ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑު އެހުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.
މަޖިލިސް ރައީސް ނަޝީދު ވަކިކުުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ އޭގެ އަޑު އެހުމެއް އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 އަކަށް ތާވަލުކޮށް އަޑު އެހުމަށް ޗިޓު ފޮނުވައިފައެވެ.
ރައީސް ނަޝީދު ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ނާއިބު ރައީސް އީވާ ރިޔާސަތު ބަލަހައްޓައިގެން ކަމަށް މަޖިލީހުގެ ގަވައިދު ބުނާތީ އެ ޖަލްސާ ކުރިއަކަށް ނުގެންދެވެއެވެ. އީވާއަށް ރިޔާސަތާ ޙަވާލުވެވަޑައި ނުގަންނަވަނީ ޑެންގީ ޖެހިގެން އާލާސްކަން ފުޅާ އުޅުއްވާތީ ކަަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.
އެކަމަކު، އީވާއަށް ރިޔާސަތު ނުބެލެހެއްޓުނަސް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ދަނީ ފާހަގަކުރައްވަމުންނެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި އަމުރުގައި ވަނީ ދެ އަމުރަކަށް އެދިފައެވެ. އެއީ މަޖިލީހުގެ ނާއިބު ރައީސް އީވާ ރިޔާސަތުގައި ނެތި ރައީސް ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އަމީން އާންމު ނިންމެވުމަކީ ޤާނޫނާ ހިލާފަށް ނިންމެވި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމާ އެކު ރައީސް ނަޝީދު ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ޤަރާރާމެދު ގޮތެއް ނިންމުމަށް ފަހު ނޫނީ އެެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ:
- އެންމެ ފުރަތަމަ ވެއްދީ މިދިޔަ ޖޫން މަހު؛
- ޖުމްލަ 54 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މައްސަލައާއެކު މަޖިލިސް މަރުތަޅު އެޅި އެތަކެއް ދުވަހެއް ހޭދަވި؛
- ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން، ރައީސް ނަޝީދަށް ދޫ ދިނުން ނޫން ގޮތެއް ނުފެނި މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ މައްސަލަ އަނބުރާ ގެނައި؛
- ދެވަނަ ބުރަށް ރައީސް ނަޝީދުގެ ތާއިދުވެސް ރައީސް ޞާލިހަށް ނުލިބުނު؛
- އިންތިހާބުން ބަލިވަޑައިގަތުމާއެކު މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން ރައީސް ނަޝީދު ވަކިކުރަން މައްސަލަ ހުށަހަޅައިފައި.