އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ސ. ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަޝްރޫއު ހިންގުމަށް ކުރަން ޖެހޭ ސާވޭގެ މަސައްކަތް ކުރުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް ޔާމީން ވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑުއަށް ވެވަޑައިގެންނެވި ވައުދެކެވެ. މިދިޔަ އޮގަސްޓް މަހު، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އައްޑު ކުރެއްވި ދަތުރުފުޅުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.
އައްޑޫގައި ހަދާ ބްރިޖު ވާނީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ބްރިޖަށެވެ. ހިތަދު އާއި ހުޅުމީދޫ ގުޅާލުމަށް ގާތްގަނޑަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ. ރާއްޖޭގައި ހެދި ފުރަތަމަ ބްރިޖު، މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.4 ކިލޯމީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.