12 ފެބުރުވަރީ 2025

މަޖިލިސް އިންތިޚާބަށް ތައްޔާރުވާން ޕީޕީއެމް ޕީއެންސީ ލީޑާޝިޕް އައްޑޫއަށް ފުރާވަޑައިގެންފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށާއި ރައްޔިތުންނާ ބައްދަލު ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން މިއަދު އައްޑޫއަށް ފުރާވަޑައިގެންފިއެވެ.

އައްޑޫ ދަތުރުގެ ކުރިން މިއަދު ހަވީރު ވެލާނާ އެއާޕޯޓުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އައްޑުއަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ކުރާ ދަތުރެއް ކަމަށެވެ.
އަދި ނިމިދިޔަ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބު ކޮށްދިނުމަށް ރައްޔިތުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމާއެކު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުންގެ ތަރުހީބު ހޯއްދެވުމަށް އެ ދަތުރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ޑރ. މުއިއްޒު ބޭނުންފުޅުވަނީ ވީހާވެސް އަވަހަށް ރާއްޖޭގެ ރަށްރަށަށް އަޅުގަނޑުމެން ދަތުރުކޮށް، އިންތިހާބުގައި ރައްޔިތުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށް އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހަމަ ނިމިދިޔަ އިންތިހާބެކޭ އެއްފަދައިން އަދި އެއަށްވުރެ ވަރުގަދައަށް ޕީޕީއެމް/ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށް ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމް/ޕީއެންސީން ނިންމާފައިވެއެވެ. އެ ކޯލިޝަނުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާނެކަން ވަނީ އިއުލާންކޮށްފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު