އަނިޔާވެރި އިސްރާއީލުން "އަލްޖަޒީރާ" ގެ ނޫސްވެރިންނާއި މުވައްޒަފުނަށް ހަމަލާ ދެނީ މުސްލިމުންގެ އަޑުކަނޑުވާލަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣައްޒާގައި މަސައްކަތް ކުރާ އަލް ޖަޒީރާގެ އިންޖިނޭރެއް ކަމުގައިވާ މުޙައްމަދު އަބޫ އަލް-ޤުމްޞާންގެ ޢާއިލާގެ 19 މެންބަރުން ޝަހީދު ކޮށްލައިފިއެވެ. އެމީހުން ޝަހީދުކޮށްލާފައިވަނީ ޔަހޫދީ ފައުޖުތަކުން ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ދިން ރަޙުމު ކުޑަ ހަމަލައެއްގައެވެ. އެ ހަމަލާގައި ޝަހީދުވި މީހުންގެ ޢަދަދު 50 އަށްވުރެ ގިނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހައްދުފަނައަޅާފައިވާ ޔަހޫދީ ފައުޖުތަކުން ޝަހީދު ކޮށްލާފައިވާ މުޙައްމަދުގެ ޢާއިލާގެ މެންބަރުންގެ ތެރޭގައި އޭނާގެ ބައްޕައާއި ދެ އަންހެން ކޮއްކޮއާއި، ފިރިހެން ކޮއްކޮގެ ދެމަފިރިންނާއި، އެ ދެމަފިރިންގެ ހަތަރު ދަރިންގެ އިތުރުން އޭނާގެ ބޮޑުބޭބެ ހިމެނެއެވެ. މީގެ އިތުރުން ޤުމްޞާނަށް ބޮޑުބޭބެ ކިޔާ 8 އަންހެން ކުދިންނާއި ފިރިހެން ކުދިން ވެސް ހިމެނެއެވެ. އެ މީހުން ޝަހީދު ކޮށްލަން ދިން ހަމަލަ ކުށްވެރި ކުރަމުން އަލް ޖަޒީރާއިން ވަނީ އެއީ ގަތުލުއާންމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ހަމަލަދީ ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލުމާ ގުޅިގެން ޢަރަބި ދުނިޔެއިންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ އެ ހަމަލާ ކުށްވެރި ކުރަމުންނެވެ. މި ހަމަލާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 400 އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނެއެވެ.
ޓެރަރިސްޓު އިސްރާޢީލުން ވެސް ވަނީ ޖަބާލިޔާ ކޭމްޕަށް ހަމަލަތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ޔަހޫދީ ފައުޖުތަކުގެ ތަރުޖަމާނު ރިޗަރޑް ހެޚްތް ބުނީ، އެ ކޭމްޕަށް ހަމަލަދީ، ގިނަ ޢަދަދެއްގެ މުސްލިމުންތަކެއް ޝަހީދު ކޮށްލާފައި ވަނީ އެ ތަނުގައި ފިލައިގެން އުޅުނު ޙަމާސް ޖަމާޢަތުގެ އެންމެ މުޖާހިދެއް ޝަހީދު ކޮށްލުމުގެ ބޭނުމުގައި ކަމުގައެވެ.
އެއީ، ޙަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ އިބްރާހީމް ބިޔާރީ ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް، ޙަމާސް ޖަމާޢަތުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. ޙަމާސްގެ ތަރުޖަމާނު ޙާޒިމް ޤާސިމް ވިދާޅުވީ، ޖަބާލިޔާއަށް ޔަހޫދީ ފައުޖުން ހަމަލަ ދިން ވަގުތު ބިޔާރީ އެ ތަނުގައި ނެތް ކަމުގައެވެ. އަދި، މިއީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމުން ގަތުލު ކުރުމަށް ޔަހޫދީން ދައްކަމުންދާ ބަހަނާއެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދީފައިވާ ހަމަލަ ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ، މިޞްރު، އެކުވެރި ޢަރަބި ޢިމާރާތް، ޤަޠަރު، ޔަމަން އަދި އުރުދުންގެ އިތުރުން ދިވެހިރާއްޖެ ވެސް ހިމެނެއެވެ. މީގެ އިތުރުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަނާއި ޢަރަބި ލީގުން ވެސް ވަނީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,796 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.
ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.