ވަޢުދުތައް ފުއްދުމަކީ ޑރ. މުއިއްޒުގެ އެންމެ ބޮޑު ޢަމާޒު: އިންތިޚާބީ ނައިބު ރައީސް

ރައްޔިތުންނަށް ޖަވާބުދާރީވެ ވަޑައިގެން، ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ޢަމާޒު ކަމުގައި އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހު ދައުލަތުގެ މީޑިއާއިން ގެނެސްދޭ ދިވެހިންގެ ރާއްޖެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިންތިޚާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު މިހާތަނަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒުއާއި ބައްދަލުވެ ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް އެމަނިކުފާނު އެންމެ ބޮޑަށް ވާހަކަ ދައްކަވައި، އިސްކަން ދެއްވަނީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މައްޗަށް ކަމުގައެވެ.

މިހާތަނަށް އެމަނިކުފާނު އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރެއްވި ބޭރުގެ ސަފީރުންނާއި، ޖަމްއިއްޔާތަކުގެ ވެރިންގެ ބައްދަލުވުންތަކުގައިވެސް ސަރުކާރު ހިންގެވުމުގައި ވައުދުތައް ފުއްދެވުމާއި، ރައްޔިތުންނަށް ޖަވަބުދާރީވެ ވަޑައިގެންނެވުމާއި ގުޅޭގޮތުން އެކިވާކަތައް ހިއްސާ ކުރައްވާފައިވާކަމަށެވެ.

އިންތިޚާބު ނިމުނު ފަހުންވެސް އަޅުގަނޑުގެ ކައިރީގައި އެތައް ދުވަހަކު ވިދާޅުވެއްޖެ ސެމްބެއޭ ވަރަށް ވައުދު ވެފައޭ މިހިރީ. ވައުދު ވެފައިވާ ކަންތައްތައް ފުއްދުމަކީ ތިމަންނާގެ މައްޗަށް ވާޖިބެކޭ. އަދި ޚާއްސަކޮށް ގޮތެއްގައި އަޅުގަނޑުމެން ވަރަށް ބައިވަރު އެމްބަސަޑުންނާއިވެސް މީޓްކޮށްފިން. އެއިން ކޮންމެ މީޓިންއެއްގައިވެސް ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދެވީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ވެރިއެކޭ ތިމަންނައަކީ. އެކަން ހަނދާ ނައްތާ ނުލައްވާކަން ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަޅުގަނޑަށް އަޑުއިވިއިވި ހުރޭ ޑރ. މުއިއްޒުގެ ފަރާތްޕުޅުން. އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އެމަނިކުފާނު ވަނީ ނާއިބު ރައީސް މަސްޢޫލިއްޔަތުތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖޭގައި މިހާތަނަށް ނާއިބު ރައީސްކަން ކުރެއްވި ބޭބޭފުޅުންނާއި ބޮޑަށް ހަވާލުވެވަޑައިގެން މަސައްކަތްކުރައްވާފައިވަނީ އިޖުތިމާޢީ ދާއިރާގެ މަސައްކަތްތަކެވެ. އެހެންކަމުން އައު ސަރުކާރުގައިވެސް މަސައްކަތްކުރައްވާނީ އިޖުތިމާޢީ ދާއިރާގެ މަސައްކަތްތޯ ދެންނެވުމުން، އިންތިޚާބީ ނާއިބު ރައީސް ވިދާޅުވީ ކަންކަމާއި ހަވާލުވެވަޑައިގަތުމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒާއި ފުރިހަމައަށް މަޝްވަރާކުރައްވާކަމަށެވެ. އެގޮތުން ޤައުމީ މަސައްކަތާއި އިޖްތިމާޢީ ދާއިރާގެ މަސައްކަތްތައްވެސް ކުރެއްވުމުގެ އިތުރުން މެނިފެސްޓް ތަންފީޒްކުރެވޭ ގޮތް ބެލެހެއްޓުމުގެ ޒިންމާއެއް ހަވާލުކުރއްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވާކަން އިންތިޚާބީ ނާއިބު ރައީސް ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައިވެސް މަޝްވަރާކުރައްވައިގެން ކަންކަން ހަވާލުކުރުމުގެ ޔަޤީންކަން ޑރ. މުއިއްޒު ދެއްވި. އިންތީޚާބީ ރައީސް ފުރިހަމަ ގޮތުގައި ވަރަށް ގިނަ ކަންކަން މަޝްވަރާކުރައްވާ. ސިޔާސީ ދާއިރާގައި އަޅުގަނޑު އަދި ޅަ. އެހެންކަމުން ކުރިއަށްދިއުމަށް އަދިވެސް ތަޖުރިބާ ބޭނުންވާނެ. ސިޔާސީ ގޮތުން މަސައްކަތްތަކެއް ކުރާނަން. ޕާޓީ ކުރިއެރުވުމާށާއި، ޕާޓީގައި ތިއްބެވި މެންބަރުންނާއެކުވެސް ސިޔާސީ މަސައްކަތްތައް ކުރާނަން." އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

އިންތިޚާބީ ނައިބު ރައީސް ވިދާޅުވީ އެ މަޤާމަށް އެމަނިކުފާނު އިންތިޚާބު ނުވިނަމަ ވިސްނަވައިގެން ހުންނެވީ ކުޅިވަރުގެ ދާއިރާއާއި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުގައި ޕާޓީގެ ތެރެއިން މަސައްކަތް ކުރެއްވުމަށްކަމަށެވެ. މިޕްރޮގްރާމަގައި ވަނީ އެމަނިކުފާނުގެ ދިރިއުޅުއްވުމާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ޚާއްސަގޮތެއްގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިގޮތާއި ރަނިންމޭޓްގެ ޓިކެޓް ލިބިވަޑައިގެންނެވިގޮތް އެމަނިކުފާނު ތަފްސީލްކޮށްދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު