އާސަންދަ މުހިއްމެވެ. ބޭސްފަރުވާ މުހިއްމެވެ. ހިލޭ ބޭސްފަރުވާ ކުރެވިގެންދިއުން އެއަށްވުރެ މުހިއްމެވެ. އެކަަމަކު އާސަންދައިން ބާރުގަދަ ރަނގަބީލެއް ޖަހައިފިއެވެ. ފިއްކަނޑައިގެން ދާހާ ވަރުވެއެވެ. ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ދަށުން މިއަހަރު ކުރި ޚަރަދު ކަނޑައެޅި ބަޖެޓަށް ވުރެ ދެ ގުނަ ބޮޑުވެއްޖެއެވެ. ކަން ބޮޑެއް ނުވޭ ހެއްޔެވެ؟
ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައިވާ ގޮތުން، އާސަންދަ އަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާ އަށް އަރާނެއެވެ. އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައަށް ކުރި ހޭދަ ބޮޑުވުމުން ވަނީ، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. މިއަހަރުގެ ބަޖެޓުގައި ވެސް އާސަންދައިގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިންތިހާބު އަހަރަށް ވުމުން އެކަންކަން ތަންފީޒުކުރުން ލަސްވީ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއެވެ.
އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ކަނޑައެޅި ބަޖެޓުގައި، އާސަންދަ އަށް ވަނީ 1.9 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރަށް ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތައް ނާޅައިފި ނަމަ އާސަންދައަށް ކުރާ ހޭދަ 3.4 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރު އާސަންދަ އަށް 7.4 ބިލިއަން ރުފިޔާ ހޭދަކުރި އިރު އެންމެ ބޮޑު ހޭދައެއް ކުރީ މިދިޔަ އަހަރެވެ. ވޭތުވެދިޔަ ފަސް އަހަރު ވެސް އާސަންދަ އަށް ކުރި ހަރަދު ވަނީ ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓު އިތުރުވެފައެވެ. އިންތިޚާބު އަހަރުވުމުން ކަމަށްވެސ ވެދާނެއެވެ. އިވޭ އަޑުތަކަށް ބަލާއިރު، ޞިއްޙީ މައްސަލަތަކެއް މާ ބޮޑަށް ނެތައް އާސަންދަ މެދުވެރިކޮށް ބޭރުގެ ޤައުމުތަކަށް ގިނަ ބަޔަކު ފުރަފުރައިގެންދެއެވެ. ދާއިރާގެ މަޖިލިސް މެންބަރު ނުވަތަ ސަރުކާރުގެ ބާރުގަދަ ބޮޑެއް މެދުވެރިވެގެން ހަމަޖައްސާ "ޑީލެއް"ގެ ދަށުންނެވެ. މިއީ ވަރަށް ގިނައިން ކަންފަތުގައި ބީހޭ އަޑެކެވެ. ޙަޤީޤަތް ޖެހޭނީ އިތުރަށް ބަލައި ހޯދާށެވެ. ނަމަވެސް އެނގޭހާވެސް ކަމަކީ، ބޭރަށް ފުރަފުރައިގެންދާ މީހުން އަމިއްލައަށްވެސް އެވާހަކަ ދައްކާ އަޑުއިވެމުން ދާކަމެވެ.
އާސަންދަ އަށް ކުރާ ހޭދަކުޑަ ކުރުމަށް ބޭހުގެ އަގުތައް ކޮންޓްރޯލުކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރެވެ. ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވިއްކާ ބައެއް ބޭހުގެ އަގު ހުރީ ދުނިޔޭގެ ބާޒާރުގައި އެ ބޭސްތައް ވިއްކާ އަގަށް ވުރެ 15-75 ގުނަ ބޮޑު އަގުތަކެއްގައެވެ. އެހެންވެ، އާސަންދަ މެދުވެރިކޮށް ބޭހަށް ކުރާ ހޭދަ 24 ޕަސެންޓަށް އަހަރު އިތުރުވެއެވެ. އެހެންވެ، އާސަންދަ ސްކީމުން އެވްރެޖުކޮށް ބޭހަށް ކުރާ ހޭދަ 500 މިލިއަން ރުފިޔާއަށް އަރައެވެ.
މިއީ ކުޑަކަމެއް ނޫނެވެ. ރައްޔިތުން އަތުން ޓެކްސް ނަގައިގެން ވަކި ބަޔަކަށް ޚަރަދުކުރަންޖެހޭ ޞިއްޙީ އިންޝިއުރަންސްގެ ނިޒާމެއް އޮތުމަކީ ދެރަކަމެކެވެ. މި ކަމުގައި އިންސާފުވެރިވާންޖެހެއެވެ. ބަލިވެގެން އުޅޭ މީހާއަށް އަސްލު މިކަމުގައި ފައިދާ އާއި ލުއި ފަސޭހަކަން ލިބޭނެ ގޮތަށް މަގުތަށް ކޮށައި، ބައްޓަން ކުރަންޖެހެއެވެ. މި ނިޒާމަކީ ޙައްޤު މީހާއަށް ފަހި ނިޒާމަކަށް ވާންޖެހެއެވެ. ސަލާން ޖެހުން ހުއްޓުވާ ނިޒާމަކަށް ވާންޖެހެއެވެ/