22 އެޕްރީލް 2025

މަތިވެރިއަށް އިޒްރޭލުގެ ޓޫރިސްޓުން ނޭރޭނެ ގޮތް ހަދައިދިނުމަށް ގޮވާލާ ޤަރާރެއް

އިޒްރޭލްގެ ޕާސްޕޯޓް އޮންނަ ޓޫރިސްޓުން އއ. މަތިވެރިއަށް އެރުން މަނާކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައި، އެ ރަށު ކައުންސިލުން އިއްޔެ ގަރާރެއް ފާސްކޮށްފިއެވެ.

މަތިވެރީ ކައުންސިލުން ފާސްކުރި ޤަރާރުގައި ވަނީ ބައިތުލްމަޤްދިސް އާއި މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ބިމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިހުސާންތެރިވެ، ބޯހިޔާވަހިކަން ފޯރުކޮށްދިން ފަލަސްތީނުގެ މީހުންނަށް އަނިޔާވެރިވެފައިވާ ކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ މީހުން ގޯތި ގެދޮރުން ނެރެ، ބިންތައް ފޭރިގަނެ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް އަދި އާންމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ.

މީގެ އިތުުރުން، އޮސްޓްރޯވް މަތިވެރި ބޯފެނާއި ކާބޯތަކެއްޗާއި ބޭހާއި ފެނާއި ކަރަންޓު ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކުން ފަލަސްތީނު މީހުން މަހުރޫމުކޮށް، އާއިލާތައް ނިދާފައި ތިއްބައި ގަތުލުކޮށް އަދި އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ މީހުން ނިކަމެތިކޮށްފައިވާ ކަމަށެވެ

ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކަކީ ޒަޔަނިސްޓް ޔަހުދީން ފަލަސްތީން އިސްއުމާރުކޮށް، މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ އިންސާނީ ހުރުމަތާ ހިލާފު ޖަރީމާއެއް ކަމަށާއި، މުސްލިމުންގެ މުގައްދަސް ބިމަކަށް އަރައިގަނެ، މުސްލިމުންނާ މެދު މިފަދަ ލާއިންސާނީ އަނިޔާތަކެއް ހިންގާ ބަޔަކަށް މަތިވެރީގެ ވެށިން އަމާންކަމާއި ހިމާޔަތް ދިނުމަށް އެ ރަށުގެ އެއްވެސް މީހަކު ނޭދޭ ކަމަށް ވެސް ކައުންސިލުގެ ޤަރާރުގައިވެއެވެ.

މި ސަބަބުތަކަށްޓަކައި، މަތިވެރި އަށް ޓޫރިސްޓުން ގެންދާ ފަރާތްތަކުން އިޒްރޭލު ޕާސްޕޯޓް އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެންދިއުމަށާއި ޓޫރިސްޓުންގެ ގޮތުގައި އާއި އެހެންވެސް ބޭނުމަކު ރާއްޖެ އަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ޤަރާރުގައި ވަނީ ގޮވާލައިފައެވެ.

މަތިވެރިއަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ، ތަރައްޤީއަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ އެކުވެރި ރައްޔިތެއް އުޅޭ ރަށެއްކަން ފާހަގަކުރެވެއެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި މަހު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި، 3،000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު