައިލައިދެމުން ބުންޏެވެ. އެހަރަކާތާއެކު ޝައިނާގެ ތުންފަތައް ހިނިތުންވުމެއް ވިއެވެ. އެއީ ރާހިލްގެ ގައިގައި ހިފައިފައިވާ ކުޑަކުޑަ ކަމަކަށްވިޔަސް އެފަދަ ކުދި ކުދި ހިދުމަތްތަކަކީ ރާއްޖޭގެ ފިރިހެނުންގެ ފަރާތުން މަދުން ނޫނީ ނުފެންނަ މަންޒަރެއްކަމުން ޝައިނާއަށް އެކަން ހާއްސަވިއެވެ.

"އަހަރެންވެސް ކޯލް ހިސްޓްރީބެލީމޭ. އަހަރެން ނިދާފަ އޮއްވާ ގުޅާފަ އޮތީ އަހަރެންނަކަށް ނޭނގެ މި ލަންޗްގެ އިތުރަށް ކޮންކޮން ކަމަކަށް ކަންވެސް އެއްބަސް ވެވުނީ"

"ހާސްވާންޖެހޭ ވަރު ކަމަކާ އެއްބަހެއް ނުކުރުވަން އިނގޭ… ހަމަގައިމުވެސް އަހަރެންނާ އިންނާކަށް އެއްބަހެއްނުވޭ.. ކިހިނެއްކެރޭނީ.. އެގަޑީ އަޑުވެސް އެހާ ލޯބި" ރާހިލް ގޮނޑީގައި އިށީނުމަށްފަހު ޝައިނާއަށް އެއްލޯ މަރައިލަމުން ބުންޏެވެ.

"އެއްކަލަ ރާހިލްގަނޑު.. ހޫމް ދެން މައްސަލައެއްނެތޭ. ކޮން ވާހަކައެކޯ ދައްކަން އޮތީ؟ ތާރސްޑޭ ނައިޓް އަންނަންދެން ކެތްކޮށް ނުލެވުނީތަ؟" ޝައިނާ އަހައިލިއެވެ.

"ތާރސްޑޭ ނައިޓް؟" ރާހިލްއަށް އޮޅުނެވެ.

"ހޫމް. އެއްބަސްކުރުވީމެއްނު؟ ސޮރީ ސޮރީ…. ގަދަކަމުން އެއްބަސްކުރުވީމެއްނު؟ މާ ވަރުގަދަ ކެއުމަކަށް؟ ދައުވަތު ދޭ ކުދިން ގިނަކަމުން އޮޅުނީ ދޯ؟" ޝައިނާ ޖެއްސުމުގެ ރާގެއްގައި އަހައިލިއެވެ.

"ވަޓް؟؟ ނޫން. ނޫން. އެއީ މުޅިން އެހެން ވާހަކައެއް. އެވާހަކަ އެރެއަށް ބާއްވާ. އެހެންނޫނަސް ޝައިނާއަށް އެނގޭދޯ އަހަރެން މިފަހަކަށް އައިސް ކުދިންނަށް އިންވައިޓްކުރުން ހުއްޓާލައިފިންކަން" ރާހިލްއަށް އަމިއްލަ ނަފްސު ދިފާއުކުރެވުނެވެ.

"ތިއެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ރާހިލް ބުނީތީ މިފަހަރު ގަބޫލު ކޮށްފިން. ދެން މައްސަލައެއްނެތް. ކޮން ވާހަކައެއްތަ ނުދެއްކިގެން ތި އުޅެނީ؟" ޝައިނާ އެހިއެވެ.

"ޝައިނާއަށް މިފަހުން އިވުންތަ އެއްވެސް ވާހަކައެއް ޒީ އޭ ކިޔައިގެން؟ އައި މީން ޒީ.. ޒީ ގެ ބީ.އެފް އެއް ނުހުރޭ ދޯ؟" ރާހިލް ސުވާލު ކުރިއެވެ.

"އަހަން ތި އުޅެނީ ޒީއާއި ރިއާންގެ ކައިވެނީގެ ވާހަކަ ތަ؟" ޝައިނާ ހަމަޖެހިލައިފައި ބުންޏެވެ.

"ވަޓް؟ ޝައިނާއަށް އެނގޭތަ؟ އަހަރެންނަށް އެކަނިތަ މިވާހަކަ ނޭނގި ހުރީ؟ އަބަދުވެސް ކީއްވެތަ އެންމެން އަހަރެންނަށް އެއްޗެހި ސިއްރުކުރަނީ؟" ރާހިލް ހިތްހަމަ ނުޖެހުނެވެ.

"އަހަރެން ކައިރި ޒީ އެވާހަކަ ފުރަތަމަ ދެއްކީމަ އަހަރެންވެސް ހިތްހަމަ ނުޖެހުނު. ކުޑަމިނުން ޒީއަށް އެއީ ކާކުކަންވެސް ނޭނގިހުރެ އެއްބަސްވިމަ ރުޅިވެސް އައި.. އެކަމަކު ޒީ ހުރީ ގޮތްދޫކުރާކަށްނޫން. ފަހުން އަސްލު ވިސްނުނީ… ޒީއަށް މިފަހުން ދިމާވި ކަންތައްތަކާހުރެ މީ ރަނގަޅު ނިންމުމަކަށްވެސްވެދާނޭ.. އެހެންވެ އަހަރެންވެސް ފަހުން ބުނިން.. ޒީ ތިކަމަށް އޯކޭހާ ހިނދަކު އަހަރެންގެ ފުލް ސަޕޯޓް ދޭނަމޭ. އެކަމަކުވެސް ހިތާ ހިތާ ދުއާކުރިން ޒީގެ ހިޔާލު ބަދަލު ވޭތޯ" ޝައިނާ ބުންޏެވެ.

"މިފަހުން ހިނގި ކަންތައްތަކޭ؟؟ ތިބުނީ އެ އެސައުލްޓްގެ ވާހަކަތަ؟" ރާހިލްގެ ސުވާލަށް ޝައިނާ ބޯޖަހައިލިއެވެ.

"ވަޓް؟ އެވާހަކަވެސް ޝައިނާއަށް އެނގޭތަ؟؟ އެވާހަކަވެސް އެންމެ ފަހުން މި އިނގުނީ އަހަރެންނައްތަ؟ ކީއްވެ އަހަރެން ކައިރި ނުބުނީ؟" ރާހިލް ޝަކުވާ ކުރިއެވެ.

"ދައްތަ އަންގާފަ އޮތީ ބުނެގެން ނުވާނޭ." ޝައިނާ ބުންޏެވެ.

"ހެއްްވާ އެނގޭ.. ޝައިނާއަށް މުހިއްމީ އަހަރެންތަ މަންމަތަ؟" ރާހިލް އެހިއެވެ.

"ދައްތައެއްނު.. ރާހިލް މުހިއްމު ވާންވީ ކީއްވެ؟" ޝައިނާ މައުސޫމު ކަމާއެކުއަހައިލިއެވެ.

"އައުޗް.." ރާހިލް މޭގައި އަތް އަޅައިލަމުން އެކްޓް ޖައްސައިލިއެވެ. ބަދަލުގައި ޝައިނާ މޭޒުގެ ތިރިން ރާހިލްގެ ބޫޓަށް ފައިވާނުގެ ކަށި ހަރައިލުމުން ރާހިލް ހޭންފެށިއެވެ.

"އޯކޭ ފައިން.. އަހަރެންނަށް ފޮރުވައިފައިއޮތް އިތުރު ސިއްރެއް އޮންނާނެތަ؟" ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން އަހައިލިއެވެ.

"ހޫމްމްމް. ޒީ އެކްޗުއަލީ ލައިކްސް ރިއާން.. އަ ލޮޓް.." ޝައިނާ ވިސްނައިލުމަށްފަހު ބުންޏެވެ.

"ތިކަން އަހަރެންނަށް އެނގޭ.. ރޭގަ އިޝްކޮ ބުނި.. މަޑުކޮށްބަ.. ޒީއަށް މެރީ ކުރަން އުޅެވެނީ ކާކާކަން ނޭނގޭއިރު އަދި އެމީހަކީ ކާކުކަން ހޯދަންވެސް މަސައްކަތް ނުކުރާއިރު ޝައިނާއަށް އެއީ ރިއާންކަން އެނގުނީ ކިހިނެއް؟" ރާހިލް އެހިއެވެ.

"މިއަދު ހެނދުނު އިޝްކޮ އަހަރެން ކައިރިބުނީ ރިއާންގެ ފެމިލީއާއޭ ނާޝިދުބެމެން ވާހަކަދެއްކީ. އަހަރެންވެސް ހުރީ ހައިރާންވެފަ. ޒީއަށް އެހަބަރު ދޭންވެސް ހިތަށްއެރި. އެކަމަކު އިޝްކޮ ބުނެފި ޒީއަށް ސަޕްރައިޒަކަށް އެކަން ބާއްވާށޭ… މޮޅުގޮތަކަށް ދެމީހުނަށް އެކަން އަންގަން. އަހަރެންނަށްވެސް އެ ހިޔާލު ވަރަށް ކަމުދިޔަ. އަސްލު ނަސީބެއްނު އެއީ ރިއާންއަށް ވީކަން" ޝައިނާގެ މޫނުމަތީގައިވާ އަސަރުތަކުން ރާހިލްއަށް އޭނާ ޒީވާއަށްޓަކައި އުފާވެފައިވާ މިންވަރު ފެންނަމުންދިޔައެވެ. ނަމަވެސް ރާހިލްއަކަށް އެއީ އުފާވެރި ހަބަރެއްނޫނެވެ.

"ނަސީބު ރަނގަޅޭ ތިބުނީ ޒީ ރިއާންދެކެ ލައިކްވާތީތަ؟" ރާހިލް ސުވާލުކުރިއެވެ. އޭނާގެ ނިތަށް ގިނަވި ރޫތަށް ޝައިނާއަށް ފޮރުވަން މަސައްކަތްކުރަމުންނެވެ.

"ހްމްމް.. އަނެއްކާ ރިއާން އަކީ ކިހާ ރަނގަޅު މީހެއް.. އާއިލާ ދަންނަ ހަރުދަނާ ސްޓޭބަލް ތަނަވަސް ޒުވާނެއް. .. ޒިންމާދާރު.. ތައުލީމީ.."

"އިޝީއާ ދެމީހުން އެކައްޗެއް ކިޔަން ހިތުލައިގެންތަ ތި އުޅެނީ؟ އަހަރެންނަށް އެނގެޔޭ ހީ އިޒް އަ ރެސްޕޮންސިބަލް އެޑިއުކޭޓެޑް ރިޗް މޭން ކަން ބަޓް އެކަމަކު އެހާ އަނިޔާވެރި—" ރާހިލްގެ މޭޒުމައްޗަށް ވީއްލައިލި ގޮށްމުށުގެ އެތިފަހަރާއެކު މެދުކަނޑާލި ވާހަކައިން ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް ރާހިލްގެ މޫނުމަތީގައިވި ރުޅިވެރިކަމުން ޝައިނާއަށް އެއީ ތޯތޯ ވާހަކައެއް ނޫންކަން އެނގުނެވެ. އެހެންނޫނަސް ރާހިލްއަށްވުރެން ބޮޑަށް ރިއާންގެ ހަގީގަތް އެނގޭނެ އިތުރު މީހަކު ހުންނާނެހެއްޔެވެ.

ބުނެވިދިޔަ ވާހަކައިގެ ބުރަދަން އިހުސާސް ވުމާއެކު ރާހިލް ހާސްވާންފެށިއެވެ. ފަހަތަށް ޖެހިލައި ގޮނޑީގައި ލެގިލުމަށްފަހު ދެއަތުން މޫނުގައި އަތް އުނގުޅައިލިއެވެ. ރިއާންގެ މާޒީއަކީ އޭނާ ކުރިން ދުވަހަކުވެސް އިތުރު މީހަކާ ހިއްސާކޮށްފައިވާ އަދި ކުރަން ބޭނުންވާވެސް މާޒީއެއްނޫނެވެ. ރޭގަ އޭނާ އެހާވަރަށް ރުޅިއައިސްފައި ހުރި ވަގުތުވެސް އިޝްވާގާތުވެސް އެއިން ވާހަކައެއް ނުބުނެ ހިފަހައްޓައިލެވުނެވެ. ނަމަވެސް ޝައިނާގާތު އޭނާއަށް އެއްވެސް ޖެހިލުންވުމަކާނުލައި އެވާހަކަ ބުނެވެން އުޅުނީ ކީއްވެހެއްޔެވެ. އެންމެ ގާތް ރަހްމަތްތެރިޔާގެ ހަޔާތުގެ އެންމެ އަނދިރި ސިއްރު ހާމަކުރަން އެހާ ފަސޭހަވީ ކީއްވެހެއްޔެވެ. އޭނާގެ ދުލުގެ މައްޗަށް އޮތް ކޮންޓްރޯލް އެހާ އަވަހަށް ގެއްލިގެން ދިޔައީ ހެެއްޔެވެ. އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ ކޮންމެ ބަހެއް އަދި ކޮންމެ އަމަލެއްގެ ކޮންޓްރޯލް ގެއްލުވާލާފަދަ ބާރެއް ޝައިނާގެ ކިބައިގައި ވާކަމެވެ. އޭނާގެ ކޮންމެ އިހުސާސެއްގެ މައްޗަށް ގަދަވަމުން އަންނަ އިހުސާސެއްކަމުގައި ޝައިނާ ވަމުން އަންނަކަމެވެ.

"ރާހިލް. ރާހިލް ތިބުނީ ރިއާންއަކީ އަނިޔާކުރާ މީހެކޭތަ؟ އެހެންކަމަށްވާނަމަ ޒީއަށް މިހެން ކަންތައްވާން ދޫކޮށެއްނުލާނަން.. ކޮންމެހެނެއް ހަދާފަވެސް އަހަރެން މި ކައިވެނި ހުއްޓުވާނަން" ޝައިނާ ބުންޏެވެ. މީގެ އިރުކޮޅެއްކުރިން އެ މޫނުގައިވި އުފާވެރިކަން ކަންބޮޑުވުމަށް ބަދަލުވެއްޖެއެވެ.

"ނޫން ނޫން އެހެނެއްނޫން. އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫން.." ރާހިލްއަށް ނިއްކުރީގައި ހިފަހައްޓައިލެވުނެވެ. ޝައިނާއަށް ވަގުތުން ރާހިލްއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ.

"ރާހިލް..ރާހިލް.. ރާހިލް ހަމަ ޖެހިބަ.. އަހަރެންގެ ފަރާތުން މިވާހަކަ އިތުރު އެއްވެސް މީހަކަށާ ނޭނގޭނޭ. ސޯ ޑޯންޓް ވޮރީ.. ރާހިލްއަކީ ގޯސް ރަހްމަތްތެރިއެއްނޫން.. މިވަގުތު ރާހިލްއަކީ ހަމައެކަނި ކޮއްކޮގެ މުސްތަގްބަލަށް ވިސްނާ ރަނގަޅު ބޭބެއެއް!! އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަ ރާހިލް. ރިއާން؟؟ އިޒް ހީ އެބިއުސިވް؟؟ ވަޔަލަންޓް؟؟" ޝައިނާ ރާހިލްގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.

“ނޫނެކޭ..އިޓްސް..އިޓްސް ކޮމްޕްލިކޭޓެޑް. އަހަންނަކަށް ކިޔާދޭކަށް ނޭނގޭ…މީގެ ކުރިންވެސް އަހަރެން އެއްވެސް މީހަކަށް ކިޔައެއް ނުދެން. އެކަންތައް އެއީ އެއްފަހަރަކު ހިނގި ކަމެއް.. އެކަމަކު އެރޭ އަހަރުމެންގެ ގޭގައި އޮތް ގްރެޖުއޭޝަން ޕަރޓީ ނިންމާފާ ރިއާން ތަންކޮޅެއް އަވަހަށް ދިޔައީމަ…އަހަރެން ދިޔައީ ރިއާން ހޯދަން އެގެއަށް. ދިޔައިރު ރިއާންގެ ބައްޕަ އޮތީ ސިޑި ކައިރިން ބިންމަތީގަ. ބޮލުންނާ އަނގައިންނާ ހުރިހާ ތާކުން އަންނަނީލޭ. ފުރަތަމަ އަހަރެން ހީކުރީ ސިޑިން ވެއްޓުނީކަމަށް އެކަމަކު ދެން ފެނުނީ ރިއާން ދަނޑިބުރިއެއް ހިފައިގެން ހުރިތަން. އެހިސާބުން އަހަރެންނަށް އެނގުނީ ރިއާޒްބެ ސިޑިންވެސް ކޮށްޕާލީ ރިއާންކަން. އިރުކޮޅަކު ހުއްޓާލައިގެން ހުރެފަ އަނެއްކާވެސް ރިއާންގޮސް ރިޔާޒްބެ ގައިގަ ތަޅަންފެށީ. އެރޭ ރިއާން ހުރީ ހަމައިގައެއްނޫން. އަހަރެން.. އަހަރެންނަކަށް މާބޮޑަކަށް ވާނުވާއެއް ނޭނގޭ. އަހަރެންނަން ރިއާން ހިފެހެއްޓޭވަރު ނުވީމަ ފުލުހުންނަށް ގުޅީ…. ފުލުހުން ރިއާން ގެންދިޔަ އެކަމަކު ރިޔާޒްބެ ދައުވާ ނުކުރަން ނިންމި ހިސާބުން އެކަންތައް އޮބިގެންދިޔައީ. ޑްރަގްސްގެ މައްސަލަ ދެން ރިޔާޒްބެގެ ނުފޫޒު ބޭނުންކޮށްގެން ހިންދާލީ.. ބޭރަށް ރިހެބަށް ފޮނުވާގޮތައް. އަހަރެންނަށްވުރެން ކުރިން ރިއާން ފުރަން ޖެހުނީ އެހެންވެ. އެކޮޅުގަ ފަރުވާގެ ދެއަހަރެއް ނިންމާފަ.. ބާކީބައި ކުރިއަށް ގެންދަމުން އޭނާ ކިޔެވުން ސްޓާޓް ކުރީ" ރާހިލް ކިޔައިދިނެވެ.

"އެކަމަކު މިހާރު ރިއާންގެ ތިއިން އެއްވެސް ކަމެއް ހުރިހެނެއް ހިއެއްނުވޭ ދޯ. މީހަކަށް ބަލާލާފަ މީހެއްގެ ގޮތެއް ބުނާކަށް ނޭނގޭނެ. ދައްތަމެނަށް ތިކަން އެނގިހުރެތަ ޒީގެ ކައިވެނި ރިއާންއާ ކުރުވަން އެ އުޅެނީ.. ރާހިލް.. މިކަން ހުއްޓުވަން ހިނގާ.." ޝައިނާ ބުންޏެވެ.

"ނޫނޭ ޝައިނާ.. ތި ހީވަނީ އަދި މުޅިން ގޯސްކޮށް. ހީއިޒް ނައު ކޮމްޕްލީޓްލީ ރިކަވަރޑް.. އަސްލު ރިއާންއަކީ އެއްވެސް އިރަކު ވަޔަލަންޓް މީހެއްވެސް ނޫން. އަހަންނަށް އެނގިފަ އޮތް ގޮތުގަ މިކަމުގަ ވިކްޓިމްއަކީ ރިއާން…. ރިޔާޒްބެ ރިއާންއަށާއި ރިއާންގެ މަންމައަށް ވަރަށް އަނިޔާކުރި… އަހަރެންވެސް ހަނދާންވޭ. ކުޑައިރު ރިއާންގެ ގައިގަ އަބަދުވެސް ހުންނާނީ ތަންތަން ނޫފައިގެންފަ…. ވެދާނެ ގޭތެރޭގެ ހަމަނުޖެހުމުން އެ މާހައުލުން އެސްކޭޕް ވާން ކަމަށްވެސް ޑްރަގްސްއަށް ދެވުނީ.. ރިއާންއަކީވެސް އޭރު ކުޑަކުއްޖެއް.. އެކަމެއް ފެށިއިރު އުމުރުން އެންމެ ފަނަރަ އަހަރު.. ކުޑަކުދިން އަބަދުވެސް ހިޔާރު ކުރާނީ އެންމެ ފަސޭހަ އެސްކޭޕް މެތަޑެއް..  އޭރުވެސް އަހަރެންނަކަށް މިކަމުގެ ވާނުވާއެއް ނޭނގޭ…ފަހުން ފަހުން ރިއާންގެ އުޅުން ހުންނަގޮތުންް ކުޑަ ދުވަސްކޮޅަކަށް އަހަރުމެންގެ ގުޅުން ހީނަރުވި .. ބަޓް ހީ ވޯޒް ނެވަރ އަ ބޭޑް ފްރެންޑް.. އެންޑް ނެވަރ އަ ބޭޑް އިންފްލުއެންސް. އެ އެޑިކްޝަންއާ ޑީލް ކުރަމުން އޯލެވެލްވެސް ނިންމާލީ…. އަހަރެންނަށް ރިއާންއަށް ފުރިހަމައަށް އިތުބާރު ކުރެވޭ އެކަމަކު ޒީ ވީމަ.. ހިތަށް އަރަނީ ކަށީގައި ހިފައިފައި ހުންނަ އާދަތައް އެހާ ފަސޭހައިން ފިލައިގެން ދާނެބާއޭ.." ރާހިލް އޭނާގެ ކަންބޮޑުވުން ޝައިނާއާ ހިއްސާކުރިއެވެ.

"ރާހިލް.. ރާހިލްއަށް ރިއާންގެ ވާހަކަތައް ގަބޫލު ކުރެވޭތަ؟ ރިއާންއަކީ ވިކްޓިމްއެއްކަން ގަބޫލު ކުރެވޭތަ؟" ޝައިނާގެ ސުވާލަށް ރާހިލް ބޯ ޖަހައިލިއެވެ.

"ރިއާން އެއިން ކަމެއްގެ ތެރެއަށް އަނބުރާ ގޮސްދާނެކަމުގެ ކުޑަވެސް ޝައްކެއް ރާހިލްއަށް އެބޮތްތަ؟ މިބުނީ ރިއާން މެރީ ކުރަނީ ޒީވާ ނޫން އެހެން މީހަކާ ކަމަށް ވިނަމަ އެމީހަކަށް ރިއާންއާ މެރީ ނުކުރަން ރާހިލް އެޑްވައިޒް ކުރާނަންތަ؟" ޝައިނާ އެހިއެވެ.

"ނޫން.. ރިއާންއާ ނީންނާށޭ ބުނަންވީ ކީއްވެ؟.. އަހަރެންނަށް އެނގޭ ރިއާން ކޮމްޕްލީޓްލީ ޗޭންޖްޑް ކަން އެކަމަކު އަހަރެން.. ޒީ—"

"ސީ ރާހިލް.. އިޓްސް ގުޑް. ހީ އިޒް ގުޑް. އަހަރެން ދެކޭ ގޮތުގަ ރިއާންގެ ބައްޕައާމެދު ތި ހަމަނުޖެހުމެއް ހިނގިއިރު ރިއާން ހުރީ ކޮންމެ ހާލަތެއްގައި ކަމަށްވިޔަސް.. އެކަމުގެ ސަބަބުން އެނގެނީ ރިއާންގެ ހިތް ސާފު މިންވަރު.. އެވަގުތު އޭނާ ހުއްޓުވީ ބައްޕަ މަންމައަށް ކުރަމުންދިޔަ އަނިޔާ… އެކަމުން އަންގާދިނީ އެ އަނިޔާއަށް އޭނާ ނަފްރަތު ކުރާ މިންވަރު…. އެ އަނިޔާއިން މަންމަ ސަލާމަތްކުރަން ބޭނުންވެފަ ހުރި މިންވަރު.. އެފަދަ މީހަކު އަމިއްލަ އަނބިމީހާއަށް އަނިޔާކުރާނޭ އަހަރެންގެ ހިތެއް ނުބުނޭ. ރިއާންއަށް އެކަން ވާނީ އެއަށްވުރެން ސެންސިޓިވް ކަމަކަށް" ޝައިނާ ބުންޏެވެ.

"ބަޓް.. ހީ އިޒް ސޯ ޑެމޭޖްޑް… ވަޓް އިފް ހީ ޑިސްޓްރޯއިސް ހަރ އިން ދަ ޕްރޮސެސް.." ރާހިލް ބުނެލިއެވެ.

" ރާހިލް.. ހުރިހާ ބާރެއް އޮތީ ރާހިލްގެ އަތްމަތީގަ… މި ކަންތައް ދައްތައަށް ކިޔާދީގެން ރާހިލް ބޭނުންނަމަ ޒީގެ ކައިވެނި ހުއްޓުވޭނެ. އެކަމަކު 9 އަހަރު ރާހިލް. 9 އަހަރުވަންދެން އަހަރެން ޒީގެ ފްރެންޑެއް ގޮތުގަ ހުރިއިރު ހިނދުކޮޅަކަށްވެސް ރިއާންނޫން މީހަކާ ދޭތެރޭ ޒީ އެކަހަލަ ގޮތަކަށް ވިސްނާލި ހަނދާނެއްވެސް ނުވޭ. ޒީގެ ހިތުގަ ރިއާން ވަރަށް ހާއްސަ. އެއީ ޒީގެ އުފާވެރިކަން. ރާހިލް އަށް އެނގޭނީ އެ އުފާވެރިކަން ޒީއަށް ދޭނީތޯ ނޫންތޯ.. އެހެންވެއްޖެނަމަ ޔޫ އަރ އޮލްސޯ ގިވިންގް އަ ޗާންސް ރިއާންއަށް. ޓު ލެޓް ގޯ އޮފް ހިޒް ޕާސްޓް. ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެ. އެކަކީވެސް އެންމެ ފުރިހަމަ އިންސާނެއްނޫން.. މާޒީގެ ހިޔަންޏަކީ މުސްތަގްބަލަށް އެޅޭ ހުރަހެއް ކަމަށް ނުބަލާ" ޝައިނާގެ އެތައް މަސައްކަތަކުން ރާހިލްއަށް ވިސްނައިދެވުނެވެ.

ދެ ޒުވާނުން އެކި ވާހަކަތަކުގައި އިނދެ ފިނި ބުއިންތަކަށް އިންސާފުކުރަން ފެށިއެވެ. ކުއްލިއަކަށް ރާހިލްގެ ނަޒަރު ޝައިނާގެ ފަހަތުގައި ހުރި މީހަކަށް ހުއްޓުނުހެން ހީވެ ޝައިނާ ފަހަތް ބަލައިލިއެވެ. އެވަގުތު އެދިމާލުގައި ހުރި މޭޒެއްގައި އިށީން ޒުވާން ޖޯޑެއް އޭނާއަށް ފެނުނެވެ. ރާހިލްގެ ނަޒަރު ހުއްޓިފައިހުރީ އެތާހުރި އަންހެން ކުއްޖާއަށްކަން އޭނާއަށް އެނގުނީ އެކުއްޖާވެސް އެދިމާލަށް ބަަލަން އިނުމުންނެވެ. ޒަމާނީ ގޮތަކަށް ކޮށައިލައިފައިވާ އިސްތަށިގަނޑާއި ކޮށްފައިވާ ލުއި މޭކަޕްގެ އިތުރުން ހެދުން އެޅުމުގައި ބޭނުންކޮށްފައިވާ ޒަމާނީ ގޮތްތަކުގެ ސަބަބުން އެކުއްޖާގެ ރީތިކަން ހާމަވަމުންދިޔައެވެ. ޝައިނާ އަލުން ރާހިލްއަށް ބަލައިލިއިރު ރާހިލްގެ ކަޅި ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ނަމަވެސް ޝައިނާއަށް ރާހިލްއާ ދިމާލަށް އެއްޗެއް ނުބުނެ އިނުން ވީ ދަތި ކަމަކަށެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެހެންވީމާ މިވާހަކައިގަ ފޮރުވިފައިވާ އެހެން
    ކަންތައްތަކެއްވެސް ވޭދޯ އެކަމް ކޮންމެ
    ގޮތެއްވިޔަސް ޒީވާޔާރިޔާންގުޅުނީމަކަންނޭނގެދޯ
    ރީތިވާނީ އެކަމް ޒީވާރިޔާންދެކެލޯބިވިޔަސް
    ރިޔާންޒީވާދެކެ ލޯބިވާނެބާ ވަރަށްރީތި މިވާހަކަ
    ކޮންމެދުވަހަކުވެސް އަހަންނަށްބެލޭ އަޑަފި
    މިވާހަކަލާފައޮތްތޯވެސް

  2. އަޅެ ރާހިލް ޒީގެ ކައިވެނި ނުހުއްޓުވައްޗޭ. ވަރަށް ރީތި މިބައިވެސް. ރިއާން ޒީއަށް އަނިޔާވެރި ނުވާނެކަން އެއީ ޔަގީންކަމެއް.

  3. މިވًހަކައިގެ ކުރٍގެ ބައިތައް ލިބެެެެެނިٍ ކިހިނެއް؟ 12 ވަނަ ބަޔً ހަމައައް ފެންނަނٍ؟ އެގެ ކުރٍގެ ބައިތައް ނުފެނެ؟

    1. ވާހަކައިގެ ނަން ނޫހުގެ ސާޗް ބައިގައި ޖަހާލީމަ ހުރިހާ ބައެއް ފެންނާނެ. އަދި ނޫހުގައިވާ “ވާހަކަ” ޓެބުންވެސް ހުރިހާ ބައެއް ފެންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު