1896 ގައި އާކައިވްކުރެވިފައިވާ ވީޑިއޯ ފުޓޭޖެއް ސޯޝަލް މީޑިޔާގައި ދައުރުކުރަމުންދާއިރު، އެ ވީޑިޔޯއިން ފެންނަ ގޮތުގައި، އެ އަހަރު ފަލަސްޠީނުގައި ވެރިވެގެންތިބީ ހަމައެކަނި 5 އިންސަތަ ޔަހޫދީންނެވެ.
ފަލަސްޠީނުގެ އަސްލު ވަޒަންވެރިންނަކީ މުސްލިމުންނެވެ. އެ ވީޑިޔޯގައިވާ ގޮތުން، އެ އަހަރު ފަލަސްޠީނުގައި ތިބީ 85 އިންސައްތަ މުސްލިމުންނެވެ. ދެން އެންމެ ގިނައީ ކްރިސްޓިއަނުންނެވެ. އެއީ 10 އިންސައްތައެވެ. ޔަހޫދީން ތިބީ އެންމެ 5 އިންސައްތައެވެ.
މިކަމުންވެސް ދޭހަވެގެން މިދަނީ ޔަހޫދީންނަކީ ފަލަސްޠީނަށް ވެރިވެގަނެގެން އުޅޭ ބައެއް ކަމެވެ. ފަލަސްޠީނަކީ މުސްލިމުންގެ ބިމެއް ކަމެވެ.
"Archival footage from 1896 depicts a harmonious Palestine: Jews at 5%, Christians 10%, and Muslims 85%. Residents coexisted peacefully, practicing their faiths freely. A stark contrast to the disruptions that came with Zionism. For skeptics of the video's age, research is just a… pic.twitter.com/2y5VZqjLgV
— SilencedSirs (@SilentlySirs) November 1, 2023
ފަލަސްޠީނާއި ޤުދުސަކީ ޔަހޫދީންނަށް "ވަޢުދުކުރެއްވިފައިވާ" ބިމެއް ކަމުގައި އެމީހުން ދެކޭތީ ފަލަސްޠީނުގެ ބިމަށް ވެރިވެގަތުމަކީ އަބަދުވެސް ޔަހޫދީން ދެކެމުން އައި ހުވަފެނެކެވެ. އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި އެތައް ޒަމާނެއް ވަންދެން އެމީހުންވަނީ ސަޙްޔޫނިއްޔަތު (ޒައިނިޒަމް) ގެ ނަމުގައި އެތައް ޙަރަކާތެއް ހިންގާފައެވެ. ޞަޙްޔޫނިއްޔަތަކީ ޔަހޫދީ ދީނާއި އެމީހުންގެ ސިޔާސީ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފަލްސަފާއެކެވެ. މި ފަލްސަފާއާ ގުޅިގެން ޔަހޫދީންގެ ޢަމަލުތައް ބަހައްޓަމުން އައި ގޮތުން ޔޫރަޕުގެ ޤައުމުތަކުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީންނާ ހެދި އުނދަގޫ ވެގެން ޔޫރަޕުގެ އެކި ޤައުމުތަކުން ޔަހޫދީން ބޭރުކުރަން ފެށިއެވެ. މި ދަނޑިވަޅުގައި އެމީހުން އަމިއްލަ ވަޠަނެއް ހޯދުމަށް ފެށި ޙަރަކާތުގެ ބާނީ އަކީ ހަންގޭރީގެ ރައްޔިތެއް ކަމުގައިވާ "ތިޔޮޑޯރ ހަރޓްޒުލް" އެވެ. ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ވިސްނަމުން ދިޔަ ޤައުމުތަކުގެ ވެރިންނަށް މި ޙަރަކާތަކީ ވަރަށް ކަމުދާ ޙަރަކާތަކަށްވިއެވެ. އަދި މިއީ ޔޫރަޕުން ޔަހޫދީން ބޭރުކޮށްލުމަށް ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި އެ ފަރާތްތަކުން ދެކުނެވެ.
ނަތީޖާއަކީ 1907 ގައި އިނގިރޭސީންގެ ރިޔާސަތުގެ ދަށުގައި ޔޫރަޕްގައި ކޮންފަރެންސެއް ބޭއްވުމެވެ. އެ ކޮންފަރެންސުން ނިންމީ ސަޙްޔޫނީން އަމިއްލަ ވަޠަނެއް ހޯދުމަށް ކުރަމުންދާ ޙަރަކާތަށް ތާއީދު ކުރުމުގެ ގޮތުންނާއި، ޔޫރަޕްގެ ތަހްޛީބަށް އޮތް އެއްމެ ބޮޑު ހުރަސްކަމުގައިވާ އިސްލާމީ ޢަރަބި ޤައުމުތަކުގެ ބިރުވެރިކަމުން ސަލާމަތް ވުމަށް ޓަކައި އެ ޤައުމުތައް އަބަދުވެސް ހާސްކަން މަތީގައި ބޭއްވުމަށް، ޢަރަބި ބައްރުގައި ޔަހޫދީންނަށް ދައުލަތެއް ޤާއިމުކޮށްދިނުމަށެވެ. މިކަމުގައި އިސް ނަގައިގެން ޙަރަކާތްތެރިވީ އިނގިރޭސީންނެވެ.
މިގޮތުން 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ސަޙްޔޫނީންނަށް ފަލަސްޠީނުގައި މިނިވަން ދައުލަތެއް އުފައްދައި ދިނުމަށް އިނގިރޭސިން ވަޢުދުވެ މަޝްހޫރު ބަލްފޯރ ޑެކްލަރޭޝަން އިޢުލާންކުރިއެވެ. މި ޑެކްލަރޭޝަނުގެ ނަން ނިސްބަތް ކުރެވިފައިވަނީ އެއިރު އިނގިރޭސި ވިލާތުގެ ޚާރިޖީ ވަޒީރަކަށް ހުންނެވި އާތަރ ޖޭމްސް ބަލްފޯރ އަށެވެ. އިނގިރޭސީން 1917 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޤުދުސް ހިފިއެވެ. "ލީގު އޮފް ނޭޝަންސް" އިން 1922 ވަނަ އަހަރު ބަލްފޯރ ޑެކްލަރޭޝަން ތަޞްދީޤުކޮށް ޔަހޫދީންނަށް މި ސަރަޙައްދުގައި އަމިއްލަ ދައުލަތެއް އުފައްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން "މޭންޑޭޓު ފޯރ ޕަލެސްޓައިން" އިދާރީ ގޮތުން ހިންގުމުގެ ފުރިހަމަ ބާރު އިނގިރޭސީންނަށް ދިނެވެ. އިނގިރޭސީންނަށް ފަލަސްޠީނު ހިންގުމުގެ އިދާރީ ބާރު ލިބުމުން ދުނިޔޭގެ އެތަން މިތަނުގައި ތިބި ޔަހޫދީން ފަލަސްޠީނަށް ގެނެސް އާބާދުކުރުވުމުގެ މަސައްކަތް އެމީހުން ފެށިއެވެ.
އިނގިރޭސީން 1922 ވަނަ އަހަރު ފަލަސްޠީނުގައި ކުރިޔަށް ގެންދިޔަ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން އެތަނުގެ އާބާދީގެ %78 އަކީ ޢަރަބި މުސްލިމުންނެވެ. ޢަރަބި ކްރިސްޓިއަނުންގެ އާބާދީ އަކީ %9.6 އެވެ. ޔަހޫދީންގެ އާބާދީއަކީ %11 އެވެ. މިޢަދަދު ވަނީ 1945 ވަނަ އަހަރާ ހަމައަށް އައި އިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ގޮތުން 1945 ވަނަ އަހަރު ފަލަސްޠީނުގައި ތިބި ޔަހޫދީންނަކީ އެތަނުގެ އާބާދީގެ %31 އެވެ.
މިހާރު ޔަހޫދީން ހިންގަމުންދާ އުދުވާންތަކުގައި، ފަލަސްޠީނުގެ ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,525 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޢައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރާއިރު އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.
ހައްދުފަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.