އިސްރާއީލުގެ ކުންފުނިތަކުގެ އާމްދަނީ ބޮޑު ތަނުން ދަށްވެ، އެ އަނިޔާވެރިންގެ އިޤްތިޞާދު ފުނޑުފުނޑުވެއްޖެ

އިސްރާއީލުގެ ކުންފުނިތަކުގެ އާމްދަނީ ކުއްލިއަކަށް ދަށްވެ، އެ އަނިޔާވެރިންގެ އިޤްތިޞާދު ފުން އަޑިގަނޑަކަށް ވެއްޓިއްޖެއެވެ.

އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އުދުވާނާ ގުޅިގެން، އިސްރާއީލުގެ ކުންފުނިތަކުގެ އާމްދަނީ 50 އިންސައްތައަަށް ދަށްވެފައިވާ ކަމަށް އިޒުރޭލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.

ކާބޯތަކެއްޗާއި އިމާރާތްކުރުމާބެހޭ ދާއިރާގެ ވިޔަފާރިތަކުގެ ތެރެއިން 70 އިންސައްތަ ކުންފުނީގެ ވިޔަފާރި، 70 އިންސައްތައަށް ދަށްވެފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އިސްރާއީލުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ވަނީ ހަނގުރާމައިގެ ހިޔަނި ވަރަށް ބޮޑަށް އެޅިފައެވެ. އެހެނީ އިސްރާއިލުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށްޓަކައި އެތައް ހާސް ބަޔަކު ނަގަމުން ދިޔުމާ ގުޅިގެން އެ ވިޔަފާރިތައް ހިންގުމަށްވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. 11 އިންސައްތަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައ،ި ކުންފުނިތަކުގައި ހަރަކާތްތެރިވަމުން ދިޔަ 21 އިންސައްތަ މުވައްޒަފުން، އިސްރާއީލުގެ އަސްކަރިއްޔާގެ ޚިދުމަތަށްދާން މަޖުބޫރުވެފައިވެއެވެ.

އިމާރާތްކުރުމުގެ ސިނާޢަތުގައި ގިނަ އަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ހަރަކާތްތެރިވަމުންދެއެވެ. އެހެންކަމުން، މި ހަނގުރާމައިގެ ސަަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް އެ ދާއިރާގައި މަސައްކަތްކުރުމަށް ވަނީ ނުކުޅެދިފައެވެ. ނަތީޖާއެއްގެ ގޮތުން މިކަމުގެ އެންމެ ބޮޑު ގެއްލުމެއް ފޯރަނީ އިސްރާއީލުގެ އިމާރާތްކުުރުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނަށެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

މި ސާރވޭ ހަދާފައިވަނީ އިސްރާއީލުގެ 1،680 ކުންފުނިން މަޢުލޫމާތު އެއްކޮށްގެން، އޮކްޓޫބަރު މަހުގެ 24 އިން 26 އަށެވެ.

އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,796 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު