ތިމާގެ ދިރިއުޅުމުގައި ޝައުޤުވެރިކަން ހުންނާނީ އެކި ކަންކަން ކުރާށެވެ. ބައެއް މީހުންނަކީ ވާހަކަ ދެެއްކުން ގިނަ، މުޖުތަމަޢުގެ އެކި ފަރާތްތަަކާ ވަރަށް ބޮޑު ގުޅުމެއް ބާއްވަން ބޭނުންވާ މީހުންނެވެ. އެމީހުން އިޖްތިމާޢީ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރެއެވެ. އަނެއް ބަޔެއްގެ ވިސްނުން މިއާ ތަފާތެވެ. އެމީހުން އަމިއްލަ ކަންކަމަށް އިސްކަންދޭލެއް ބޮޑެވެ.
މިކަން ކަމުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ތަފާތު އެކި ސަބަބުތަކާއި ހުރެ އަމިއްލަ ހިތްހަމަޖެހުމަށް ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކަމެއް ކުރުމަކީ އަމިއްލަ އެދުން ބޮޑުވުމޭ ހިތައް އަރާ މީހުން މަދެއް ނޫން ކަމެވެ. އަމިއްލަ މީހާގެ ކަންކަމަށް ވިސްނުމުގެ ކުރިން އަޅާލަން ޖެހޭ އެހެން މީހުން ނުވަތަ ބަލަން ޖެހޭ އެހެން ކަންތައްތަކާއި ހެދި މާ ބުރަ ބޮޑުވުމާއި، ވަރުބަލިކަން އިޙުސާސްވުމާއި، އަމިއްލަ މީހާއަށް ސަމާލުކަންދޭން ވަގުތުނުވުމަކީ މީގެ ބައެއް ސަބަބުތައް ކަމުގައި ވެދާނެއެވެ.
އަދި ހަަމައެހެންމެ، އަމިއްލަ މީހާއަށް އަޅާލުމަކީ ތިމާ މީހާއަށް މާ މުހިންމު ނޫން ކަމަކަށްވެސް ވުން އެކަށީގެންވެއެވެ. އެހެން މީހަކު ބަލަންޖެހުނު ކަމުގައި ވިޔަސް، ނުވަތަ ވަޒީފާ އަދާކުރަން ޖެހުނުކަމުގައި ވިޔަސް ނުވަތަ މި ޙާލަތުގައި އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން ކަމުގައިވިޔަސް މިއީ ކަން އޮތްގޮތްކަމަށްވުން އެކަށީގެންވެއެވެ.
މީގެއިތުރުން އަމިއްލަ ނަފްސަށް އަޅާލުމަކީ ކިހާ މުހިންމު ކަމެއްކަމާއި، އަމިއްލަ ނަފްސަށް އަޅާލުމަކީ އަމިއްލަ އެދުން ބޮޑުވުން ނޫންކަން އަމިއްލަޔަށް ޤަބޫލުކުރުން މުހިންމުވަނީ މި ސަބަބުތަކަށްޓަކައެވެ. އަމިއްލަ އެދުން ބޮޑުވުމަކީ އެހެން މީހުންނަށް އަޅާލުމުގެ ބާރު ތިމާގެ އަތުން ނިގުޅައިގަންނަ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހެއެވެ.
އެހެންނަމަވެސް، އަމިއްލަ ނަފްސަށް އަޅާލުމަކީ އެހެން މީހުންނަށް އިތުރަށް އަޅާލުމަށް ލިބިދޭ އާރަކާއި ބާރެއް ކަމުގައި ދެކުން މުހިއްމެވެ. އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަމާލުކަންދޭ ވަރަކަށް އަމިއްލަ ނަފުސު އެހެން މީހުންނަށް އެހީތެރިވެދިނުމަށް އިތުރަށް ތައްޔާރުކުރެވޭނެއެވެ. ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއްގައި މިކަމަކީ ވިސްނާލުން މުހިއްމު ކަމެކެވެ.