Saturday, 13 April 2024

ޔުޓިލިޓީ ޚިދުމަތުގައި އިސްރާފާއި ކޮރަޕްޝަން މޫލައި، ނިޒާމަށް ބަދަލު ގެންނަން މަޖުބޫރުވެފައި

ޔުޓިލިޓީ ހިދުމަތްތައް ރާއްޖޭގައި ދެނީ ސަރުކާރުގެ ހަތަރު ކުންފުންޏެއް ކަމަށްވާ ސްޓެލްކޯ، ފެނަކަ، އެމްޑަބްލިއުއެސްސީ އަދި ވެމްކޯ މެދުވެރިކޮށެވެ. އެ ކުންފުނީގެ މާލީ އަދި ދަރަނީގެ ހާލަތާ ގުޅިގެން  އެތައް ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން، އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ޔުޓިލިޓީ ނިޒާމްގެ އޮނިގަނޑު ބަދަލު ކުރަން ވިސްނަމުންދާ ކަމަށެވެ. އެކަން ކުރާނީ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައި، ދައުލަތަށް ބުރައަކަށް ނުވާނެ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ރަނގަޅު ވިސްނުމެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ކުންފުނިތަކެއްގެ ގޮތުގައި ހިިންގަންޖެހޭ ތަންތަންތަނެވެ. ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް ހިންގަންޖެހޭ ތަންތަނެވެ. ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ އިތުރުން ލިބޭ އާމްދަނީ އިން މެނޭޖް ކުރެވޭނެ ތަންތަނަށް ހަދަންޖެހެއެވެ.

ކުންފުނިތަކުގެ މާލީ އަދި އިދާރީ ހިންގުން ރަނގަޅު ކުރެވިއްޖެނަމަ، ކުންފުނިތަކުގެ ހާލަތަށް ވަރަށް ބޮޑު ބަދަލެއް ގެނެވޭނެއެވެ. ކުންފުނިތަކުން އެކި ކަންކަމުގައި ގެންގުޅޭ ހަމަތައް ހަރުދަނާ ނިޒާމެއްގެ ތެރެއަށް ގެންނާން މަސައްކަތްކޮށްފިނަމަ، އެދެވޭ އިސްލާޙެއް ގެނެވޭނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ބޮޑުކަން ފާހަގަކުރައްވައި، ހާއްސަކޮށް އާންމު ކުދި ވިޔަފާރިތަކަށް އަދާކުރަންޖެހޭ ފައިސާ ގިނަ ކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. އެ ފައިސާ ވީ އެންމެ އަވަހަކަށް އަދާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުގެ ދަރަނީގެ އަދަދު

 • ފެނަކަ: 4.1 ބިލިއަން ރުފިޔާ
 • ސްޓެލްކޯ: 3.7 ބިލިއަން ރުފިޔާ
 • އެމްޑަބްލިއުއެސްސީ: 1.4 ބިލިއަން ރުފިޔާ
 • ވެމްކޯ: 226 މިލިއަން ރުފިޔާ

ކުންފުނިތައް ހިންގަމުންދާ މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމުމަށް ވެސް އިސްކަންދޭންޖެހެއެވެ. މަޝްރޫއުތައް މުއްދަތަށް ނުނިމުމަކީ މަޝްރޫއުތަކުގެ އަގު އިތުރުވެ، އޭގެ ބުރަ ކުންފުނިތަކުން އުފުލަންޖެހޭ ކަމެކެވެ.

ހަމައެހެންމެ ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާބޮޑަށް އިތުރަށް މުވައްޒަފުން ނަގާފައި އޮތުމަކީ ވެސް ކުންފުނިތަކުގައި އޮތް ބޮޑު މައްސަލައެކެވެ.

ފެނަކަ އޮތް ޙާލަތުން އިބުރަތް ޙާޞިލުކުުރުން

ފެނަކައިގައި މިހާރު 8،126 މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުންގެ މުސާރަ ދެއްކުމަށް 82 މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އިންތިޤާލީ މުއްދަތުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެފައިވެއެވެ.

އެއްކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތްކުރައްވައި، ފިރުޒުލް ވިދާޅުވީ ފެނަކައިގެ ހާލަތަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ފެނަކައިގެ ޖުމްލަ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ފާހަގަވެފައިވާ ކަމަށާއި، އޭގެތެރޭގައި އެކިއެކި ސަޕްލަޔަރުންނަށް ނުވަތަ ވިޔަފާރިތަކަށް އަދާކުރަން ޖެހިފައި ވަނީ 3.2 ބިލިއަން ރުފިޔާ ކަމަށާއި އަދި ލޯނުތަކުގެ ގޮތުގައި އަދާކުރަން ޖެހިފައިވަނީ 901 މިލިއަން ރުފިޔާ ކަމަށެވެ.

ފެނަކައިގެ މުވައްޒަފުންގެ އަދަދާއި، މުސާރައަށް ޚަރަދުވާ މިންވަރު:

 • 2018 ގައި 2،756 މުވައްޒަފުން – ޚަރަދުވީ މަހަކު 23 މިލިއަން ރުފިޔާ
 • 2023 ގައި 8،126 މުވައްޒަފުން – މަހަކު 82 މިލިއަން ރުފިޔާ ޚަރަދުވޭ

އޭނާ ވިދާޅުވީ އޭރާއި މިހާރުގެ މަސައްކަތްތަކަށް ބަލާނަމަ ފެނަކައިގައި މިހާރު މަސައްކަތް ކުރަމުންދާ ގޮތުގެ އެފިޝިއަންސީގައި ވަރަށް ބޮޑު ތަފާތެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ބިލް ދެއްކުމަށް މިހާރު ލިބިފައިވާ ފަސޭހަތަކަށް ބައްލަވާލައްވަމުން، ކުރިން ބިލް ކުރާ ބައިގައި ހަތް މުވައްޒަފުން މަސައްކަތް ކުރާއިރު މިހާރު އެ ބައިގައި 40 މުވައްޒަފުން މަސައްކަތް ކުރަމުންދާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި އެތައްހާސް ކުދިންނަށް ތައުލީމް ދިނުމަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަނީ 8600 އެއްހާ މުވައްޒަފުން އެހެންވީމަ އެހާކަށްހާވަރު ބޮޑު އަދަދެއް ފެނަިއގެ މުވައްޒަފުންގެ ތެރޭގައި އެބަތިބި. " ފިރުޒުލް ވިދާޅުވިއެވެ.

އިންތިޤާލީ ކޮމިޓީއަށް އެންމެ ހައިރާންކުރުވަނި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މި އަހަރުގެ މާޗް މަހުގެ ފަހުން މިއަދާ ހަމައަށް އެ ކުންފުންޏައް 747 މުވައްޒަފުން އިތުރުވެފައިވާ ކަން ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.

ނިޒާމު އިޞްލާޙްކުރުމާއި ފިޔަވަޅުތައް ހަރުދަނާ ކުރުން

ކުންފުނީގައި ޤާއިމްކުރެވިފައިވާ އިންޓާރނަލް ކޮންޓްރޯލް ނިޒާމުގެ މަޤްޞަދުތައް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ކުންފުނީގެ ހިންގުމާއި، މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ވިލަރެސްކުރުމާއި ތަންފީޒުކުރުން މުހިއްމެވެ. ކުންފުނީގެ މަސައްކަތްތައް ހިނގަމުންދަނީ ކުންފުނި ހިންގުން ހަރުދަނާކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި، ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ގުޅުންހުރި އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކުރަންޖެހެއެވެ.

އޮޑިޓްކުރެވޭ އެކިއެކި ދާއިރާތަކުގެ ކޮންޓްރޯލް ނިޒާމުގައި ހުރި އެންމެހައި ކަންތައްތައް ފާހަގަކޮށް، އިތުރަށް ހަރުދަނާކުރުމާއި، ފުރިހަމަކުރެވޭނޭ ގޮތްތައް ކުންފުނީގެ މެނޭޖްމަންޓަށް ލިޔުމުން ހުށަހެޅުން އެހާމެ މުހިއްމެވެ.

ކުންފުނި ހިންގުމުގައި ބޭނުންކުރާނޭ ހަރުދަނާ އުސޫލުތައް ކުންފުނީގެ އިސްވެރިންނާއި، އެކި ފަންތީގެ މުވައްޒަފުންނާއި ހިއްސާކުރުމާއި އަހުލުވެރިކުރުވުމަކީވެސް ހަރުދަނާ ނިޒާމެއް ޤާއިިމުކުރުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅެކެވެ.

ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުުރުމަށް އެޅޭނެ ޚާއްޞަ ފިޔަވަޅުތައް

 • އަހަރީ އޮޑިޓް ޕްލޭން އެކުލަވައިލައި އޯޑިޓްކޮމިޓީއަށް ހުށަހަޅައި، ކޮމިޓީން ދިރާސާކުރުމަށްފަހު ފާސްކުރުން.
 • ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރުންނަށް އެހީތެރިވުމާއި، އެކްސްޓާނަލް އޮޑިޓުގެ ހޯދުންތަކާއި ރަނގަޅުކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކާ ގުޅިގެން މެނޭޖުމަންޓުން ޖަވާބުދާރީވުމުގައި ހުށަހަޅައި މައިގަނޑު ނުކުތާތައް އެކުލަވައިލުން.
 • ކުންފުނީގެ ބްރާންޗްތަކާއި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ކުރިޔަށްގެންދަނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ޔަގީންކުރުން.
 • ކޮންމެ މާލީ އަހަރެއް ނިމުމުގެ ކުރިން، ހުރިހާ ޑިޕާޓްމަންޓްތަކެއް އޯޑިޓްކުރުމާއި، ފާހަގަކުރެވޭ މައްސަލަތައް ދެނެގަނެ ޙައްލުކުރެވޭނޭ ގޮތްތަކާއި، އެޅުމަށް ފެންނަ ފިޔަވަޅުތައް، އޮޑިޓް ޕްލޭނުގައިވާ ތާވަލާ އެއްގޮތަށް އޮޑިޓް ކޮމިޓީއަށް ހުށަހެޅުން.
 • ޓެންޑަރާއި ބިޑް ހުޅުވުމުގައި އިންޓާނަލް އޯޑިޓަރުގެ ފަރާތުން ހާޒިރުވާނޭ ފަރާތެއް ޢައްޔަންކުރުމާއި އުސޫލުތަކުގެ މައްޗަށް ކަންކަން ތަންފީޒުކުރުމަށް ބާރުއެޅުން،
 • ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހެދިފައިވާ އިންޓާނަލް ކޮންޓްރޯލް ނިޒާމާއި، ގަވާއިދުތަކާއި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތަމްރީންތަކާއި މަސައްކަތު ބައްދަލުވުންތައް ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ރާވައި ހިންގުން.
 • ކުންފުނީގެ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށާއި، ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކުރުމަށް ހެދިފައިވާ ކޮމިޓީތަކާއި، ޓާސްކްފޯސްތައް ހަރަކާތްތެރިކުރުވުން.
 • ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އޯޑިޓްކުރުމުގައި މުވައްޒަފުންގެ އިސްނެގުން އިތުރުކުރުމަށް މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި، ދުވަހުން ދުވަހަށް އިރުޝާދު ދިނުން.

ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރަން، ޑރ. މުޢިއްޒުގެ ސަރުކާރުން ގެންގުޅޭނެ 5 ހައްލު:

 • ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުކުރުން
 • މާލީ އަދި އިދާރީ ހިންގުން ހަރުދަނާކުރުން
 • އާންމު ކުދި ވިޔަފާރިތަކަށް އަދާކުރަންޖެހިފައިވާ ފައިސާ ވީ އެންމެ އަވަހަކަށް އަދާކުރުން
 • މުޅި "ޔުޓިލިޓީ" ނިޒާމުގެ އޮނިގަނޑާމެދު އަލުން ވިސްނުން
 • ހިނގަމުންދާ ޕްރޮޖެކްޓުތައް ބާރަށް ނިންމުމަށް އިސްކަންދިނުން

ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރާނެ ގޮތްތަކުގެ ތަފްސީލު ދެއްވަމުން ފިރުޒުލް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އޭގެ ޒާތުގައި ކުންފުނިތަކެއްގެ ގޮތުގައި ހިނގަމުންދާތަންތަން ކަމުގައި ވާންޖެހޭނެ ކަމަށެވެ. ދައުލަތުގެ ބަޖެޓަށް ބަރޯސާވުމުގެ ބަދަލުގައި އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ހަރަދުތައް މެނޭޖްކުރެވިގެން ހިނގަމުންދާ ކުންފުނިތަކަކަށް އެތަންތަން ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމަށްވާނަމަ، މިއީ ރަނގަޅު ހެޔޮ ފާލެކެވެ. މި މިސްރާބަށް ކުންފުނިތައް ގެންދެވިއްޖެނަމަ، ކުންފުނިތަކުގެ ތަސައްވުރު ރަނގަޅުކުރެވި، ކުންފުނިތައް އަމިއްލަ ފައިމައްޗަށް ހިންދެމިލެވޭނެ ކަމަށް ފެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *