ޑރ. މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ނޮވެމްބަރު 17، ގައި އޮންނަ ރަސްމިއްޔާތު ބޭއްވުމަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކޮށް ތައްޔާރީތަކުގެ މަސައްކަތް ފަށައިފި އެވެ.
އިންތިޚާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމުން، އެ ރަސްމިއްޔާތުގެ ކަންކަން ކުރިއަށް ގެންދާނީ މަޖިލީހުގެ އިދާރާއިންނެވެ. ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ހުރިހާ ކަމެއް ކުރުމަށް ސިފައިންގެ ގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކޮށްފައެވެ.
ރަސްމިއްޔާތުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށާއި ނޮވްމެބަރު 14 ގެ ކުރިން ހުރިހާ ތައްޔާރީތައް ނިމޭނެ ކަމަށް މަޢުލޫމާތި ލިބެއެވެ.
ބޭރުގެ ޤައުމުތަކުގެ ވެރިންނާއި ޑިޕްލޮމެޓުން ހިމެނޭހެން 3،500 އެއްހާ ފަރާތަކަށް ރަސްމިއްޔާތުގެ ދައުވަތު ދިނުމަށް މަޖިލީހުގެ އިދާރާއިން ވަނީ ތައްޔާރުވެފައެވެ.
މި ރަސްމިއްޔާތުގެ ތައްޔާރީތަކަށް ޖުމްލަ 22.9 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ. މި ބަޖެޓުން މި ރަސްމިއްޔާތުގެ މަސައްކަތް ހަވާލުކޮށްފައިވާ ސިވެކުން، އެ ސަރަހައްދު ޒީނަތްތެރިކުރުމާއި، ރަސްމިއްޔާތުގެ ކުރިއަށް ގެންދިއުން އަދި ކޭޓަރިންގެ ކަންކަންވެސް ހަމަޖައްސާނެއެވެ.
މިހާރު ހުންނެވި ރަައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި އިބްރާހީމް މުހައްމަދު ޞާލިހު ހުވާކުރައްވަން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ ކަންކަމަށް ބަޔަކާ ހަވާލުކުރީ 17 މިލިޔަން ރުފިޔާއަށް ކަމަށްވެސް މީޑިޔާގައި އޭރު ރިޕޯޓްކޮށްފައިވެއެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތު، މޫސުން ތަން ނުދިނުމުގެ ސަބަބުން އެހެން ތަނަކަށް ބަދަލުކުރަން ޖެހިއްޖެ ނަމަ އެ ރަސްމިއްޔާތު ބާއްވާނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކަމަށް މަޖިލިސް އިދާރާއިން ވިދާޅުވެފައިވެއެވެ.