ފެނަކައިގައި މިހާރު 8،126 މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުންގެ މުސާރަ ދެއްކުމަށް 82 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އެއްކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރައްވައި، ފިރުޒުލް ވިދާޅުވީ ފެނަކައިގެ ހާލަތަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ ޖުމްލަ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ފާހަގަވެފައިވާ ކަމަށާއި، އޭގެތެރޭގައި އެކިއެކި ސަޕްލަޔަރުންނަށް ނުވަތަ ވިޔަފާރިތަކަށް އަދާކުރަން ޖެހިފައި ވަނީ 3.2 ބިލިއަން ރުފިޔާ ކަމަށާއި އަދި ލޯނުތަކުގެ ގޮތުގައި އަދާކުރަން ޖެހިފައިވަނީ 901 މިލިއަން ރުފިޔާ ކަމަށެވެ.
ފިރުޒުލް ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، ފެނަކައިގެ މުވައްޒަފުންގެ އަދަދާއި، މުސާރައަށް ޚަރަދުވާ މިންވަރު:
- 2018 ގައި 2،756 މުވައްޒަފުން – ޚަރަދުވީ މަހަކު 23 މިލިއަން ރުފިޔާ
- 2023 ގައި 8،126 މުވައްޒަފުން – މަހަކު 82 މިލިއަން ރުފިޔާ ޚަރަދުވޭ
އޭނާ ވިދާޅުވީ އޭރާއި މިހާރުގެ މަސައްކަތްތަކަށް ބަލާނަމަ ފެނަކައިގައި މިހާރު މަސައްކަތް ކުރަމުންދާ ގޮތުގެ އެފިޝިއަންސީގައި ވަރަށް ބޮޑު ތަފާތެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބިލް ދެއްކުމަށް މިހާރު ލިބިފައިވާ ފަސޭހަތަކަށް ބައްލަވާލައްވަމުން، ކުރިން ބިލް ކުރާ ބައިގައި ހަތް މުވައްޒަފުން މަސައްކަތް ކުރާއިރު މިހާރު އެ ބައިގައި 40 މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އެތައްހާސް ކުދިންނަށް ތައުލީމް ދިނުމަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަނީ 8600 އެއްހާ މުވައްޒަފުން އެހެންވީމަ އެހާކަށްހާވަރު ބޮޑު އަދަދެއް ފެނަިއގެ މުވައްޒަފުންގެ ތެރޭގައި އެބަތިބި. " ފިރުޒުލް ވިދާޅުވިއެވެ.
އިންތިގާލީ ކޮމިޓީއަށް އެންމެ ހައިރާންކުރުވަނި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މި އަހަރުގެ މާޗް މަހުގެ ފަހުން މިއަދާ ހަމައަށް އެ ކުންފުންޏައް 747 މުވައްޒަފުން އިތުރުވެފައިވާ ކަން ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.