Saturday, 13 April 2024

"ސިފައިންނަށް ލިބިގެންދިޔަ ކުއްލި ޝޮކާއެކުވެސް ހުއްޓާނުލާ ޙަމަލާ ދޭން ސިފައިންގެ ހިތްވަރު ހުރި"

ރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން މޫސާ ޢަލީ ޖަލީލް ވިދާޅުވީ، ސިފައިންނަށް ލިބިގެންދިޔަ ކުއްލި ޝޮކާއެކުވެސް ހުއްޓާނުލާ ޙަމަލާ ދޭން ސިފައިންގެ ހިތްވަރު ހުރީ ހުރި ވަޞީލަތްތަކާއެކު ދެވިފައިވާ ތަމްރީނުތަކުގެ ސަބަބުންކަމަށް ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފޯރަމްގައި ވާހަކަ ދައްކަވަމުން މޫސާ ޢަލީ ޖަލީލް ވިދާޅުވީ، ސިފައިންނަށް ލިބިގެންދިޔަ ކުއްލި ޝޮކާއެކުވެސް ހުއްޓާނުލާ ޙަމަލާ ދޭން ސިފައިންގެ ހިތްވަރު ހުރީ ހުރި ވަޞީލަތްތަކާއެކު ދެވިފައިވާ ތަމްރީނުތަކުގެ ސަބަބުންކަމަށެވެ. އެގޮތުން ސިފައިންގެއަށް އަމާޒުވި ފުރަތަމަ ޙަމަލާއާއެކު ސިފައިންގެއިން ދިފާޢުގައި ޙަމަލާދީ ޤައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ނުދީ ހިފެހެއްޓުމުގައި މާތްﷲގެ މަދާދާއެކު ކުރި ހިތްވަރަކީ ފާހަގަކޮށްލެވޭ ހިތްވަރެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައެވެ.

ސިފައިންނަށް އަންނަ ކޮންމެ އޯޑަރަކަށް ތަބާވާންޖެހޭނެ ކަމަށާއި، އެކަމަށް ފަސްޖެހިގެން ނުވާނެ ކަން ފާހަގަކުރައްވަމުން، މޫސާ ޢަލީ ޖަލީލް ވިދާޅުވީ، އޭގެ މާނައަކީ ބޮލަން ބަޑިޖަހަން ބުނީމަ، ބޮލަށް ބަޑިޖަހާ ވާހަކަ ނޫންކަމަށެވެ. ޤައުމުގެ މިނިވަންކަމާއި އިސްލާމްދީން ދިފާޢުކުރުމުގެ ހިތްވަރު ހުންނަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ ކީއްވެބާއޭ ނަޞްރުގެ ދުވަސް ފާހަގަކުރާއިރު އޭގެކުރިން މާތްވި އިސްލާމްދީނާއި ދިވެހި ބިން ދިފާޢުކޮށް ހަނގުރާމަކުރި ހިތްވަރު ބަޠަލުންގެ ވާހަކަ ނުދައްކަންވީ. 1988 ގެ ޢުދުވާނީ ޙަމަލާގެ ކުރިން އެހަނގުރާމައިގެ ކުރިން ދިވެހިންވަނީ 6 ފަހަރެއްގެ މަތިން ހަނގުރާމަކޮށް މިނިވަންކަން ދިފާޢުކޮށްފައި." މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލް ވިދާޅުވިއެވެ.

މީގެއިތުރުން މިފޯރަމްގައި ވާހަކަދައްކަވަމުން ކާނަލް ރިޓަޔަރޑް މުޙައްމަދު ޒުބޭރު މަނިކުވަނީ ސިފައިންގެ ތެރެއިން އެދުވަހު ފެނިގެންދިޔަ މަންޒަރުތައް ހިއްސާކުރައްވާފައެވެ. އަދި އެއީ ވަރަށް ގިނަ ކަންކަމަށް ދިވެހި އަސްކަރިއްޔާއިން ސަމާލުވުމަށް ކުރިމަތިވިކަމެއްގެ ގޮތުގައިވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު މިފެންނަ ތަމްރީންކުރެވިފައިވާ ސިފައިންގެ ލަޝްކަރު ތަމްރީންކުރުމަށް ވިސްނަވާ އެމަސައްކަތް ސީދާގޮތެއްގައި ފެށިގެންދިޔައީ އެދުވަހަށްފަހު." ރިޓަޔަރޑް މުޙައްމަދު ޒުބޭރު މަނިކު ވިދާޅުވިއެވެ.

މުޙައްމަދު މުޝްތާޤް ވިދާޅުވީ، އެއީ މިއަދުވެސް ގިނަ ފިލާވަޅުތަކެއް އެދުވަހުން ލިބިދޭ ކަމެއްކަމަށެވެ. ސްކޫލް މަދުރަސާތަކުގެ ދަރިވަރުން އެކަމަކާއި ބެހޭގޮތުން ހޯދާ ދިރާސާކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާވަނީ އެދުވަހުގެ ޙަމަލާ ފާހަގަކުރައްވާފައެވެ.

"އެދުވަހު އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ހޯދާ ބަލާ ދިރާސާނުކުރެވޭ ކަންތައްތަކެއް. އެކަންކަން ޔުނިވަރސިޓީގެ ކުދިން އިސްނަގައިގެން ދިރާސާކުރެއްވުމަކީ މުހިއްމުކަމެއް." މުޝްތާޤު ވިދާޅުވިއެވެ.

ރާއްޖޭގެ ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފޯރަމްގައި އެދުވަހު ސިފައިންގޭގައި މަސައްކަތްކުރެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލް އަދި ކާނަލް ރިޓަޔަރޑް މުޙައްމަދު ޒުބޭރު މަނިކުގެ އިތުރުން ޢާއްމުންގެ ތެރެއިން އެދުވަހު ޙަރަކާތްތެރިވި މުޙައްމަދު މުޝްތާޤްވަނީ މިފޯރަމްގައި ބައިވެރިވެވަޑައިގެން އެދުވަހުގެ ހަނދާންތަކާއި ތަޖުރިބާ ހިއްސާކުރައްވާފައެވެ.

މިދުވަހުގެ މުނާސަބަތުގައި އައިޔޫއެމްގެ ފަރާތުން ބޭއްވި ފޯރަމްގައި ޔުނިވަރސިޓީގެ އިސްވެރިންނާއި ދަރިވަރުންވަނީ ބައިވެރިވެފައެވެ. މިފޯރަމްގައި ވަނީ އެދުވަހުގެ ޙާދިސާގައި ސިފައިންގެ އެތެރެއިން އަޅުއްވަމުންދިޔަ ފިޔަވަޅުތަކާއި ބާޣީން ޙަމަލާތައް ދެމުންދިޔަ ގޮތާއި އަދި ޢާއްމުންގެ ތެރެއިން އެމަންޒަރު ފެނުނު ފަރާތްތަކުގެ ދުލުން ޒުވާނުންނާއި ހިއްސާކުރައްވާފައެވެ.

ރައީސް މައުމޫންގެ ސަރުކާރުން ނަޞްރުގެ ދުވަސް ފާހަގަކުރައްވަން ފެއްޓެވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޢަބުޠާލުންގެ ޒިކުރާ އާކޮށް އެދުވަހު ލިބުނު ނަޞްރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށެވެ.

ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ. މި ދުވަހަކީ ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި، އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ދިވެހިން ކުރިމަތިލީ ދުވަހެވެ.

މިއީ އޭރު ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި، ކުލީ ސިފައިންގެ ބަޔަކާއި ދިވެހިންގެ މަދުބަޔަކު ގުޅިގެން ހިންގި ޢުދުވާނީ ހަމަލާއެކެވެ. ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަސްރުގެދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *