Thursday, 18 April 2024

ނަފްސާނީ ދުޅަހެޔޮ ކަމަށް ޖިސްމާނީ ސިއްޙަތު މުހިއްމު ވަނީ ކީއްވެ؟

ނަފްސާނީ ގޮތުން ބޮޑެތި ކަންތައްތަކެއް ތަޙައްމަލު ކުރަމުންދާ ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިއްޙަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. މިގޮތުން ނަފްސާނީގޮތުން އަހަރެމެންގެ ސިއްޙަތު ރަނގަޅުކުރުމަށް ޖިސްމާނީ ސިއްޙަތަށް ބަލައިގެން އުޅުމަކީ މުހިންމުކަމެކެވެ. ކޮންމެ މީހަކަށްވެސް ގޮންޖެހުންތައް ކުރިމަތިލާން ޖެހެއެވެ.

އަހަރެމެންގެ ނަފްސާނީ ސިއްޙަތާއި މެދު ވިސްނާއިރު އަބަދުވެސް ހަދާންކުރަންވީ އެއް ކަމަކީ އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ޖިސްމާނީގޮތުންވެސް ދުޅަހެޔޮކޮށް ހުންނަން ޖެހޭކަމެވެ. ޤަވާއިދުން ކަސްރަތުކުރުމަކީ ނަފްސާނީގޮތުން ދުޅަހެޔޮކަންމަތީ ހުރުމަށް މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.
ކަސްރަތު ކުރުމުން ހިތްހަމަޖެހުން ގެނުވައިދިނުމަށް ޑޮޕަމައިން، އެންޑްރޮފިން އަދި ސެރޮޓޮނިން ނަމަކަށްކިޔާ ކެމިކަލްއެއް ހަށިގަނޑު ތެރޭގައި ދައުރުވެއެވެ. މި ކެމިކަލްތައް އަހަރެމެންގެ "މޫޑް" ރަނގަޅުކޮށްދީ އަދި ފިކުރުބޮޑުވުންތަކާ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

ތިޔަ ފަރާތަކީ އަބަދު ޖިމަށް ދާ މީހެއް ނަމަ، ޖިމްގައި ހަދާ ވޯރކްއައުޓްސްތައް ގޭގައި ކުރެވިދާނެއެވެ. އަދި އޮންލައިން ކަސްރަތު ކްލާހެއްގައި ވެސް ބައިވެރި ވެވިދާނެއެވެ. ހިނގުމަކީވެސް ފިކުރުބޮޑުވުންތަކާއި ހާސްވުން ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ބަލިތަކުން ރައްކާތެރިވުމަށް، އަހަރެމެންގެ ދިފާޢީ ނިޒާމް ވަރުގަދަކުރުމަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެކެމެވެ. ގެއިން ބޭރަށް މާ ދުރަށް ނުނިކުމެވުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކު ގޯތިތެރޭގައި ނުވަތަ ބެލްކަންޏަށް ނަމަވެސް ނިކުމެލުމަކީ ތިމާގެ ނަފުސައް ހިންހަމަޖެހުން ލިއްބައިދޭނެ ކަމެކެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ރިކޮމެންޑްކުރަނީ ހަފްތާއަކު 150 މިނެޓް އާދައިގެ މިންވަރަކަށް އަދި 75 މިންޓް ގަދަޔަށް ހެލިފެލިވެ އުޅުމަށެވެ. ކޮންމެ ވެސް ޙަރަކާތެއް ކުރުން އެއްވެސްކަމެއް ނުކޮށް ހުރުމަށްވުރެ މާ ރަނގަޅުވާނެއެވެ. ހެލިފެލިވެ އުޅުމަށް ކްރިއޭޓިވް ގޮތްތައް ޚިޔާރުކުރެވިދާނެއެވެ.

މިގޮތުން، ސިޑިން އަރާ ފޭބުން، ނުވަތަ ކުދިންނާއެކު ގިނަވަގުތު ކުޅިވަރު ކުޅުމުގައި ހޭދަކުރެވިދާނެއެވެ. ކަންނެތްކަން ފިލުވުމަށް ކޮންމެ 30 މިނިޓަކުން ކޮޅަށް ތެދުވެލުން ވެސް އެއީ ކުރެވިދާނެ ކަމެކެވެ. ތިމާގެ ނާރުތަކަށް ލުޔެއް ދޭނެ ގޮތެއް ހޯދުމަކީ ތިމާ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށާއި ސިކުނޑިއަށް އަރާމު ދިނުމަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ނާރުތަކަށް ލުޔެއް ދިނުމުގެ ގޮތުން ޔޯގާ ނުވަތަ ފުންކޮށް ނޭވާލުން ފަދަ ކަމެއް ވެސް ކުރެވިދާނެއެވެ.

ކެއުމުގައި، ޞިއްޙަތަށް ގެއްލުންދޭ ތައްޔާރީ ކާނާގެ ބަދަލުގައި ފައިދާހުރި ކާނާ ކެއުން ވަރަށް މުހިންމެވެ. ހަކުރާއި މިފަދަ ޞިއްޙަތަށް ގެއްލުންހުރި ބާވަތްތަކާ ދުރުވާން މަސައްކަތް ކުރަންވާނެއެވެ. ތިމާ ހިތްއެދޭ މި ދެންނެވި ބާވަތްތައް ހިމެނޭ ކެއުންތައް މަދުމަދުން ކެވިދާނެއެވެ. އެހެންނަމަވެސް ފެޓް، ހަކުރު އަދި ލޮނުގެ ބާވަތް ގިނަ ތައްޔާރީ ކާނާ ކެއުމަކީ ހާސްކަމާއި ކަންބޮޑުވުން އަދި ތިމާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކަމެކެވެ.

ހަމައެހެންމެ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް މީހާ ފިކުރުބޮޑުވުންތަކާއި ހާސްވުންތައް އިތުރު ކުރުވާ ކަމެއް. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމައި ދުރުހެލިވުން މުހިންމެވެ.

އެހެންކަމުން، ސިއްޙީ ރަނގަޅު އާދަތަކަށް ސަމާލުކަން ދީގެން ހެލިފެލިވެ އުޅުމަކީ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ވަރަށް ވެސް މުހިއްމުކަމެކެވެ.


 

(ނޯޓް: މަޢުލޫމާތު ނަގާފައިވަނީ، އެޗްޕީއޭގެ ލިޔުމަކުން)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *