ނޮވެމްބަރ 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އެ އުދުވާނީ ހަމަލާއިން، ދިވެހި ލޮބުވެތި ރައްޔިތުން ސަލާމަތް ކުރުމަށް، ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓުން ވިދާޅުވެއްޖެއެވެ.
އެޕާޓީން މިކަން ހާމަކުރައްވާފައިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.
"މިއަހަރަގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ސަލާމަތީ ބާރުތަކުގެ އެންމެހައި ބޭފުޅުންނަށާއި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ. ނަޞްރުގެ ދުވަސް އަޅުގަނޑުމެން މިފާހަގަ ކުރަނީ 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ." އެމްއާރްއެމްގެ ބަޔާނުގައި ވިދާޅުބެފައިވެއެވެ.
އެދުވަހު ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދުބަޔަކާއި، ޝްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެެއް ކަމަށާއި، އެދުވަހުގެ އެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާއެއް ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރްއެމްއިން ވިދާޅުވެފައިވަނީ، ގާތްގަނޑަކަށް 18 ވަރަކަށް ގަޑިއިރުވަންދެން އެދުވަހު ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ޤައުމުގެ އަދާވާތްތެރި ދުޝްމަނުން ކަމުގައެވެ.
އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ޤައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށާއި އަދި އެ ހަމަލާގައި 19 ދިވެހި ދަރީން ޝަހީދުވި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
"ނޮވެމްބަރ 3، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އެ އުދުވާނީ ހަމަލާއިން، ދިވެހި ލޮބުވެތި ރައްޔިތުން ސަލާމަތް ކުރުމަށް، ވަރަށް ގިނަ އިރުތަކެއް ވަންދެން ދިވެހިރާއްޖޭގެ ހިތްވަރުގަދަ ސިފައިން ޓެރަރިސްޓުންނާއި ހަގުރާމަކުރަމުން ގެންދިޔައެވެ. ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ 8 މީހަކު ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވެއެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ." އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރްއެމް އިން ވިދާޅުވީ، ޓެރަރިސްޓުން ރާއްޖެއަށް ދިން އެޙަމަލާއާއި ގުޅިގެން ދުނިޔޭގެ އެތައް ޤައުމެއް އޮތީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތްކޮށްދިނުމަށް ތައްޔާރަށާއި، ދިވެހި ސަރުކާރުން އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާ އިން ކަމަށާއި، އެހެންކަމުން މި ފުރުޞަތުގައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ބަޔާން ނިންމަވާލައްވާފައިވަނީ، އެދުވަހު ޝަހީދުވި ހިތްވަރުގަދަ ދިވެހި އަބްޠާލުންނަށްހެޔޮރަހްމަތްލެއްވުމަށާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދައްޓަކައި ރައްކާތެރި ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވަމުންނެވެ.