އަންނަ އަހަރުން ފެށިގެން ނަޞްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްިޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނަޞަބަތުގައި، އެކްސްގައި ޙިއްސާކުރައްވައި ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވެވި ތަހްނިޔާގެ މެސެޖުގައެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ، ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދެއްވާނެކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިމިވަނީ މީގެ އެތައް އަހަރެއްކުރިންފެށިގެން ނަޞްރުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިސް، ފާއިތުވި ފަސްވަރަކަށް އަހަރު އެދުވަހަށް ދޭ ސަމާލުކަން ކުޑަވެފައިވާތީއެވެ.
"ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން ސަރުކާރުން ފުރިހަމަޔަށް ދޭނެ ވާހަކަ ދަންނަވަން." ޑރ. މުޢިއޒު ވިދާޅުވިއެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޢަބުޠާލުންގެ ޒިކުރާ އާކޮށް އެދުވަހު ލިބުނު ނަޞްރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށެވެ.
ނަސްެރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މުހިއްމު ކަމަށްޓަކައި، 2024 އިން ފެށިގެން ނަސްރުގެ ދުވަހަށް… pic.twitter.com/ErFNhbBJfH
— Dr Mohamed Muizzu (@MMuizzu) November 3, 2023
3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ.
މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި، ކުލީ ސިފައިންގެ ބަޔަކާއި ދިވެހިންގެ މަދުބަޔަކު ގުޅިގެން ހިންގި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަސްރުގެދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.