"ޢިއްޒަތްތެރި" ފައިވާންތަކަކާއި ބޫޓުތަކެއް؛ އެކަމަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެވެސް ޙައްޤުތަކެއްވޭ

މިއީ ހުޅުމާލެ ފޭސް 2 ގެ ޞަލާޙުއްދީން ސްކޫލާ އެެއް އިންވެގެން ހަދާފައިވާ ވަގުތީ މިސްކިތުގެ ދޮރު މައްޗެވެ. ހިނގާބިނގާވެ ނޫޅެވޭ މީހުންނަށް ފަސޭހަކަމާއެކު މިސްކިތަށް އެރޭނެ އިންތިޒާމް ހަމަޖެއްސުމަށް ހަދާފައިވާ ރޭމްޕެކެވެ. މި ރޭމްޕް ހެދުމުގެ މަަޤްޞަދު ކިތަންމެހާވެސް ރަނގަޅެކެވެ. އެކަމަކު މަޤްޞަދު ޙާޞިލެއް ނުވެއެވެ.

މި ރޭމްޕް ހެދުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސްކިތައް އެރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމެވެ.

އެކަމަކު، ރޭމްޕް މަތީގައި ހުރީ ފައިވާންތަކާ ބޫޓުތައް ބަހައްޓައި ފުރާލާފައެވެ. "ޢިއްޒަތްތެރި" ފައިވާންތަކާއި ބޫޓުތަކެކެވެ. ފައިވާނާއި ބޫޓު ބަހައްޓަން މިނޫންތަކެއް ނެތްކަމަށް އެމީހުން ދެކެނީތާއެވެ. ތިމާމެން ނޫނަސް އެެހެން ބަޔަކު މިސްކިތަށް ނާރާނެ ކަމަށް ދެކެނީ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެނގޭކަމަކީ، އެއީ ފައިވާނާއި ބޫޓު ބަހައްޓަން ހަދާފައިވާ ތަނެއް ނޫންކަމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގަިއ ހަދާފައިވާ ވީލްޗެއާ ރޭމްޕް


މިސްކިތްތައް ނޫނަސް އެހެން ތަންތަނުގައިވެސް ރޭމް ހެދުމުގެ މަސައްކަތް ކުރަމުންދެއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗުގައިވެސް ވީލްޗެއާ ރޭމްޕެއް ޤާއިމުކޮށްފައިވެއެވެ. އެޗްޑީސީން ބުނީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރުމުގެ މަސައްކަތްކުރާ މަސައްކަތްތަކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ. އެހެންކަމުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓުގައި ވީލްޗެއަރ ރޭމްޕް ޤާއިމްކުރުމުގެ މަސައްކަތްވެސް އެޗް.ޑީ.ސީން ވަނީ ކޮށްފައެވެ. އެގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ޚާއްސަކޮށް ރޭމްޕް ވަނީ ޤާއިމްކޮށްފައެވެ.

Nukulhedhuntherikan huri faraaiythakah 500 ehhaa ramp harukoffi

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއްގެ ކައިރި


ހަމައެހެންމެ، ހުޅުމާލެ ފޭސް 1 ގައިވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެގޮތުން އެޗް.ޑީ.ސީގެ ފަރާތުން ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއަރ ރޭމްޕް ވަނީ ޤާއިމުކޮށްފައެވެ.

ވީލްޗެއާ ރޭމްޕް ޤާއިމުކުރުމުން ނުކުޅެދޭ މީހުންނަށް އެހެން މީހެއްގެ އެހީއާ ނުލައި ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަތަކެއް ލިބެއެވެ.

ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ޙައްޤު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުހިއްމުކަމެކެވެ. އެއީވެސް އަހަރެމެންފަދަ އިންސާނުންނެވެ. އެމީހުންނަށްވެސް ޙައްޤުތަކާއި އިމްތިޔާޒުތަކާއި ފަސޭހަތައް ލިބެންވާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެވެސް ޙައްޤުތައް ރައްކާތެރިކުރަންޖެހޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމުގައި ބަލަނީ ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހައި ހުރަސްތަކާހުރެ މުޖްތަމަޢުގެ އެހެން މީހުންނާ އެއްހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކު ހިމެނޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެންމީހުންނެކޭ އެއްފަދައިން ހުރިހާ ޙައްޤުތައް ލިބިދޭންވާނެއެވެ. އެ ޙައްޤުތައް ފޯރުކޮށްދިނުމުގައި ނަސްލަށް، ކުލައަށް، ޖިންސަށް، ބަހުރުވައަށް، ދީނަށް، ސިޔާސީ ނުވަތަ ސިޔާސީ ފިކުރަކަށް، ގައުމަށް ނުވަތަ ތަނަވަސްކަން ހުރިމިންވަރަށް ބަލައިގެންނުވާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރުމުގެ ޙައްޤު، އެ މީހުންނަށް ލިބިގެންވެއެވެ. ހަމައެހެންމެ، މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ލިބިގެންވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުންގެ މުދަލުން ތަޞައްރަފްކުރުމުގެ ޤާބިލްކަން ނެތް މީހެއްގެ މުދަލެއް ނުވަތަ އޭނާގެ ވާރުތައިން ލިބޭ މުދަލެއް ނުވަތަ ހަދިޔާގެ ގޮތުގައި ނުވަތަ ވަޤުފުގެ ގޮތުގައި ނުވަތަ އޭނާގެ މިލްކިއްޔާތުން، އިސްލާމީ ޝަރީޢަތާއެއްގޮތްވާ ގޮތުގެމަތިން ޚަރަދުކުރުމުގެ އިޚްތިޔާރު ޝަރުޢީ ނިޒާމުގެ ތެރެއިން އޭނާގެ ޙަވާލުދާރަށް ލިބިދެވިދާނެއެވެ. އަދި އޭނާގެ ޙަވާލުދާރު، އެ ބާރުގެ ބޭނުންކުރަންވާނީ ހަމައެކަނި އޭނާގެ ޙަވާލުގައި ހުރި އެ މުދަލުގެ ވެރިފަރާތުގެ ފައިދާއާއި ލާބައަށްޓަކައެވެ. މިނޫންގޮތަކަށް އެ ބާރުގެ ބޭނުންކުރުމަކީ މަނާކަމެކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްކުރެވިފައިވާ މާޙައުލާއި ތަންތަނާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މަޢުލޫމާތާއި، ކުރެވޭ މުޢާމަލާތުތަކާއި، މިނޫންވެސް ޢާންމުންނަށް ހުޅުވާލެވިފައިވާ ނުވަތަ ޢާންމު ވަސީލަތްތަކާއި ޚިދުމަތްތައް އެހެން މީހުންނެކޭވެސް އެއްފަދައިން، ހޯދައި ބޭނުންކުރުމުގެ ފުރުޞަތު އެމީހުންނަށް ލިބިދޭންވާނެއެވެ.

 


ނޯޓް: "ރޭމްޕް" ކަމަށް ބުނެފައި އެވަނީ، އުސް ތަނަކުން އަރައިފައިބަން ބޭނުންކުރާ ކަތި ތަޅުންގަޑަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ