އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުވެފަައިވާއިރު، ވެރިކަން ބަދަލުވުމުގެ މިމަރުހަލާގައި ހުއްޓާލުމަށް އަންގާފައިވަނީ އެކަން ކުރިއަށް ގެންގޮސްފިނަމަ ދައުލަތަށާއި ރައްޔިތުންނަށް އެކަމުގެ ގެއްލުން ބޮޑުވެދާނެ ކަންކަމަކަށް ވާތީކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދާޅުވެއްޖެއެވެ.
ވެރިކަން ބަދަލުވުމުގެ މިމަރުހަލާގައިވެސް ބައެއް އިދާރާތަކުން ކޮރަޕްޝަން ހިންގާ ކަމަށް އޭސީސީން ދެކޭކަން މިކަމުން ފާހަގަވެގެންދެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާގުޅޭ ތަޙުޤީހުތައް ކުރިއަށްގެންދާތީކަމަށެވެ. އަދި އެފަދަކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީކަމަށް އޭސީސީން ވިދާޅުވިއެވެ.
މިގޮތަށް އަންގާ އެންގުމަކީ، ވަގުތީގޮތުން އަންގާ އެންގުންތަކެއްކަމަށާއި އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ، އެ ބަދަލެއް އެ ކޮމިޝަނުން ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަށް އެކަން އަންގަމުންގެންދާނެކަމަށް އޭސީސީއިން ވިދާޅުވެއެވެ.
ވަކިކަމެއް ވަގުތީގޮތުން މަޑުޖައްސާލުމަށް އިދާރާތަކަށް އެންގިނަމަވެސް، އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައި ނުވާނެކަން ފާހަގަކުރައްވަމުން އެކޮމިޝަނުން ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަޙުޤީގުތައް ވީހާވެސް އަވަހަށް ނިންމުމަށް، ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތްކުރަމުންގެންދާކަން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އޭސީސީ ކުއްލިއަކަށް ހޭލައި، ސަރުކާރުގެ ބައެއް ކުންފުނިތަކަށް ވަކި ކަންތައްތަކެއް ނުކުރުމަށް އަންގާ އޭސީސީން މިފަހުން ދަނީ އެންގުންތަކެއް އަންގަމުންނެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މަދުކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކާއި މުއައްސަސާތަކާއި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އޭސީސީން ވަނީ އިލްތިމާސްކުރައްވާފައެވެ.