ޕީއެންސީއަށް މެމްބަރުން އިތުރުކުރަނީ ޕީޕީއެމް އާ ޚިޔާލުތަފާތުވުމެއް އޮވެގެނެއް ނޫން ކަމަށް އަދުރޭ ވިދާޅުވެއްޖެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޕީޕީއެމާ އެއްވެސް ޚިޔާލުތަފާތުވުމެއް އޮވެގެން ނޫން ކަމަށާއި ޕީޕީއެމް ޕީއެންސީ ކުރިއަށްދާނީ ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އައްޑޫ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަނީ އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީ އިންތިހާބީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށެވެ. ނިމުނު ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ކާމިޔާބުކުރެއްވި އިރު އެޕާޓީގައި ތިބީ 3،000 އެއްހާ މެންބަރުން ކަމަށާއި އަމާޒަކީ ޕީއެންސީގައި 10،000 މެންބަރުން ހަމަކުރުމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމްގެ މެމްބަރުން ޕީއެންސީގެ ފޯމު ފުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މުއިއްޒުވެސް ވަނީ ޕީއެންސީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރާއިރު، އެ ޕާޓީއާ ގުޅިފައިވާ ޕީޕީއެމުން މެމްބަރުން ޕީއެންސީއަށް ސޮއި ނުކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ޔާމީނާއި މުއިއްޒު ވެސް އިރުޝާދު ދެއްވާފައިވާ ގޮތަށް އެ މަސައްކަތް ކުރާނީ، ޕީޕީއެމްގައި ތިބި އެއްވެސް މެމްބަރަކު ޕީއެންސީއަށް ނުގެނެސް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އެއީ އެއްގޮތަކަށް ވެސް ޕީޕީއެމާއި ޕީއެންސީގެ ހިޔާލުތަފާތުވުމެއް އޮވެގެން ހިނގާ ކަމެއް ނޫން،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމާއި ޕީއެންސީ އަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށާއި، މުސްތަގުބަލުގައި ކުރިއަށްދާނީ ވެސް ދެ ޕާޓީގައި އެކުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 38،704 މެމްބަރުންނެވެ. އެ މުއްދަތާ ހަމައަށް ޕީއެންސީގައި ތިބީ 3،159 މެމްބަރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ