ދެ ޒުވާނުން އެކި ވާހަކަތަކުގައި އިނދެ ފިނި ބުއިންތަކަށް އިންސާފުކުރަން ފެށިއެވެ. ކުއްލިއަކަށް ރާހިލްގެ ނަޒަރު ޝައިނާގެ ފަހަތުގައި ހުރި މީހަކަށް ހުއްޓުނުހެން ހީވެ ޝައިނާ ފަހަތް ބަލައިލިއެވެ. އެވަގުތު އެދިމާލުގައި ހުރި މޭޒެއްގައި އިށީން ޒުވާން ޖޯޑެއް އޭނާއަށް ފެނުނެވެ. ރާހިލްގެ ނަޒަރު ހުއްޓިފައިހުރީ އެތާހުރި އަންހެން ކުއްޖާއަށްކަން އޭނާއަށް އެނގުނީ އެކުއްޖާވެސް އެދިމާލަށް ބަަލަން އިނުމުންނެވެ. ޒަމާނީ ގޮތަކަށް ކޮށައިލައިފައިވާ އިސްތަށިގަނޑާއި ކޮށްފައިވާ ލުއި މޭކަޕްގެ އިތުރުން ހެދުން އެޅުމުގައި ބޭނުންކޮށްފައިވާ ޒަމާނީ ގޮތްތަކުގެ ސަބަބުން އެކުއްޖާގެ ރީތިކަން ހާމަވަމުންދިޔައެވެ. ޝައިނާ އަލުން ރާހިލްއަށް ބަލައިލިއިރު ރާހިލްގެ ކަޅި ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ނަމަވެސާ ޝައިނާއަށް ރާހިލްއާ ދިމާލަށް އެއްޗެއް ނުބުނެ އިނުން ވީ ދަތި ކަމަކަށެވެ.
"ސާބަހޭ. އޭނަގެ ބިޓުވެސް ހުއްޓައޭ ތި ބަލަނީ" ޝައިނާ ބުންޏެވެ.
"އަހަރެންތަ ބަލަނީ؟؟ ނޫނީ އޭނަތަ؟؟" ރާހިލް ނޭނގޭ ކަމަށް ހަދަމުން ބުންޏެވެ. ޝައިނާއަށްވެސް އެކަން ފާހަގަ ކުރެވެން ފެށިއެވެ. ރާހިލް އަޅައިނުލައި އިން ކަމުގައިވިޔަސް އެތަނުގައި އިންއިރު އެކުއްޖާގެ ސަމާލުކަން ދެވިފައިވީ ރާހިލްއަށެވެ.
"އޭނަ ދަންނަންތަ؟" އެންމެފަހުން ޝައިނާއަށް ނުހުރެވިގެން އަހައިލެވުނެވެ.
"ޝީޒް އެން އެކްސް" ރާހިލް ދެކޮނޑު އަރުވައިލަމުން ބުނެލިއެވެ.
"އޮފް ކޯސް" ޝައިނާ ބޯ ޖަހައިލިއެވެ. "އައި ވުޑް ބީ ސަރޕްރައިޒްޑް.. މާލޭގަ އަޅާ ކޮންމެ ދެފިޔަވަޅަކުން ރާހިލްގެ އެކްސް އަކާ ދިމާ ނުވަންޏާ"
"ހީވަނީ އޭނަހެން އަހަރެންނާ ރުޅިވީ.. ހަނދާނެއްނެތް މާ ރަނގަޅަކަށް.. ދެން އެވާހަކަ ބާއްވާ.. މިތަނުން ދަމާ ހިނގާ ދޯ. ކޮންމެހެން އޭނަގެ ވާހަކަ ދައްކަން މިތާ ތިބެނީ ކީއްކުރަން" ރާހިލް ބިލަށްވާ ފައިސާ ބެހެއްޓުމަށްފަހު ލޮލަށް އަވިއައިނު ހެޔޮވަރު ކޮށްލަމުން އެތަނުން ހިނގައިގަތެވެ.
ޕާކިންގް ޒޯންގެ ސައިކަލު ބަހައްޓައިފައިވާ ހިސާބަށް އާދެވުނު ވަގުތު ފަހަތުން މީހަކު ރާހިލްގެ ނަމުން ގޮވައިލި އަޑަށް ޝައިނާއާއި ރާހިލް އެކުއެކީ ފަހަތް ބަލައިލިއެވެ. އޭރު ރެސްޓޯރެންޓުން އެމީހުނާ ދިމާވި ކުއްޖާ މަޑުމަޑުން ދުވެލާފައި އެދިމާލަށް އާދެއެވެ.
"ފެންނަކަމަށްވެސް ހަދާނުލާ ދަނީތަ؟" އެކުއްޖާ ރާހިލްއާ އަރާހަމަކޮށްލަމުން ބުންޏެވެ.
"ހެލޯ އަމްމް.."
"ނުޒޫ" އެކުއްޖާ ރާހިލްއަށް ނޭނގިގެން އުޅުނު ނަން ފުރިހަމަ ކޮށްލައި ދިނެވެ.
"ޔެސް ޔެސް. ނުޒޫ" ރާހިލް ބޯ ކަހައިލަމުން ބުންޏެވެ.
"އޯހް. މީ ދޯ މިހާރު ތި ގެންގުޅޭ ތުންފުއްސަކީ؟ ބުނަންތަ ރަނގަޅު ވާހަކައެއް؟ މިހާރު ތިހެންް ލައްކައެކޭ ހީވެފައި ހުރެވިދާނެ. ބޭނުން ކެނޑުނީމަ ދޫކޮށްލާއިރު ނަންވެސް ހަނދާނެއް ނުހުންނާނެ" ޝައިނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލަމުން ނުޒުހާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
"ހުއްޓާލާ.. ޝައިނާއަކީ ތި ހީކުރާކަހަލަ ކުއްޖެއްނޫން. މިކަމުގެ ތެރެއަށް ޝައިނާ ވައްދާނެ ކަމެއްނެތް" ރާހިލް ޝައިނާ ދިފާއުކުރިއެވެ.
"އޯހް.. ހާދަ ވަރެއް ވެފައޭ ދޯ…ކޮންމެ ކަހަލަ ކުއްޖަކަސް ރާހިލްއަކަށް ވަކި ތަފާތެއް ނޯންނާނެ"
"ތީ ކޮންކަމެއް؟ އަހަރެން ކަމުނުދާތީނު އަހަރެން ދޫކޮށްފާ ދާނީ… ދެން އިތުރަށް އަހަރެން ނުޒޫއާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ" ރާހިލްއަށް ނުޒޫގެ ވާހަކައިގެ މިސްރާބު ކަމަކު ނުދިޔައެވެ.
ރާހިލް.. ކީކޭ ތިބުނީީ؟ އަހަރެން ރާހިލް ދޫކޮށްލީ ކަމުނުގޮސްގެނެއް ނޫނޭ.. އެއީ އަހަރެންނަށް ހެދުނު މިސްޓޭކެއް. އަހަރެން އަދިވެސް ރާހިލް ބޭނުން" ނުޒުހާ އައިސް ރާހިލްގެ އަތުގައި ހިފައިލިއެވެ. ކަށްޓެއްޖެހި ފަދައިން ރާހިލް އަވަސްކަމާއެކު އެ އަތް ދަމައިގަތެވެ.
" ނުޒޫ ދެން ތީ ކޮން ސަކަރާތެއް. ނުޒޫގެ މިހާރު ބޯއިފްރެންޑެއްވެސް އެބަހުރި. ޝޯ ހިމް ސަމް ރެސްޕެކްޓް. ބަލާލާފަ އެއީ ގޯސްމީހެއްހެން އަހަރެންނަކަށް ހިއެއްނުވޭ" ރާހިލް ނުޒުހާއަށް ފުރަގަސްދެމުން ދުރަށް ހިނގައިގަތެވެ. ނަމަވެސް ނުޒުހާ ރާހިލް ވަށައިލައިފައި އައިސް އަނެއްކާވެސް ކުރިބެއްދިއެވެ.
"ރާހިލް.. އަހަރެން ރަނގަޅުމީހެއް ބޭނުމެއްނޫނޭ.. އަހަރެން ބޭނުމީ ރާހިލްގޮތަށް އަހަރެންނަށް ލޯބިދޭނެ މީހެއް.. އައި ޑޯންޓް ވޯންޓް ކާމް އެންޑް ޖެންޓްލް.. އައި ވޯންޓް ޔޫ" ނުޒުހާގެ ވާހަކައިން ޝައިނާއަށް ދެލޯ ބޮޑުކޮށްލަމުން އިސްޖަހައިލެވުނީ އޭނާއަށް އިވެންނުވާ ފަދަ އެއްޗެއް އިވުމުންނެވެ. އެވަގުތު ރާހިލްއަށްވެސް ކަންބޮޑުވެފައި ޝައިނާއާ ދިމާލަށްބަލައިލެވުނެވެ. މި މަންޒަރު ފެނުނު ނުޒުހާއަށް އޭގެ މާނަ ނަގައިގަނެވުނީ މުޅިން ގޯސްކޮށެވެ.
"ވަޓް؟ ހަހަހަ.. ރާހިލް ބަލާބަލަ.. އޭނައަކަށް އަހަރެންނާ ގާތަށްވެސް ރާހިލް ހިތްހަމަ ޖައްސައެއްނުދެވޭނެ." ނުޒުހާ ރާހިލްއާ ގާތްވާން މަސައްކަތްކުރަމުން ބުންޏެވެ. ނަމަވެސް އެކަން ކާމިޔާބު ކުރުމުގެ ކުރިން ރާހިލް ނުޒުހާ ކޮށްޕައިލިއެވެ.
"ފޯ ގޯޑްސް ސޭކް ނުޒުހާ މިއީ އާންމުތަނެކޭ.. ގައިގަ އަތްނުލާ ހުރޭ… ނުޒުހާއަށް ހީވަނީ ރިލޭޝަންޝިޕެއްގެ ހުރިހާވެސް އެއްޗަކީ އެއީ ކަމަށްތަ؟ ދެވަނަ ފަހަރަށް ޝައިނާއާ ދިމާލަށް އެއްޗެއް ބުނުމުގެ ކުރިން ހަނދާންކުރާތި ޝީ އިޒް ނޮޓް މައި ގަރ—"
" ޔެސް އައިމް ނޮޓް ހިސް ގަރލްފްރެންޑް. އަހަރެންނާ ރާހިލްއާ މިއުޅެނީ ވަރަށް އަވަހަށް މެރީކުރަން. އެހެންވީމަ ނުޒުހާއަށްވެސް ދެން ރަނގަޅުވާނީ ރާހިލް ހަނދާން ނައްތާލުން.. އަދި އަހަރެން އަލުން ރެސްޓޯރެންޓަށްގޮސް ނުޒުހާގެ ބޯއިފްރެންޑްގާތު މިހިނގި ކަންތައް ކިޔާނުދެންދެން އަމިއްލަ ރިލޭޝަންޝިޕް ސަލާމަތްކުރަން އުޅުން" ޝައިނާ ރާހިލްއާއި ނުޒުހާގެ ދެމެދަށް ހުރަސްވެލަމުން ބުންޏެވެ.
"ލެޓްސް ގޯ ލަވް" ޝައިނާ ރާހިލްގެ އަތުގައި ހިފައިގެންގޮސް ސައިކަލަށް އެރިއެވެ.
ޝައިނާގެ ދުލުން އޭނާއާ މުހާތަބު ކުރިގޮތް އިވުމާއެކު ރާހިލްގެ ހިތް އާދަޔާހިލާފަށް ތެޅިލިއެވެ. ބަނޑުގައި ކޮކާ އުދުހޭފަދަ އިހުސާސެއް ކުރެވެންފެށިއެވެ. ސައިކަލު ދުއްވައިލި ވަގުތު ނުޒުހާއަށް ފެންނާނެހެން ޝައިނާ ރާހިލްއާ އިތުރަށް ގާތްވެލިއެވެ. ހިނދުކޮޅަކަށް ރާހިލްއަށް ސައިކަލުގެ ބުރަކިވެސް ޖައްސައިލެވުނެވެ. ގަބޫލު ނުކުރެވިިފައި އޭނާގެ ބަނޑުގައި އަޅުވައިލެވިފައިވާ ޝައިނާގެ އަތަށް ބަލައިލިއެވެ. ނަމަވެސް ރާހިލްއަށް ކުއްލިއަކަށް އެ އައި ބަދަލު އިހުސާސްވާ ވަރަށްވުރެން ދުރުގައިހުރިި ނުޒުހާ އަށް އެމަންޒަރު ދެއްކުމަށް ޝައިނާގެ ސަމާލުކަން ދެވިފައިވަނީ މާބޮޑަށެވެ.
ނުޒުހާ ނުފެންނަ ހިސާބަށް ދެވުމާއެކު ޝައިނާ ރާހިލްގެ ގައިން ދޫކޮށްލުމަށްފަހު ސައިކަލުގެ ފަހަތަށްޖެހިލިއެވެ. އެކަމުގެ ސަބަބުން ރާހިލްއަށް އާދަޔާހިލާފު ފަޅުކަމެއްް އިހުސާސް ކުރެވުނެވެ. ރާހިލްއަށް ޝައިނާ އޭނާގާތު ކޮންމެވެސް ވާހަކައެއް ބުނިހެންވެސް ހީވިއެވެ. ނަމަވެސް އެ ބުނި އެއްޗެއް ފަހުމު ވާވަރަށްވުރެން އޭނާގެ ސިކުނޑި ޝާމިލްވެފައިވީ ހިނގައިދިޔަ ކަންތައްތަކާމެދު ވިސްނުމުގައެވެ. އިންތިޒާރުކުރެވެމުން ދިޔައީ ބުރާސްފަތި ދުވަހުގެ ރޭގަނޑަށެވެ.
************
މެންދުރުގެ ހޫނުގަދަ އަވިން ސަލާމަތްވުމަށްޓަކައި ޒީވާ އޭނާ ހުއްޓިލައިގެންހުރި އާރް.އެލް. އޮފީސް އިމާރާތުގެ ބޭރުގައި ހަދައިފައިވާ ދެތިން ސިޑީގެ މައްޗަށް އެރިއެވެ. އޭނާއަށް ހުރެވުނީ އިމާރާތައް ވަދެ ނުކުމެ އުޅޭ މީހުންގެ މަގު ބަންދުވާ ގޮތައްކަން އެނގުނީ ފަހަތުން މީހަކު ތަންދެއްކުމަށް ގޮވައިލުމުންނެވެ. ޒީވާ ބަލައިލިއިރު އެ އޮފީހުގައި މަސައްކަތް ކުރާ ބިދޭސީއެއް ބަރު ފެންފުޅިއެއް ހިފައިގެން ދޮރުން ނުނިކުމެވިފައި ހުއްޓެވެ. ޒީވާ އެމީހާއަށް އެހީތެރިވުމުގެ ގޮތުން ހިސާބަކަށް ހުޅުވިފައިވާ ބިއްލޫރި ދޮރު އިތުރަށް ހުޅުވައިލައިދީ އިރުކޮޅަކު ހިފަހައްޓައިގެން ހުއްޓެވެ. އަދި އެމީހާ ދިޔުމުން ދޮރުން ވަދެ ނުކުމެ އުޅޭ އެހެން މީހުނަށް އުނދަގޫ ނުވާނެހެން ދޮރުގެ އެއްކައިރިއަކަށް ޖެހިލުމަށްފަހު ފޯނު ނަގައި ޝައިނާއަށް މެސްޖުކޮށްލިއެވެ.
"އަދިވެސް ނުނިމެނީތަ؟ މިހާރު މިތާ ހުރެ ހުރެ ދާހިއްލާ ފޯވެއްޖެ." ޒީވާ މެސްޖުގައި ލިޔެލިއެވެ.
ޝައިނާގެ ފަރާތުން ރައްދެއް ނާދެއެވެ. ޝައިނާ ބިޒީވީ ކަމަށްބަލައި ޒީވާ ފޯނު ޖީބަށްލިއެވެ. އަދި ދަލުން ފޯވަމުންދިޔަ ޔުނީފޯމު ގަޔާ ދުރުކޮށްލަމުން ކުޑަކޮށް ތަޅުވައިލިއެވެ. އެވަގުތު މެންދުރުގެ ހުސްވަގުތުކޮޅު ނިންމައިލުމަށްފަހު އޮފީހަށް ވަންނަން އައި ރިއާންގެ ލޮލުގައި ޒީވާ އަޅައިގަތެވެ. ޒީވާ އެތަނުގައި ކުރަނީ ކީއްކަމާމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އޮފީހަށް ވަނުމުގެ ބަދަލުގައި އޭނާ ލަސްފިޔަވަލުތަކެެއްގައި ޒީވާ ހުރި ދިމާލަށްދިޔައެވެ.
"ހައި.. ޒީވް މިތާ ކީއްކުރަނީ؟" ކައިރިން ރިއާންގެ އަޑު އިވުމާއެކު ޒީވާ ސިހިފައި ރިއާންއާ ދިމާލަށް ބަލައިލިއެވެ.
"މީ.. ޝައިނާ އަންނަންދެން.. ކުއްލިއަކަށް ބިޒީ ވީއޭ ބުނީ" ޒީވާ ރިއާންގެ ސުވާލަށް ޖަވާބުދިނެވެ.
"އަދި 12:40 ދޯ ވީ.. އާނ އެހެންވީމަ އިންނާނީ މީޓިންގަ. އަސްލު އަހަރެން ދާންޖެހޭ މީޓިންގްއެއް އެއީ.. މުހިއްމު ތާކަށް ދާން ޖެހުނީމަ ޝައިނާ ކައިރި ބުނީ ފިލް-އިން ކޮށްދޭން" ރިއާން ފަޓުލޫނު ޖީބަށް ޖަހައިލެވިފައިވާ އަތްނޫން އަނެއް އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ. ޒީވާއަށް ފޫހިގޮތަކަށް ތުން އަނބުރައިލެވުނެވެ. މީ ހުސް މި ރިއާންގެ ކަންތަކޭ ހިތަށް އެރިއެވެ.
"އެތެރޭގަ މަޑުކޮށްލަންވީނު؟ ވަރަށް އަވިގަދަހެން ހީވަނީ" ރިއާން އުޑުމައްޗަށް ބަލައިލުމަށްފަހު ކަރުގައި އޮތް ޓައި ދޫކޮށްލަމުން ބުންޏެވެ. އޭނާ އަޅައިފައިވާ އަވި އައިނާއެކުވެސް ހަމަ އަވިގަދަކަން ޔަގީން ނުވަނީބާއޭ ޒީވާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް މިއަދު ރިއާންއަަށް ޒީވާގެ ހިތްހަމަޖެހޭގޮތަށް އެންމެ ޖުމްލައެއްވެސް ބުނެވޭގޮތެއް ނުވިއެވެ.
"ނޫން.. ރަނގަޅުވާނެ. އަހަރެން މިތާ މަޑުކޮށްލާނަން.." ޒީވާ މަސްނޫއީ ހިނިތުންވުމަކާއެކު ބުނެލިއެވެ.
"ޔަގީންތަ؟ އަދި ވިއްސަކަށް މިނަޓް އެބައޮތް ކަންނޭނގެ ނިމެން" ރިއާން އަހައިލިއެވެ.
"ހްމްހް ޔަގީން" ޒީވާ ފޫހިރާގެއްގައި އެހެން ބުނި ކަމުގައިވިޔަސް އިތުރަށް ވިހިމިނަޓް މަޑުކުރަން ޖެހޭނެކަން އެނގުމުން ކުޑަކޮށް މާޔޫސްވިއެވެ.
"ޕްލީޒް. އައި އިންސިސްޓް" ރިއާން އެދުނެވެ. އެންމެފަހުން ޒީވާ ބޯ ޖަހައިލުމަށްފަހު ރިއާނާއެކު އެތެރެއަށް ހިނގައިގަތެވެ.
"އަހަރެން މިތާ މަޑުކޮށްލާނަން" ޒީވާ ލޮބީ އޭރިޔާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ.
"ކެބިންއަށްގޮސް ފިނިއެއްޗެއް ބޯލަންވީނު. ޒީވް އިނަކަސް އަހަރެންނަކަށް އުނދަގުލެއް ނުވާނެ" ރިއާން އެދުނެވެ. ޒީވާ އަލަށް އެ އޮފީހަށް އައީތީ ޒީވާއަށް މެހެމާންދާރީވާން އޭނާގެ ޟަމީރު ބުނަމުންދިޔަ ކަހަލައެވެ.
"ނޭނގޭނެއެއްނު.. އަހަރެން ހީކުރީ ރިއާންގެ ލައިފްގެ އެންމެ ބޮޑު އުނދަގުލަކީ އަހަރެން ކަމަށް" ޒީވާ މީގެ އަށްއަހަރު ކުރިން ރިއާން އޭނާއާ ދިމާލަށް ބުނި ޖުމްލައެއް ރިއާންއަށް އަމާޒުކޮށްލިއެވެ. ރިއާންއަށް އެކަމުން ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް އޭނާ އެއީ މާ ބޮޑުކަމަކަށް ނެހެދުމަށް ނިންމިއެވެ. އެންމެފަހުން ޒީވާ ރިއާންއާއެކު ދިޔުމަށް އެއްބަސްވީ އޭނާގެ ހިތުގައިވެސް ރިއާންގެ ކެބިން ބަލައިލުމުގެ ޝައުގުވެރިކަން އޮތް ބޮޑުކަމުންނެވެ.
ރިއާންއާއެކު ޒީވާ ގޮސް ލިފްޓަށް އެރި ވަގުތު ރިސެޕްޝަންގައި އިން ދެކުދިން އެކަކު އަނެކަކާއި ލޮލުން މުއާމަލާތު ކޮށްލިއެވެ. މީގެ ކުރިން ރިއާން ދުވަހަކުވެސް އެހާ ގާތްކޮށް އަންހެންކުއްޖަކަށް ކަމޭހިތައި އުޅުނުތަން ނުފެންނާތީ އެދެކުދިން ތިބީ އެ މަންޒަރު ގަބޫލުކުރެވިފައެވެ. އިސާހިތަކު ފޯނު ނަގައި އެވާހަކަ އޮފީސްތެރޭގައި ފަތުރައިލުމަށް އަވަސްވެގަތެވެ.
ލިފްޓަށް އެރި ވަގުތު ލިފްޓުގެ ލޯގަނޑުން އަމިއްލަ ސޫރަ ފެނުމާއެކު ޒީވާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ދިގު ޑިއުޓީއެއް އަދާކޮށްފައި އައުމުގެ ސަބަބުން ތަރުތީބެއްނެތި އޭނާގެ ހުޅިން ނެއްޓިފައިވާ އިސްތަށިތަކާއި މޫނުމަތީގައިވާ ވަރުބަލިކަމުގެ ސަބަބުން އޭނާއެކޭ މަރުވެފައިވާ މައްޔިތެކޭ ތަފާތެއް ނެތެވެ. އަތްފުނާ އަޅައިލައި އިސްތަށިތައް ކަންފަތް ދަށަށް ލައްވައިލުމަށްފަހު ދަބަހުން ނެގި ޓިޝޫއަކުން މޫނު ފޮހެލިއެވެ. އަދި މަޑު ކުލައެއްގެ ލިޕްސްޓިކަކުން ތުންފަތް ފަވައިލުމަށްފަހު ދެތިން ފަހަރަކު ދެތުންފަތް އުނގުޅައިލިއެވެ.
"އޯކޭތަ؟" ޒީވާ ލޯގަނޑުން ނަޒަރު ވަކި ކޮށްލުމަށްފަހު ރިއާންގާތު އަހައިލިއެވެ.
"ތިބުނީ؟" އެޔޮށް ހުރިހާއިރު ޒީވާގެ ހަރަކާތްތަކަށް ގެއްލިފައި ހުރެވުނު ރިއާންއަށް ޒީވާ ބުނި އެއްޗެއް ނޭނގުނެވެ.
"މިހާރު އެޓްލީސްްޓް ޒޮމްބީއެއް ފާޑެއް ނުޖަހާދޯ؟" ޒީވާ އަތުން އޭނާގެ މޫނަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. އެއާއެކު ރިއާންގެ ފަރާތުން މަޑު ހީލުމެއްގެ އަޑު އިވުނެވެ. އެއަޑު ވެގެންދިޔައީ ހުދު ރިއާންއަށްވެސް ސިހުން ލިބިގެންދިޔަ އަޑަކަށެވެ. ވަގުތުން މޫނުމަތީގައިވާ ހިނިތުންވުން ފިލައިގޮސް ނިތަށް ރޫތައް ޖަމާވިއެވެ. އަޑު ވީއްލާ ހިނިއަންނަވަރުގެ ޖޯކެއް ޒީވާ ވަކި ކިޔައިފިހެއްޔެވެ؟ އެއަށްވުރެން މަޖާ ވާހަކަ ރާހިލްވެސް އޭނާގާތު ދައްކައިފައި އެބަހުއްޓެވެ. ނަމަވެސް އޭނާގެ ފަރާތުން އެންމެ ބޮޑު އިޝާރާތަކަށްވެސް ދެވިފައިވަނީ ހިނިތުންވުމެކެވެ. ދެން އެހެންވީރު ދެންމެ އޭނާ ގާތަށް އެ ހިނިއައީ ކޮންކަމަކާ ހެއްޔެވެ؟ އެވަގުތު އެކަން ފާހަގަވާނެ އިތުރުބަޔަކު އެތަނުގައި ނެތްކަންވެސް އެއީ ނަސީބެކޭ ރިއާންގެ ހިތަށް އެރިއެވެ. ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔަމުން އޭނާގޮސް ޒީވާއާއެކު ކެބިންއަށް ވަނެވެ.
ކެބިންއަށް ވަދެވުމާއެކު އާޝޯހުވެފައިހުރި ޒީވާގެ ނަޒަރު ކެބިންގެ އެކި ދިމާލަށް ދަތުރު ކުރަން ފެށިއެވެ. މެދުގައި ބަހައްޓައިފައިވާ ބޮޑު މޭޒުން ފަށައިގެންގޮސް އެއްފަރާތުގައިހުރި ހޯމްބާރ އާއި ބިލިއާޑް މޭޒުގެ އިތުރުން އަނެއްފަރާތުގައިވާ ބޮޑު ފޮތްހަރުގަނޑު ތަކަށެވެ. ސުކުންތެއްވެސް ލަސްކުރުމެއްނެތި އޭނާ އެ ފޮތްހަރުގަނޑުތަކާއި ދިމާލަށް ދުއްވައިގަތެވެ. އެމަންޒަރުފެނި ރިއާންއަށް ހިނިތުންވެލެވުނެވެ. އެއީ ރިއާން ޒީވާގެ ފަރާތުން އުއްމީދުކޮށްގެން ހުރި ކަމެއް ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ރިއާންގެ ގެއަށް ދެވުނު ދުވަހުވެސް ޒީވާ އެންމެ ފުރަތަމަވެސް ދުއްވައިގަތީ ޓީވީ ހަރުގައިހުރި ދެތިން ފޮތާއި ދިމާލަށްވިއްޔާއެވެ. ވީއިރު އެ ފޮތްހަރުތަށް ފެންނަ ވަގުތު ޒީވާގެ އަމަލުތައް ހުންނާނެގޮތް އޭނާއަށް ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލެވުނެވެ.
"ބޭނުންވާ ކަހަލަ ފޮތެއް ފެނިއްޖެތަ؟" ރިއާން ހޯމްބާރގައި ހުރި ފުޅިއަކުން އޮރެންޖް ޖޫސްތައްޓެއް އަޅައިގެން އައިސް ޒީވާގާތު މަޑު ކޮށްލަމުން ބުންޏެވެ.
" ނޫނޭ. ބަލާލަށް ވަރަށް ރީތި. އެކަމަކު ޒީ ކިޔާ ކަހަލަ ފޮތެއްނެތް.. މިތާ މިހިރީ ހުސް ހިސްޓްރީ އެންޑް ނަން-ފިކް" ރިއާން ދިން ޖޫސްތަށީގައި ހިފަމުން ޒީވާ ބުންޏެވެ. އޭނާގެ ނަޒަރު އަދިވެސް ހުއްޓިފައިހުރީ އެ ފޮތް ހަރުގަނޑު ތަކަށެވެ. އެ މޫނުމަތީގައިވާ ހިނިތުންވުމުން ޒީވާ އެތަނާ ގަޔާވެފައިވާ މިންވަރު ރިއާން އަށް ނަގައިގަނެވުނެވެ. އެ ހިނިތުންވުންފެނި އިތުރަށް ޒީވާގެ ސަމާލުކަން ހޯދައި އާޝޯހުކޮށްލުމަށް ރިއާންގެ ހިތް އެދެންފެށީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް ޒީވާއަކީ އިތުބާރު ކުރެވޭ ފަރާތަކަށް ވާތީ އޭނާ މިފަހަރު އެހިތުގެ ގޮވައިލުމަށް އިޖާބަ ދިނެވެ.
"ސީކްރެޓެއް ދައްކަންތަ؟" ރިއާންގެ ސުވާލާއެކު ޒީވާ ނިކަން ގަޔާވެލައިފައި ބޯ ޖަހައިލިއެވެ. އެއާއެކު ރިއާން ދެވަނައަށްހުރި ފޮތްހަރާ ހިސާބަށް ޖެހިލައި މެޔާ ހިސާބަށްހުރި ހަރުފަތެއްގެ މަތީގައިވާ ހައެއްކަ ފޮތް ނަގައި މަތީ ހަރުފަތެއްގައި ބަހައްޓައިލިއެވެ. އެއަށްފަހު އެ ހުސްވި ޖާގައިގެ ފަހަތުގައިވާ ފާރުގައި އަތްލުމަށް ޒީވާގާތު އެދުނެވެ. ޒީވާ ވާނުވާ ނޭނގިފައިހުރެ ރިއާން އެދުން ފަދައިން އެ ފާރުގައި އަތްލިއެވެ. އަދި ހައިރާންވެފައި ރިއާންއަށް ބަލައިލިއެވެ. އޭނާގެ އަތްޖެހުނީ ކޮންކްރީޓަކު ނޫނެވެ. އަދި ފިލައަކުވެސް ނޫނެވެ. ދަގަނޑުން ހަދައިފައިވާ ފާރެއްގައެވެ. ޒީވާ ދުރަށް އަތް ހިންގައިލި ވަގުތު ފާރުގެ ބާކީބައި ހަދައިފައިވަނީ ކޮންކްރީޓުންކަން ރޭކައިލިއެވެ. އެހެންވީރު މިދިމާލަށް ދަގަނޑުގަނޑެއް ފައްތައި ފާރާ އެއްކުލައަކުން ކުލަލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކުއްލިއަކަށް ސިކުނޑިއަށް ވެރިވި ހިޔާލުން ޒީވާ އަތް މުއްކަވައިލައި ދޮރެއްގައި ޓަކިދޭ ބީދައިން ދެފަހަރަކު އެ ދަގަނޑު ތަނުގައި ޖަހައިލިއެވެ.
"އޯމައިގޯޑް. އިޒް އިޓް އަ ސީކްރެޓް ސޭފް" ޒީވާ ދެލޯ ބޮޑުކޮށްލަމުން ރިއާންގާތު އަހައިލިއެވެ. ރިއާން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ވާއު ދިސް އިޒް ސޯ ކޫލް. ކޯއްޗެއް މީގަ ހުރީ؟ ކޭޝް؟ ޖްވެލްރީ؟ ޑްރަގްސް؟؟" ޒީވާ އެންމެ ފަހަށް ކޮށްލި ސުވާލާއެކު ރިއާންގެ މޫނަށް ހާސްކަން ވެރިވިއެވެ. މަތީބައިގައި ބެހެއްޓި ފޮތްތައް ނަގައި އަވަސްކަމާއެކު ކުރިން ހުރިގޮތަށް އެތަނުގައި އަތުރައިލައި ތިޖޫރި ފޮރުވައިލިއެވެ.
" ނަތިން އިމްޕޯޓަންޓް. ޖަސްޓް ސަމް ކޭޝް.. އެހާ މުހިއްމު އެއްޗެއް އޮތްނަމަ އަހަރެން ޒީވްއަަށް ނުދައްކާނެއްނު" ރިއާން ބުންޏެވެ. ޒީވާއަށްވެސް އޭނާއަށް މާ އަނގަގަދ ކުރެވިއްޖެކަން އެނގުނެވެ.
"ހްމްމް.. އެކަމަކު އެތާކު ތަޅެއްވެސް ނެތެއްނު. ހުޅުވާނީ ކިހިނެތް؟”ޒީވާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރިއާން އަތުގައިވާ ފޯނު ދައްކައިލިއެވެ.
"މިހާރު ޝައިނާ ނިމިދާނެހެން ހީވަނީ. އިށީނދެލަންވީނު. އަހަރެން ގުޅާލާނަން" ރިއާންގެ އެދުމަށް ޒީވާގޮސް އެތަނުގައި ހުރި ސޯފާގައި އިށީނެވެ. އޭރު ރިއާން ކޮންމެވެސް މީހަކާ ކޯލެއް ކުރުމަށްފަހު އެމީހާ ގާތު މީޓިންގް ނިމުމުން ޝައިނާ އެ ކެބިންއަށް ފޮނުވައިދިނުމަށް އެދުނެވެ. އެއަށްފަހު އޭނާވެސް މަސައްކަތުގެ ތެރެއަށްވަދެގަތެވެ.
ޒީވާ ދެއަތުން ހިފަހައްޓައިލައިގެން އިން ޖޫސްތަށި ތުނބުގައި ޖަހައިލިއެވެ. އޭނާގެ ނަޒަރު ރިއާންއާ ވަކިކޮށްލަން ދަތިވެފައިވާ ކަހަލައެވެ. ސިއްރުސިއްރުން ރިއާންގެ ކޮންމެ ހަރާކާތަކަށް ބެެލެމުންދިޔައެވެ. ރިއާން ފެންނަ ހިސާބުގައި ހުރުމުން ހިތް އަވަސްވެފައިވާކަން އެނގިހުރެވެސް އޭނާ ދިޔައީ އެކަން ފޮރުވޭތޯ މަސައްކަތް ކުރަމުންނެވެ. އެ ހިތުގެ އެދުމަކީ އޭނާގެ އިހްތިޔާރުން ބޭރުގައިވާ ކަމެއް ކަމަށްވިޔަސް އެކަމަށް އިޖާބަ ދިނުމަކީ އޭނާގެ ފުރިހަމަ އިހްތިޔާރުގައިވާ ކަމެއްކަން އޭނާ ދަނެއެވެ. ރިއާންގެ ލޯބި އޭނާއަށް ދުވަހަކުވެސް ނުލިބޭނެކަމަށް ޒީވާ ވަނީ އެ ހިތަށް ވިސްނައިދީފައެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އެހެން މީހެއްގެ އަންބަކަށް ވާން އުޅޭކަންވެސް އޭނާ ވަނީ ގަބޫލުކޮށްފައެވެ. އެހެނަސް އެކަން އެނގިހުރެވެސް މިނިވަނެއްގެ ގޮތުގައި ފަހުފަހަރަށް ހިތްފުރޭވަރަށް ރިއާންއަށް ބަލައިލުމަށް އޭނާގެ ހިތް ބޭނުންވަނީއެވެ.
ޒީވާއަށް އޭނާގެ ހިޔާލުތަކުން ބޭރުވެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ. ރިއާންގެ ހުއްދައާއެކު އެތެރެއަށް ވަދެގެންއައި ޝައިނާ ފެނުމުން ޒީވާ ހަނާ އަޅައިލިއެވެ.
"ޒީ.. މިތާ ކީއްތިކުރަނީ؟ ތިރީގަ މަޑުކޮށްލިނަމަ.." ޝައިނާ ރިއާންއަށް ބޯ ޖަހައިލަމުން ކަންބޮޑުވެފައި އައިސް ޒީވާގާތު އިށީނެވެ.
"އަހަރެންނާ ތިރިން ދިމާވީމަ ގެނައީ މިކޮޅަށް" ރިއާން އޭނާގެ މެކްބުކްއިން ނަޒަރު ވަކިކޮށްލުމެއްނެތި ބުނެލިއެވެ.
"ތެންކްޔޫ ސޯ މަޗް ރިއާން. އެއްގޮތަކަށްވެސް ހިއެއް ނުކުރަން މީޓިންގެ އެހާ ލަސްވެދާނެކަމަކަށް. ޒީ ހުންނަތާ ވަރަށް ގިނައިރު ވެއްޖެތަ؟" ޝައިނާ ރިއާނަށް ޝުކުރުވެރިވަމުން ޒީވާގާތު އެއްސެވެ.
"އަހަރެން ބޭރުގަ ހުރިތާ ބައި ގަޑިއިރުވީ ފަހުން ރިއާންއާވެސް ދިމާވީ. އަހަރެން އެހާ ވަރަކުން އަންނާކަށްވެސް ނޫން ހުރީކީ އެކަމަކު ޝައި އެއްނު ބުނީ އޭނަ ކައިރިއަށް ދާން ޖެހޭނީ ދޭއްގެ ކުރިންނޭ" ޒީވާ ބުންޏެވެ.
"އޯހް. އަދި އަހަރެން ހަނދާން ނެތިފައޭ މި ހުންނަނީވެސް. އެކެއްވެސް ޖަހައިފިދޯ އަޅެ. ހިނގާ ދާން އަވަހަށް ދެންވެސް. އޭނަ ރުޅިއައިއްޔާ ހެދުން ނުވެސް ފަހާދޭނެ. އެހާދިގު ވެއިޓްލިސްޓެއް އޮންނާނެ އޭނާގެ. ހާލަކުން އެނގޭ ޒީގެ ހެދުންވެސް ފަހާދޭން އެއްބަސްވީ.." ޝައިނާ އަވަސް އަރުވައިލުމަށްފަހު ދަބަސް ހިފައިގެން ތެދުވިއެވެ.
"ދެން އެހާވަރު މީހެއް ކައިރިއަށް ދާން ޖެހޭތަ؟ އަހަރެން ނުދިޔަކަސް ހެދުމެއް ދިނީމަ މިންވެސް ނެގުނީނު. މީދެން އެހާ ކަންތައްބޮޑު ކުރާވަރުގެ ކަމެއްތަ؟ ޝައިނާއަށްވެސް ފަހާލެވުނީހެއްނު؟" ޒީވާ ފޫހިގޮތަކަށް ތުން އަނބުރައިލިއެވެ. އޭނާ އެތަނުން ތެދުވުމުގެ ހިޔާލެއްވެސް ނެތް ކަހަލައެވެެ. އެވަގުތު ރިއާން މޭޒު ކައިރިން ތެދުވެގެން އައިސް ވަކިންހުރި ސޯފާގޮނޑީގައި އިށީނދެލަމުން ކޮފީތަށި ތުނބުގައި ޖަހައިލިއެވެ.
" ސާބަހޭ މިހިރަ ދަރިއެެއްދޯ. ރިއާން ބުނެބަލަ އަޅެ ދުނިޔޭގަ އެކަކުވެސް އުޅޭތަ އަމިއްލަ ވެޑިންގްޑްރެސް ފަހަން މިން ނަގަން ނުގޮސް ހެދުމެއް ފޮނުވައިގެން ހެދުމުގެ މިނަށް ފަހާމީހެއް؟" ޝައިނާ ޒީވާގެ އަތުގައި ހިފައި ތެދުކުރުވިއެވެ.
"ދެން އަހަރެންމީ ކޮންމެ ކޮންމެ ބްރައިޑެއް ނޫނެއްނު." ޒީވާ ބުންޏެވެ.
"މަޑުކޮށްބަ މަޑުކޮށްބަ؟؟ ކާކު މެރީ ކުރަނީ؟؟" ރިއާންގެ ނިތަށް ރޫތަށް ގިނަވިއެވެ.
"ޒީއެއްނު؟ ރިއާންއަކަށް އަދި ނޭނގޭތަ؟ އަހަރެން ހީކުރީ ރާހިލް ބުނެފަ ކަމަށް އޮންނާނީ" ޝައިނާ ދެކޮނޑު އަރުވައިލަމުން ބުންޏެވެ.
"ވަޓް؟" ރިއާންއަށް ހީވީ އޭނާ ދިރުވައިލަން އުޅުނު ކޮފީފޮދުވެސް އަރުގައި ތާށިވިހެނެވެ. "އައި.. އައި ޑިޑްންޓް ނޯ ޔޫ ވަރ ޑޭޓިންގް" ރިއާން ހިންދިރުވާލަމުން ޒީވާގެ ލޮލަށް ނަޒަރު ހުއްޓައިލިއެވެ. އޭނާއަށް އިނީ އެ ލިބުނު ހަބަރު ގަބޫލުކުރަންވެސް ދަތިވެފައެވެ.
“އަހަރެން.. އަހަރެން—"
"ޒީ.. ދެން އަވަސް ކޮށްބަލަ. ބޭކާރު ވާހަކައެއް ބޭނުމެއްނޫން އަހަރެން ބޭނުމީ ޒީގެ ވެޑިންގްގެ ހުރިހާ ކަމެއްވެސް އެންމެ ބެސްޓް މީހުން ލައްވާ ކުރަން. މާޝާﷲ ޔޫ އަރ ގޮނަ ބީ ދަ މޯސްޓް ބިއުޓިފުލް ބްރައިޑް… ނޫންތަ ރިއާން؟" ޝައިނާ ޒީވާގެ ވާހަކަ ފުރިހަމަ ކުރުމަށް ޖާގަ ދިނުމެއްނެތި ޒީވާގެ ކޮނޑުގައި އަތް އަޅުވައިލުމަށްފަހު ދަތްދޮޅީގައި ހިފަހައްްޓައިލަމުން ރިއާންއާވީ ފަޅިއަށް އަނބުރައިލިއެވެ.
"ޔެސް" ރިއާންއަށް ޒީވާގެ މޫނުފެނުމާއެކު ހިންދިރުވައިލެވުނެވެ. "ޔެސް ޔޫ ވިލް ބީ" ޝައިނާ އެބުނި ވާހަކައާމެދު އޭނާ ދެބަހެއް ނުވެއެވެ. އެހެނަސް އޭނާގެ ނަޒަރު ސީދާ ހުއްޓިފައިވަނީ ޒީވާގެ ދެލޮލަށެވެ. އެ ދެލޮލުން އޭނާއަށްޓަކައި އެއްއިރެއްގައި ފެނުނު އިހުސާސްތައް ހޯދަން ބޭނުންވެފައިވާ ކަހަލައެވެ.
"ދެންވެސް ހިނގާބަލަ ޒީ.. އަވަސް އަވަސް.. ވަގުތެއް ނެތެއްނު. ހުރިހާ ކަމެއް ޕްލޭންކުރަން އޮތީ އެންމެ މަހެއް" ޝައިނާ ޒީވާއާއެކު ކެބިންއިން ނުކުންނަމުން ބުނެލިއަޑު ރިއާންއަށް އިވުނެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ޒީވާގެ ކައިވެނި ކުރެވެން އުޅޭކަމުގެ ހަބަރު ލިބުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. ކުރިމަތީގައިހުރި މޭޒަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލުމަށްފަހު ތެދުވެ ކެބިންގެ ދެކޮޅަށް ހިނގަންފެށިއެވެ. މިހާބޮޑު ކަމެއް އޭނާއަށް މި ހުރިހާދުވަހު ނޭނގުނީ ކީއްވެހެއްޔެވެ؟ އެ އާއިލާގެ ތެރޭގައި އެހާބޮޑު ނިންމުމެއް ނިންމުންއިރު އެކަމުގެ ހިލަމެއްވެސް ރާހިލްގެ ފަރާތުން ނުވީ ކީއްވެހެއްޔެވެ؟ ޝައިނާ އައުމުގެ ކުރިން މިއަދު ޒީވާއާއެކު ހޭދަވެދިޔަ ވަގުތުގައިވެސް އެކަހަލަ ވާހަކައެއް ބުނަން ޒީވާގެ ހަނދާނަށްވެސް ނައީހެއްޔެވެ؟
އެ ހުރިހާ ކަމަކާމެދު ވިސްނެމުންދިޔަ ވަރަކަށް ރިއާންގެ ބޮލުގައިވާ ރިހުން އިތުރަށް ގަދަވަމުން ދިޔައެވެ. މެއަށްބާރުވެ ނޭވާލާން އުނދަގޫވާކަމުގެ އިހުސާސެއް ކުރެވެންފެށުމާއެކު ގަމީހުގެ މޭމަތިން ދެގޮށް ނައްޓައިލުމަށްފަހު ގޮސް ސޯފާއަށް ވެއްޓިގަތެވެ. މޭޒުމަތީގައި ބަހައްޓައިފައިވާ ޖަގުން ފެންތައްޓެއް އަޅައިލުމަށްފަހު އެއްނޭވައިން އެ ހުސްކޮށްލިއެވެ. އިރުކޮޅެއްފަހުން ސޯފާއިން ތެދުވެގެންގޮސް އޮފީސް މޭޒުދޮށުގައިހުރި ބޮޑު ގޮނޑީގައި އިށީނދެލައި ދެލޯ މަރައިލިއެވެ. އޭނާއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގޭ ކަހަލައެވެ. ފުންނޭވާތަކެއް ދޫކޮށްލުމަށްފަހު ހަމަޖެހިލަމުން އޭނާ ކުރަންއިން މަސައްކަތަށް ސަމާލުކަންދެވޭތޯ އުޅުނެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން އޮފީހުން ބޭރަށް ނުކުމެ ހަރު ފިޔަވަޅުތަކެއްގައި ކާރާ ދިމާލަށް ދިޔައެވެ. ކާރުގެ ދޮރު ހުޅުވައިލި ވަގުތު ކުއްލިއަކަށް އޭނާގެ ހިޔާލު ބަދަލުވި ފަދައިން ކާރު ލޮކް ކޮށްލުމަށްފަހު ކައިރީގައި ހުރި ސައިކަލަށް އަރައި ނައްޓައިލިއެވެ. ހަލުވި ސްޕީޑުގައި އޭނާގޮސް މަޑުކޮށްލީ ލޮނުޒިޔާރަތްކޮޅުގައި ހުންނަ ބްރިޖްވިއުއާ ހިސާބުގައެވެ. މެންދުރުގެ ވަގުތައްވުމާއެކު މާ ގިނަބަޔަކު އެތަނުގައެއް ނެތެވެ. ނަމަވެސް އެތާ ތިބި މަދުމީސްކޮޅު ރިއާންއާ ދިމާލަށް ހައިރާން ކަމާއެކު ބަލަމުންދިޔައެވެ. އެ ބެލުންތަކަށް ސަމާލުކަން ދިނުމެއްނެތި ރިއާން ސައިކަލުގެ މަޑިދަށުން ނެގި ސިނގިރޭޓް ފޮށްޓާއި ލައިޓަރު ހިފައިގެންގޮސް އެތަނުން އެކަހެރި ހިސާބެއްގައި އިށީނދެލިއެވެ. އަދި ފުރަތަމަ ސިނގިރޭޓް ރޯކޮށްލުމަށްފަހު ފޯނު ނަގައި ރާހިލްގެ ނަންބަރަށް ގުޅައިލިއެވެ.
"ހެލޯ.. ކޮންތާކު؟؟ ޖައްސާލަބަ ބްރިޖްވިއުއަށް.. އެތާ މީނީ. ޔެސް…. ޔެސް ނައު" ފޯނުކޯލު ކުރުކޮށްލުމަށްފަހު ރިއާން ދުރުން ފެންނަން އޮތް މާސިންގާ ކަނޑަށް ނަޒަރު ހުއްޓައިލިއެވެ. ޒީވާ ކައިވެނިކުރަން އުޅޭކަމުގެ ހަބަރު ގަބޫލުކުރަން އޭނާއަށް އަދިވެސް ދަތިވަނީއެވެ. އެހާ އަވަހަށް ޒީވާ އޭނާގެ މަތިން ހަނދާންނައްތައިލީހެއްޔެވެ؟ އޭނާ ގާތު ޒީވާ ކުރި އާދޭސްތަކަކީ އެއްވެސް މާނައެއްނެތް އާދޭސްތަކެއް ހެއްޔެވެ.؟ އެހެންވެއްޖެނަމަ ޒީވާ ލޯބީގެ ގޮތުން މިވީހާދުވަހު ގުޅިގެން އެ އުޅުނީ ކާކާބާއެވެ؟
އެ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތުގައި ރިއާން އަނެއްކާވެސް ފޯނު ހުޅުވައިލިއެވެ. ޒީވާގެ އިންސްޓަގްރާމް އެކައުންޓަށް ލައިފައިވާ ޕޯސްޓްތަކާއި ޓެގްކޮށްފައިވާ ޕޯސްޓްތަކުގެ އިތުރުން ހައިލައިޓްތައް ހުސްވަންދެން އޭނާ ބެލިއެވެ. ނަމަވެސް އިޝްވާއާ ޝައިނާ އަދި ރާހިލް ފިޔަވައި އިތުރު މީހެއްގެ ޕޯސްޓެއް ނުވަތަ ކޮމެންޓެއްގެ ހިސާބުވެސް އޭނާއަކަށް ނުފެނުނެވެ. އެނގެން ބޭނުންވި މައުލޫމާތު ނުލިބުން ވެގެންދިޔައީ ރިއާން އިތުރަށް ރުޅިގަދަވި ކަމަކަށެވެ. އޭނާ ކޮންމެހެންވެސް ޒީވާގެ ފަރާތުން އެކަމުގެ ތަފްސީލު ބޭނުންވިއެވެ. އެހެންކަމުން އެނާ ޒީވާއާއެކު އިންނަ ޗެޓް ހުޅުވައިލީ އެ ޖަވާބުތައް ހޯދުމަށެވެ. ޒީވާ ފުލުފުލުގައި ކޮށްފައިވާ މެސެޖުތަކުން މެސެޖެއްގައި އެކަމާ ގުޅޭ ވާހަކައެއް އޮވެދާނެ ކަމަށެވެ. މީގެ ކުރިންވެސް އޭނާ އެ މެސެޖުތައް ނުކިޔަން ހުރީ ޒީވާގެ އާދޭސް އަހައިފިނަމަ އެކަމަށް ބީރު ކަންފަތެއް ދޭން އޭނާ ނުކުޅެދިދާނެ ކަމަށް ހީވާތީއެވެ. އެހެނަސް ރިއާންގެ ހައިރާންކަން އިތުރުވީ ޒީވާ ކުރިން އޭނާއަށް ފޮނުވައިފައިވާ އެއްވެސް މެސެޖެއް އެ ޗެޓުން އޭނާއަށް ފެންނަން ނެތުމުންނެވެ. އެއީ އޭނާ އެއްވެސް އިރެއްގައި ޑީލީޓްކުރި ޗެޓެއް ނޫނެވެ. އޭނާ އެންމެފަހުން ބަލައިލި ދުވަހުވެސް މެސެޖުތައް ޗެޓުގައި ހުރި ހަނދާންވެއެވެ. ވީއިރު ޒީވާ އެ މެސެޖުތައް ޑިލީޓް ކޮށްފައި އެވަނީ ވަރަށް ފަހުންކަން އޭނާއަށް އެނގުނެވެ. ދަތްކުނޑި ވިކައިލަމުން ރިއާން ފޯނު ނިއްވައިލުމަށްފަހު ޖީބަށް ކޮށްޕައިލިއެވެ. ފުން ހިޔާލަކަށް ގެއްލިފައި އިނދެ ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުލިކުރަމުންގޮސް ފޮށި ހުސްވުމާ ގާތްވެފައި ވަނިކޮށް ރާހިލްއައިސް އޭނާ ގާތު އިށީނެވެ.
" ސޮރީ މޭން.. ލަސްވީ އިނގޭ.. ކުޑަ ކަމެއްގަ އުޅުނީ.." ރާހިލް ރިއާން ގާތު އިށީނދެލަމުން ބުންޏެވެ.
" ކޮންކަމެއްގަ؟ މިހާރު ބިޓެއްވެސް ނުހުރެއެއްނު" ރިއާން ނުރުހުންވެފައި ވާހަކަދެއްކިއެވެ. ރާހިލްއަށް ވަގުތުން ރިއާންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ.
"ކަމެއް ވީތަ؟ އަސްލު މީ… މިދުވަސްކޮޅު ގޭގަ ކުޑަ ކަމެއް ލައިގަނެގެން… މަންމަމެންވެސް އުޅެނީ އެއަށް ރެޑީވާން ބޭރަށް ޝޮޕިންގްއަށްދާން. އެހެންވެ ޓިކެޓް ކަންތަކާ އުޅެލީ.." ރާހިލް ބުނެލިއެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟" ރިއާން އަތުގައި އޮތް ސިގިރޭޓު ހުސްކުރި ފިލްޓަރު ނިވައިލަމުން ބުންޏެވެ.
"އަހާބަލަ."
"އަހަރެން މީ ރާހިލްގެ ހަޔާތުގަ އެއްވެސް ވަރަކަށް މުހިއްމު މިހެއްތަ؟؟ ރާހިލް ދުވަހަކުވެސް އަހަރެންނަށް ކަމެއް ހިއްސާނުކޮށް އޮންނާނެތަ؟؟ އަހަރެމެން ދެމީހުންގެ އޮންނަނީ ސްޕެޝަލް ބޮންޑެކޭ ހީކުރެވުނީ އަހަރެންނަށް އެކަނިތަ؟" ރިއާން ހިތްހަމަ ނުޖެހިފައި އަމުނައިލި ސުވާލުތަކުން ރާހިލްގެ ގާތަށް ހިނިއައެވެ.
"އަޅޭ މައި ބޭބީ… ފައިނަލީ ބޭބީއަށްވެސް ރިއަލައިޒް ވީތަ އަހަރުމެންގެ ބޮންޑް ސްޕެޝަލްކަން؟ އަހަރެން ކިހާ އިންތިޒާރެއްކޮށްފިން.. ތިއީ އަހަރެންގެ ހަޔާތުގެ އެންމެ މުހިއްމު މީހާ.. އެއްވެސް ކަމެއް ސިއްރެއްނުކުރަން.. ބިކޯޒް ޔޫ އަރ މައި އެވްރީތިންގް ބޭބް" ރާހިލް ހިނިއައިސްފައި އިނދެ ރިއާންއާ ގާތް ވެލައި ރިއާންގެ ގައިގައި ބައްދައިލަން މަސައްކަތްކުރިއެވެ.
"ރާހިލް ސްޓޮޕް… ދަ ހެލް!! ޗީޑި!!" ރިއާން ކުއްލިއެއް ޖަހައި ރާހިލް ދުރަށް ކޮށްޕައިލުމަށްފަހު އެތަނުގައި ތިބި މީހުނަށް ބަލައިލިއެވެ. އެތާތިބި އެއްވެސް މީހެއްގެ ކަޅި އެދިމާލަށް ހުއްޓިފައިނެތްކަން އެއީ ނަސީބެކޭ ރިއާންގެ ހިތަށްއެރިއެވެ. އޭރު ރާހިލް ޕަކަޕަކަލާފައި ހެމުން ގެންދިޔައެވެ.
"އައި ސްވެއަރ ރާހިލް އިފް ޔޫ ޑޫ ދެޓް އަގައިން.. ޔޫ ވިލް ބީ ސިކްސް ފީޓް އަންޑަރގްރައުންޑް" ރިއާން ދެފަރާތައް ބޯ ހޫރައިލުމަށްފަހު ސީރިއަސް ވެލަމުން ބުންޏެވެ.
"އޯކޭ ޕީސް. ދެން މެންދުރުގެ ގަދަ ހޫނުގަ މިތާ އައިސް ތި އިންނަނީ ކިހިނެއް ވެފައޯ؟ ކެބިންގެ އޭސީ ހަލާކުވީތަ؟" ރާހިލް ހިނިގަނޑު މައިތިރި ކުރަމުން ބުންޏެވެ.
"ޒީވާ ކައިވެނި ކުރަން އުޅޭ ވާހަކަ އަޑުއެހިން. އެހާބޮޑު ނިންމުމެއް ނިންމިއިރު އަހަރެންނަށް އަންގާވެސް ނުލަމެއްނު. އަހަރެންވެސް ކުރިން ޒީވާއާ ނުލާހިކު ގާތްވިއްޔާ.. ހީކުރީ އަންގާލާނެ ކަމަށް. ދެން އަޅާނުލާ… އެކަމަކު އަހަރެންނަކަށް އެނގިފައެއް ނެތް ޒީވާގެ ބޯއިފްރެންޑެއް ހުންނަ ކަމެއްވެސް" ރިއާން ހިތްހަމަނުޖެހިފައި ބުންޏެވެ.
"އަހަރެން ހީކުރީ ރިއާންއަށް އެނގޭކަމަށް. ރިއާން އަދި އެއްޗެކޭ ބުނަންދެން އަހަރެން މި ހުންނަނީ.. ރިއާންއަކަށް ނޭނގޭތަ؟؟" ރާހިލް ހައިރާންވިއެވެ. ރިއާންއަށް އޭނާގެ އަމިއްލަ ކައިވެނީގެ ހަބަރު ލިބިފައި ނެތުމުން އަޖައިބުވިއެވެ.
"އަހަރެން؟؟ އަހަރެން ކީކޭ ކިޔަންދެން؟ އަހަރެންނަށްވެސް އެނގުނީ މިއަދު ޝައިނާ ބުނީމަ" ރިއާން ބުންޏެވެ. ރާހިލްއަށް އެކަމާ ވިސްނައިލެވުނެވެ. ޝައިނާ ރިއާންގާތު ޒީވާގެ ކައިވެނީގެ ވާހަކަ ދެއްކިއިރު އެ ކައިވެނި ކުރުވަން އުޅެނީ ރިއާންއާކަން ނުބުނުމުގެ ސަބަބެއް އޮވެދާނެކަމަށް ނިންމައި އޭނާވެސް އެވާހަކަ ސިއްރުކުރިއެވެ. އެކަމާ އޭނާ ޖެހިލުންވެސް ވިއެވެ. ރިއާންއަށްވުރެން ބޮޑަށް ޝައިނާގެ ހިޔާލު އޭނާއަށް މުހިއްމުވީ ކޮންއިރަކު ހެއްޔެވެ؟
"އަހަރެންވެސް ޝޮކަކަށް ދިޔައީ ތި ވާހަކަ ދެއްކިރޭ.. މޮޅުކަމަކީ އަދި ޒީ ބޭނުމެއްނުވޭ އިނދެވެން މި އުޅެވެނީ ކާކާތޯ ބަލައިލާކަށްވެސް…" ރާހިލްގެ ވާހަކައިން ރިއާންގެ ނިތަށް ރޫތައް ގިނަވިއެވެ.
"ތިބުނީ؟" އޭނާ އަހައިލިއެވެ.
"މިބުނީ.. ބައްޕަ ޒީވާ މެރީ ކުރުވަން އުޅެނީ ކާކާކަން ބަލާކަށްވެސް ޒީވާ ބޭނުމެއްނުވެޔޭ. އަދި އެވެސް އެހާ އަވަހަށް މަހެއްހާ ދުވަސް ތެރޭގަ" ރާހިލް ބުންޏެވެ.
"ތިބުނީ މިއީ.. މިއީ ލޯބިން ކުރެވޭ ކައިވެންޏެއް ނޫނޭތަ؟" އެހިޔާލާއެކު ރިއާންގެ ހިތަށް ތަސައްލީއެއް ލިބިގެންދިޔަހެން ހީވިއެވެ. އެއީ ޒީވާގެ އިހްތިޔާރުގައި ކުރާ ކައިވެންޏަކަށް ނުވީތީ އޭނާ ހިތްހަމަ ޖެހެންވީ ކީއްވެހެއްޔެވެ؟ އޭނާ ޒީވާއަށް ހެޔޮއެދޭނަމަ އޭނާ ޖެހޭނީ އެކަމާ ހިތާމަ ކުރާކަށް ނޫންހެއްޔެވެ.
" އެރޭންޖްޑް. ދެން ޒީވެސް އޯކޭތާ؟ އެހެންވީމަ މައްސަލައެއް ނެތެއްނު؟ އެހެންނޫނަސް ރިއާންއަށް ހީވޭތަ ޒީގެ ޗޮއިސްއަށް ދޫކޮށްލާފަ އޮތިއްޔާ ޒީ ދުވަހަކުވެސް މީހަކާ އިނުމުގެ ހިޔާލެއް ގެންގުޅޭނެހެން؟" ރާހިލްގެ ޖަވާބާއެކު ރިއާންގެ ލޭ ކެކިގެން ދިޔައެވެ. ޒީވާ ނުވެސް ދަންނަ މީހަކާ ކައިވެނި ކުރުވަން އުޅޭއިރުވެސް ރާހިލް އެކަމާ އެއްޗެކޭ ނުބުނެ ހުންނަނީހެއްޔެވެ؟ ރާހިލް ޒީވާދެކެ އެވާ އެއްބަނޑުއެއްބަފާ ކަމުގެ ލޯތްބަކީ އެއީ ހެއްޔެވެ؟
"ރާހިލް. އާރ ޔޫ އިންސޭން؟ ރާހިލް މޮޔަވީތަ.. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ އޭނ؟؟ ޒީވާ ނުވެސް ދަންނަ މީހަކާ ކައިވެނި ކުރުވަން އުޅޭއިރު ރާހިލް އެކަމާ އެއްޗެކޭ ނުބުނެ ހަމަޖެހިލައިގެން ހުރީތަ؟؟؟" ރިއާން އިންތަނުން ތެދުވަމުން ރާހިލްއަށް އަޑުލައިގަތެވެ. އެ އަޑާއެކު އެތާ ތިބި ގިނަބައެއްގެ ލޯތަށް އެދިމާލަށް ހުއްޓުނެވެ.
" ހަމަޖެހިފަ އަޑު މަޑުކޮށްބަލަ!! .. އެންމެން ބަަލަނީއޭ" ރާހިލް ތެދުވެ ދުރުގައި ތިބި މީހުނަށް ނަޒަރު ހިންގައިލިއެވެ.
"އަހަރެންވިއްޔާ އަދި ރުޅިމަޑެއްނު. ޒީއަކީ އަހަރެންނަކަށް މާ މުހިއްމު މީހެއްވެސް ނޫން އެކަމަކު ދަންނަ ކުއްޖަކަށް މިހެން ކަންތައްވާއިރު ދޫކޮށްލަންވީތަ؟؟ ރާހިލް ހަމަ އެއްވެސް ވަރަކަށް މިކަމާ ދޭތެރޭ ވިސްނާނުލަނީތަ؟؟" ރިއާން އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅައިލަމުން ބުންޏެވެ.
"ރިއާން ހަމަޖެހިބަ އަހަ–" ރާހިލް އަތް ހިއްލައިލަމުން ރިއާންއާ ދިމާލަށްއެޅި ފިޔަވަޅު ހުއްޓުނީ ރިއާން އޭނަގެ އަތް ފޮޅުވައިލުމަށްފަހު އެތަނުން ފައިބައިގެން ދިޔުމުންނެވެ. ރާހިލް ބަލަބަލަ ހުއްޓާ ރިއާން ސައިކަލަށް އަރައިގެން ބާރު ސްޕީޑްގައި ދުއްވައިލިއެވެ. ރިއާން ދިޔުމާއެކު ރާހިލް ހިފަހައްޓައިގެންހުރި ހިނިގަނޑު ދޫކޮށްލިއެވެ. ރިއާންގެ އަމަލުތައް ހުރިގޮތް އޭނާއަށް މަޖާވީއެވެ.
*************
"ހަމަ ތެދެއް މިބުނީ.. ހަމަ ރަނގަޅަށްވެސް ހައްދާލެވިފަ އެހެރީ. އަހަހަހަ. އަދި އެންމެ ފަހު ވަގުތު ދަމުންވެސް ބުނަނީ މިހެން އެނގޭ.. "އަހަރެންވިއްޔާ އަދި ރުޅިމަޑެއްނު. ޒީއަކީ އަހަރެންނަކަށް މާ މުހިއްމު މީހެއްވެސް ނޫން އެކަމަކު ދަންނަ ކުއްޖަކަށް މިހެން ކަންތައްވާއިރު ދޫކޮށްލަންވީތަ؟؟ ރާހިލް ހަމަ އެއްވެސް ވަރަކަށް މިކަމާ ދޭތެރޭ ވިސްނާނުލަނީތަ؟؟"." ރާހިލް ގޮނޑިން ތެދުވެލައި ރިއާން ބުނި ރާގުގައި އެބައި ކިޔާލަމުން މެންދުރު ރިއާން އުޅުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ. އެމަންޒަރު ބަލަން ތިބި އިޝްވާއާއި ޝައިނާގެ އިތުރުން ޝިމާން ޕަކަޕަކަ ލާފައި ހޭންފެށިއެވެ. އެ އެންމެން ތިބީ ޝައިނާމެންގޭގެ ސިޓިންގްރޫމްގައެވެ.
"އަހަރެން ހުރީ ހަމަ ހައިރާންވެފަ.. ރިއާންއަކަށް ނޭނގޭ ވެޑިންގްގެ އެއްވެސް ކަމެއް… އެދެމީހުންނަށް ނާންގަނީތަ؟" ރާހިލް ހައިރާންވެފައި އަހައިލިއެވެ.
"ޔެސް.. އިޝީ ބުނީ ބައްޕަމެންކައިރީ އެދެމީހުންނަށް ސަޕްރައިޒްއެއް ދޭން މަޑުކޮށްލާށޭ. ދެން ކޮންމެއަކަސް ވަގުތު ޖެހުމުގެ ކުރިން އެނގޭނެއްނު.." އިޝްވާ ބުންޏެވެ.
"އެތެދެއް މި އިޝްކޮ އެބަ އުޅޭ ފާޑެއްގެ ޕްލޭންއެއް ހަދައިގެން… ނަސީބެއްކަންނޭނގެ ޒީ އެހާ ވަރަކުން އެމީހަކު ހޯދަން ނޫޅޭކަން." ޝައިނާ ބުންޏެވެ.
"އޯކޭ. އެކަމަކު ވަރަށް އޮކްވަރޑް އިނގޭ ތިންކިންގް މައި ސިސްޓަރ އިޒް މެރީއިންގް މައި ބެސްޓްފްރެންޑް. އަދިވެސް ހިއެއްނުވޭ އަސްލު ހެނެއް"
"ރާހިލް…" "ދޮންބޭ…"
ރާހިލްގެ ވާހަކަ އިވުމާއެކު ޝައިނާއާއި އިޝްވާ އެވާހަކަ ނުދެއްކުމަށް ބުނާ ބީދައަކުން ރާހިލްއަށް ގޮވާލިއެވެ. އެދެމީހުނަށް އެތައް ފަހަރަކު ރާހިލްއަށް އެކަމުގައި މައްސަލައެއްނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރެވިއްޖެއެވެ.
"ޔެސް ޔެސް މެޑާމްސް. އޯކޭ ނުދައްކާ ވާހަކައެއް" ރާހިލް ބުންޏެވެ.
"ދެން ދަނީ އެނގޭ؟ ދޮންތަ މިހާރު ހޯދާނެ. ލެޓްސް ގޯ ދޮންބޭ" އިޝްވާ ރާހިލްއާއެކު ގޮނޑިން ތެދުވަމުން ބުންޏެވެ.
"ދަނީ އެނގޭ.. ސީ ޔޫ ޓުމޯރޯ ނައިޓް" ރާހިލް ދިޔުމުގެ ކުރިން ޝައިނާ ގާތަށް ޖެހިލަމުން ބުންޏެވެ. އެމަންޒަރުފެނުނު ޝިމާން އެމީހުން ދިޔުމާއެކު ޝައިނާއަށް ބުމަ އަރުވައިލިއެވެ.
"ކިހިނެތްވީ؟؟" ޝައިނާ އެހިއެވެ.
"އެއީ ކޮންކަމެއް؟؟" ޝިމާން ދިމާ ކުރުމުގެ ރާގެއްގައި ބުނެލިއެވެ.
"ދެން ސާބަހޭ ޝިމާންގަނޑާ.. ނިދަން ދަނީ. ގުޑް ނައިޓް. ދޮރު ތަޅުލާތި" ޝައިނާ އުގުމަތީގައި އޮތް ބާލީސް ޝިމާންއާ ދިމާލަށް އެއްލަމުން ތެދުވިއެވެ.
"ނައިޓްސް" ޝިމާން ހެމުންހެމުން ބުންޏެވެ.
**********
ކާނިވާ ސަރަހައްދުގައި ހުންނަ ސިޓްރޯން ރެސްޓޯރެންޓްގެ މޫދާއި ކައިރި މޭޒެއްގައި ޝައިނާއާ ރާހިލް ތިބިއިރު އެ ދެޒުވާނުންނެކޭ ދެ ބީރައްޓެހިންނެކޭ ތަފާތެއް ނެތް ކަހަލައެވެ. ކުރިމަތީގައި އިން ރާހިލްއަށް މާބޮޑު ފަރުވާލެއްނުދީ ޝައިނާ އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ބަަލަމުން ހިޔާލެއް ފިކުރެއްނެތި ކާންހުރި ތަށީގައިވާ އެއްޗެހި ހުސްކުރަމުންދިޔައެވެ. މިއާހިލާފަށް ރާހިލް ކާންހުރި ތަށި ފެންނަނީ އަތްވެސް ނުލައި ހުއްޓައެވެ. އޭނާގެ ނަޒަރު އެއްބައި ފަހަރު ކުރިމަތީގައި އިން ޝައިނާއަށް ހުއްޓުން ނަމަވެސް ޝައިނާގެ ސަމާލުކަމަށް އެކަން އައިސްދާނެ ކަމަށް ވިސްނައި އިރުއިރުކޮޅާ ދުރުދުރަށް ދާންދެން ފެތުރިފައިއޮތް މާސިންގާ ކަނޑަށް ބަލައިލައެވެ.
އެއީ ހިތްގައިމު މަންޒަރެކެވެ. އެކަނޑުގެ ބާނިތައް ކަފަމުން ދަތުރުކުރަމުންދާ ލޯންޗުތަކުގެ ފަރިހަރަކާތުން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަނޑިތަކާއި ދުރުން ފެންނަމުންދާ އެއަރޕޯޓާއި ސިނަމާލެ ބްރިޖުގައިވާ ލައިޓްތަކުގެ އަލިތަކުން އެކަނޑުގެ ލޮނުގަނޑުގައި ކުރަހައިލެވިފައިވާ މަންޒަރު ފެންނަނީ ބަލައިފޫހިނުވާނޭ މަންޒަރެއް ހެނެވެ. ނަމަވެސް ރާހިލްއަށް އެއަށްވުރެ މާ ފުރިހަމަ މަންޒަރެއް އެތަނުން ފެންނަމުންދާ ކަހަލައެވެ. އޭނަގެ ކުރިމައްޗަށް ވާގޮތަށް ކަޅުކުކައިގެ ހެދުމެއްގައި އިން ޝައިނާގެ ހަރަކާތްތަކަށް އޭނާއަށް ބެލެމުންދިޔައިރު އެތަނުގައި އިތުރު އެއްވެސް މީހެއް ނުވާފަދައެވެ. ހިމޭން ޖައްވުގައި އުދުހޭ ވައިރޯޅި އައިސް ޝައިނާގެ އިސްތަށިގަނޑުގައި ބިހިލާ ވަގުތު މޫނުމައްޗަށް ފައިބާ އިސްތަށިތަކުން އުނދަގޫވެގެން އުޅޭހެން ހީވި ނަމަވެސް ޝައިނާގެ ކެއުން ހުއްޓާލާކަށް ގަސްދު ކުރާތަނެއް އޭނާއަކަށް ނުފެނެއެވެ. ރާހިލްއަށް އެކަންވީ ހިތްގައިމު އެހެނަސް މަޖާ ކަމަކަށެވެ. ލުއި ހީނލުމެެއްގެ އަޑު އޭނާގެ ފަރާތުން އިވިގެން ދިޔައެވެ. އެ ލުއި ހީނލުމުގެ އަޑަށް ޝައިނާގެ ފުރިހަމަ ސަމާލުކަން ލިބުނެވެ. ބުމަ އަރުވާލުމަށްފަހު ބޮލުގެ އިޝާރާތުން ކިހިނެއްވީހޭ ރާހިލްގާތު އަހައިލިއެވެ. ރާހިލް ކަމެއްނުވާކަމަށް އެންގުމުގެ ގޮތުން ދެފަރާތަށް ބޯހޫރައިލިއެވެ.
އިރުކޮޅެއް ވަންދެން އެގޮތުގައި އިނުމަށްފަހު ރާހިލް އޭނާ އިށީނދެއިން ގޮނޑިން ތެދުވެގެން އައިސް ޝައިނާ އިން ގޮނޑި ކައިރީގައި މަޑުކޮށްލިއެވެ. ރާހިލް ދެންކުރި ކަމަކުން ޝައިނާ ދިރުވައިލަންއުޅުނު ކާއެތިކޮޅުވެސް އަރުގައި ތާށިނުވީ ހަމަކިރިޔާއެވެ. ރާހިލް ޝައިނާގެ ގޮނޑި ކައިރިއަށް އެއްކަކޫ މައްޗަށް ތިރިވެލަމުން ޝައިނާގެ އަތުގައި ހިފައިލިއެވެ. އެވަގުތު ގިނަ ބައެއްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ޝައިނާހުރީ އެފަދަ ސަމާސާއެއް ރާހިލް ކުރަމުންދާތީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ހިޔާލެއްވެސް އަހައިލުމެއްނެތި ރާހިލް އެފަދަ ގޮތަކަށް އާންމު ތަނެއްގައި ހުށަހެޅުމެއް ހުށަހަޅައިފާނެބާއެވެ.
" ރާހިލް. ސާބަސް އެންމެން އެއޮށް ބަލަނީއޭ. ކީއްތަ ތި ކުރަ—"
ޝައިނާގެ ވާހަކަ ނުނިމެންދެން ރާހިލް ޝައިނާގެ ވައަތުގެ ކުޑަހުޅުގައި އަޅުވައިފައިވާ ބޮޑު ވޫލްކޮޅު ނައްޓައިލަމުން ކޮޅަށް ތެދުވިއެވެ. އަދި ޝައިނާގެ ފަހަތުގައި ހުއްޓިލުމަށްފަހު ފަރުވާތެރިކަމާއެކު ޝައިނާގެ އިސްތަށިގަނޑު އެކީ އެކައްޗަކަށް ވާގޮތަށް އައްސައިލައިދިނެވެ. އެއަށްފަހު ޝައިނާގެ ދެފަރާތުންލައިފައި އޭނާގެ ދެއަތް ގެންގޮސް މޭޒުގައި ވިއްދައިލަމުން ޝައިނާގެ ކަންފަތް ކައިރިއަށް ގުދުވެލިއެވެ. އެހަރަކާތާއެކު ޝައިނާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެނާގެ މޫނަށް ވެރިވި ހާސްކަން ނުފެންނާނެހެން އޭނާގެ ފަހަތުގައި ރާހިލް ހުރިކަމީ ނަސީބެކޭ ޝައިނާގެ ހިތައް އެރިއެވެ.
"މިހާރު ހިތްހަމަ ޖެހިލައިގެން ކެވޭނެ. އިސްތަށިގަނޑުގެ އުންދަގުލެއް ނުފޯރާނެ" ރާހިލްގެ ބަސްތަކުގައި ވަނީ ސަމާސާ އަސަރު ކަމުގައި ވިޔަސް ޝައިނާއަކަށް ރާހިލް ކުރާ އެފަދަ ސަމާސާތައް ކަމަކު ނުދެއެވެ. ނުވަތަ އޭނާއަށް ކަމުނުދިޔައީ އެ ސަމާސާގެ ސަބަބުން އޭނާގެ ހިތަށް ވާގޮތް ކަމުގައިވެސްވެދާނެއެވެ. އޭނާއަކީ ރާހިލް އެ ހާސިލްކުރާ އަންހެން ކުދިންކަހަލަ ކުއްޖެއް ނޫންކަމަށް ނިންމައި ރާހިލްގެ އެ އެރީތި ކަމަކުން އޭނާގެ އިހުސާސްތަކަކާއި ނުކުޅެވޭނެކަމަށް ގަބޫލު ކުރިނަމަވެސް މިފަހަކަށްއައިސް ރާހިލްގެ ހަރަކާތްތަކުގެ ސަބަބުން އޭނާގެ ސިކުނޑި އޮޅުންބޮޅުންވާން ފަށައިފިއެވެ. އެރީތިކަމުގެ އަވައިގައި ނުޖެހުނު ކަމަށްވިޔަސް އެކުދިން ހައްލާލަން ބޭނުންކުރިފަދަ ހަރަކާތްތަކަށް ހުދު އޭނާއަށްވެސް ކަމުގޮސްފިކަން އިހުސާސްވުމާއެކު ބިރުވެރިކަން މީހާ ވަށައިލި ކަހަލައެވެ. ނަމަވެސް ރާހިލްގޮސް ކުރިމަތީގައިހުރި ގޮނޑީގައި އިށީނުމުގެ ކުރިން އެނާ އެކަން ފޮރުވައިލިއެވެ. އަދި މޫނުމަތީގައިވި ހާސްކަން ސިއްރުކުރުމަށްޓަކައި އަލުން ކެއުމުގެ ތެރޭގައި މަސްއޫލުވެލިއެވެ.
"ރާހިލް އަޅެ އަހަރެން މިތަނަށް ގެނައީ ހަމަ އަހަރެންނަށް ކާންދޭ ހިތުންތަ؟ ގައިމު ތިހިރީ ތި ތަށީގަ އަތްވެސް ނުލާވިއްޔަ" ޝައިނާ އަޖައިބުވެފައި އަހައިލިއެވެ.
"ހޫމް. ޝައިނާ ކާތަން ފެނުނީމަ އަހަރެން ހާދަ ހިތްހަމަ ޖެހެޔޭ. ހަމަ ކޮމެޑީ ޝޯއެއް ބަލާލުން ކަހަލަ. ޝައިނާ ބޭނުމިއްޔާ މި ތަށިވެސް ދީފާނަން" ރާހިލް މަޖާވެލައިފައި ބުނެލިގޮތުން ޝައިނާ ލޯ އަޅައިލިއެވެ. ރާހިލްގެ އަނގައިން އެއް ޖުމްލަ ރަނގަޅަށް ނުކުމެއްޖެނަމަ އަނެއް ޖުމްލަ ވާނީ އަބަދުވެސް ކޮންމެސް މަލާމާތަކަށޭ ޝައިނާގެ ހިތަށް އެރިއެވެ.
"ގެޓް އައުޓް އޮފް މައި ސައިޓް" ޝައިނާ ފޫހިގޮތަކަށް ކަޅިއަނބުރައިލަމުން ބުންޏެވެ.
"ގެޓް އައުޓް އޮފް މައި މައިންޑް" ރާހިލްވެސް ޝައިނާ ބުނެލި ރާގުގައި ބުންޏެވެ.
"ވަޓް؟" ޝައިނާ ދެލޯ ބޮޑުކޮށްލައިފައި އަހައިލިއެވެ.
"ނަތިންގ" ރާހިލް ހިނތުންވެލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ.
"ހޫމް ދެން ހެވޭ.. އަހަރެން މި ކައި ނިމުނީއޭ. އެހެންވީމާ ޝޯ ނިމުނީ. ރަނގަޅެއްނު؟" ޝައިނާ ކައިރީގައި ހުރި ކޯކުތަށި އެއްނޭވައިން ދަމައިލަމުން ބުންޏެވެ. އޭރުވެސް ރާހިލް މޮޔައެއްހެން ހެވިފައި އިނދެ ޝައިނާގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ.
"އަހަރެން އުޅުނީ އަސްލު ވާހަކައެއް ދައްކަންވެގެން. އެކަމަކު ދެން ތިރިއަށް ފައިބާފަ ދޯ. މިތާކު ނޫން" ރާހިލް ބިލް ގެނައުމަށް ވެއިޓަރ އަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ވަރަށް ރީތި މިބައިވެސް. އަސްލު މިހާރު ޝައިނާ ކައިރީ ރާހިލް ބުނަންއުޅޭ ވާހަކައަށްވުރެ ރިއާންއަށް ޒީގެ ކައިވެނީގެ ހަބަރު ލިބުމުން މިވާގޮތް ބަލަން މާބޭނުން ވެއްޖެ. ދެންއޮތް ބަޔަށް ހަމަ ކެތްމަދު…
ތޭންކްސް ނޫރް
ރިއާން ކީއްވެބާ ކުރިން ޒީގެ ހުށައެޅުމަށް ނޫނެކޭ ބުނީ. ހިޔެއްނުވެ އޭރުވެސް ލޯބި ނުވާތީހެނެއް ނޫނެކޭބުނީ. ވެދާނެ އޭރުވެސް ޒީދެކެ ލޯބިވާތީ ޒީއަށް ދެރައެއް ނުދޭން ކަމަށްވެސް. ކޮންމެއަކަސް މިދެކުދިންނަށް ކައިވެނި ކުރެވެންއުޅޭ މީހާ އިނގޭވަގުތު ލިބޭ އުފަލުން ހާޓަށް އެޓޭކެއް ނުޖެހުނިއްޔާ ވެދާނެ. ވަރަށް ރީތި މިބައިވެސް.
ތެންކްޔޫ ޝާ
އަހަރެން ހީހީ ހަލާކުވެއްޖެ މިބައި ކިޔަމުން
ދިޔައިރު އަންޔާ އަނެއްބައިކިޔާހިތުންކެއް
މަދުވެފަ މިހުރީ ވަރަށްރީތި
ޝުކުރިއްޔާ ފާތު
ވާހަކަ މިސްވާވަރުން މިއުޅެނީ. ކޮބާ އިއްޔެގެޕާރޓް…
މިހާރު އަޕްލޯޑް ކުރެވިފައިވާނެ.. ކުޑަކޮށް ބިޒީ ވީމަ ލަސްވީ😊