Wednesday, 19 June 2024

"ފަލަސްޠީނަކީ އެންމެ ފުރަތަމަ ޢަރަބީންގެ ތެރެއިން ކަންނާނީން ވަޒަންވެރިވީ ތަނެއް، އެއީ މީލާދުން 2600 އަހަރު ކުރި"

ފަލަސްޠީނަކީ ޤަދީމީ ތާރީޚެއް އޮތް ބިމެއްކަމަށާއި، އެބިމުގެ އަސްލު އަޙުލުވެރިންނަނީ ޢަރަބީންގެ ތެރެއިން އައިސްފައިވާ ކަންނާނީންކަމަށާއި، މީލާދުން 2600 ކުރިކަމަށް ފަލަސްޠީނު ފޯރަމްގައި އައްޝެއިޚް އާމިރު ވިދާޅުވެއްޖެއެވެ.

ޝެއިޚް އާމިރު މިހެން ވިދާޅުވެފައިވަނީ، "ފަލަސްޠީނު ފޯރަމް" ގެ ނަމުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އައްޝެއިޚް އާމިރު ވިދާޅުވީ، ފަލަސްޠީނަކީ ޔަހޫދީންގެ ބިމެއްކަމުގައި ދުނިޔެއަށް ދެއްކުމަށް ހައްދުފަހަނައެޅި ޔަހޫދީން ދައްކަމުންދާ ވާހަކަތަކަކީ ބޭކާރު ޙަޤީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ.

ފަލަސްޠީނުގެ ޤަދީމީ ތާރީޚުގެ މައްޗަށް އެތައް ފޮތްތަކެއް ލިޔެވިފައިވެއެވެ. އެއީ އެންމެ ފުރަތަމަ ޢަރަބީންގެ ތެރެއިން ކަންނާނީން ވަޒަންވެރިވީ ތަނެއްކަން ތާރީޚުން އެނގެން އޮތްއިރު، އެއީ މީލާދުން 2600 އަހަރު ކުރިކަމަށް ޝެއިޚް އާމިރު ވަނީ ވިދާޅުވެފައެވެ. އަދި އަދުގެ ޔަހޫދީން ފަލަސްޠީނަކީ އެމީހުންގެ ބިމެއްކަމުގައި ދަޢުވާކުރާއިރު އެމީހުންގެ ގާތަށް ފޮނުއްވުނު ރަސޫލުންނާއި ނަބިއްޔުން ޤަތުލުކޮށް އެބޭކަލުންނަށް އީމާންނުވި ބަޔަކު އެބޭކަލުންގެ ބިމަށް ގަދަވާން އުޅުމަކީ ހަމަޖެހޭ އުޞޫލެއް ނޫންކަމަށް އައްޝެއިޚް އާމިރު ވިދާޅުވިއެވެ.

"އެތަނަކީ ތިމަންމެންގެ ބިމެކޭ ޔަހޫދީން ބުނާ ބުނުމަކީ ޙަޤީޤަތެއް ނެތް ވާހަކައެއް. އެބިމަށް އެންމެ ޙައްގުކަން ބޮޑުވާނީ އެބިމަށް ފޮނުއްވުނު ނަބީބޭކަލުންނަށް އީމާންވާ މީހުންނަށް. އެމީހުންނަކީ ރަސޫލުންނަށާއި ނަބީންނަށް ކާފިރުވެ ދުއްތުރާ ކުރި މީހުން. ރަސޫލާ ޙަދީޘްކުރައްވާފައިވޭ ތިމަންކަލޭގެފާނާއި ބެހޭގޮތުން އަޑުއިވުމަށްފަހު ތިމަންކަލޭގެފާނަށް އީމާންނުވެ މަރުވީ ޔަހޫދީއެއް އަދި ނަޞާރާއެއްކަމުގައިވީނަމަވެސް އެމީހާވާނީ ނަރަކަވެރިންނަށްކަމަށް." އައްޝެއިޚް އާމިރު ވިދާޅުވިއެވެ.

ފަލަސްޠީނު ފޯރަމްގައިވަނީ ފަލަސްޠީނުގެ ތާރީޚު ވަރަށް ބޮޑަށް ތަފްޞީލުކޮށް ކިޔައިދެއްވާފައެވެ. އެގޮތުން އެބިން ޙިމާޔަތްކުރުމަށް މުސްލިމުންގެ ހުރިހާ ކޮމާންޑަރުން އަބަދުވެސް ތެދުވިވަޑައިގަތްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި އެބިމާއި އެބިމުގެ މުޤައްދަސްކަން ބަޔާންކޮށްދެއްވާ އެތަނަށްޓަކައި އަޑުއުފުލާ އެބިން މިނިވަންކުރުމަށް ޤުރުބާންވަމުންދަނީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންކަމަށްވުމުގެ މާނައަކީ މިއަދު އިސްލާމީ އުއްމަތް ބައިބައިވެފައިވާ މިންވަރުކަން މިފޯރަމްގައި ވަނީ ފާހަގަކުރައްވާފައެވެ.

މިފޯރަމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީއާއި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސްކޫލް ކުދިންނާއި ޢާއްމުންވެސް ވަނީ ބައިވެރިވެފައެވެ. މި ފޯރަމް ނިންމާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރުދެއްވުމަށް އެދި ކުރި ދުޢާއަކުންނެވެ.

އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,805 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,648 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,187 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,240 އަށް އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 14 ހޮސްޕިޓަލުގެ ޚިދުމަތް އެއްކޮށްވަނީ މެެދުކެނޑިފައެވެ.

ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު