23 އެޕްރީލް 2025

ޗައިނާ ފަތުރުވެރިޔާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް؛ އޭނާ ފުރުވާލުމަށްދަނީ މަސައްކަތްކުރަމުން

ޗައިނާގެ އަންހެން ފަތުރުވެރިޔާ ފުރުވުމާލުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށް އިމިގްރޭޝަނުން ނިންމައިފިއެވެ.

އޭނާ ވަނީ މި މަހުގެ 19 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަންތަނަށް ކުޅުޖަހައި، ފަސެންޖަރުންނަށް އުނދަގޫކޮށް އަޑުގަދަކޮށް ހަދާފައެވެ. އެކަމާ ގުޅިގެން އޭނާ ފުލުހުންނާ ޙަވާލުކުރެވުނެވެ. ފުލުހުން ވަނީ އެ މީހާއަށް ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު، އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އަދި ފަހުން އިމިގްރޭޝަނުން އޭނާ ދޫކޮށްލުމުން މިދިޔަ ހަފުތާއާ ހަމައަށް އޭނާ ދިރިއުޅެމުން އައީ މާފަންނު ޕޮލިސް ސްޓޭޝަންގައެވެ. އެމީހާ މި ދިޔަ ދެ ދުވަހަކު އަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ަނެއްކާވެސް ގޮސް މީހުންނަށް އުނދަގޫކޮށް ބޭއަދަބީކޮށް ވާހަކަދައްކާ ހެދި ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން މިއަދު ވަނީ އިމިގްރޭޝަނުން ބަޔާނެއް އާންމުކުރައްވާފައެވެ. އެ ބަޔާނު ވިދާޅުވީ ޗައިނާ ފަތުރުވެރިޔާއަށް ދޫކޮށްފައިވާ ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުން ވެސް ރާއްޖެ އިން ފުރާފައި ނުވާތީ އާއި އޭނާގެ އަމަލުތައް މިހާރު ރައްޔިތުންނަށް އުނދަގޫވާ ފަދަ ގޮތަކަށް ހުރުމުގެ ސަބަބުން ޗައިނާގެ އަންހެން ފަތުރުވެރިޔާ ފުރުވާލުމާ ހަމައަށް އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި އަންހެނުން ބޭތިބުމަށް ހާއްސަ ތަނެއް ނެތުމުގެ ސަބަބުން ވީ އެންމެ އަވަހަށް ފުރުމަށް އެމީހާ ގާތު ބުނުމުންވެސް ނުފުރިކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންވެ، މާލޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އެ މީހާގެ އާއިލާއަށް ގުޅިގެން ރާއްޖެއިން ފުރުވާލުުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފައިވާނެކަމަށް އިމިގްރޭޝަންގެ ބަޔާނުގައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު