އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ މާލެ ސަރަޙައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، "ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު" އަންނަ އަހަރަށް ފާސްކުރުމަށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ހިމަނައިފިއެވެ.
"ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު"އަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ޙައްލުކޮށްދެއްވުމަށް އަންނަ ސަރުކާރުގައި ހިންގެވުމަށް ނިންމަވާފައިވާ އެންމެ ބޮޑު މަޝްރޫޢުއެވެ. މި ޕްރޮޖެކްޓްގައި ފުށިދިއްގަރުފަޅު ހިއްކުމަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޑރ.މުޢިއްޒުގެ ތަޞައްވުރަކީ އެ ފަޅު ހިއްކާ، 11000 ގޯއްޗާއި 20000 ފްލެޓް އެތަނުގައި ތަރައްޤީކުރެއްވުމެވެ. އިންތިޚާބީ ރައީސް ނިންމަވާފައިވަނީ، ދައުރުގެ ކުރީކޮޅު މި މަޝްރޫޢު ފަށުމެެވެ.
2024 ވަނަ އަހަރު ޕަބްލިކް ސެކްޓަރ އިންވެސްޓް ޕްރޮގްރާމްތައް ހިންގުމަށް 8.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ. މީގެތެރެއިން 1.1 ބިލިއަން ޚަރަދުކުރުމަށް ހަމަމެހިފައިވަނީ އަލަށް ފަށާ މަޝްރޫޢުތަކަށެވެ. އަދި މިވަގުތު ހިންގަމުންދާ 449 ޕްރޮޖެކްޓަކަށް 6.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަލަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގައި އެންމެ ބޮޑު ޙޭދައެއް ކުރުމަށް ނިންމާފައިވަނީ، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢުއަށެވެ.
އަންނަ އަހަރުގެ ބަޖެޓް ފޮތަށް ބަލާއިރު، ހިނގަމުންދާ މަޝްރޫޢުތަކުގައި އެންމެ ބޮޑު ހޭދައެއް ކުރަން ހިމަނާފައިވަނީ ވެލާނާ އިންޓަނޭޝަން އެއަރޕޯޓް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުއަށެވެ. އެ މަޝްރޫޢުއަށް 1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިހާރު ފަށައިގެން ކުރިއަށްގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމުމަށް 942 މިލިއަން ރުފިޔާ މަޖިލީހަށް ފާސްކުރަން ހުށައެޅި ބަޖެޓުގައި ހިމަނާފައިވެއެވެ. ކޮންޓްރެކްޓަރާއެކު އެއްބަސްވެފައިވާގޮތުން އަންނަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓް އެއްކޮށް ނިންމަންޖެހެއެވެ.