Monday, 07 October 2024

ހުޅަނގުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތީ އޮބެހެއްޓިފައިކަން ޖަރުމަނުވިލާތުން ނިންމި ނިންމުމުން އިތުރަށް ކަށަވަރުވޭ

ހުޅަނގުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމުގެ ނަމުގައި ހިންގަނީ ދެފުށް ދެގޮތެއް ސިޔާސަތެއް ކަން ޖަރުމަނުވިލާތުގެ ނިންމި ނިންމުމުން އެކަން އިތުރަށް ކަށަވަރުވެއްޖެއެވެ. ޖަރުމަނުވިލާތުގައި ޒަޔަނިސްޓު އިސްރާޢީލާ ދެކޮޅު ހަރަކާތްތައް ހިންގުން މުޅިން މަނާކޮށްފިއެވެ. މި ކަން އިޢުލާނު ކުރަމުން އެ ޤައުމުގެ ދާޚިލީ ވަޒީރު ނެންސީ ފޭޒަރ ބުނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސްއަށް ހިތްވަރު ދިނުމުގެ އަމަލުތައް ހުއްޓުވަން އަމުރު ކޮށްފައިވާނެ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކޮށް ހަރަކާތްތައް ބާއްވާ ޖަރުމަނުވިލާތުގެ ޖަމުޢިއްޔާއެއް ރޫޅައިލަން އަންގަވާފައިވާނެ ކަމަށެވެ.

ފަލަސްޠީނަށް ތާޢީދުކޮށް ހަރަކާތްތައް ބޭއްވުން ޖަރުމަނުވިލާތުގެ ސަރުކާރުން މަނާކޮށްފައި މި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެންނެވެ. އެ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,061 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ. ޔަހޫދީންގެ މި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ޙަމާސް ޖަމާޢަތަކީ ޖަރުމަނުވިލާތުގެ ސަރުކާރުން ޓެރެރިސްޓު ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތެކެވެ. އެ ޤައުމުގެ ދާޚިލީ ވަޒީރު ފޭޒަރ ބުނީ، ޙަމާސް ޖަމާޢަތުން ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންގެ ހައްޤުގައި ކުރަމުންދާ ޖިހާދަށް ތާޢިދުކޮށް ޖަރުމަނުވިލާތުގައި ބާއްވާ ހުރިހާ ހަރަކާތަކަށް ހުރަސް އަޅާނެ ކަމަށާއި އަދި އެ ހަރަކާތްތައް ރޫޅައިލާނެ ކަމުގައެވެ.

ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތުގެ ސަބަބާ ހެދި، ޖަރުމަނުވިލާތުގެ މި ނިންމުމާ ގުޅިގެން ޙަމާސް ޖަމާޢަތުން ވަނީ އެ ޤައުމުގެ ސަރުކާރަށް ފާޑުކިޔާފައެވެ. ޙަމާސްއިން ބުނީ، ޒަޔަނިސްޓު އިސްރާޢީލުގެ ފައުޖުތަކުން ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ޖަރުމަނުވިލާތުން ތާޢީދު ކުރާ ކަން މި ނިންމުމާ އެކު ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖަށް ޖަރުމަނުވިލާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބެލުމުގެ ފުރުޞަތު ވެސް މިހާރު އޮތް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ހުޅަނގުގެ އުސޫލުތަކަށް ބޯލަނބައި ކިޔަމަންވާ ޖަރުމަނުވިލާތުން ރޫޅައިލާނެ ކަމުގެ އިންޒާރު ދީފައި ވަނީ 'ސަމީދޫން ނެޓްވަރކް’ގެ ނަމުގައި ހިންގާ ޖަމާޢަތަކަށެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓު އިސްރާޢީލަށް ހަމަލަ ދިނުމުން ސަމީދޫން ނެޓްވަރކުން ވަނީ ޖަރުމަނުވިލާތުގެ ވެރިރަށް ބެރލިންގައި އުފާ ފާޅުކުރުމުގެ ގޮތުން ހަރަކާތްތަކެއް ބާއްވާފައެވެ. އެ ހަރަކާތުގެ ބައިވެރިން ވަނީ ޢާންމުންނަށް ފޮނިކާތަކެތި ބަހައި، އުފާ ފާޅުކޮށްފައެވެ. މި ކަމާ ނުރުހުންވެ، ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒް ވަނީ އެ ޖަމާޢަތުގެ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރިމާތަކާއި، ހަނގުރާމައިގެ ކުށްތަކާއި، ގަތުލުއާންމުތަކަކީ ނާޒީ ޖަރުމަނުވިލާތުން މީގެ ޤަރުނުތަކެއް ކުރިން ޔަހޫދީންނާ ދެކޮޅަށް ހިންގި ފަދަ އަމަލުތަކެއް ނޫންތޯ މަސްރަޙު ދިރާސާކުރާ ގިނަ ބަޔަކު ސުވާލު ކުރެއެވެ. މިއަދު، ޔަހޫދީންނާ އެއްކޮޅަށް އަރައި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންނަށް ޖަރުމަނުވިލާތުން ހިތްވަރު ދެމުންދާއިރު، އެތަކެއް ހާސް މުސްލިމުންނެއް ޝަހީދުވަމުންދާ މަންޒަރު ޖަރުމަނުވިލާތުގެ ވެރިންނަށް ނުފެންނަނީތޯ ވެސް އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު