ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި އަންހެން ޑިމޮކްރެޓުންގެ ލީޑަރުކަމަށް، ނޫސްވެރިޔާ އަދި ޒުވާން އެކްޓިވިސްޓް ފާތިމަތު ޙަމްދާ މުޙަައްމަދު ކުރިމަތިލައިފިއެވެ.
އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑިމޮކްރެޓްސްގެ އެތެރޭގެ އިންޙާބުގައި އަންހެން ޑިމޮކްރެޓުންގެ ލީޑަރުކަމަށް، ފޯރމު ހުށައަޅައި، ކުރިމަތިލައިފިކަމަަށެވެ.
އޭނާ ބުނެފައިވަނީ މިކަމުގައި ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ޑިމޮކްރެޓުންގެ އެއްބާރުލުމާއި ތާއީދު ދެއްވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމުގައެވެ.
"މިމަޤާމަށް ކުރިމަތިލުމަށް އަޅުގަނޑު ޝައުގުވެރިކަން ފާޅުކުރުމާއިއެކު މިކަމުގައި ހިތްވަރުދީ އެއްބާރުލުންދީ އެހީތެރިވަމުންދާ އެންމެހާ ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރުވެރިވަން." ޙަމްދާ ބުންޏެވެ.
އޭނާއަކީ ޑިމޮކްރެޓްސް އުފެދުނު ފަހުން ސިޔާސީ މައިދާނުން ފެންނަން ފެށި ޒުވާނެއް ކަން ފާހަގަކޮށްލެވެއެވެ. އަދި އޭނާ ސިޔާސީ ކަންކަމަށާއި ޤައުމުގެ ކަންކަމަށް އަލިއަޅުވާލައި، ޑިމޮކްރެޓްސްގެ ޕޯޑިއަމެއްގައި ދިން ފުރަތަމަ ސްޕީޗަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ސްޕީޗެކެވެ. އަދި ޒުވާން އަންހެން ދަރިއެއްގެ ފަރާތުން އެފަދަ ފަށުވި މޭރުމަކުން ޤައުމުގެ ޙާލަތު ތިލަކޮަށްދީ، މުސްތަޤްބަލުގެ އުންމީދީ ވިސްނުމެއް އެރޭގެ ވާހަކައިގައި ގެނެސްފައިވާތީއާއި ޙަޤީޤަތް ހާމަކުރުމަށް އޭނާ ދެއްކި ސާބިތުކަމަށް ގިނަ ބަޔަކު ތަޢުރީފުކޮށްފައިވެއެވެ.