އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މި ސަރުކާރުން އުފެއްދެވި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރަށް ހަމަވާނެއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރެއްވީ، 17 ނޮވެންބަރު 2022 ގައެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ "އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް" ގެ މަސައްކަތްތަކަށް ކަނޑައަޅުއްވާފައިވާ 2 އަހަރު ދުވަހުގެ މުއްދަތު 17 ޑިސެންބަރު 2022 ގެ ނިޔަލަށް ހަމަވާއިރު، އެ އޮފީހުން ތަޙުޤީޤުކުރައްވަމުން ގެންދަވާ ބައެއް މައްސަލަތައް ފުރިހަމަކުރެއްވުމަށްޓަކައި މި މުއްދަތު އިތުރުކޮށްދެއްވުން އެދި އޮމްބަޑްސްޕަރސަނުން އެދިލައްވާފައިވާތީ ކަމަށް އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު 17 ނޮވެންބަރު 2023 ގެ ނިޔަލަށް ރައީސް ޞާލިޙް އިތުރުކުރެއްވިއިރު، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ތިއްބެވީ 3 ބޭފުޅެކެވެ.
- އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފް، އީޓުޖެހިގެ/ ނ. މާފަރު (ޗީފް އޮމްބަޑްސްޕަރސަން)
- އަލްއުސްތާޛާ ޖިހާދާ އަނީސް، ބްލޫރޯޒް/ ގއ. ކަނޑުހުޅުދޫ (އޮމްބަޑްސްފަރސަން)
- އަލްއުސްތާޛު މުޞްޠަފާ ޙަމީދު، ކަނީރުމާގެ/ރ.އަނގޮޅިތީމު (އޮމްބަޑްސްފަރސަން)
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.
އެ އޮފީހުގެ މުއްދަތު ހަމަވުމުން، އެ އޮފީހާމެދު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމަލުކުރައްވާނެ ގޮތެއް، މިހާތަނަށް އިންތިޚާބީ ރައީސްގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް، އަންނަ އަހަަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް ދޭން ނިންމާފައިވާ ބަޖެޓުގެ ތަފްސީލު ހިމަނާފައި އޮތް ނަމަވެސް އިންތިޤާލީ އިންސާފުގެ އޮފީހުގެ ނަމެއް ބަޖެޓު ފޮތުން ފެންނާކަށްނެތެވެ.
އެ އޮފީހުގެ މަަސައްކަތާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާއިރު، އެ އޮފީސް އުފެއްދުމުންވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ތިޔަކަމަކީބަޔަކުފައިސާތަކެއްފޭރިގަތުމަށްރާވައިގެންހިންގިޖަރީމާއެކެވެއަޅުގަނޑުމައްސަލައެއްހުށައެޅިންޝަރީޢަތާގުޅޭދެޚަސްމުންވާހަކަދައްކާފައެއްނުވޭމައްސަލަހުށައަޅާމީހާނުގެންގޮސްދަޢުވާލިބޭމީހާބުނާއެއްޗަކަށްނުވަތަބަހަކަށްމައްސަލަނިންމަނީއެމީހާބުނާގޮތަށްފާޑެއްގެބޮޑުތުނބުޅިއެއްލައިގެންކުރަނީޚިޔާނާތާއިވައްކަން
ތިޔަކަމަކީބަޔަކުފައިސާތަކެއްފޭރިގަތުމަށްރާވައިގެންހިންގިޖަރީމާއެކެވެއަޅުގަނޑުމައްސަލައެއްހުށައެޅިންޝަރީޢަތާގުޅޭދެޚަސްމުންވާހަކަދައްކާފައެއްނުވޭމައްސަލަހުށައަޅާމީހާނުގެންގޮސްދަޢުވާލިބޭމީހާބުނާއެއްޗަކަށްނުވަތަބަހަކަށްމައްސަލަނިންމަނީއެމީހާބުނާގޮތަށްފާޑެއްގެބޮޑުތުނބުޅިއެއްލައިގެންކުރަނީޚިޔާނާތާއިވައްކަންތިޔައީޖަލައްލާވެފައިވާދެތުނބުޅި