ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު 400ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ
ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ފިޔާގެ އަގު މިއަށްވުރެވެސް މައްޗަށް އަގު އުފުލޭނެއެވެ. މިކަމާ ގުޅިފައިވާ މައިގަނޑު ސަބަބަކީ ރާއްޖެއަށް ފިޔާ ގެންނަ އިންޑިއާގައި ވެސް ފިޔާ އަގު އުފުލުމެވެ.
މިހާރު އޮތް ގޮތުން ފިޔާގެ އަގު، ކައިރި މުސްތަގްބަލެއްގައި ދަށަށް ދާނެ ކަމަށް ނުބެލެވޭ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ބާޒާރުގައި މިހާރު ފިޔާ ކިލޯއެއްގެ އަގު ހުރީ 18ރ. އާއި 25ރ.އާ ދެމެދުގައި ކަން ފާހަގަކުރެވެއެވެ. ފިހާރަތަކުން ވެސް ގާތްގަނޑަކަށް އެ އަގުގައި އަދި ލިބެން ހުރި ނަމަވެސް، ހުރިހާ ވިޔަފާރިވެރިން ވެސް ބުނަނީ އަގުތައް ދާނީ އުފުލެމުން ކަމަށެވެ.
އަވައްޓެރި އިންޑިއާއަށް ބަލާއިރު، އިންޑިއާގައި ވެސް ފިޔާ ލިބުން ދަތިވެފައިވާއިރު، އިންޑިއާގައި ވެސް ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލުމުން، އަގު ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ ސަރުކާރުން މިހާރު ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ޤައުމުގައި މިވަގުތު ފިޔާގެ ރީޓެއިލް އަގުތައް ވަނީ ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވެފައެވެ. ވެރިކަން ކުރާ ދިއްލީގައި ކުރިން 40 ރުޕީސްއަށް ވިއްކި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ، 65-80 ރުޕީސްއާ ދެމެދުގައި ކަމަށާއި، އަގު ކޮންޓްރޯލް ކުރަން ފިޔަވަޅުތަކެއް ނާޅައިފިނަމަ، 150 ރުޕީސްއާ ހަމައަށް ވެސް ފިޔާ ކިލޯއެއްގެ އަގު އުފުލުމުގެ ފުރުސަތު އެބައޮތް ކަމަށް މަޢުލޫމާތު ލިބެއެވެ.