ޤިޔާމަތާހަމައަށްވެސް ޔަހޫދީންނަށް އުޤޫބާތްދެއްވާނެ ބަޔަކު ފޮނުއްވާނެކަމަށް މާތްﷲ ބަޔާންކުރައްވާފައިވާކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
ޑރ. ސައްތާރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ” ފަލަސްޠީނު ފޯރަމް ”ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިފޯރަމްގައި ވާހަކަދައްކަވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން ވަނީ ބަނީ އިސްރާރީލުގެ ދަރިކޮޅުގެ ވާހަކަ ތަފްޞީލުކޮށްދެއްވާފައެވެ. އެގޮތުނުން އެއީ ރަސޫލުންނާއި ނަބީން ޤަތުލުކޮށް މާތްﷲއަށް އުރެދި އެއިލާހުގެ ކޯފާ އެތައް ފަހަރަކު އަމާޒުވި ބައެއްކަމަށާއި، އެމީހުންނަށް މާތްﷲ ފަލަސްޠީނުގެ ބިން ދުވަހަކުވެސް ނުދެއްވާނެކަމަށް އައިސްފައިވާ އާޔަތްތައްވަނީ ބަޔާންކޮށްދެއްވާފައެވެ.
"ﷲތަޢާލާ މޫސާގެފާނުގެ ދުޢާ ޢިޖާބަކުރައްވާ، އެންގެވި ބަސްފުޅެއް ޤުރުއާނުގައި އޮވޭ. އެއާޔަތުގައި ތިން ތިކި ޖެހިގެންވާ ތަނެއްވޭ. އެތަނުން އެއްތަނަށް ހުއްޓަންޖެހޭ. ފުރަތަމަ ތަނަށް ހުއްޓައިފިނަމަ މާނައަކީ މާތްﷲ ބަނީ އިސްރާއީލުބާގައިގެ މީހުންގެ މައްޗަށް ފަލަސްޠީނުގެ ބިން ޙަރާމްކުރެއްވީއޭ. ދެވަނަ ތަނަށް ހުއްޓައިފިނަމަ މާނައަކީ އެބައިމީހުން 40 އަހަރުވަންދެން ދެވޭ ނުދެވޭތަނެއް ނޭނގި ބިންމަތީގައ އުޅޭނެއޭ." ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙުމާން ވިދާޅުވިއެވެ.
ފަލަސްޠީނު ފޯރަމްގައިވަނީ ފަލަސްޠީނުގެ ތާރީޚު ވަރަށް ބޮޑަށް ތަފްޞީލުކޮށް ކިޔައިދެއްވާފައެވެ. އެގޮތުން އެބިން ޙިމާޔަތްކުރުމަށް މުސްލިމުންގެ ހުރިހާ ކޮމާންޑަރުން އަބަދުވެސް ތެދުވިވަޑައިގަތްކަންވަނީ ފާހަގަކުރައްވާފައެވެ. އަދި އެބިމާއި އެބިމުގެ މުޤައްދަސްކަން ބަޔާންކޮށްދެއްވާ އެތަނަށްޓަކައި އަޑުއުފުލާ އެބިން މިނިވަންކުރުމަށް ޤުރުބާންވަމުންދަނީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންކަމަށްވުމުގެ މާނައަކީ މިއަދު އިސްލާމީ އުއްމަތް ބައިބައިވެފައިވާ މިންވަރުކަން މިފޯރަމްގައި ވަނީ ފާހަގަކުރައްވާފައެވެ.
މިފޯރަމްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީއާއި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސްކޫލް ކުދިންނާއި ޢާއްމުންވެސް ވަނީ ބައިވެރިވެފައެވެ. މިފޯރަމް ނިންމާލާފައިވަނީ ފަލަސްޠީނަށްޓަކައި ކުރި ޚާއްސަ ދުޢާއަކުންނެވެ.
އޮކްޓޫބަރު 7 އިން ފެށިގެން، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,805 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,648 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,187 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާންމުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,240 އަށް އަރައެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން 14 ހޮސްޕިޓަލުގެ ޚިދުމަތް އެއްކޮށްވަނީ މެެދުކެނޑިފައެވެ.
ހައްދުފަހަނަ އަޅާފައިވާ އަނިޔާވެރި ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ސުވާލު އަކީ ޤިޔާމަތާއި ޖެހެންދެން ޔަހޫދިންނަށް އަދަބުދެވޭނެކަމަށްޝެއިޙް ވިދާޅުވާއިރު….. ފަލަސްތީނިން ގެ ވާހަކަ ދިމާނުވެގެން މި އުޅެނީ… މިދެބައިމީހުން ނަމުން ބަދަލުވެފަތޯ ނޫންތޯ..ސާފު ކޮއްލަދެއްވިދާނެތޯ. ފެންނަނީ ފަލަސްތީނިން އަށް އަނިޔާ ލިބޭތަން މިވަގުތު.